މޫސާ ރަޝީދު

މިދިޔަ ހަފްތާގައި އދ. މަހިބަދޫ އަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮރަޕްޝަން ހުއްޓުވަން ހަ ބިލެއް ހުށަހަޅައި ގާނޫނުތަކެއް ހަދާ ވާހަކަ ދައްކަވައިފަ އެވެ. އެ ވަހަކަ އަށް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި އައި އާންމުންގެ ހިޔާލު ހުރީ އެއް ގޮތަކަށެވެ. ކޮރަޕްޝަނަކީ ހަމައެކަނި ލިޔެފަ އޮތް ގާނޫނަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. އެ ތަންފީޒު ކުރަން ތިބޭ މީހުންގެ ނިޔަތާ ގުޅިފައި އޮތް ކަމެކެވެ. ވައްކަން ކުރަން ބޭނުން ނަމަ ގާނޫނުތަކުގެ ތެރެއިން ވިޔަސް ނޫނީ އެ ބަދަލު ކޮށްގެން ވިޔަސް އެކަން ކުރާނެ އެވެ.

އެ ވަހަކަ ވިދާޅުވިތާ ހަފްތާއެއް ފަހުން ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުޅުވާލެވިފައިވާ ބިޑް ކުރުމަކާ ނުލައި ވަރަށް އާދައިގެ މަޝްރޫއުތައް ވެސް ސީދާ ވަޒީރުން ބޭނުންވާ ބަޔަކަށް ދެވޭ ގޮތަށް ގަވާއިދު ބަދަލު ކުރި އެވެ. އެއާއެކު މާލީ ދާއިރާގެ ތަޖުރިބާކާރުން ވަނީ އެއީ ކޮރަޕްޝަނަށް ހުޅުވައިލި ބޮޑު ދޮރެއް ކަމަށް ބުނެފަ އެވެ. މިވަނީ ކިހިނެތް ހެއްޔެވެ؟

"މިހާތަނަށް ދައުލަތް ލޫޓޫވާފައި އޮތީ މިފަދަ އުސޫލުތައް ސަރުކާރުތަކުން އަމިއްލަ އަށް ހަދައިގެން، އޭގެ ނާޖާއިޒް ފައިދާ ނަގައިގެން. މިފަދަ ދެފުށް ނުފެންނަ ޑީލްތައް ހެދޭ ގޮތަށް އުސޫލުތައް ބަދަލު ކޮށްގެން ކަންކަން ކުރުމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލަން ޖެހޭ. މުޒާހަރާ ކުރަން ޖެހޭ. މަދަނީ ބަސްނޭހުމަކަށް ގޮސްގެން ނަމަވެސް މިފަދަ ކަންކަން ހުއްޓުވަން ޖެހޭ." ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވި އެވެ.

ބިޑް ނުކޮށް ދިނުން މައްސަލައެއްތަ؟

ސިންގަލް ސޯސް ޕްރޮކިއުމަންޓް ނުވަތަ ބިޑް ކުރުމަކާ ނުލައި ވަކި ފަރާތަކަށް މަޝްރޫއުތައް ހަވާލު ކުރުމަކީ އެއީ ކޮރަޕްޝަނަށް ހުޅުވިފައި އޮތް ދޮރެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. އަދި އެ ދޮރު ބަންދު ކުރުމަށާއި އެގޮތަށް މަޝްރޫއު ހަވާލު ނުކުރަން ތަކުރާރުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މީގެ ކުރިން ވަނީ ގޮވާލައިފަ އެވެ.

އެހެން ނަމަވެސް އެއީ މިހާރު ވެސް މާލިއްޔަތު ގަވާއިދުގައި ހުޅުވިފައި އޮތް ފުރުސަތެކެވެ. އެހެން ނަމަވެސް މާހިރުންގެ އެ ވާހަކަ ގަބޫލުކޮށް މާލިއްޔަތު ގަވާއިދުގައި އެކަން އޮންނަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އެގޮތުން ކާރިސާއަކާ ގުޅިގެން ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ނުވަތަ ބައިނަލްއަގުވާމީ އާބިޓްރޭޝަން ފަދަ ކަންކަމުގައި ދައުލަތުގެ ސިއްރު ހިފެހެއްޓޭނެ ފަދަ ލީގަލް ކައުންސިލުން އައްޔަން ކުރުން ފަދަ ކަންކަން ބިޑް ކުރުމަކާ ނުލައި ކުރުމުގެ ފުރުސަތު އޮވެ އެވެ.

އެހެން ނަމަވެސް އެ ގަވާއިދުގައި އޮތް ވަރު ވެސް ބޮޑު ކަމަށް ދާއިރާގެ މީހުން ގަބޫލު ކުރެ އެވެ. ސަބަބަކީ ވޭތުވެދިޔަ ތަނުގައި ވެސް ބިޑް ކުރުމަކާ ނުލައި މަޝްރޫއުތައް ހަވާލު ކޮށްގެން ސަރުކާރަށް އޮތީ ގެއްލުންވެފަ އެވެ. ކޮރަޕްޝަން ވަދެ ބަޔަކަށް ނާޖާއިޒް ފައިދާތަކެއް ލިބިފަ އެވެ. ދައުލަތުގެ މާލިއްޔާ އިން ބޮޑެތި އަދަދުތަކުން ގެއްލިފަ އެވެ.

އޭގެ އެއް މިސާލަކީ ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުން ބިޑް ކުރުމަކާ ނުލައި ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމެވެ. އަދި އެކަމަށް ބޭނުންވާ އެޑްވާންސް ފައިސާ ވެސް ހަމަޖައްސައިދިނުމެވެ. ގައުމާއި ރައްޔިތުން ނޭވާ ހޮޅީގައި ތިއްބާ އެ ފައިސާ ހިފައިގެން ދިޔަ ބަޔަކު ދިޔައީ އެވެ. އަދި އަދަށް މި އުޅެނީ އެ ނުހޯދިގެންނެވެ.

ވަޒީރުން ރުހޭ ބަޔަކަށް ބޭނުން މަޝްރޫއެއް

ސަރުކާރުން ވަނީ މާލިއްޔަތު ގަވާއިދުގެ އެ މާއްދާތައް ބަދަލު ކޮށްފަ އެވެ. އެގޮތުން ބިޑް ކުރުމަކާ ނުލައި ސަރުކާރުން ބޭނުންވާ ވަކި ފަރާތަކަށް މަސައްކަތް ހަވާލު ކުރެވިދާނެ އިތުރު ހާލަތްތަކެއް ވަނީ އެ ގަވާއިދަށް އިތުރު ކޮށްފަ އެވެ.

އޭގެ އިތުރުން ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލު ކުރަން ނިންމުމުގެ ބާރު ސީދާ ވަޒީރުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުން ކަނޑައަޅާ ކުޑަ ކޮމިޓީއަކަށް ދެވޭ ގޮތަށް އެ ގަވާއިދު ވަނީ އިސްލާހު ކޮށްފަ އެވެ. -- މީގެ ކުރިން ވެސް ގާތް މީހުންނަށް ބަދަލު ދިނުން ފަދަ ބޮޑެތި ޖަރީމާތައް ހިނގާފައި އޮތީ އެހެން ބައެއްގެ އަތް ނުފޯރާ ގޮތަށް ރައީސް އޮފީހުގެ ތެރޭގައި ހަދާ ކުޑަ ކޮމިޓީތަކުގެ ތެރެއިންނެވެ. --

މާލިއްޔަތު ގަވާއިދުގައި ބިޑަކާ ނުލައި ދެވޭ ގޮތަށް ސަރުކާރުން އިތުރު ކުރި ހާލަތްތަކަކީ؛

  • އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހިންގާ މަޝްރޫއުތައް
  • ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތައް
  • ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް

މިއިން ކޮންމެ ދާއިރާއަކަށް ފެތޭ މަޝްރޫއުތައް އެއްވެސް ހިދުމަތެއް ނުވަތަ މަސައްކަތެއް ބިޑް ކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހަށް ފެންނަ ބަޔަކަށް ދިނުމުގެ ދޮރު އެ އިސްލާހުން އޮތީ ހުޅުވައިދީފަ އެވެ.

އެހެންކަމުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ރަށްރަށުގައި ޖިމްތަކާއި ކްލާސްރޫމް ތަކާއި މަލްޓިޕާޕަސް ހޯލްތަކުގެ އިތުރުން އާންމުކޮށް ހިނގާ ޕީއެސްއައިޕީގެ ހުރިހާ މަޝްރޫއެއް މި ކެޓަގަރީތަކަށް ފެތެ އެވެ. އެއީ ތަރައްގީގެ މަޝްރޫއެއް ވިއްޔާ އެކަމެއް ރައްޔިތުންނާ ނުގުޅޭނެ ގޮތެއް ނޯންނާނެ އެވެ. އާންމު ގޮތެއްގައި ކެމްޕެއިންތަކާ ދިމާކޮށް ރަށްރަށުގައި ފަށާ މަޝްރޫއުތައް ވެސް ބިޑާކާ ނުލައި ދިނުމުގެ ފުރުސަތައް ހުޅުވިގެން ދިޔައީ އެވެ.

ލޯ މަރާފައި މިލިއަނުން ދޫކޮށްލެވޭ!

ބިޑަކާ ނުލައި އަދި ބިޑް ކޮށްގެން ވިޔަސް މަޝްރޫއުތައް ދޭއިރު ދައުލަތަށް ގެއްލުން ނުވާނެ ގޮތް ހަދަން މާލިއްޔަތު ގަވާއިދުގައި ބޮޑެތި ފާރުތަކެއް ރާނާފައި ހުރެ އެވެ. އެގޮތުން ބިޑް ކޮށްގެން ވިޔަސް އަދި ބިޑަކާ ނުލައި ހިންގާ މަޝްރޫއެއް ވިޔަސް ސަރުކާރުން ބިޑް ސެކިއުރިޓީ އާއި ޕަފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީތައް ނަގަ އެވެ.

ބިޑް ސެކިއުރިޓީއަކީ ކުރުކޮށް ބުނާ ނަމަ ބިޑް ކާމިޔާބު ކުރާ ފަރާތްތަކުން ފަހު ގަޑީގައި އެ މަސައްކަތް ނުކޮށް ދޫކޮށްލުމުން ސަރުކާރަށް ވެދާނެ ގެއްލުމަކަށް ބަލާފައި ނަގާ ބޭންކް ގެރެންޓީއެކެވެ. މިސާލަކަށް އެއް މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގާނަމަ ސަރުކާރުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15 ޕަސެންޓު ބަހައްޓަން ޝަރުތު ކޮށްފާނެ އެވެ. އެ މަޝްރޫއު ނުކޮށް ދޫކޮށްލައިފި ނަމަ ސަރުކާރަށް 150،000ރ. ގެ ގެރެންޓީއެއް އިންނާނެ އެވެ.

ހަމަ އެ ގޮތަށް ޕަފޯމަންސް ގެރެންޓީއަކީ ސަރުކާރުން ހަވާލު ކުރާ މަޝްރޫއު ނިމެންދެން އެގޮތަށް ބަހައްޓާ ގެރެންޓީއެކެވެ. މަޝްރޫއު ވަކި ހިސާބަކުން ނުނިންމާ ދިޔުމުގެ ފުރުސަތު ކުޑަވާނެ އެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއަކީ ވެސް މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެޑްވާންސް ޕޭމަންޓެއް ސަރުކާރުން ދޫކުރާ އިރު ނަގާ ބޭންކް ގެރެންޓީއެކެވެ. އެ ނޫން ނަމަ އެޑްވާންސް ޕޭމަންޓް ހިފައިގެން "ގެއްލުމުގެ" ފުރުސަތު އޮވެދާނެ އެވެ.

އެހެން ނަމަވެސް އާ އިސްލާހުތަކުން އޮތީ އެ ބައި ފޮހެލާފަ އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކެބިނެޓުން ނިންމައިގެން ބިޑަކާ ނުލައި ހަވާލު ކުރާ މަޝްރޫއުތަކުގައި ބިޑް ސެކިއުރިޓީ އާއި ފަފޯމަންސް ގެރެންޓީ އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނެގުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. އެގޮތަށް ގަވާއިދު އިސްލާހު ކުރަންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ދައުލަތުން މިފަދަ ލަނޑުތައް ލިބި ގެއްލުންވެފައި ހުރި ވަރު ކުޑައީ ހެއްޔެވެ؟

އޭގެ އިތުރުން މިދިޔަ ހޯމަ ދުވަހު ވެސް ސަރުކާރުން ވަނީ އަލުން އެ ގަވާއިދަށް އިތުރު އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގައި ބުނާ ގޮތުން ކެބިނެޓުން ބޭނުންވާ ބަޔަކަށް ބިޑަކާ ނުލައި ދޭ މަޝްރޫއު ހިންގާ ފަރާތުން އެދިއްޖެ ނަމަ 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓެއް ވެސް ދެވިދާނެ އެވެ.

އެހެންކަމުން މިހާރު އެ ހުޅުވާލީ ވަރަށް ނުރައްކާތެރި ދޮރެކެވެ. ސިޔާސީ ނުފޫޒު އޮތް މީހަކަށް ސަރުކާރުގެ ތެރެއިން މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ސެކިއޯ ކުރުމަށް ފަހު އެޑްވާންސް ޕޭމަންޓު ހިފައިގެން ރާއްޖެއިން ބޭރަށް ފިލިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ކަމެއް ނުވެސް ކުރާނެ އެވެ.

"މިއީ ހަމަ ސިނގިރޭޓު ކޮންޓޭނަރަށް ވީ ގޮތް ވާން ބަލަން ދޫކޮށްލުން ފަދަ ކަމެއް." މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ބޮޑު ސުވާލު!

ކޮރަޕްޝަނަށް ބޮޑެތި ދޮރުތަކެއް ހުޅުވޭ ގޮތަށް ސަރުކާރުން އިސްލާހުތައް ގެނެއުމަށް ފަހު އެންމެ ފަހަތުގައި އަދި ލިޔެފައި އޮންނަނީ އެއަށް ވުރެ އަޖައިބު ކުރަނިވި ވާހަކައެކެވެ. މާލިއްޔަތު ގަވާއިދަށް ގެނައި އެ ބަދަލުތަކަށް އަމަލު ކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ މާނައަކީ ދެ އަހަރު ފަހުން މާއްދާތައް އުވުނީ އެވެ.

ސުވާލަކީ ސަންސެޓްކޮށް ވަކި މުއްދަތަކަށް މި ގޮތަށް މާލިއްޔަތު ގަވާއިދުގައި ބާގަނޑެއް އުފައްދަނީ ކީއްވެ ހެއްޔެވެ؟ މިއީ ކުރުން ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރާނަމަ އެކަން ދާއިމީ ބަދަލެއްގެ ގޮތުގައި ބާއްވާނެ އެވެ. އެކަމަކު ވަގުތީ ގޮތުން އެފަދަ ބަދަލެއް ގެންނަން ޖެހޭ ފަދަ ހާލަތެއް މިހާރު އޮތީ ހެއްޔެވެ؟ ނޫނީ ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދޭން ހޭވި ހަޑިއެއް ހެއްޔެވެ؟ މިއީ ސަރުކާރުން ޖަވާބު ނުދީ ހަނު ހުރެވިގެން ވާނެ ކަންކަމެއް ނޫނެވެ.

އަބަދުވެސް ގާނޫނުތައް ހަދަނީ ކޮރަޕްޝަން ނުވަންނަ ގޮތަށެވެ. އެހެން ނަމަވެސް އެ ގާނޫނުތަކާއި އޭގެ ދަށުން ހެދޭ ގަވާއިދުތަކާއި އުސޫލުތައް ބޭނުން ކޮށްގެން އަދި އެ ބަދަލު ކޮށްގެން ކޮރަޕްޝަނަށް މަގު ފަހި ކުރަނީ ވެސް އެއް ބައެކެވެ. މިއީ އޭގެ އެއް މިސާލެވެ.