ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލްއައްބާރަށް އެޑްރެސްކޮށް އެކްސްގައި ކުރެއްވި މިލިއަނުން ވިއުސް ލިބުމާއި ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާގެ ސިޔާސަތުތައް ޕްރޮމޯޓު ކުރާ އެކައުންޓުތަކުގެ ފައުޖެއް އެ ނަގައިގެން ޔޫއޭއީ އަށް ބަހުގެ ހަމަލާތައް ދޭން ފެށުމަކީ އިއްތިފާގުން ވި ކަމެއް ހެއްޔެވެ؟
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރުގެ މި ބޮޑު މަޝްރޫއުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާގެ "ހުރިހާ ލޯޔަލްޓީއަކާއި ސޮލިޑާރިޓީއެއް އޮތީ ސައުދި އަރަބިއްޔާ އާއި އެ ގައުމުގެ ސަރުކާރާއި ލީޑަޝިޕަށް" ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރެއްވީ ހަމައެކަނި އެ ގައުމުގައި މިވަގުތު އޮތް ހަނގުރާމައިގެ ހާލަތާ ގުޅިގެން ހެއްޔެވެ؟
ޔޫއޭއީގެ ކުންފުންޏަކަށް ރަސްމާލޭގައި ޣައިރު މުސްލިމުން އާބާދު ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ އިރު އިސްލާމިކް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ޝަހީމް ބަހެއް ވިދާޅުނުވަނީ ކީއްވެ ހެއްޔެވެ؟ އެ މަޝްރޫއަށް ތާއީދު ކުރައްވައި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅު ނުވާއިރު އެ މައްސަލާގައި ޝަހީމް އިސްތިއުފާ ދެއްވާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރުމުން ވެސް ހަނު ހުންނަވަނީ ކީއްވެ ހެއްޔެވެ؟
މި ހުރިހާ ސުވާލެއްގެ ޖަވާބު އައިސް ގުޅެނީ ރަސްމާލެ މަޝްރޫއަށް ވުރެ ދީނީ އިލްމްވެރިންނާއި ޝެއިހުންނަށް ރަސްމާލެ މަޝްރޫއު ކަމު ނުގޮސްގެން އުޅެނީ ކީއްވެ ހެއްޔެވެ? ދީނީ, ސިޔާސީ ބޮޑު ނުތަނަވަސްކަމަކަށް މިކަން މި ވެގެން ދަނީ ކީއްވެ ހެއްޔެވެ? ބިމުގެ ދަތިކަން ކުރިމަތިވެފައިވާ އެތައް ހާސް ދިވެހިންނަށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމުގެ ވައުދަކުން ފެށުނު ރަސްމާލެ މަޝްރޫއު، ޖިއޮޕޮލިޓިކަލް ބޮޑު ކުރިމަތިލުމެއްގެ މަރުކަޒަށް މިވީ ކިހިނެއް ހެއްޔެވެ؟
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕްމަންޓް ކުންފުނި އީގަލްސް ހިލްސަށް ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ދިނުމުގެ އެއްބަސްވުމެއްގައި މި މަހު 17 ގައި ސޮއިކުރަން ދިވެހި ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގެ މުޅި އަހަރީ ޖީޑީޕީއަށް ވުރެ ވެސް ބޮޑު، ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި މަޝްރޫއުގެ އަމާޒަކީ މަތީ ފެންވަރުގެ ލަގްޒަރީ ރެސިޑެންސްތަކާއި، ޕްރައިވެޓް ސުޕަޔޮޓް މެރީނާތަކާއި، ފަސްތަރީގެ ރިސޯޓުތަކުގެ އިތުރުން މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ބިނާކުރުމެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެވެ. ނަމަވެސް، މި ފުރިހަމަ ކުރެހުންތަކާއި ޕްލޭންތަކުގެ ފަހަތުގައި ހާރިޖީ ގޮތުން އެހެން ބޮޑު ބަދަލެއް ވެސް ވެ އެވެ. އެއީ ޒަމާނުއްސުރެ ސައުދީ އަރަބިއްޔާއިން ދެމުން އައި ދައުލަތުން ދައުލަތަށް ދޭ އެހީތެރިކަމާއި ލޯނުތަކުގެ ބަދަލުގައި، ޔޫއޭއީގެ ވިޔަފާރީގެ އުސޫލުން ހިންގާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ހުޅުވޭ ބޮޑު ޖާގައެކެވެ.
މި ޖާގަ ސަރުކާރުން ދޭން ނިންމި ދަނޑިވަޅު ވެސް ބަލައިލުން މުހިންމެވެ. މެދުއިރުމައްޗާއި އެފްރިކާގައި ވިޔަފާރީގެ ނުފޫޒު ވަރުގަދަ ކުރުމަށާއި ތެލަށް ބަރޯސާނުވާ އިގުތިސާދެއް ބިނާކުރުމަށް ގަލްފުގެ މި ދެ ބާރުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ވާދަވެރިކަން މިހާރު މިވަނީ އިންޑިއާ ކަނޑުގެ އައްސޭރިއަށް ފޯރައިފައެވެ. އެ ރޭހުގައި ޔޫއޭއީ ކުރިއަށް ޖެހިލައި، ރަސްމާލެ ހޯދީއެވެ.
އެތައް އަހަރެއް ވަންދެން މާލެއިން ގަލްފުގެ ސަރަހައްދަށް އޮތް މަގު ގޮސް ގުޅެނީ ސީދާ ސައުދީގެ ރިޔާޟާއެވެ.
ރާއްޖޭގައި ސައުދީގެ ނުފޫޒު އެންމެ ބޮޑަށް ފުޅާވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ދުވަސްވަރު ސައުދީން ވަނީ ރާއްޖޭގެ މައިގަނޑު އުމްރާނީ ތަރައްގީއަށާއި ދީނީ ކަންކަމަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އޭގެ އެންމެ ފާހަގަކޮށްލެވޭ ނިޝާނަކީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި ބިނާކޮށްފައިވާ ހަ ފަންގިފިލާގެ ކިންގް ސަލްމާން މިސްކިތެވެ.
ސައުދީ އަރަބިއްޔާގެ އެހީތެރިކަން ބިނާވެފައި އޮތީ ސަގާފީ ސޮފްޓް ޕަވާގެ މައްޗަށެވެ؛ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ދިނުމާއި، ދައުލަތުން ދައުލަތަށް ދޭ ލުއި ލޯނުތަކާއި، ދީނީ އިލްމުވެރިންނަށް ސްކޮލަޝިޕް ދިނުމާއި، އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ބޮޑެތި ޓޫރިޒަމް މަޝްރޫއުތަކަށް ސައުދީ ސަރުކާރަށް ބިން ކުއްޔަށް ދިނުމުގެ ވިސްނުންތައް ވެސް ގެންގުޅުނެވެ.
ނަމަވެސް، ފަހަކަށް އައިސް ރިޔާޟުން ލިބެމުން އައި ފައިސާގެ އެހީ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ ދަށުން، ބޭރު ގައުމުތަކަށް މާލީ އެހީ ދިނުމުގެ އުސޫލުތައް ސައުދީން ވަނީ އަލުން މުރާޖައާކޮށްފައެވެ. އެއްވެސް ޝަރުތަކާ ނުލައި ދެމުން އައި އެހީތަކާއި ބެއިލްއައުޓްތަކުގެ ބަދަލުގައި، ހަރުކަށި ޝަރުތުތަކާއި، ސޮވަރިން ވެލްތު ރިޓާން އަދި މާލީ ހިސާބުކިތާބު ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތައް ވަނީ ގާއިމުކޮށްފައެވެ.
އެއަށްވުރެ މުހިންމު ކަމަކީ، ސައުދީގެ ވިޝަން 2030 ގެ ދަށުން އެ ގައުމުގެ ރައުސްމާލު ގައުމުގެ އެތެރޭގެ މަޝްރޫއުތަކަށް އަމާޒުކުރުމެވެ. ރިޔާޟުން ދަނީ އެ ގައުމުގެ ލަގްޒަރީ ޓޫރިޒަމް ގިގާ-ޕްރޮޖެކްޓްތައް ކަމަށްވާ ދަ ރެޑް ސީ ގްލޯބަލް އަދި އަމާލާ އަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އިންވެސްޓްކުރަމުންނެވެ. މި މަޝްރޫއުތަކަކީ އާންމުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ މުއްސަނދި ފަތުރުވެރިން ސައުދީއަށް ގެންދިއުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. ގަލްފުގެ މި އާ އިގުތިސާދީ މާހައުލުގައި ސައުދީ އަރަބިއްޔާއަކީ ރާއްޖެ އަށް ހަމައެކަނި ދީނީ އަދި މާލީ އެހީތެރިއެއް ނޫނެވެ؛ އެއީ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ރާއްޖެއާ ސީދާ ވާދަކުރާ ވާދަވެރިއެކެވެ.
ސައުދީން އެތެރޭގެ މަޝްރޫއުތަކަށް ސަމާލުކަން ދިނުމަށް ފަހަތަށް ޖެހުނު ދަނޑިވަޅުގައި، ޔޫއޭއީން ދުށީ އެ ގައުމުގެ ބައިނަލްއަގުވާމީ ނުފޫޒު ފުޅާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.
ރަސްމާލެއާ ގުޅޭގޮތުން އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމަކީ ޔޫއޭއީގެ ހާރިޖީ އަދި އިގުތިސާދީ ސްޓްރެޓެޖީގެ ސާފު މިސާލެކެވެ: އެއީ ދައުލަތުގެ ތާއީދާއެކު އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ބޭރު ގައުމުތަކުގައި ނުފޫޒު ގާއިމުކުރުމެވެ. ބުރުޖް ޚަލީފާ އަދި ޑައުންޓައުން ދުބާއީ ބިނާކުރި މުހައްމަދު އަލާއްބާރުގެ ވިޔަފާރި ޕޯޓްފޯލިއޯގައި ސާބިއާގެ ބެލްގްރޭޑް ވޯޓަފްރަންޓާއި، އަލްބޭނިއާގެ ޑުރެސް މެރީނާގެ އިތުރުން މެދުއިރުމައްޗާއި އެފްރިކާގެ ބޮޑެތި ސަރަހައްދުތައް ހިމެނެއެވެ.
ރާއްޖޭގެ ވެރިރަށް ކައިރިން 500 ހެކްޓަރުގެ ބިން ހޯދުމުން އަބޫދާބީއަށް ސްޓްރެޓެޖިކް ގޮތުން ގިނަ ފައިދާތަކެއް ލިބެއެވެ:
- ސައުދީން ރަތް ކަނޑުގެ ސަރަހައްދަށް މުއްސަނދި ފަތުރުވެރިން ގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، ޔޫއޭއީގެ ވިޔަފާރިތަކުން ދަނީ ދުނިޔޭގެ ނަންމަޝްހޫރު މަންޒިލްތަކުގައި އިންވެސްޓްކޮށް، ފަތުރުވެރިކަމުގެ ފައިސާ އެމިރޭޓްސްގެ ކުންފުނިތަކުގެ ތެރޭގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުންނެވެ.
- ހޯން އޮފް އެފްރިކާ އަދި އަރަބި ކަނޑުގެ ބަނދަރުތައް ކޮންޓްރޯލް ކުރަމުންދާ ޑީޕީ ވޯލްޑް އަދި އަބޫދާބީ ޕޯޓްސްގެ އިތުރުން، އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރުގެ މަގުތަކުގެ މެދުގައި ދިގު މުއްދަތުގެ ވިޔަފާރި މަރުކަޒެއް ގާއިމުކުރެވިގެންދާނެއެވެ.
- ރާއްޖޭގައި ހިންގާ ޗައިނާގެ މަޝްރޫއުތަކާ މެދު އިންޑިއާއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޔޫއޭއީ އާއި އިންޑިއާއާ ދެމެދު ވަނީ ވަރުގަދަ ސްޓްރެޓެޖިކް ގުޅުމެއް ގާއިމުވެފައެވެ. އިންޑިއާގެ ސްޓްރެޓެޖިކް މާހިރުން ދެކޭގޮތުގައި ގަލްފުގެ ޕްރައިވެޓް އިންވެސްޓްމަންޓްތަކަކީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް ލިބޭ ރަނގަޅު ބަދަލެކެވެ.
ރަސްމާލޭގެ ހިކެމުންދާ ފަސްގަނޑުން މެދުއިރުމަތީގެ ހިމޭން ވާދަވެރިކަމުގެ އަސަރުތައް ފެންނަން ހުއްޓަސް, މީގެ ސަބަބުން އިންޑިއާ ކަނޑުގެ ބާރުވެރިކަން ހޯދުމަށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވަރުގަދަ ވާދަވެރިކަމަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރާނެއެވެ.
ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތު އެނބުރެމުން އައީ އިންޑިއާ އާއި ޗައިނާއާ ދެމެދުގައެވެ. ކުރީގެ ސަރުކާރުތަކުން ބަރޯސާވީ އިންޑިއާގެ ސަލާމަތީ ރައްކާތެރިކަމަށް، ނުވަތަ ސިނަމާލެ ބްރިޖް ފަދަ ޗައިނާގެ ބެލްޓް އެންޑް ރޯޑް ލޯނުތަކަށެވެ. ނަމަވެސް، ޔޫއޭއީގެ ބިޔަ ޕްރައިވެޓް އިންވެސްޓްމަންޓްތައް އައުމަކީ މި ދެބާރުގެ ދެމެދުގައި އޮތް ހަމަނުޖެހުންތަކަށް އަންނާނެ ބަދަލެކެވެ.
އިންޑިއާގެ ހާރިޖީ ސިޔާސަތު ދިރާސާކުރައްވާ ބައެއް ބޭފުޅުން ދެކޭ ގޮތުގައި ގަލްފުގެ އިންވެސްޓްމެންޓް ރާއްޖޭގައި ފުޅާވުމަކީ އިންޑިއާ-ޗައިނާ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން ކުޑަކޮށްދޭ ވަސީލަތެކެވެ. އެހެން ދެކޭ ސަބަބަކީ, ޔޫއޭއީގެ އިންވެސްޓްމަންޓަކީ ޗައިނާގެ ފައިސާއާ މުޅިން ތަފާތު އެއްޗަކަށްވާތީއެވެ. އިންޑިއާއާއި އަބޫދާބީއާ ދެމެދު ވަރަށް ގާތް ސްޓްރެޓެޖިކް ގުޅުމެއް އޮންނައިރު ޗައިނާގެ ދައުލަތުގެ ކުންފުނިތަކުގެ ބަދަލުގައި އެމިރޭޓްސްގެ ޕްރައިވެޓް ޑިވެލޮޕަރުންގެ ފަރާތުން އިންޑިއާއަށް ބިރުވެރިކަމެއް ނެތެވެ.
ގަލްފުގެ ބިޔަ ބާރުތަކުގެ މެދުގައި ތާށިވުން
ޔޫއޭއީ އާއި ސައުދީގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަނުމަކީ ޑިޕްލޮމެޓިކް ގޮތުން ނުރައްކާތެރި ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ޖީސީސީ (ގަލްފް ކޯޕަރޭޝަން ކައުންސިލް) ގެ ތެރޭގައި އަބޫދާބީ އާއި ރިޔާޟުން ބޭރުފުށުން އެއްބައިވަންތަކަން ދެއްކި ނަމަވެސް، ސަރަހައްދީ ހެޑްކުއާޓަރުތައް ބަދަލުކުރުމާއި، އޯޕެކް ޕްލަސްގެ ތެލުގެ ކޯޓާތަކާއި، ވިޔަފާރި މަގުތަކުގެ ކޮންޓްރޯލް ހޯދުމުގައި އެ ދެ ގައުމުގެ ދެމެދުގައި ވަނީ ބޮޑެތި ވާދަވެރިކަން އުފެދިފައެވެ. މިހާރު މެދުއިރުމަތީގައި ޔަމަނާއި ސައުދި އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ހަނގުރާމައާ ގުޅިގެން ވެސް ޔޫއޭއީ އާއި ސައުދީއާ ދެމެދު ނުތަނަވަސްކަން އެބަ އޮތެވެ. ސައުދީން ޔަމަނާ މެދު ގެންގުޅޭ ސިޔާސަތާ މެދު ޔޫއޭއީން ނުހުރޭއިރު އެ ގައުމުން ވަނީ އޯޕެކުން ވެސް ވަކިވެފައެވެ.
މިފަދަ ހާލަތެއްގައި މެދުއިރުމަތީގެ ބޮޑު ދެ ބާރު އޮތްއިރު, ރާއްޖޭގެ ތަރައްގީގެ ބޮޑު ސަރަހައްދެއް އެމިރޭޓްސްގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރިޔާޟާ އޮތް ގުޅުމަށް ބުރޫއަރައިފާނެ ކަމެކެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ބޭރުގެ ދަރަނިތައް ދެއްކުމުގެ ދަތިތަކާ ކުރިމަތިލާންޖެހޭ ކޮންމެ ދަނޑިވަޅެއްގައި، ރާއްޖެއިން އެންމެ ފަހު ވަގުތު އެހީއަށް އެދި އަތްދިއްކުރަނީ ސައުދީ އަރަބިއްޔާއަށެވެ. ކުރިއަށް އޮތް ތަނުގައި އިގުތިސާދީ ލޮޅުމެއް އަތުވެއްޖެނަމަ، ރާއްޖޭގެ އެންމެ އަގުބޮޑު އިގުތިސާދީ މިލްކިއްޔާތު ޔޫއޭއީގެ ކުންފުންޏަކަށް ދީފައިވާ މަންޒަރު ބަލަން އޮތް ސައުދީން، ރާއްޖެއަށް މާލީ އެހީތެރިކަން ދިނުމަށް ފަސްޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ސައުދި އަރަބިއްޔާ އާއި ގަތަރާ ދެމެދު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގުޅުން ގޯސްވެގެންދިޔައިރު ސައުދީން އަންގައިގެން ރާއްޖެއަށް ޖެހުނީ ގާތް އެކުވެރި ގަތަރާ ގުޅުން ކަނޑާލާށެވެ. އޭރުގެ ސަރުކާރު އޮތީ ހުރިހާ ގޮތަކުން ވެސް ސައުދީއަށް ދީއްލައިލައިގެންނެވެ. އެ ހާލަތުގައި މިނިވަންކޮށް, ވަކި އަތަކަށް ނުޖެހި އިސްލާމީ ބައެއް ގައުމުތައް އޮތް ނަމަވެސް, ރާއްޖެއަށް އެ ފުރުސަތެއް ނެތެވެ. އެއަށް ވުރެ ރާއްޖެ އޮތީ ސައުދީގެ "ހިމާޔަތެއް"ގެ ތެރޭގަ އެވެ.
ޔޫއޭއީގެ ވިޔަފާރީގެ ބޮޑު އިންވެސްޓްމެންޓަކާ އެކު, އެ ގައުމުގެ މަސްލަހަތު މި ފަސްގަނޑުގައި އުފެދިގެންދާއިރު ސައުދީ އާއި ޔޫއޭއީއާ ދެމެދު މިހާރު ވެސް އޮތް ނުތަނަވަސްކަން ބޮޑުވެގެންދާ ދަނޑިވަޅެއްގައި ރާއްޖެ ވެއްޓޭނީ ސައުދި-ގަތަރުގެ ހާލަތަށް ވުރެ މާފުން ވަޅަކަށެވެ. އެ ވަޅުން އެރޭނެ ގޮތެއް, ހަދާނެ ގޮތެއް ރާއްޖެއަށް ތަކުލީފު ބޮޑުވާނެ އެވެ,
ވިލުތަކުގެ ތެރޭގައި ޑްރެޖަރުތަކުން ކޮނެ ނަގަމުންދާ ވެއްޔާއި އުފެދެމުންދާ އާ ފަސްގަނޑަކީ ހަމައެކަނި ލަގްޒަރީ ވިލާތަކަކާއި ހިއްކި ބިމެއް ނޫނެވެ. އެވެގެން ގޮސްފައިވަނީ މި ޖަޒީރާ ގައުމުން މެދުއިރުމަތީގެ ހިމޭން ހަނގުރާމައެއްގެ ތެރެއަށް ނުސީދާ ގޮތުން ވަދެވޭ ވަދެވުމަކަށެވެ. ހަމައެކަނި ހުޅަނގުގެ ބާރުތަކާއި ޗައިނާގެ ދެމެދުގައި ބެލެންސް ކުރުމުގެ ބަދަލުގައި، މިއަދު މި ވަނީ ގަލްފުގެ ބާރުގަދަ ތަހުތުތަކުގެ މެދުގައި ވެސް ރާއްޖޭން ފަރުވާތެރިވާންޖެހޭ ހާލަތަށް ގޮސްފައެވެ.