މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ރާއްޖޭގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް ޕްރައިވެޓް ސެކްޓާގެ 53 ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ. އެއް ވަގުތެއްގައި އެއް ތަނެއްގައި ހަވާލު ކުރި މި ހުރިހާ މަޝްރޫއެއްގެ ޖުމްލަ އަގު 2.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ސަރުކާރުން މިކަން ސިފަ ކުރަނީ އިގްތިސާދު ފުޅާ ކުރަން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. އިގްތިސާދަށް ދިރުން ގެނެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ކުރިއެރުން ލިބޭނެ އެވެ. އަދި އަމިއްލަ ފަރުދުން މުއްސަނދި ވާނެ ކަމެއް ގޮތުގަ އެވެ.
އަޅުގަނޑުމެން ބޭނުންވަނީ އަމިއްލަ ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބިގެން ދިއުމުން އެ އަންނަ ޗެއިންގެ ތެރެއިން އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިގްތިސޯދު ވަރަށް ބިޒީ ވެގެންދާނެ. އޭގެ ސަބަބުން ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާނެ -- ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް މިހެން ވިދާޅުވި ނަމަވެސް މި މަޝްރޫއުތައް ހަވާލު ކުރި ގޮތާއި އެ ފައިސާ ދައުރުވާނެ ދިމާތައް ބަލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި އިންތިހާބުތަކުގައި ޕީއެންސީ އަށް ފަންޑު ކޮށްފައިވާ ބައެއް ފަރާތްތަކަށް ވެސް ބައި އެޅުމެކެވެ. އަދި ގާތް މީހުންނަށް ބޮޑު އަގުގައި މަޝްރޫއުތައް ދީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާ ތަނެވެ.
މަޝްރޫއުތައް ބަހާލެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުން
މަޝްރޫއުތަކުގައި ސޮއި ކުރުމަށް ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ހަވާލު ކޮށްފައި ވަނީ އޮންނަ އިޖުރާއަތްތަކާއި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންނެވެ.
ނަމަވެސް މިއީ ހަގީގަތުގެ އެއް ބައެވެ. ކަން ހިނގާފައިވާ އަސްލު ގޮތަކީ ސަރުކާރުން އެ މަސައްކަތް މަޝްރޫއުތައް ބަހާލެވޭ ގޮތަށް ގަވާއިދު ބަދަލު ކޮށްގެންނެވެ.
ވާދަވެރި ބިޑަކަށް ހުޅުވައި ނުލާ މަޝްރޫއުތައް ބޭނުން ބަޔަކަށް ދިނުމަކީ މާލިއްޔަތު ގަވާއިދުގައި ވަރަށް ބޮޑަށް އުނދަގޫ ކޮށްފައި އޮންނަ ކަމެކެވެ. އެކަން ކުރެވޭނީ ކޮވިޑް-19 ފަދަ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ނުވަތަ ކާރިސާތައް ފަދަ ހާލަތްތަކުގަ އެވެ.
ނަމަވެސް ސަރުކާރުން މިދިޔަ ފެބްރުއަރީ މަހާއި މިދިޔަ މަހު މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރެއިން ފަސޭހައިން އެކަން ކުރެވޭ ގޮތް ހެދި އެވެ. އެގޮތުން ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލު ކުރެވޭނީ:
- އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހިންގާ މަޝްރޫއުތައް
- ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތައް
- ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް
މި ދާއިރާތަކުން ކުރާ މަސައްކަތްތަކަށް ބިޑަކާ ނުލައި ދެވޭ ގޮތް ސަރުކާރުން ހެދި އެވެ. އަދި އެކަން ކުރުމުގެ ބާރު ވަޒީރުންގެ މަޖިލިހަށް ދިނެވެ. އެއީ ކޮރަޕްޝަނަށް ހުޅުވާލި ދޮރެއް ކަމުގައި އެތައް ބަޔަކު ސިފަ ކުރި އެވެ.
ޕީއެންސީ މަސްލަހަތު ހުރި ކުންފުނިތަކަށް ބިލިއަން!
މިއީ އެގޮތަށް ގަވާއިދު ބަދަލު ކުރުމުން ދިމާވެދާނެ ކަމަށް މާހިރުން ލަފާ ކުރި އެންމެ ބޮޑު މައްސަލަ އެވެ. ވަދަވެރި ބިޑިން ޕްރޮސެސްއަކާ ނުލައި މަޝްރޫއުތައް ދެވޭ ގޮތަށް ހެދުމަކީ މަސްލަހަތު ހުރި ގާތް ކުންފުނިތަކަށް މަޝްރޫއުތައް ލިބުމެވެ. އެއީ ކޮރަޕްޝަންގެ އަމަލެކެވެ. އެހެން ނަމަވެސް އެކަން ކޮށްފައި ވަނީ "އިއްތިފާގެކޭ" ނުބުނެވޭ ވަރަށް އަދި ލައިވް ޓީވީގަ އެވެ.
ސިޓިޒެން އިން ވަނީ ސަރުކާރުން ހަވާލު ކުރި މަޝްރޫއުތަކާ ގުޅޭ ގިނަ ތަފްސީލްތައް ހިމެނޭ ޑޮކިއުމަންޓްތައް ހޯދައިފަ އެވެ. އެ ލިޔުންތައް ދިރާސާ ކުރި އިރު ބައެއް މަޝްރޫއުތަކަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަސްލަހަތު ހިމެނޭ އަދި ލީޑާޝިޕްގެ ބޭފުޅުންގެ އަމިއްލަ ކުންފުނިތަކާއި އާއިލީ ބޭފުޅުންގެ ނަމުގައި ހުރި ކުންފުނިތަކެވެ. އެގޮތުން؛
ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓަޑް - މަޖިލިސް ރައީސް އަބްދުއްރަހީމް
ސަރުކާރުން ވަނީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓަޑް ކުންފުންޏަށް 139،295،700ރ. ގެ މަޝްރޫއެއް ހަވާލު ކޮށްފަ އެވެ. އެއީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެވެ.

ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓަޑަކީ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްގެ އަނބިކަނބަލުންގެ ނަމުގައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ހިންގާ ފިހާރައަކުން އަބްދުއްރަހީމްގެ ކެމްޕެއިނަށް ތަށިސެޓުތައް ބެހި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.
ހައުސިން އާ ގުޅޭ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ މާ ބޮޑު ޓްރެކް ރެކޯޑެއް މި ކުންފުނީގައި އޮތް ކަމެއް މުޅިން ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އަބްދުއްރަހީމްގެ އަމިއްލަ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލު ކޮށްފަ އެވެ. އަދި ހައުސިން ޔުނިޓްތައް އަޅަން ހަވާލު ކޮށްފައިވާ އެހެން ކުންފުނިތަކާ އަޅާކިޔާ އިރު މިއީ އެންމެ ބޮޑު އަގުގައި އެކަން ކުރަން ހަވާލު ކުރި ކުންފުނި ވެސް މެ އެވެ.
އޯލްޓެކް މޯލްޑިވްސް - ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
އޯލްޓެކް މޯލްޑިވްސް ކުންފުންޏަށް ސަރުކާރުން ވަނީ 285،741،000ރ. ގެ މަޝްރޫއު ހަވާލު ކޮށްފަ އެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓާއި އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމާއި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމާއި ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ކުރުމަށެވެ.

އޯލްޓެކް ކުންފުންޏަކީ ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމްގެ އަމިއްލަ ކުންފުންޏެވެ. އެ ކުންފުނީގައި ނަސީމްއަކީ މެނޭޖިން ޑިރެކްޓަރެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ފަދަ މުހިންމު ކޮމިޓީގައި ވެސް ޕީއެންސީ ތަމްސީލް ކުރައްވާ ނަސީމް އަކީ އެ ޕާޓީގެ ވެސް ސީނިއާ މެންބަރެކެވެ.
މިމްސް ކޮންސްޓްރަކްޝަން - ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ސަރުކާރުން ވަނީ މިމްސް ކޮންސްޓްރަކްޝަން ކުންފުންޏަށް 71،589،126.40ރ. ގެ މަޝްރޫއު ހަވާލު ކޮށްފަ އެވެ. އެއީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ގދ. ވާދޫ ހެލްތު މިނިސްޓްރީގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ އެވެ. އޭނާއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ނަމެއް ވިޔަސް އެއީ ޕީއެންސީގެ ވެސް ނުފޫޒުގަދަ މެންބަރަކަށް ވާތީ މަސްލަހަތު ފުށުއަރާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.
ސުވިފްޓް އިންޖީނިއަރިން - ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ސަރުކާރުން ސުވިފްޓް އިންޖީނިއަރިން ކުންފުންޏާ ވަނީ 157,311,000ރ. ގެ މަޝްރޫއު ހަވާލު ކޮށްފަ އެވެ. އެއީ ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓާއި ށ. ފުނަދޫ އާއި ނައިފަރާއި ޅ. ހިންނަވަރާއި ތ. ވޭމަންޑޫގައި ޔުނިވާސިޓީ ކެމްޕަސް އެޅުމުގެ މަސައްކަތް ކުރުމަށެވެ.
މި ފަސް މަޝްރޫއު ވެސް ހަވާލު ކުރި ސުވިފްޓަކީ ވެސް މެންބަރު ސައުދުﷲ ގެ ކުންފުންޏެކެވެ. އެހެންކަމުން ސައުދުﷲ އަށް ހަވާލު ކުރި ޖުމްލަ މަޝްރޫއުގެ އަގު 228 މިލިއަނަށް އަރަ އެވެ. އަދި ބައެއް މަޝްރޫއުތައް އެލޮކޭޓް ކޮށްފައި ހުރީ ޥެސް އޭނާ މަޖިލީހަށް އިންތިހާބުވެފައިވާ ދާއިރާގެ ތެރެއިންނެވެ.
މައިނާ ސްޕޯޓްސް ފިލްޑް - މަހިބަދޫ ދާއިރާގެ މެންބަރު އިބްރާހިމް ތޯރިގު
ސަރުކާރުން މައިނާ ސްޕޯޓްސް ކުންފުންޏަށް ހަވާލު ކުރީ 4،722،583.92ރ. ގެ މަޝްރޫއެވެ. އެއީ ހދ. ކުޅުދުއްފުށީ މަލްޓިޕާޕަސް ހޯލްގެ ކޯޓާއި އެ ރަށު ފުޓުބޯޅަ ދަނޑުގެ މަސައްކަތްތައް ކުރުމަށެވެ.

މައިނާ ސްޕޯޓްސް ކުންފުނީގެ ވެރިއަކީ މެންބަރު ތޯރިގު އެވެ. އޭނާގެ ކުންފުނިން މީގެ ކުރިން ވެސް މިފަދަ ދަނޑުތައް އެޅުމުގެ ގިނަ މަޝްރޫއެއް ހިންގާފައިވީ ނަމަވެސް ތޯރިގަކީ ވެސް ޕީއެންސީގެ ނުފޫޒުގަދަ އަދި ޕާޓީގެ ސީނިއާ މެންބަރެކެވެ.
އެސްއޭއެންއެން އިންޓަނޭޝަނަލް - ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް
ސަރުކާރުން އެސްއޭއެންއެން އިންޓަނޭޝަނަލް ކުންފުންޏަށް 87،377،567.40ރ. ގެ މަޝްރޫއުއެއް ހަވާލު ކުރި އެވެ. އެއީ ގދ. ފިޔޯރީގެ ބިން ހިއްކައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އެ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ އަކީ ވެސް ޕީއެންސީގެ މެންބަރެކެވެ.
ކެމްޕެއިނަށް ފަންޑު ކުރި ކުންފުނިތައް
ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރި ބައެއް ކުންފުނިތަކުގެ ބެކްގްރައުންޑް ޗެކް ކުރިއިރު އޭގެ ތެރޭގައި މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އަށް އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރި ބައެއް މެންބަރުންނަށް ލޯނާއި އެހީ ދީފައިވާ ކުންފުނިތައް ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކަށް އާންމު ގޮތެއްގައި ފަންޑު ކުރަނީ ސީދާ ކުންފުނީގެ އެކައުންޓުން ޓްރާންސްފާ ކުރުމުގެ ބަދަލުގައި ކޭޝްކޮށެވެ. އޭގެ ސަބަބުން ފަންޑު ކުރާ ސީދާ ކުންފުނިތައް ދެނެގަންނަން ފަސޭހައެއް ނުވަނެ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް މާލީ ބަޔާންތަކުން އެނގޭ ގޮތުގައި ބައެއް ކުންފުނިތަކުން ވަކިވަކި މެންބަރުންގެ އިންތިހާބަށް ސީދާ ގޮތުން ވެސް ފަންޑު ކޮށްފައި އެބަހުއްޓެވެ. މިއީ އޭގެ ތެރެއިން ބައެއް ކުންފުންޏެވެ؛
ސަސް އީ ކޮންސްޓްރަކްޝަން
ސަސް އީ ކޮންސްޓްރަކްޝަން އަކީ ލިއޯ ކުންފުނީގެ ވެރިޔާ އަބްދުﷲ ސަވާދުގެ އިތުރު ކުންފުންޏެވެ. އެއީ ދާއިރާގެ ތަޖުރިބާ ހުރި އަދި މި ސަރުކާރުގައި ވެސް ވަރަށް ނުފޫޒުގަދަ އެއް ކުންފުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރަސްމިއްޔާތުގައި އެ ކުންފުންޏަށް ހަތް މަޝްރޫއެއް ހަވާލު ކުރި އެވެ. އޭގެ ޖުމްލަ އަގު 61,431,000ރ. އަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ފުޅަދޫ ފެހެންދޫ ކަމަދޫ އާއި ށ. ބިލެއްފަހި އާއި ކ. ދިއްފުއްޓާއި އއ. ރަސްދޫ އަދި ލ. ދަނބިދޫގައި މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއެވެ.

ސިޓިޒެން އިން ބެލި މާލީ ބަޔާންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ބައެއް މެންބަރުންގެ ކެމްޕެއިނަށް ފަންޑު ކޮށްފަ އެވެ. އެގޮތުން ދުވާފަރު ދާއިރާ އާއި ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރުގެ ކެމްޕެއިނަށް ލޯނުގެ ގޮތުގައި ހަރަދު ކޮށްފައިވެ އެވެ. އަދި ކެމްޕެއިން ނިމުން އިރު ވެސް އެ ލޯނުތަކަށް ފައިސާ ދައްކާފައި ނުވާ ކަމަށް މާލީ ބަޔާންތަކުން އެނގެ އެވެ. ނަމަވެސް އޭގެ ފަހުގެ ތަފްސީލެއް ސާފެއް ނުވެ އެވެ.
ކޯލައިން މޯލްޑިވްސް
އެންމެ ގިނަ މަޝްރޫއުތައް ލިބިފައިވާ އެއް ކުންފުންޏަކީ ކޯލައިން މޯލްޑިވްސް އެވެ. އެ ކުންފުންޏަށް 11 މަޝްރޫއެއް ވަނީ ހަވާލު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ރަށްރާށުގައި ކުޅިވަރު ދަނޑުތައް އެޅުމުގެ މަސައްކަތްތަކެވެ. އެއީ ޖުމްލަ 27,988,532.42ރ. ގެ މަޝްރޫއެވެ.
އެ ކުންފުނީގެ ވެރިޔާ އިބްރާހިމް އާއިދު މުހައްމަދުގެ އެހެން ކުންފުންޏެއް ކަމަށްވާ އޮމެގާ ފައިބާ އެންޑް ކެމިކަލްސް ޕްރައިވެޓް ލިމިޓަޑް އިން ވެސް ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ މެންބަރަކަށް ފަންޑު ކޮށްފަ އެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ ކެމްޕެއިނަށް އެކި ފަހަރުގެ މަތިން އޮމެގާ ކުންފުނިން ހަރަދު ކޮށްފައިވާ ކަން މާލީ ބަޔާންތަކުން އެނގެ އެވެ.
ފްލެކްސްއިންކް
ސަރުކާރުން ފްލެކްސް އިންކަށް ވަނީ ހަ މަޝްރޫއެއް ހަވާލު ކޮށްފަ އެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 171،300،000ރ. އެވެ. އޭގެ ތެރޭގައި އެކި ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމާއި ކްލާސްރޫމްތައް އެޅުމުގެ އިތުރުން މަލްޓިޕާޕަސް ހޯލް ފަދަ މަސައްކަތްތައް ހިމެނެ އެވެ.
ސިޓިޒެން އިން ބެލިބެލުމުން އެނގުނު ގޮތުގައި މި ކުންފުންޏަކީ ވެސް މަޖިލިސް އިންތިހާބުގައި ޕީއެންސީ އަށް ފަންޑު ކުރި އެއް ކުންފުންޏެވެ. އެގޮތުން ސީދާ އެކައުންޓް ޓްރާންސްފާ ކޮށްފައިވާ އެ ދާއިރާއަކީ ހިންނަވަރު ދާއިރާ އަށް ވާދަ ކުރެއްވި މެންބަރުގެ ކެމްޕެއިނަށެވެ.

އެ ކުންފުނީގެ މައި ހިއްސާދާރަކީ ނަޖާހް ޝަރީފް އެވެ. އޭނާގެ ހިއްސާ އޮތް އިތުރު ތިން ކުންފުންޏަކަށް ވެސް ވަނީ މަޝްރޫއުތައް ހަވާލު ކޮށްފަ އެވެ. އެއީ؛
- ސޮލެކްސް ޕްރައިވެޓް ލިމިޓަޑް - 55,450,000ރ.
- އިވޯކާ ޕްރައިވެޓް ލިމިޓަޑް - 21,600,000ރ.
އެނގިފައިވާ ގޮތުގައި މި ތިން ކުންފުނީގެ ވެރިޔާ ނަޖާހް ޝަރީފް އަކީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ ކެމްޕެއިނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފައިވާ ސަލާހް ޝަރީފްގެ އާއިލާ ބޭފުޅެކެވެ.
ސުވާލު އުފެދޭ އަގުތަކެއް!
މަޝްރޫއުތައް ހަވާލު ކުރި ގޮތާއި ހަވާލު ކުރި ބައެއް ފަރާތްތަކާ މެދު ހުރި ކަންބޮޑުވުންތަކުގެ އިތުރުން މަޝްރޫއުތައް ދީފައި ހުރި އަގުތަކާ ގުޅިގެން ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އޭގެ އެއް މިސާލަކީ ހައުސިން މަޝްރޫއުތައް ދީފައި ހުރި އަގުތަކެވެ.
ސަރުކާރުން ހަވާލު ކުރި މަޝްރޫއުތަކަށް ބަލާއިރު އެންމެ ބޮޑު ވެލުއޭޝަންއެއްގައި ދީފައި ވަނީ ހައުސިން ޕްރޮޖެކްޓުތަކަށެވެ. ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހަރަދު ކުރަން ނިންމައި ކުންފުނިތަކާ ހަވާލު ކޮށްފައިވެ އެވެ.
އެހެން ނަމަވެސް ހައުސިންގެ ގިނަ މަޝްރޫއުތައް ހަވާލު ކޮށްފައި ވަނީ ޕީއެންސީގެ މަސްލަހަތު ހިމެނޭ ކުންފުނިތަކާ އެވެ. އެގޮތުން މިހާތަނަށް ދެނެގަނެވިފައިވާ ސަރުކާރުގެ ކުންފުނިތަކަށް ޖުމްލަ 450 ހައުސިން ޔުނިޓް އެޅުމުގެ ތަފާތު މަޝްރޫއުތައް ވަނީ ހަވާލު ކޮށްފަ އެވެ.
އެ މަޝްރޫއުތައް ދީފައި ހުރި އަގުތަކަށް ބަލާއިރު ވެސް ސުވާލު އުފެދޭ ކަންކަން އެބަހުއްޓެވެ. އެގޮތުން؛
އެވަރޭޖްކޮށް ހައުސިން ޔުނިޓުތައް ދީފައި ހުރި އަގުތަކަކީ ކޮންމެ ހައުސިން ޔުނިޓަކަށް 1.35 މިލިއަނާއި 1.30 މިލިއަން ރުފިޔާ އާ ދެމެދުގަ އެވެ. އެއީ ގާތްގަނޑަކަށް 90،000 ޑޮލަރެވެ. އެގޮތަށް އަގުތައް ބޮޑުވުމާއި ތަފާތުވުމުގެ އެއް ސަބަބަކީ "ސިޓިޒެން" އާ ވާހަކަ ދެއްކެވި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ލޮޖިސްޓިކްސް އާއި އަޅާ ހައުސިން ޔުނިޓްގެ އަކަފޫޓުގެ ތަފާތުތަކެވެ.
އެހެން ނަމަވެސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓް ލިންކްސް އަށް 100 ހައުސިން ޔުނިޓް އަޅަން ދީފައި ވަނީ ކޮންމެ ޔުނިޓަކަށް 1.39 މިލިއަން ރުފިޔާގެ ރޭޓުންނެވެ. ހަމަ އެއް ފަސްގަނޑެއްގައި އެ އަދަދަށް ހައުސިން ޔުނިޓް އަޅަން ހަވާލު ކުރި އަލާފް އަށް އެ މަޝްރޫއު ދީފައި ވަނީ ކޮންމެ ޔުނިޓަކަށް 1.35 މިލިއަން ރުފިޔާގެ ރޭޓުންނެވެ.
އެހެންކަމުން އަބްދުއްރަހީމްގެ ކުންފުންޏަށް ދީފައިވާ ކޮންމެ ހައުސިން ޔުނިޓަކަށް އިތުރު 40،000ރ. ގެ ފައިދާވެ އެވެ. އެއީ މުޅި އެ މަޝްރޫއަށް ބަލާއިރު ހަތަރު މިލިއަން ރުފިޔާގެ ފައިދާއެކެވެ. އެ ތަފާތު އައި ސަބަބަކީ ކޮބާތޯ ސުވާލު އުފެދެ އެވެ.
ހައުސިން ޔުނިޓްތައް ދީފައިވާ އަގާ މެދު ސުވާލު އުފެދޭ އަނެއް ސަބަބަކީ މ. މުލަކުގައި 50 ޔުނިޓު އަޅަން ހަވާލު ކުރި މަޝްރޫއެވެ. އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ އޮކްސްރޯ ޕްރައިވެޓް ލިމިޓަޑާ އެވެ.
އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ ކޮންމެ ޔުނިޓަކަށް ހަ ލައްކައެއްހާ ރުފިޔާ އަށެވެ. އެ އަދަދު އަބްދުއްރަހީމްގެ ކުންފުންޏަށް ދިން އަގާ އަޅާބަލައި އިރު 50 ޕަސެންޓު ކުޑަ އަގެކެވެ. އެ މަޝްރޫއު އެހާ އަގު ހެޔޮކޮށް ގެންދެވޭ އިރު އެހެން މަޝްރޫއުތައް ބޮޑު އަގުގައި ދީފައިވާ ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ.
މިއީ ވެސް އެ މަޝްރޫއެއްގެ ގޮތުން ވޭރިއޭޝަންތަކެއް އައިސްދާނެ ފަދަ ކަމެއް ނަމަވެސް އެހާ ބޮޑޫ ތަފާތެއް އަތުވެދާނެތޯ އެއީ މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުން ވެސް ސުވާލު އުފެއްދި ކަމެކެވެ.
ސަރުކާރުން ހަވާލު ކޮށްފައިވާ ޕޮލިސް ސްޓޭޝަން އެޅުމާއި ކްލާސްރޫމް އާއި އެހެނިހެން މަޝްރޫއުތަކަށް ބަލާއިރު ވެސް ފެންނަނީ މި މަންޒަރެވެ. އެއް އަތޮޅެއްގައި ކުރިޔަށް ގެންދާ އެއް ބާވަތެއްގެ މަޝްރޫއެއް ވިޔަސް އެކި ކުންފުންޏާ ހަވާލު ކޮށްފައި ހުރީ އެކި އަގުގަ އެވެ. އަދި އެ ވޭރިއޭޝަންތަކާ ގުޅޭ ގޮތުން ސަރުކާޜުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.