ރަސްމާލޭގައި ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ ޑިސްޓްރިކްޓެއް ތަރައްގީކުރުމަށްޓަކައި އަބޫދާބީގެ ޕްރޮޕަޓީ ކުންފުނި އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން އިބްތިދާއީ ވިޔަފާރި އުސޫލުތައް ނުވަތަ ކޮމާޝަލް ޓާމްސްގައި ސޮއިކުރުމުން، މިއީ ރާއްޖެއަށް އަންނަ އިގުތިސާދީ ބޮޑު އިންގިލާބެއް ކަމަށް ސަރުކާރުން އިއުލާންކުރިއެވެ. ވަޒީރުން ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އެތައް ހާސް ވަޒީފާއެއް އުފައްދައި، ފަތުރުވެރިކަމުގެ ސިނާއަތް ޒަމާނީކޮށްދޭނެ ވަސީލަތެކެވެ.

އެހެންނަމަވެސް ހަފުތާތަކެއްގެ ތެރޭގައި، މި ބިޔަ އެއްބަސްވުމުގެ ސަބަބުން ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބޭފުޅުންނާއި ރައްޔިތުންގެ މެދުގައި ދުސްތޫރީ ބޮޑު ބަހުސެއް ވެސް ވަނީ އުފެދިފައެވެ.

މި މައްސަލައިގެ ގާނޫނީ މައިގަނޑު ދެބަސްވުމަކީ ގާނޫނެއް ވުޖޫދުގައި ނެތީސް ވިޔަފާރީގެ ޝަރުތުތަކަކަށް އެއްބަސްވެ، އޭގެ ފަހުން އެ އެއްބަސްވުމުގެ ޝަރުތުތަކަށް ގާނޫނީ ސައްހަކަން ދިނުމަށްޓަކައި ވަކި ހާއްސަ ގާނޫނެއް (މިސާލަކަށް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އާ ގާނޫނެއް) ފާސްކުރުމަކީ ގާނޫނީ ތަރުތީބުތޯ އެވެ؟

އަދި މިފަދަ ތަރުތީބަކުން ކަންކަން ކުރުމަކީ ގާނޫނުގެ ވެރިކަމުގެ އަސާސްތަކާ ހިލާފުވުމުގެ ސަބަބުން، މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރާ މަޝްރޫއުގެ މައި އެއްބަސްވުން އޭގެ ޒާތުގައި ބާޠިލު (void ab initio) ވާނެތޯއެވެ؟

"ދައުލަތުގެ މިލްކިއްޔާތުގައިވާ އެއްޗަކާ ގުޅޭ މުއާމަލާތްތައް ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ އެކަން ނުކުރެވޭނެ. އެކަމަކު މި ބުނާ ކޮމާޝަލް ޓާމްސް އެގްރީމަންޓުގައި ސޮއި ކުރި އިރު އެ ގާނޫނެއް ނެތް. އެހެންވީމަ އެ އެއްބަސްވުން އެ ވަނީ ވޮއިޑް އޮފް އިނީޝިއޯ އަކަށް. އެއީ ގާނޫނީ ބޭސްއެއް ނެތި ހެދި އެއްބަސްވުމެއް، ބާތިލް ވާނެ،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) "ސިޓިޒެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 250 ވަނަ މާއްދާ ހައިލައިޓްކުރައްވަން އިބްރާ ބޭނުންވިއެވެ. އެ މާއްދާގައި ބުނަނީ ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނު ކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ ގާނޫނުގައިވާ ގޮތުގެމަތީންނެވެ.

އިބްރާއެކޭ އެއްފަދައިން ދުސްތޫރީ އެހެން ބައެއް ގާނޫނީ މާހިރުން، އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގާނޫނަކުން ދުރާލާ ހުއްދަ ނުލިބި، ދައުލަތުން ހިއްކާފައިވާ 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް ވިޔަފާރީގެ ޝަރުތުތަކުގައި ސޮއިކުރުމަކީ ދުސްތޫރީ ގޮތުން ނުރައްކާތެރި މިސާލެކެވެ. އެ ފަރާތްތަކުގެ ގާނޫނީ ބަހުސް ބިނާވެފައިވަނީ ތިރީގައިވާ ކަންކަމުގެ މައްޗަށެވެ:

1. ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމުގެ އުސޫލުގެ ބޭރުން ކަންކަން ކުރުން:

ވެރިކަން ހިންގާ ފަރާތަށް ލިބިގެންވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ސީދާ ދީފައިވާ ބާރުތައް އެކަންޏެވެ. މިހާރު އަމަލުކުރަމުންދާ ފަތުރުވެރިކަމާ ބެހޭ އަދި ބިމާ ބެހޭ ގާނޫނުތަކުން ތަންނުދޭ ހައްގުތަކާއި، ކުލީގެ މުއްދަތުތަކާއި އިނާޔަތްތައް ދިނުމަށް ސަރުކާރުން އެއްބަސްވެއްޖެ ނަމަ، އެއީ ވެރިކަން ހިންގާ ބާރުގެ އިހްތިސޯސުން ބޭރުން ކޮށްފައިވާ ކަމެކެވެ. ގާނޫނީ ބާރެއް ނެތި ސަރުކާރުން ވެފައިވާ ވައުދެއްގެ މައްޗަށް ބިނާވާ ކޮންމެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައެޅިދާނެ އެއްބަސްވުމެކެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިކަމާ ގުޅޭ ގޮތުން ލިޔުއްވި އެވެ:

"އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އަދި އެ އެއްބަސްވުމުގެ ދަށުން ހައްގުތަކަކާއި އިލްތިޒާމުތަކެއް އުފެދިގެން ދިއުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން ތަންފީޒުކުރަން ބޭނުންވާ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ކަންތައްތަކަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ފާސްކުރެވޭ ނުވަތަ އިސްލާހުކުރެވޭ ގާނޫނެއްގެ ދަށުން، ބުނެވުނު އެއްބަސްވުމުގެ މައުޟޫއާ ގުޅިގެން އާ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ ވާނީ އޭގެ ޒާތުގައި ބާތިލު، އަދި އިސްތިގުރާރުވެފައިވާ ގާނޫނީ އުސޫލުތަކާ ހިލާފު އެއްބަސްވުމަކަށް،"

ޑރ. ދީދީ ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އީގަލްހިލްސް އާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާ އެއްބަސްވުމަކީ ކަމާއި ބެހޭ ކޯޓުން ގާނޫނުއަސާސީގެ 68 ވަނަ މާއްދާޔަށާއި އެނޫންވެސް ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް ބާތިލުކުރަންޖެހޭނެ އެއްބަސްވުމެކެވެ.

ގާނޫނުއަސާސީގެ 68 ވަނަ މާއްދާ: ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށްއުފެދިފައިވާ، ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓާންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކުރާންވާނެއެވެ.

2. ވަކި ފަރާތަކަށް ހާއްސަކޮށް ފަހުން ހަދާ ގާނޫނުތައް (Ex Post Facto Validation):

ވިޔަފާރި އިލްތިޒާމުތަކަކަށް އެއްބަސްވުމަށްފަހު، އެކަމަށް ގާނޫނީ ބާރު ދިނުމަށްޓަކައި ގާނޫނުތައް ބަދަލުކުރުމަކީ 'އެއްބަސްވުމަކަށް ފައްތައިގެން ގާނޫނު ހެދުން' ކަމަށް ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ. އާންމު މަސްލަހަތުގައި ގާނޫނުތައް ހެދުމަށްފަހު އިންވެސްޓަރުންނަށް ދައުވަތު އެރުވުމުގެ ބަދަލުގައި، ސޮއިކޮށްފައިވާ އެއްބަސްވުމެއް ސައްޙަކުރުމަށް ގާނޫނުތައް ބަދަލުކުރުމަކީ ގާނޫނު ހެދުމުގެ މިނިވަންކަން ގެއްލި، ގާނޫނީ ޔަގީންކަމަށް ބުރޫއަރާނެ ކަމެކެވެ.

ޑރ. ދީދީ ވިދާޅުވީ ފްރޭމްވޯކް އެއްބަސްވުމެއް ހަދައި، އޭގެ ފަހުން ގާނޫނެއް ހަދައިގެން އަސްލު އެއްބަސްވުމަށް ދިޔުމަކީ ރެޓްރޯސްޕެކްޓިވްކޮށް އަމަލުކުރުން ކަމަށާއި އެއީ ގާނޫނީ އުސޫލާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުން މިވެނި ގޮތަކަށް ގާނޫނު ހަދާނަމޭ ބުނާއިރު އެއީ ގާނޫނު ހެދުމުގެ ބާރު އޮތް ބައެއް ނޫން ކަމަށެވެ. އެކަން އޮތީ މަޖިލީހަށް ކަން ފާހަގަކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވެރިކަން ހިންގަން ބާރުގެ ބޭފުޅުން މިވެނި ގޮތަކަށް ގާނޫނު ހަދާނަމޭ ބުނާއިރު މަޖިލީހަށް އެއާ މެދު ބަހުސް ކުރުމުގެ ހައްގެއް، އިދިކޮޅު ހެދުމުގެ ހައްގެއް ވެސް ނެތީކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"...މިއީ ދޭހަވަނީ ރާއްޖެ ގޮސްފައިވާ އޮތް ހިސާބު. މަޖިލީހުގެ މެންބަރުން އަޅުވެތިވެ، ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ މިންވަރު. މެންބަރުން ތިބީ ރައީސްގެ ޕިއޯނުންގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

3. ދުސްތޫރީ ބެލެހެއްޓުމާއި އާންމު މަސްލަހަތު:

ގާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކުރަނީ، އަސާސީ ހައްގުތައް ތަފްސީރުކުރުމުގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ގަބޫލުކުރެވޭ ހަމަތަކަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ރިއާޔަތްކުރަންވާނެ ކަމަށެވެ. ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކާފައިވާ ބިމެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް، ވާދަވެރި ބީލަމަކާ ނުލައި އަދި މަޖިލީހުގެ ބެލުމެއް ނެތި ދިނުމަކީ އާންމު އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އަދި ގާނޫނު ބަދަލުކުރުމަށްފަހު އާ އެއްބަސްވުމެއް ހެދި ނަމަވެސް، ފުރަތަމަ އުފެދުނު ޣައިރު ގާނޫނީ އަސާސްތައް އަވަސްއަރުވާލައިގެން ފާސްކުރާ ގާނޫނަކުން ސާފެއް ނުކުރެވޭނެ ކަމަށް ވެސް އެ ބޭފުޅުން ދެކެއެވެ.

ސަރުކާރުގެ ދިފާއު: ގާނޫނީ ފުށުއެރުމެއް، ތަރުތީބުގައި އޮޅުމެއް ނެތް

ސަރުކާރާއި މި މަޝްރޫއަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި، ސަރުކާރުގެ މި އަމަލަކީ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލެކެވެ:

1. އިބްތިދާއީ ލިޔުމަކީ ހަމައެކަނި އޮނިގަނޑެއް ކަމުގައިވުން:

ސަރުކާރުގެ ގާނޫނީ ބޭފުޅުން ފާހަގަކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ސޮއިކުރެވުނީ މައި އެއްބަސްވުމެއް ނޫނެވެ. އެއީ އިބްތިދާއީ ވިޔަފާރި އުސޫލުތައް ނުވަތަ ކޮމާޝަލް ޓާމްސް އެކަންޏެވެ. ބައިނަލްއަގުވާމީ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ފުރަތަމަ އިގުތިސާދީ ފައިދާތައް ދެނެގަނެ، އެއްބަސްވުމަކަށް އައުމަށްފަހު، 'ފުރިހަމަކުރަންޖެހޭ ޝަރުތުތައް' ހިމެނުމަކީ އާންމު ކަމެކެވެ. މީގެ މައިގަނޑު އެއް ޝަރުތަކީ ރަސްމީ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންވާ ގާނޫނީ އިސްލާހުތަކާއި ހުއްދަތައް ހޯދުމެވެ.

2. ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ހެދުމުގެ އިހުތިސޯސް:

ގާނޫނުތައް ހެދުމާއި އިސްލާހުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީން ލިބިދީފައިވާ ފުރިހަމަ ބާރެކެވެ. ރާއްޖޭގެ ޓޫރިޒަމް ގާނޫނު ބިނާވެފައި އޮތީ 'އެއް ރަށް، އެއް ރިޒޯޓް' މަފްހޫމުގެ މައްޗަށް ކަމަށްވާއިރު، މެރީނާއާއި ރެސިޑެންޝަލް ޓޫރިޒަމް ފަދަ ޒަމާނީ މަޝްރޫއުތަކަށް އެކަށޭނަ ގޮތަށް ގާނޫނު ހެދުމަކީ ޒަމާނާ އެކަށޭނަ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ގާނޫނުއަސާސީއާ ފުށުނާޅާހާ ހިނދަކު، ޒަމާނީ ވިޔަފާރިތަކަށް ޖާގަދިނުމަށް ގާނޫނުތައް ހެދުުގެ އިހްތިޔާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.

3. އާ ގާނޫނުގެ ދަށުން ސޮއިކުރެވޭ އެއްބަސްވުމުގެ ސައްހަކަން:

ކޮންޓްރެކްޓާ ބެހޭ ގާނޫނު އޮތް ގޮތުން، ގާނޫނަށް ގެންނަ އިސްލާހުތަކަށް އަމަލުކުރަން ފެށުމަށްފަހު ދައުލަތާއި އީގަލް ހިލްސްއާ ދެމެދު ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަކީ އެ އެއްބަސްވުން ސައްހަވާނެ ކަމެކެވެ. ސޮއިކުރާ ވަގުތު އަމަލުކުރަމުންދާ ގާނޫނުތަކާ އެއްގޮތަށް އެއްބަސްވުން އެކުލަވާލެވިއްޖެނަމަ، އޭގެ ގާނޫނީ ސައްހަކަން ދެމިއޮންނާނެއެވެ. ފުރަތަމަ ދެކެވުނު ވާހަކަތަކަކީ ހަމައެކަނި މަޝްވަރާގެ ބައެއް ކަމުގައި ބެލެވޭނެ ކަމަށް ސަރުކާރުގެ ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

މި ބަހުސް މިހާރު ވެސް ވަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާ ހަމައަށް ފޯރައިފައެވެ. ނިމިދިޔަ އޮކްޓޫބަރު މަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން މި މައްސަލައާ ގުޅޭ ފުރަތަމަ ޕެޓިޝަން އިޖުރާއީ ސަބަބުތަކަށްޓަކައި ބޭރުކޮށްލި ނަމަވެސް، ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުން އިތުރު ދުސްތޫރީ މައްސަލަތައް ކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނީ މާހިރުން ލަފާކުރެއެވެ.

އޭރަށް ކޯޓު ކުރިމަތީގައި އޮންނަނީ މުހިންމު ނިންމުމެއް ނިންމަން ޖެހޭ މައްސަލައެކެވެ؛ ރަސްމާލެ މަޝްރޫއަކީ ގައުމީ ތަރައްގީގެ އާ ބާބެއް ކަމުގައި ވިޔަސް، ނުވަތަ އިޖުރާއީ ގޮތުން އިމުން ބޭރުވުމުގެ މިސާލެއް ކަމުގައި ވިޔަސް، އެކަން ނިމިގެންދާނީ ދައުލަތުގެ ތަރައްގީގެ އަމާޒުތަކާއި ދުސްތޫރީ ހިފެހެއްޓުންތަކާ ދެމެދު އޮތް ނާޒުކު ރޮނގު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހިފަހައްޓާ ގޮތެއްގެ މައްޗަށެވެ.