ބ. އަތޮޅު ބަތަލާ އާއި  އެ ރަށް ވަށައިގެން އޮތް ފަޅަކީ ދޫނިސޫފާސޫފިތަކާއި ކަނޑުގެ ދިރުންތަކުން މުއްސަނދި ރީތި ވެއްޓެކެވެ. ހަރު އަދި މަޑު މުރަކައިގެ ބާވަތްތަކާއި އޭގެ ވެށީގައި ދިރިއުޅޭ ކަނޑުގެ އެތައް ދިރުންތަކެއް އުޅޭ ސަރަހައްދެކެވެ. ވެލާ ކަހަނބު ބިސްއެޅުމާއި ފާނައިގެ ބާވަތްތައް ބިސްދޫކުރުމަށް ޖަމާވެ އެވެ. 

ތިމާވެށީގެ ގޮތުން ނުހަނު މުހިންމު މި ސަރަހައްދަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްސްގައި އޮތް ތަނެކެވެ. ބަތަލާއަކީ އެ މުއްސަނދިކަމުގެ ތެރޭ އޮތް ބިޔަ ބޯގަސްތަކާއި ކާއްޓަށް ތިޔާގި ރަށެކެވެ. 

ކައިރި ރަށްރަށުގެ މީހުންނަށް ދަތުރު ދިޔުމާއި ދަރު ހޮވަން އެ ރަށް ވަރުގެ ރަށެއް ނެތެވެ. 

ނަމަވެސް މިއަދު އެ ގުދުރަތީ ރީތިކަން އޮތީ ފެނު އަޑީގަ އެވެ. އެންމެ 11 އަހަރުގެ ތެރޭގައި ބަތަލާ ގިރައިގެން ގޮސް ރާއްޖޭގެ މެޕުން އެކީ ފޮހެވިއްޖެ އެވެ.

މި ކަން ހިނގައިގެން ދިޔަ ގޮތުގެ ފުނަށް ފީނި އިރު އަޑީގައި އޮތީ ސަރުކާރުތަކުގެ ބޮޑެތި އިހުމާލެވެ.

އެއް ރަށެއް، ތިން މިނިސްޓްރީއެއްގެ ތިން ނިންމުން

ބ. އަތޮޅާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ހެދި ތިމާވެއްޓާ ބެހޭ އޮޑިޓަކުން ހާމަވި ގޮތުގައި ފިޝަރީޒް މިނިސްޓްރީއާ އާންމު ފަރާތަކާ ދެމެދު އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 5، 2010 ގައި ބަތަލާ ވަނީ ކުއްޔަށް ދީފަ އެވެ. 

1

އެ ރަށަށް ކުލި ދައްކައި ބޭނުން ކުރަމުން ދަނިކޮށް އޭގެ ހަ މަސް ފަހުން ޖޫން 5، 2011 ގައި ބަތަލާ އަކީ ގުދުރަތީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަނެއްގެ ގޮތުގައި އެންވާރަމަންޓް މިނިސްޓްރީން އިން ކަނޑައެޅި އެވެ. ނަމަވެސް ބަތަލާ ހިމާޔަތް ކުރި ކަމެއް އެ ރަށަށް ކުލި ދައްކަމުން އައި ފަރާތާއި ފިޝަރީޒް މިނިސްޓްރީއަކަށް ނޭނގެ އެވެ.

އަނެއްކާވެސް އޮކްޓޯބަރު 10، 2013 ގައި ފިޝަރީޒް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީ އަށް ނޭނގި އެ ރަށުގައި ރިސޯޓެއް ހަދަން ޓޫރިޒަމް މިނިސްޓްރީން އެހެން ބަޔަކަށް ލީސް އުސޫލުން 21 އަހަރަށް ދޫކުރި އެވެ.

އެއް ރަށަކާ މެދު ތިން މިނިސްޓްރީއަކުން ނިންމީ ތިން ގޮތަށެވެ. އިދާރާތަކުގެ މެދުގައި އެއްވެސް މުއާމަލާތެއް ނުހިނގާ ވާނުވާއެއް ނޭނގި މުޅި މައްސަލަ އަތުން ދޫވެ "އޮޔާ ދާން" ފެށީ އެ ހިސާބުންނެވެ. 

އޮޑިޓުން ފާހަގަވި ގޮތުގައި ބަތަލާ ހިމާޔަތް ކުރި ފަހުން ތިން އަހަރާއި ދެ މަސް ވަންދެން އެ ރަށަށް އެހެން މީހަކު ކުލި ދައްކާ ބޭނުން ކުރަމުން ދިޔަ އެވެ. އެ ރަށް ހިމާޔަތް ކުރި ކަން އިއުލާން ކުރުން ފިޔަވައި އިތުރު ކަމެއް މިނިސްޓްރީން ނުކުރެ އެވެ. ބަޔަކު ބޭނުން ކުރޭތޯ ނުވަތަ ވެއްޓެއް ގެއްލުންތަކެއް ލިބެމުންދޭތޯ ނުބަލަ އެވެ. އެ ރަށް ޓޫރިޒަމް މިނިސްޓްރީން އެހެން ބަޔަކަށް "ވިއްކާލި" އިރު ވެސް ނޭނގެ އެވެ.

ބަތަލާގައި ހިނގަމުން އައި ކަންކަން ބަޔަކަށް ފަޅާ އަރައި ރިޕޯޓުކޮށް މައްސަލަ ހޫނުވި ހިސާބުން ފިޝަރީޒް އިން އެތަން ކުއްޔަށް ދިން އަމިއްލަ ފަރާތަށް ތަން ހުސް ކުރުމުގެ ނޯޓިސް ދިނެވެ. ހިމާޔަތް ކޮށްފައިވާ ރަށަކަށް ވާތީ އުސޫލެއްގެ ގޮތުން އެ މިނިސްޓްރީން ރަށް ހަވާލު ކުރަން ޖެހޭނީ އެންވާރަމަންޓް މިނިސްޓްރީ އާއެވެ. ނަމަވެސް ފިޝަރީޒް އިން ނިންމީ އެތަން ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކުރުމަށެވެ.

އެތައް މައްސަލައެއް ފެންމަތިވުމަށް ފަހު ބަތަލާ އެންމެ ފަހުން އެންވާރަމަންޓް މިނިސްޓްރީގެ ދަށް ބަދަލު ކުރި އިރު އެއީ ރަށެއް ނޫނެވެ. ކުޑަ ވެލިކޮޅެއް އެކަނި އޮތް ފިނޮޅެކެވެ.  އޭރު ރަށް އޮތީ ފެނު އަޑީގަ އެވެ. 

ރަށް ގިރައިގެން ދިޔައީ ކީއްވެ؟

2014 ވަނަ އަހަރުގެ ތެރޭގައި ބަތަލާ އަށް ބަޔަކު އަރައިގެން ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ގޮސް ބެލި އިރު އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްތަކެއް ކުރަމުން ދިޔަ ކަން ފަޅާ އެރި އެވެ. 

ބަތަލާގައި އެ ދުވަސްވަރު އެ މަސައްކަތް ކުރަމުން ދިޔަ ކަން ސެޓަލައިޓް ފޮޓޯތަކުން ވެސް އެނގެ އެވެ. ނަމަވެސް ރަށުގެ ބިމަށް ބަދަލުތައް ގެނެސްފައި ހުރީ އެފަދަ ކަމެއް ކުރުމުގެ ކުރިން ކޮންމެހެން ހަދަން ޖެހޭ އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދަ އެވެ. 

އީއައިއޭ ހަދަން ޖެހެނީ އެއީ އޭގެ ސަބަބުން ރަށުގައި ކުރުމަށް ރާވާފައިވާ މަސައްކަތުން ވެއްޓަށް ކުރާނެ ގެއްލުން އަންދާޒާ ކުރުމާއި ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތްތައް ކަނޑައެޅޭނެ އެވެ. ފަޅުގެ ދިރުންތައް މަރުވުމާއި ރަށް ގިރުން ފަދަ ކަންކަމުން ސަލާމަތް ކުރެވި ކުރިއާލައި ފިޔަވަޅުތައް އަޅަން މަގުފަހި ވާނެ އެވެ.

bathalaa


އީއައިއޭގެ އިތުރުން އެހެން އެއްވެސް ހުއްދައެއް ވެސް ރިސޯޓު ތަރައްގީ ކުރަން ނެގި ފަރާތުން ނުނަގަ އެވެ. ނަތީޖާއަކަށްވީ ދެތިން އަހަރު ތެރޭގައި މުޅި ރަށް އެއްކޮށް ގިރައިގެން ދިޔުމެވެ. އެކަންވި އިރު ދައުލަތުގެ އިދާރާތައް ތިބީ ބަލަހައްޓައިގެންނެވެ. 

ރަށް ގިރައިގެން ގޮސް މެޕުން ފޮހެވުނު ފަހުން އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަ ކުރި ގޮތުގައި ބަތަލާ ގިރައިގެން ދިޔައީ ދިރާސާ ކުރުމެއް ނެތި އަދި ނަގަން ޖެހޭ ހުއްދަތައް ނުނަގައި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރުމުގެ ސަބަބުންނެވެ. 

ނަމަވެސް އެކަމަށް ޒިންމާވާނެ ފަރާތެއް ފާހަގަ ކުރެވިފައި ނުވާތީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އެންމެ ފަހުން މިއަދާ ހަމައަށް ވެސް ޒިންމާ ނަގާނެ ބަޔަކު ނުވެ އެވެ.

މައްސަލައިގެ ފުނުގައި ނުފޫޒާއި ކޮރަޕްޝަން؟

މިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓު ރިޕޯޓުން ބޮޑެތި އެހެން މައްސަލަތަކެއް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛ 
  • ޓޫރިޒަމް އަށް ބަތަލާ ދޫކުރަން ރައީސް އޮފީހުން ނިންމުމުގެ ކުރިން އެ ރަށް އޮތީ ރިސޯޓެއް ހަދަން ދޫކޮށްފައި.
  • ރިސޯޓެއް ހަދަން ބަޔަކަށް 21 އަހަރަށް ދޫކުރި އިރު އެތަން އޮތީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައެއް ނޫން.
  • ރަށުގެ ކޮންމެ އަކަމީޓަރަކަށް ހަތަރު ޑޮލަރު އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭއިރު ބިމުގެ ސައިޒް މީރާއަކަށް ނާނގާ.
  • އެއްބަސްވުން އުވާލި އިރު ވެސް ދައުލަތަށް ލިބެން ޖެހޭ ކުލީގެ އަސްލު އަދަދު ސާފެއް ނުވޭ.
މި މުއާމަލާތްތަކާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ވެސް ނެތް ބަތަލާ ކުއްޔަށް ދޭން އެ މިނިސްޓްރީން ނިންމީ ރާއްޖޭގައި މިހާރު ވެސް އެތައް ރިސޯޓެއް ހިންގާ އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެއް ކުންފުންޏަކަށެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީ ފައިލްސްގައި އެ ކުންފުންޏަށް ކުރެވުނު ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބާއެކު އޮތް ނަހަމަ ގުޅުންތަކެވެ. އަދި އެ ނުފޫޒުގެ ސަބަބުން އެއްވެސް ބިޑް ކުރުމަކާ ނުލައި އެ ކުންފުންޏަށް ގިނަ ފަޅު ރަށްތަކެއް ދިން ކަމެވެ. 

ދައުލަތުގެ އިހުމާލުން ރާއްޖޭގެ އެންމެ އަގު ބޮޑު ރައުސޫމާލެއް ވުޖޫދުން ގެއްލުނު އިރު އޭގެ ފަހަތުގައި ތިބި ބަޔަކު ވެސް ނޭނގޭތާ އެއްވެސް ބަޔަކާ ދޭތެރޭ ފިޔަވަޅެއް ވެސް ނާޅަ އެވެ. އަދި މިކަމުގެ ހަގީގަތްތައް އޮތީ ބަތަލާ އާއެކު ފެނު އަޑީގަ އެވެ.