މީލާދީން 1541 ގައި އިންގްލެންޑްގެ ރަސްގެފާނު ހެންރީ 8 ވަނަ، އަމިއްލަ ވެރިކަމެއް ކުރަމުންދިޔަ ގޭލިކް އަޔަލެންޑް އިނގިރޭސި ތާޖުގެ ދަށަށް ގެނައުމަށް މުޅިން އާ މޮޑެލެއް ބިމުގެ ގާނޫނަށް ތައާރަފުކުރިއެވެ. އަޔަލެންޑްގެ ގަބީލާތަކުގެ ވެރިން އެމީހުންގެ ކާބަފައިންގެ ޖަމާއަތުގެ ބިންތަކާއި ގަބީލާ ލަގަބުތައް އިނގިރޭސި ތާޖަށް ދޫކޮށްލަން (ސަރެންޑާ ކުރަން) މަޖުބޫރުކުރުވިއެވެ. އޭގެ ބަދަލުގައި، ރަސްގެފާނު އެ ބިންތައް އިނގިރޭސި ފިއުޑަލް ބިންތަކެއްގެ ގޮތުގައި އަދި ލަގަބުތަކާއެކު (އާލް ނުވަތަ ބެރަން ފަދަ) އެ ވެރިންނަށް އަލުން ދެއްވިއެވެ (ރީގްރާންޓް ކުރެއްވިއެވެ). މީގެސަބަބުން، ޖަމާއަތުގެ މިލްކެއްގެ ގޮތުގައި އޮތް ބިންތައް އިނގިރޭސި އާންމު ގާނޫނުގެ ދަށުން އަމިއްލަ މިލްކިއްޔާތަކަށް ބަދަލުވެގެން ދިޔައެވެ.
މިއާއެކު ބިމުގެ ގާނޫނުގެ ތެރެއަށް އުފެދިގެން ދިޔައީ "ސަރެންޑާ އެންޑް ރީގްރާންޓް" މޮޑެލެވެ.
އެތައް ގަރުނެއް ފަހުން އެންމެފަހުން ރާއްޖޭގެ ގާނޫނުތަކާ ހަމައަށް ވެސް މި މޮޑެލް މިވަނީ އައިސްފައެވެ. ރާއްޖޭގެ މުޅިން އަލަށް ތައާރަފުކުރަން އުޅޭ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބިލުގައި އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކުން ޕްރޮޕަޓީއެއް ބޭރު މީހަކަށް ވިއްކޭނެ ކަމަށް އުސޫލުކީ "ސަރެންޑާ އެންޑް ރީގްރާންޓް" ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިއާ އެކު އޮތް ބަހުސަކީ މި މޮޑެލްއަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވޭ ޒަމާނީ ވިޔަފާރީގެ އޮނިގަނޑެއް ހެއްޔޭ ނޫނީ މިއީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ދާއިމީކޮށް މިލްކުކުރެވޭ ގޮތަށް ގާނޫނެއްގެ ތެރެއިން ހުޅުވަދޭ ވަލު ދޮރޯށްޓެއް ހެއްޔޭއެވެ؟
ދުވަހަކުވެސް ހުސްނުވާ 99 އަހަރުގެ ކްލޮކް
އާންމުކޮށް ރިއަލް އެސްޓޭޓް ކުއްޔަށް ދިނުމުގައި ލީސް ބަދަލުކުރާއިރު ދުވަސްތައް ގުނެމުންދަނީ މެދުކެނޑުމެއް ނެތިއެވެ. މިސާލަކަށް، އިންވެސްޓަރަކު 99 އަހަރުގެ ލީސްއެއް ނަގައި 30 އަހަރު ބޭނުންކުރުމަށްފަހު އެހެން މީހަކަށް ވިއްކާލައިފިނަމަ، އަލަށް ގަންނަ މީހާއަށް ލިބޭނީ ބާކީ އޮތް 69 އަހަރެވެ. މުއްދަތު ކުރުވަމުންދާ ވަރަކަށް ޕްރޮޕަޓީގެ އަގު ދަށަށް ގޮސް، ބޭންކުތަކުން މޯގޭޖް ލޯނު ދިނުމަށް ފަސްޖެހި، ބޭރުގެ އިންވެސްޓްމަންޓްތައް ހުއްޓުމަކަށް އާދެއެވެ.
ނަމަވެސް، ސަރެންޑާ އެންޑް ރީގްރާންޓް ގެ އުސޫލު ތަފާތެވެ:
- ސަރެންޑާ (ދޫކޮށްލުން): ޕްރޮޕަޓީ ވިއްކާލާ ހާލަތުގައި، ވިއްކާ ފަރާތުން އޭނާގެ އަތުގައި އޮތް ލީސް އެއްބަސްވުން ބާތިލުކޮށް، ދައުލަތަށް ނުވަތަ ޑިވެލޮޕްމަންޓް އޮތޯރިޓީއަށް އެ ލީސް ރަސްމީކޮށް ނަގައެވެ.
- ރީގްރާންޓް (އަލުން ދިނުން): ލީސްގެ ބާކީ އޮތް މުއްދަތު އާ ގަންނަ ފަރާތަށް ބަދަލުކުރުމުގެ ބަދަލުގައި، ދައުލަތުން ވަގުތުން ވަގުތަށް އެ ގަންނަ ފަރާތަށް ފުރިހަމަ 99 އަހަރުގެ އާ ލީސްއެއް އަލުން ދޫކުރެއެވެ.
މާނައަކީ، ޕްރޮޕަޓީގެ މުއްދަތުން 10 އަހަރު، 40 އަހަރު ނުވަތަ 70 އަހަރު ފާއިތުވެފައިވީ ނަމަވެސް، އެ ޕްރޮޕަޓީ އެހެން ފަރާތަކަށް ވިއްކާލާ ކޮންމެ ފަހަރަކު 99 އަހަރުގެ ކްލޮކް އަލުން ފެށޭނެއެވެ. މި މޮޑެލްގައި، ރަސްމާލޭގެ ޕްރޮޕަޓީތަކަކީ ފްރީހޯލްޑް (މިލްކުވެރި) ބިމެކޭ އެއްގޮތަށް ދާއިމީ ސިފައެއް ލިބިގެންދާ އެއްޗަކަށްވެއެވެ.
މި މޮޑެލްގެ ސަރުކާރުގެ އެންމެ ބޮޑު ދިފާއުއަކީ ކޮންމެ މުއާމަލާތެއްގައި ވެސް ދައުލަތް މެދުވެރިއެއްގެ ގޮތުގައި އޮތުމެވެ. މީގެ މައިގަނޑު އަސާސަކީ ލީސް އެއްބަސްވުން ދުވަހަކު ވެސް ވިއްކާ ފަރާތުން ސީދާ ގަންނަ ފަރާތަކަށް ނުދާނެއެވެ. ކޮންމެ ވިއްކުމެއް ވެސް ކުރިއަށްދާނީ ދައުލަތުގެ ތެރެއިންނެވެ
ދައުލަތުން ބޭނުންވެއްޖެ ނަމަ، ރީގްރާންޓް ހުއްޓުވިދާނެ. އެ ގަންނަން އުޅޭ ފަރާތަށް ނުވިއްކަން ނިންމިދާނެ. އެ އިހްތިޔާރު އޮންނާނީ ސީދާ ދައުލަތަށް. ބިމުގެ މިލްކުވެރިކަން އޮންނާނީ ދައުލަތަށް. އަދި އަލުން ކުއްޔަށް ދޫކުރާއިރު ދައުލަތަށް އާމްދަނީ ލިބޭނެ"
ސަރުކާރުގެ އޮފިޝަލެއް
ސޯޅަވަނަ ގަރުނުގެ އަޔަލެންޑްގެ މައްސަލައަކީ ފިއުޑަލް ލޯޑުންގެ މައްޗަށް ރަސްކަމުގެ ބާރު ހިންގުން ކަމުގައި ވިޔަސް، މިޒަމާނުގެ ފާޑުކިޔުންތެރިން މި ތާރީހީ ވާހަކަ މިސާލެއްގެ ގޮތުގައި ދައްކަނީ ގާނޫނީ އިބާރާތްތަކެއް ބޭނުންކޮށްގެން ބިމުގެ އަސްލު މިލްކުވެރިކަން މުޅިން އެހެން ސިފައަކަށް ބަދަލުކޮށްލެވިދާނެ ގޮތް ހާމަކުރުމަށެވެ. އަދި މި މަރުހަލާ މެދުނުކެނޑި ތަކުރާރުވަމުން ދިއުމަކީ، ދައުލަތަށް ބިން އަނބުރާ ނުލިބި، ޖީލުތަކަކަށް ދެމިގެންދާ ގޮތަށް ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ބިން ދެމިއޮތުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައެވެ.
ދާއިމީ މިލްކުވެރިކަމާ އެކު ގާނޫނުއަސާސީއާ ފުށުއަރާ؟
މި ބަހުސް މިހާ ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބަކީ ބިމާ ގުޅޭގޮތުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ.
- ގާނޫނުއަސާސީގެ 251 ވަނަ މާއްދާ: މި މާއްދާ ބުނާގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކުކޮށެއް ނުދެވޭނެއެވެ (ފްރީހޯލްޑް ނުދެވޭނެއެވެ). 251 ވަނަ މާއްދާގެ (ށ) ގެ ދަށުން ތަރައްގީގެ އެކި ބޭނުންތަކަށް އެންމެ ގިނަވެގެން 99 އަހަރަށް ބިން ކުއްޔަށް ދެވުނު ނަމަވެސް، ދާއިމީކޮށް ބިން މިލްކުކޮށްދިނުން މަނާކުރެއެވެ.
- 2015 ގެ ހަނދާންތައް: 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރިއެވެ. ނަމަވެސް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެ، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު އުވާލައި ކުރީގެ ހާލަތަށް ގާނޫނުއަސާސީ ރުޖޫއަކޮށްފައެވެ.
އާ ރިއަލް އެސްޓޭޓް ބިލަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި "ސަރެންޑާ އެންޑް ރީގްރާންޓް" މޮޑެލަކީ 2015 ގެ ސިޔާސަތު އެހެން ސިފައެއްގައި ގެނައުން ކަމަށެވެ. ވިއްކާލާ ކޮންމެ ފަހަރަކު 99 އަހަރު އަލުން ފެށޭގޮތް ހެދުމަކީ "ދާއިމީ މިލްކުވެރިކަމެއް" އުފެއްދުން ކަމަށާއި، މިއީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ އަސްލު ރޫހާ ހިލާފު ކަމެއް ކަމަށް ގާނޫނީ މާހިރުން ދެކެއެވެ.
"މިއީ ގާނޫނުއަސާސީގެ އަސްލު މަގުސަދު އޮޅުވާލުން. ލީސްގެ މުއްދަތު ނިމުމެއް ނެތި އާކުރެވޭ ގޮތް ހެދުމަކީ ދާއިމީ މިލްކުވެރިކަމެއް އުފެއްދުން، މިއީ 251 ވަނަ މާއްދާގެ ބާރު ކަނޑުވާލުމަށް ލީސްހޯލްޑް ލަފްޒުތަކެއް ބޭނުންކޮށްގެން ހަދާފައިވާ އޮޅުވާލުމެއް،" ސިޓިޒެންއާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އެކަމަކު ސަރުކާރުގެ އޮފިޝަލު އެކަމަށް އެއްބަހެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ގާނޫނުއަސާސީގެ އަކުރުތަކަށް ފުރިހަމައަށް ތަބާވާ އުސޫލެކެވެ. ސަބަބަކީ ކޮންމެ މުއާމަލާތަކާއެކު ކުރީގެ އެއްބަސްވުން ބާތިލުވެ، ދައުލަތުން ދޫކުރަނީ މުޅިން އާ އެއްބަސްވުމަކަށް ވާތީ، އެއްވެސް ވަކި އެއްބަސްވުމެއް 99 އަހަރަށް ވުރެ އިތުރު ނުވާތީއެވެ. މީގެއިތުރުން، ބިމުގެ އަސްލު މިލްކުވެރިކަން އޮންނަނީ ދައުލަތަށް ކަމަށާއި، ކޮންމެ މުއާމަލާތަކުން ސަރުކާރަށް ފީ ލިބި، ގަންނަ މީހުން ފާސްކުރުމުގެ ފުރިހަމަ ބާރު ދައުލަތަށް އޮންނާނެ ކަން އޭނާ ފާހަގަކުރައްވައެވެ.
ސަރުކާރުން މި މޮޑެލް އިހްތިޔާރުކުރީ ކީއްވެ؟
މި ބިލަށް ތާއީދުކުރާ ފަރާތްތަކާއި، ރަސްމާލެ މަޝްރޫއު ޕްލޭންކުރުމުގައި އިސްކޮށް އުޅުއްވާ ސަރުކާރުގެ ބޭފުޅުން ދެކޭ ގޮތުގައި މިއީ ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށް ކޮންމެހެން ބޭނުންތެރި، ގާނޫނީ ގޮތުން ރައްކާތެރި އުސޫލެކެވެ: އެހެން ވިދާޅުވާ ބައެއް ސަބަބުތައް:
- ބިލުގައި ބަޔާންކުރާ ގޮތުން، ބިމުގެ އަސްލު މިލްކުވެރިކަން ދައުލަތަކުން ދުލެއް ނުކުރެއެވެ. ޕްރޮޕަޓީ އޮންނަނީ ގާނޫނީ ލީސްއެއްގެ ދަށުގައި ކަމަށްވާތީ، މިއީ ގާނޫނުއަސާސީގެ އަކުރުތަކާ އެއްގޮތަށް ހިނގާ ކަމެކެވެ.
- ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ބައިނަލްއަގްވާމީ ޑިވެލޮޕަރުންނާއި ބޭރުގެ ބޭންކުތަކުގެ އެހީތެރިކަން ބޭނުންވެއެވެ. މުއްދަތު ހަމަވަމުންދާ ލީސްތަކަށް ބޭރުގެ މާކެޓްތަކުގައި ޑިމާންޑެއް ނޯވެއެވެ. މިފަދަ 99 އަހަރުގެ ދެމެހެއްޓެނިވި ލީސް މޮޑެލްއެއް އޮތުމުން ބޭރުގެ މާލީ އިދާރާތަކުން ލޯނު ދިނުމަށް ފަސޭހަވެގެންދެއެވެ.ސަރުކާރުން ފާހަގަކުރާ ގޮތުގައި ބިލުގައި ވަރުގަދަ ޝަރުތުތަކެއް ވަނީ ހިމަނާފައެވެ:
- އެއްވެސް އެއް ގައުމެއްގެ ރައްޔިތުންނަށް އެ ޒޯނެއްގެ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށް ވުރެ އިތުރަށް މިލްކު ނުކުރެވޭނެއެވެ.
- އިޒްރާއީލުގެ ރައްޔިތުންނަށް ނުވަތަ އިޒްރާއީލުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މި ބިމުން ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ސީދާ މަނާކޮށްފައިވެއެވެ.
- އެ ޒޯންތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ.
- ވަޒީފާތަކުގައި ދިވެހިންނަށް އިސްކަންދިނުމުގެ ކޯޓާތަކާއި އިސްލާމީ ހަމަތަކަށް ތަބާވުން ލާޒިމުކޮށްފައިވެއެވެ.
ސަރުކާރުން ގާނޫނީ ފިޔަވަޅުތަކެއް އެޅިޔަސް، މި މައްސަލައިގައި އާންމުންގެ އިހުސާސްތައް ވަރަށް ނާޒުކެވެ. ގައުމުގެ ބިންތަކުގެ މައްޗަށް އޮތް ބާރު ބޭރުގެ ފަރާތްތަކަށް ގެއްލިދާނެ ކަމުގެ ބިރު ރައްޔިތުންގެ އިންތިހާއަށް އެބައޮތެވެ. މިފަދަ 99 އަހަރުގެ ދެމެހެއްޓެނިވި ލީސްތަކެއް ބޭނުންކޮށްގެން ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް އަބަދުގެ އަބަދަށް ކޮންޓްރޯލް ކުރެވިދާނެކަމާ މެދު އޮތް ސުވާލު ޖާއިޒެވެ.
"ވަކި ސަރަހައްދެއްގައި ބޭރުގެ މުއްސަނދިންގެ ބޮޑު އާބާދީއެއް އުފެދުމުން، އެމީހުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ ޓެކްސް ސިޔާސަތުތަކަށާއި ގާނޫނާއި ގަވައިދުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ. މިއީ ދުނިޔޭގެ އެހެން ތަންތަނުން ވެސް ފެނިފައި އޮތް ކަމެއް،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކުރިމަތިލަމުންދަނީ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުލި ބޮޑުވުމާއި، ގިނަ އާއިލާތަކެއް އެއް އެޕާޓްމަންޓެއްގައި ފިތިގެން ދިރިއުޅެންޖެހުމުގެ ދަތި ހާލަތެވެ. ސަރުކާރުގެ ފްލެޓެއް ނުވަތަ ގޯއްޗެއް ހޯދުމަށް ރައްޔިތުން އެތައް އަހަރެއް ވަންދެން އިންތިޒާރުގައި ތިބެންޖެހެއެވެ.
"އާންމު ރައްޔިތުން ބޯހިޔާވަހިކަމަށް ސަލާންޖަހަމުންދާއިރު، ދައުލަތުގެ ބަޖެޓުންނާއި ގައުމީ ވަސީލަތްތަކުން ހިއްކާ ބިންތައް ދުވަހަކުވެސް ދައުލަތަށް އަނބުރާ ނުލިބޭނެ ފަދަ އުސޫލަކުން ބޭރުގެ މުއްސަނދިންނަށް ވިއްކުމަކީ ވެސް އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.