ރާއްޖެ އަންނަ ފަތުރުވެރިޔާ އޭނާ އަންނަ ދުވަހާއި ހުންނާނެ ތަނާއި އޭނާ ރާއްޖޭގައި ހޭދަ ކުރާނެ މުއްދަތު ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ރާއްޖެ އަށް ފިޔަވަޅެއް އެޅުމުގެ މާ ކުރިން އެ މީހުން ފުރައިގެން ދާނެ ދުވަސް އޮންނާނީ ކަނޑައަޅައި ނިންމައިފަ އެވެ.
ރަސްމާލެ ޑީލް އޮތީކީ މިހެނެއް ނޫނެވެ.
ބޭރު މީހާ ރަސްމާލެ އަށް އަންނާނީ އެތަނުން ގެއެއް ގަނެގެންނެވެ. ބޭނުންވެއްޖެ ނަމަ އޭނާގެ ދަރިންނާއި ދަރިންގެ ދަރިން އެތަނުގައި ބޮޑުކޮށް ދިރިއުޅުން ބަދަލު ކުރުމަށެވެ. އެ ނޫން ނަމަ ގިނަ މަހުޖަނުން ހަދާ ހެން އެއް ތަނެއްގައި ދިރިއުޅެން ބޭނުން ނުވާތީ ރަސްމާލެ އިން ގަންނަ ގެ ހަދާނީ އެ ބައެއްގެ އަމިއްލަ ވެކޭޝަން ހޯމް އަކަށެވެ.
ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް 99 އަހަރަށް ދޫކޮށްފައި ހުރި ރިސޯޓުތައް ހިނގާ މޮޑަލް އާއި ރަސްމާލޭގެ ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑަލް ހިނގާނެ ގޮތުގެ އެންމެ ބޮޑު އެއް ތަފާތަކީ މިއީ އެވެ. އެއް މޮޑަލްގައި ދިވެހިން ބޭރު މީހުންނަށް ދައުވަތު މި ދެނީ ރާއްޖެ ބަލައިލަން އައުމަށެވެ. ދެވަނަ މޮޑަލް އަކީ މިތަނުގައި ދިރިއުޅެން ނުވަތަ ބިން ގަތުމަށް ދެވޭ ދައުވަތެކެވެ.
މި ދެ މޮޑެލްގެ ތަފާތާއި މިހާރާއި ދުރުރާސްތާގައި މީގެން ކުރާނެ ފައިދާތަކާއި ނުކުމެދާނެ މައްސަލަތައް ދިވެހިންނަށް ސާފުވެފައި އޮތުން ވަރަށް މުހިންމެވެ.
ނަމަވެސް އޭގެ ކުރިން ކޮށްލަން ޖެހޭ ސުވާލަކީ ބޭރު މީހުންނަށް ރާއްޖެއިން ބިމާއި ގެ ގަނެގެން ދިރިއުޅުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ރަސްމާލެ ބޭރު މީހުންނަށް 99 އަހަރަށް ދީފި ނަމަ އެ މުއްދަތު ހަމަވެ ގަރުނެއް ފުރޭ އިރު އެ ބިން އަނބުރާ ދިވެހިންގެ އަތަށް އަރާނެ ހެއްޔެވެ؟ ނުވަތަ ދިވެހި ދައުލަތުން ވަރަށް އަވަހަށް މި ސޮއި އަޅަނީ ދިވެހި ބިމެއް ބޭރު ބަޔަކަށް އަބަދަށް ދޫކޮށްލުމަށް ހެއްޔެވެ؟
ގާނޫނުއަސާސީން ދަމާފައި އޮތް ރަތް ރަނގު
އެއް ޓްރިލިއަން ޑޮލަރާ ހަމައަށް އަރައިގެން ދާނެ ކަމަށް ލަފާ ކުރާ ގްލޯބަލް ރިއަލް އެސްޓޭޓް ޓޫރިޒަމް މާކެޓަށް ރާއްޖެއިން ވެސް ޓެޕް ކުރަން ބޭނުންވެގެން އުޅޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން އައްޑޫގައި ވެސް މިފަދަ މަޝްރޫއެއް ހިންގުމަށް ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅު ކުރި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުން އެތަނަށް ވެސް ރިއަލް އެސްޓޭޓް ޓޫރިޒަމް ގެންނަން ބޮޑެތި ކުންފުނިތަކުން ބިލިއަން ޑޮލަރުގެ ޕްރޮޕޯސަލްތައް ހިފައިގެން އައި ކަމަށްވެ އެވެ.
ނަމަވެސް ސަރުކާރުތަކަށް މޫނު އަނބުރާލަން މަޖުބޫރު ވަނީ އެންމެ ސަބަބަކާ ހުރެ އެވެ. އެއީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ހ) ބުނާ ގޮތުން؛
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ.
ރިއަލް އެސްޓޭޓް އުސޫލުން ނަމަ ޝައުގުވެރިވާ ޕާޓީ އަށް ޕްރޮޕަޓީތައް ގަނެވެން ޖެހޭނެ އެވެ. ނަމަވެސް ގާނޫނުއަސާސީން މާ ކުރިން އޮތީ އެ ދޮރު ބަންދު ކޮށްފަ އެވެ. އެހެންވެ މިހާތަނަށް އެކަން ކުރެވިދާނެ އެހެން ގޮތެއް އެއްވެސް ސަރުކާރަކަށް ނުފެނެ އެވެ.
ފްރީ ހޯލްޑް ނުވަތަ މުއްދަތެއް ނެތް ގޮތަށް ބިމާއި އިމާރާތް މިލްކް ކޮށްދިނުމުގެ ޕޮޓެންޝިއަލް އޮތް ކަމަށް ގަބޫލު ކުރެވޭތީ އެ މާއްދާ ބަދަލު ކުރަން ބޭނުންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންގެ ވޯޓާއެކު އޭރު ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އިސްލާހު ކުރީ؛
މި ގާނޫނުއަސާސީގެ 302 މާއްދާގައި ބަޔާންކޮށްފައި ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ. ފްރީހޯލްޑް އުސޫލުން ބިން ދޫކުރުން ހިމެނޭ ގޮތުން، މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތުގައި، ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައި ނުބެލެވޭނެ އެވެ.
މި އިބާރާތުން ގާނޫނުއަސާސީ ބަދަލު ކުރުމަށް ފަހު 302 ވަނަ މާއްދާގައި ޔާމީން ހިމެނީ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ސޭލް ބޯޑެކެވެ. މާނައަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ނަމަ ބިން ދޫކޮށްލުމަކީ މައްސަލައެއް ނޫން ކަމަށް ޔާމީން ގަބޫލު ކުރި އެވެ.

ނަމަވެސް އޭރު އިދިކޮޅު ފަރާތްތަކުން އެކަން ހޫނު ކޮށްލައި ފެށި ވަރުގަދަ ކެމްޕެއިންތަކަށް ފަހު ޖެހިގެން އައި ސަރުކާރުން ގާނޫނުއަސާސީން އަލުން ކުރިން އޮތް ގޮތަށް ރުޖޫއަ ކުރި އެވެ. އޭގެ ފަހުން އެ މާއްދާ އާ ކުޅުމަކީ ސިޔާސީ ގޮތުން ސުއިސައިޑެކެވެ. ހުރަސް ނުކުރެވޭނެ ރަތް ރޮނގެކެވެ.
ދެން ސުވާލަކީ މި ސަރުކާރުން މިކަން ކުރަނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާވެސް ގާނޫނުއަސާސީ ބަދަލު ކުރަނީ ހެއްޔެވެ؟ ކުރު ޖަވާބަކީ ނޫނެކެވެ. ގާނޫނުއަސާސީ ބަދަލެއް ނުކުރެ އެވެ.
މި ސަރުކާރުން އެކަން ކުރާ ގޮތް ސާފު ވާނީ މިހާރުގެ ޓޫރިޒަމް ގާނޫނުގައި އެކަން އޮންނަ ގޮތާއި 99 އަހަރުން ފަހުން ދެން ވާނެ ގޮތް ވަރަށް ރަނގަޅަށް އެނގިގެންނެވެ.
99 އަހަރަށް، އުމުރަށް
މޭ 16، 1999 ގައި ޓޫރިޒަމް ގާނޫނު އައި އިރު ބޭރު ފަރާތްތަކަށް ރަށްތައް ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 25-35 އަހަރާ ދެމެދެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2010 ވަނަ އަހަރު އެ މުއްދަތު 50 އަހަރަށް ބަދަލު ކުރެއްވި އެވެ. ފަހުން ޔާމީންގެ ވެރިކަމުގައި އިތުރު ޝަރުތުތަކާއެކު 99 އަހަރަށް ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތް ހެދި އެވެ.
އެއީ ބޭރު ފަރާތަކަށް ތަނެއް ދޫކުރުމަށް ގާނޫނުއަސާސީން ހުއްދަ ކުރާ އެންމެ ދިގު މުއްދަތެވެ.
251 ވަނަ މާއްދާގެ (ށ) - ރާއްޖެއިން އެއްވެސް ބައެއް ބޭރު ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް.
ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި މިވަގުތު 99 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ 66 ރަށް/ފަޅު އެބަ ހުއްޓެވެ. ސުވާލަކީ އެ މުއްދަތު ހަމަވާ ހިސާބުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟
ޓޫރިޒަމް ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ ސަރުކާރަކު ރިސޯޓަކާއެކު ހަދާފައިވާ އެގްރީމެންޓުގެ މުއްދަތު ހަމަވުމުން އެ ރިސޯޓެއް ހިންގަމުން އައި ފެންވަރުގައި އެ ރަށެއް ސަރުކާރާ ހަވާލުކުރަން ޖެހޭނެ އެވެ. އެކަމަކު އެއް ޝަރުތެއް އޮވެ އެވެ.

އެއީ އެ ރިސޯޓެއް ސަރުކާރާ ހަވާލު ކުރުމުން އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ޖެހޭ އަގު ދެ އަހަރުގެ ތެރޭގައި ސަރުކާރުން އެ ރިސޯޓުގެ ވެރިންނަށް ދޭން ޖެހޭނެ އެވެ.
ރިސޯޓަކަށް އެތައް ސަތޭކަ މިލިއަން އިންވެސްޓު ކުރާ އިރު ރަށެއް އަނބުރާ ހޯދަން ސަރުކާރުން އެވަރު ދައްކަން ޖެހުމަކީ ބޮޑު ބުރައަކަށް ވާނެ ކަމެއް ކަން ގާނޫނު ލިޔުނު ފަރާތްތަކަށް ވެސް އެނގެ އެވެ. އެހެންވެ އެ މާލީ ބުރަ ސަރުކާރުގެ ކޮނޑުން ނަގަން އިތުރު ދެ ގޮތެއް އޮތީ ހިމަނައިފަ އެވެ.
އެއް ގޮތަކީ މާލީ ޒިންމާ އެހެން ބައެއްގެ ބޮލުގައި އެޅުވުމެވެ.
އެއީ އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން މުއްދަތު ހަމަވެގެން ބަޔަކު ދޫކޮށްލާ ރިސޯޓު ސަރުކާރުން އެހެން ބަޔަކަށް ކުއްޔަށް ދީފި ނަމަ އެތަނަށް މީގެ ކުރިން ކޮށްފައިވާ (ސަރުކާރުން ދެ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ) އިންވެސްޓުމަންޓަށް ވީ ފައިސާ އަލަށް އެ ރިސޯޓު ކުއްޔަށް ނަގާ ފަރާތުން ދައްކަން ޖެހޭނެ އެވެ.
ދެވަނަ ގޮތަކީ ސަރުކާރުން އަލުން އެ ރިސޯޓު ކުރިން ހިންގި ފަރާތަށް ދޫކުރުމެވެ.
މިސާލަކަށް ސޮނެވާ ޖާނީ ރިސޯޓު 99 އަހަރު މުއްދަތު ހަމަވުމުން ސަރުކާރުން އެތަން އަލުން އެ މީހުންނަށް ދޭނީ އެވެ. ނުވަތަ ލީސް އާ ކޮށްދޭނީ އެވެ. އެ ހާލަތުގައި އެ މީހުންގެ 99 އަހަރު އަލުން ގުނަން ފަށާނެ އެވެ. އަދި ސަރުކާރަށް ތަން ނުލިބުނަސް މާލީ ބުރައިން ސަލާމަތް ވެވޭނެ އެވެ.
އެހެންވެ ބައެއް ކްރިޓިކްސް ބުނާ ގޮތުން ނަމަ ޓޫރިޒަމް ގާނޫނުން މިހާރު ވެސް އޮތީ ރިސޯޓުތައް 99 އަހަރަށް / އުމުރު ދުވަހަށް ވިއްކައިފަ އެވެ. އެކަމަކު އެ ޗޮއިސް އޮތީ ސަރުކާރުގެ އަތުގަ އެވެ. އެއީ ބޮޑު އަގު ދީފައި އެ ރަށެއް ގަތުން ނޫނީ އަބަދަށް އެހެން ބައެއްގެ އަތުގައި ބާއްވައިގެން ފައިސާ ހޯދުމެވެ.
އެކަމަކު ރަސްމާލެ މަޝްރޫއުގައި ސަރުކާރަށް މި ޗޮއިސް އެބައޮތް ހެއްޔެވެ؟
ރަސްމާލެ އަށް ހިނގާނީ ޓޫރިޒަމް ގާނޫނެއް ނޫނެވެ. އެކަމަށް ސަރުކާރުން ހަދަނީ ރިއަލް އެސްޓޭޓް ގާނޫނެކެވެ. ސަރުކާރަށް 99 އަހަރު ފަހުން އެ ބިންތައް އަތުޖެހޭނެތޯ ނުވަތަ އަނބުރާ ހޯދަން އޮންނާނީ ކޮން ހުރަސް ތަކެއްތޯ ސީދާ އެނގޭނީ އެ ގާނޫނު އޮންނަ ގޮތަކުންނެވެ.
އެކަމަކު މިހާތަނަށް ތިލަވެފައިވާ ވާހަކަތަކަށް ބަލާއިރު ސަރުކާރުގެ ވިސްނުން ހުރީ ނިމުމެއް ނުވާ ގޮތަށް 99 އަހަރަށް އެތަން ދިނުމެވެ.
ރަސްމާލެ އިން މީހަކު ގެއެއް ގަތުމުން ސަރުކާރުން އެ މީހާ އަށް އެތަން ދޫކުރާނީ 99 އަހަރަށް ކުއްޔަށެވެ. އޭގެ 30 އަހަރު ފަހުން އޭނާ އެތަން އެހެން ބަޔަކަށް ވިއްކައިފި ނަމަ ނުވަތަ އެތަން އެހެން މީހަކަށް ވާރުތަވެއްޖެ ނަމަ ކުލީގެ މުއްދަތުގައި ބާކީ އޮންނާނީ 69 އަހަރެވެ. ނަމަވެސް ސަރުކާރާއި އީގަލްސް ހިލްސްގެ ވިސްނުން ހުރީ ތަނުގެ ވެރިޔާ ބަދަލުވާ ހިސާބުން އަލުން 99 އަހަރަށް އެތަން ކުއްޔަށް ދިނުމަށެވެ.

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް ސަރުކާރުން ނިންމީ ޕްރޮޕަޓީގެ އަގު ހިފެހެއްޓުމަށެވެ. އެ ނޫން ނަމަ ޕްރޮޕަޓީގެ އޯނާޝިޕް މުއްދަތު ކުރުވުމުން އަގު ވެސް ދަށް ވާނެ އެވެ. އަދި މީހުން އެތަނުން ގެއެއް ނުގަންނާނެ އެވެ. އެހެންވެ ވިޔަފާރި ނުވެ ދައުލަތާއި އީގަލްސް ހިލްސް އަށް ލިބެން ޖެހޭ އާމްދަނީއެއް ނުވަންނާނެ އެވެ.
އެހެންވެ އޭގެ ބަދަލުގައި ވެރިއެއް ބަދަލުވާ ކޮންމެ ފަހަރު 99 އަހަރުގެ އާ ލީސްއެއް ދިނުމުން ތަނުގެ އަގު ދަށް ނުވެ ހިފެހެއްޓޭނެ އެވެ.
އެކަމަކު މީގެ އާހިރު ނަތީޖާއަކަށް މިވަނީ ގާނޫނުއަސާސީން މަނާކޮށްފައި އޮތް ކަމުގައިވީ ނަމަވެސް ބޭރު ބަޔަކަށް ތަނެއް އުމުރު ދުވަހަށް ދިނުން ނޫން ހެއްޔެވެ؟ ދިވެހިންގެ އަތަށް ދެން އެ ބިން ނުލިބޭ ގޮތަކަށް ދިނުމަކީ ގާނޫނުއަސާސީގައި ތަނެއް މިލްކު ކޮށް ނުދެވޭނޭ ލިޔުނު ނިޔަތާ މުޅިން ހިލާފަށް ކުރާ ކަމެއްތޯ ސުވާލު އުފެދެ އެވެ.
މި ވަންނަނީ 251 ވަނަ މާއްދާގެ ބާގަނޑަކަށް
ގާނޫނުއަސަސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މުޣައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ މާއްދާއެއްގެ ނިޔަތް "ބައިޕާސް" ކުރާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރު ބަޔަކަށް ބިން މިލްކު ނުކުރެވޭ ގޮތަށް ލިޔުނީ ވަރަށް ބޮޑު މަގްސަދެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ސަބަބަކީ އިބްރާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބިން ކުޑަވުމެވެ.
"ދިވެހިރާއްޖޭގައި ނިސްބަތުން ސްކެއާސް އެއްޗެއް ލޭންޑަކީ. ރާއްޖޭގެ ލޭންޑް އެހާ މަދު އިރު އޭތި ޕްރޮޓެކްޓު ކުރަން އެބަޖެހޭ އަންނަން އޮތް ޖީލުތަކަށް ވެސް. މިވަގުތު އެ ބިން 99 އަހަރަށް ލޮކް ކޮށްފައި ދިނީމަ އަހަރުމެންގެ ދަރިންނާއި އެ މީހުންގެ ދަރިންނަށް ކިހިނެތް ހަދަނީ؟" އިބްރާ ވިދާޅުވި އެވެ. "ރިސޯޓުތައް މާލެ އާ ދުރު، އެކަމަކު އެތަންތަނަށް ވެސް ވެފަ އެ ހުރީ އެހެން."
އެ މާއްދާ އެގޮތަށް ލިޔުނު ދެވަނަ ސަބަބަކީ އިބްރާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ނުފޫޒާއި އިންޓަނޭޝަނަލް ގާނޫނުތައް އަރާ ހަމާ ކޮށްފާނެ ކަމަށް ބަލައިފަ އެވެ.
ރާއްޖޭގެ މާލިއްޔަތާއި އިގްތިސާދީ ބާރަށް ވުރެ ބޮޑެތި މަލްޓި ނޭޝަނަލް ކޯޕަރޭޝަންތަކުގެ ބާރު ގަދައިރު އޭގެން މީހަކު އައިސް ރާއްޖެއިން ބައެއް "ގަނެލަން" ފުރުސަތު ނުދިނުމަކީ ވެސް އެއް ބޭނުން ކަމަށް އިބްރާ ވިދާޅުވި އެވެ.

"އެ މީހުންގެ ރެވެނިއު ބޮޑު ވާނެ އަހަރުމެންނަށް ކުރިޔަށް އޮތް 50 އަހަރަށް ލިބެން އޮތް އާމްދަނީ އަށް ވުރެ، އެ ކަހަލަ މީސް މީހުން އައިސް ފައި ހިއްޕީމަ ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ބަޔަކު އެއް ތަނެއްގައި ގަރުނެއްހާ ދުވަހު އާބާދުވާން ފުރުސަތު ދޭއިރު މީގެ 50 ހަކަށް އަހަރު ފަހުން އެ މީހުންގެ ނުފޫޒާއި ބާރުން ލޮބީ ކޮށްގެންނާއި އަޑުގަދަ ކޮށްގެން ބައިނަލްއަގުވާމީ ގާނޫނުތައް ރާއްޖެ އާ އަރައި ހަމަ ކުރުމުގެ ބިރު އޮތް ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"އެ މީހުން ވަކި ވަރަކަށް ރާއްޖޭގައި އުޅުނީމަ އިންޓަނޭޝަނަލް ލޯ އިން ބުނާނެ އެ މީހުންނަށް ސިޓިޒަންޝިޕް ހައްގު ވާނެ ކަމަށް، ދެން އެ ނުދީފި ނަމަ ރާއްޖެ އަށް ބޭރުގެ ސެންކްޝަންސްތައް ވެސް އަޅާނެ، ފިޔަވަޅު އަޅައި ފިއްތާނެ، ރާއްޖެ އަށް ކެތް ނުވެގެން ދެން ޖެހޭނީ ކޮމްޕްރަމައިޒް ކުރަން." އިބްރާ ވިދާޅުވި އެވެ.
"އެހެރަކަހަލަ ބައިވަރު ކަންކަމަށް ވިސްނައި އެތައް އަހަރެއް ވަންދެން ދިރާސާކޮށް ލިޔެފައި އޮތް މާއްދާތަކެއް މިއީ. މިހެން އަންނަ ބަޔަކު އެއް ދުވަހުން ބަދަލުކޮށް ނުލެވޭނެ މިކަންކަން."
އިބްރާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ލޫޕް ހޯލްއެއް ބޭނުން ކޮށްގެން މިކަން ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ގާނޫނުއަސާސީ ކިޔަން ޖެހޭނީ އެންމެ މާއްދާއަކުން އެކަންޏެއް ނޫނެވެ. ގާނޫނުއަސާސީގައި އެކަނި ކިޔޭނެ މާއްދާތައް ވަރަށް މަދު ވާނެ ކަމަށާއި 250 ވަނަ މާއްދާއަކީ އެފަދަ މާއްދާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"251 ވަނަ މާއްދާގެ އިތުރުން ކިތަންމެ މާއްދާއެއް އެބަހުރި، އެ ހުރިހާ މާއްދާއެއް އެކީގައި ބަލައިގެން ނޫނީ ގޮތެއް ނުހެދޭނެ. އެ މާއްދާތަކަށް ބަލާއިރު މިއީ މިގޮތަށް ކުރެވޭނެ ކަމެއް ނޫން. ގާނޫނުއަސާސީ ޖުމްލަކޮށް ބެލީމަ ފެންނަނީ މިއީ ދިވެހި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަނީ ކަމަށް،" އިބްރާ ވިދާޅުވި އެވެ.
ރަސްމާލެ ގަރުނެއް ފަހުން
ގަރުނެއް ފަހުން ތަނެއްގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް އައިސްފައި ހުންނާނެ ބަދަލުތައް ސީދަލަށް ލަފާ ކޮށްލަން އުނދަގޫ ވާނެ އެވެ. އެކަމަކު ދުނިޔޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ހިނގާ ގައުމުތަކާއި ބޭރު މީހުންނަށް ދިރިއުޅުމުގެ ފުރުސަތު ދީފައި ހުންނަ ގައުމުތަކުގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ދެން އެންމެ މުހިންމު ސުވާލެއް ގުޅެނީ ސިޓިޒެންޝިޕްގެ ވަށަ އެވެ.
މި މަޝްރޫއު ލީޑް ކުރާ މުއްތަލިބް ޔަގީން ކަން އަރުވާ ކަމަކީ ރަސްމާލެ މަޝްރޫއުގެ ދަށުން ގެ ގަންނަ އެއްވެސް ފަރާތަކަށް ރާއްޖޭގައި ހުރެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ އެއްވެސް ބާރެއް އީގަލްސް ހިލްސް އަކަށް ނޯންނާނެ ކަމެވެ. ރާއްޖޭގައި ހުރެވޭނެ ފަރާތްތަކާއި ހުރެވޭނެ މުއްދަތު ކަނޑައަޅާނީ ސަރުކާރުންނެވެ. ސަރުކާރުން ބޭނުން ވެއްޖެ ނަމަ ވިސާ ބާތިލްކޮށް އެ ބަޔަކު ފޮނުވާލެވިދާނެ އެވެ.

ސަރުކާރުގެ ވިސްނުން ހުރީ އެ ފަރާތްތަކަށް ހާއްސަ ކޯޕަރޭޓް ވިސާއެއް ދިނުމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތައާރަފް ކުރި ވިސާއެކެވެ. އޭރު ނިންމާފައި އޮތް ގޮތުން ވަކި އަދަދަކަށް އިންވެސްޓު ކުރާ ފަރާތްތަކަށް ރާއްޖެއިން ފަސް އަހަރުގެ ރެސިޑެންސީ ވިސާއެއް ލިބެ އެވެ. ރަސްމާލެ މަޝްރޫއަށް އިންވެސްޓު ކުރާ ފަރާތްތަކަށް އެ ވިސާ ދޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެ އެވެ.
"ހަމަ ގައިމު ވެސް ރައްޔިތުކަމެއް ނުދޭނަން،" މުއްތަލިބް އޭނާގެ ލިންކްޑިންގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިދައްކަނީ ދުރުރާސްތާގައި ޕޮލިޓިކަލް ކްލައިމެޓާއި ސިޔާސަތަށް އަންނަ ބަދަލުތަކުން މަހުޖަނުންނާއި ލޮބީ ގްރޫޕްތަކުގެ ނުފޫޒަށް ސަރުކާރު ލެނބޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ މީގެ 50 އަހަރު ފަހުން ރަށްވެހިކަން ހޯދުމާއި ވޯޓުލުމާއި އެހެނިހެން ސިޔާސީ އަދި ސިވިލް ރައިޓްސް ހޯދަން ވަކާލާތު ކުރާ ހިސާބަށް ގޮސްދާނެ ހެއްޔެވެ؟ ސޮއި ކުރުމުގެ މިކަންކަމަށް ރިއާޔަތް ކުރާނީ ކިހާ ވަރަކަށް ހެއްޔެވެ؟