ކްލެއިމް 1: އީގަލްސް ހިލްސްގެ ވެރިޔާ މުހައްމަދު އަލްއައްބާރަކީ ޒައިނިސްޓެއް
ރަސްމާލެ މަޝްރޫއާ ގުޅުވައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ ކަމަކީ އަލްއައްބާރަކީ ޒައިނިސްޓެއް ކަމަށް ކުރާ ތުހުމަތެވެ. މިކަމާ ގުޅުވައި ސޯޝަލް މީޑިއާ ބޮޑެތި ކެމްޕެއިންތައް ހިނގަމުން އަންނަ އިރު މުޅި މަޝްރޫއު ސިފަ ކޮށްފައި މި ވަނީ ޒައިނިޒަމް ޕްރޮޖެކްޓެއް ގޮތުގަ އެވެ. ސަބަބެއް ކަމުގައި ބުނަނީ އަލްއައްބާރު ޒައިނިސްޓަކަށް ވާތީ އެވެ. އެކަމަށް ބާރު ދޭން ދައުރު ކުރާ އެންމެ ބޮޑު އެއް ހެއްކަކީ ޔަހޫދީންގެ ކައިވެނި ޕާޓީއެއްގައި އަލްއައްބާރު ބައިވެރިވި ވީޑިއޯ އެވެ.
ވާޑިކްޓް: އެއްބައި ތެދު. އަލްއައްބާރާއި އިޒްރޭލުގެ ސަރުކާރާއި މީގެ ކުރިން އޮތް ގުޅުންތަކާއި ޔޫއޭއީގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަބްރަހަމް އެކޯޑްސް އަށް އޭނާ ވަކާލާތު ކޮށްފައިވާތީ އަލްއައްބާރަކީ ޒައިނިޒަމް އަށް ބާރު ލިބޭ ކަންކަމުގައި ބައިވެރިވާ ފަރާތެއް ކަމަށް ބުނުމަކީ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވެ އެވެ. ނަމަވެސް އޭނާ މިހާތަނަށް ފާޅުކަން ބޮޑުކޮށް ޒައިނިޒަމް ފިކުރަށް ތާއީދު ކޮށްފައެއް ނުވެ އެވެ.
ފެކްޓް: އެ ވީޑިއޯގައި ފެންނަނީ ސެޕްޓެމްބަރު 14، 2022 ގައި އަބޫދާބީގެ ހިލްޓަންގައި ބޭއްވި ޔޫއޭއީގެ ޗީފް ރަބައި ލެވީ ޑަޗްމަން އާއި ލިއާ ހަދާދުގެ ކައިވެނީގެ ހަފުލާ އެވެ. އެ ހަފްލާއަކީ ޔޫއޭއީ އާއި އިޒްރޭލް ދެމެދު ގުޅުން ނޯމަލައިޒް ކުރުމަށް 2022 ގައި ސޮއި ކުރި "އަބްރަހަމް އެކޯޑްސް" އެއްބަސްވުމަށް ދެ އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް ބޭއްވި ހަފްލާއެކެވެ.
1،500 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ހަފުލާގައި ޖަޕާނާއި ސައުތު ކޮރެއާ އަދި ފިންލޭންޑް ފަދަ ގައުމުތަކުން 20 އަށްވުރެ ގިނަ ސަފީރުންނާއި ޔޫއޭއީ ސަރުކާރާއި ބޭރުގެ މަންދޫބުން ބައިވެރިވި އެވެ. އޭގެ އިތުރުން ކްރިސްޓިއަނުންނާއި ބުދު ދީންތަކުގެ އިސް ލީޑަރުން ވެސް އެ ހަފްލާގައި ބައިވެރިވި އެވެ.
އެ ހަފްލާގައި ކުރިޔަށް ގެންދިޔަ ކަމަކީ ޔަހޫދީ ކައިވެނިތަކުގައި އޮންނަ "ޝެވާ ބްރަކޮޓް" ނުވަތަ "ހަތް ބަރަކާތް" ކިޔުމެވެ. އަލަށް ކައިވެނިކުރި ޔަހޫދީ ދެމަފިރިންނަށް އެ ހުވާތައް ލައިދިނުމަށް ހޮވި ހަތް މެހެމާނުންގެ ތެރެއިން އެކަކީ އަލްއައްބާރެވެ. ވީޑިއޯ އިން ފެންނަނީ އޭނާ އެ ހުވާތައި ލައިދޭ މަންޒަރެވެ.
ތަފްސީލް: މި ކައިވެނި ޕާޓީގައި އަލްއައްބާރުގެ ބައިވެރިވުން އޮތީ އޭނާ އާއި އިޒްރޭލާ މީގެ ކުރިން އޮތް ގުޅުންތަކާއި ޔޫއޭއީ އާއި އިޒްރޭލުގެ ދެމެދު އޮތް ގުޅުންތަކުގެ ސަބަބުންނެވެ. ޔޫއޭއީ-އިޒްރޭލު ރަސްމީކޮށް ނޫނަސް ފަރުދާގެ ފަހަތުން އެތައް ޒަމާންތަކެއް ގުޅުން އޮންނަ ކަމަށް ތުހުމަތުތައް ކުރެވުމަށް ފަހު ރަސްމީކޮށް ގުޅުން ގާއިމް ކުރީ 2020 ވަނަ އަހަރު އަބްރަހަމް އެކޯޑްސްގައި ސޮއި ކޮށްގެންނެވެ.
އަބްރަހަމް އެކޯޑްސް އަށް ތާއީދު ކުރުމަކީ ޒައިނިސްޓަކަށް ވުން ހެއްޔެވެ؟
ޒައިނިޒަމް އަކީ ނުވަތަ ސަހްޔޫނީ ފިކުރަކީ ފަލަސްތީނަކީ ޔަހޫދީންގެ ކާބަފައިންގެ ވަޒަން ކަމަށް ބަލައި، އެ ބިމުގައި ޔަހޫދީންގެ އަމިއްލަ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާ ސިޔާސީ ހަރަކާތެކެވެ. އަލްއައްބާރު މިހާތަނަށް އެ ހަރަކާތަށް ސީދާކޮށް ތާއީދު ކޮށްފައި ނުވެ އެވެ. ނަމަވެސް މެދުއިރުމަތީގެ ގިނަ އެނަލިސްޓުން ގަބޫލު ކުރާ ގޮތުގައި އަބްރަހަމް އެކޯޑްސް އަށް ތާއީދު ކުރުމަކީ ޒައިނިސްޓު ހަރަކާތަށް ބާރު ދިނުމެވެ.
އަރަބި ގައުމުތަކުން އެމެރިކާ އާއި ޔޫރަޕާ ގާތް ގުޅުމެއް ބާއްވަން ކުރާ މަސައްކަތަށް އެޅިފައި އޮތް އެންމެ ބޮޑު ހިޔަންޏަކީ އިޒްރޭލެވެ. އިޒްރޭލާ ގުޅުން ނޯމަލައިޒް ކުރަން އެމެރިކާ ފަދަ ގައުމުތަކުން ކުރާ ޑިމާންޑުތަކަށް އަރަބިން ޒަމާނުއްސުރެ އެއް ޖަވާބެއް ދެ އެވެ. އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވެންދެން އިޒްރޭލާ އެކު އެއްވެސް ސުލްހައިގެ އެއްބަސްވުމެއް ނޯންނާނެ އެވެ. ނަމަވެސް "އަބްރަހަމް އެކޯޑްސް" އާއެކު އެ އުސޫލު ވަނީ މުގުރާލާފަ އެވެ.
އިޒްރޭލާ އެކު ސުލްހައާއި ވިޔަފާރީގެ އެއްބަސްވުންތައް ދުރާލާ ގާއިމުކުރުމަކީ ތަޖުރިބާކާރުން ބުނާ ގޮތުން އަރަބި ގައުމުތަކުގެ އަތުގައި އޮތް ލެވަރޭޖް ދޫކޮށްލުމެވެ. މުސްލިމް އުންމަތަށް ބޭވަފާތެރިވުމެވެ. ސަބަބަކީ ފަލަސްތީނަށް ހައްލެއް ނުލިބެނީސް ޔަހޫދީންނާ ގުޅުން ގާއިމް ކުރުމުން ފަލަސްތީނުގެ ބިންތައް އިޒްރޭލުގެ ބާރުގެ ދަށުގައި ދެމެހެއްޓުމަށް މަގުފަހިވެ އެވެ.
އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ ޒައިނިޒަމް އަށް މަގުފަހި ކުރުވުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ މިހެންވެ އެވެ. އަދި އަލްއައްބާރަކީ އަބްރަހަމް އެކޯޑްސް އަށް ތާއީދުކޮށް އެކަމަށް ފާޅުގައި ވަކާލާތު ކުރެއްވި މީހެކެވެ. ޔޫއޭއީގެ އެ ސިޔާސަތުތަކާ އޭނާ ދެކޮޅެއް ނުވެ އެވެ.
އަލްއައްބާރާއި އިޒްރޭލުގެ ގުޅުމުގެ ތާރީހު
- 2005: ޔޫއޭއީ އާއި އިޒްރޭލު ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކުރުމުގެ 15 އަހަރު ކުރިން، އަލްއައްބާރު ވަނީ ފަލަސްތީނަށް ދަތުރުކޮށް އިޒްރޭލުގެ ބޮޑުވަޒީރު އެރިއަލް ޝެރޯން އަދި ނައިބު ބޮޑުވަޒީރު ޝިމޯން ޕެރޭޒްއާ ބައްދަލުކޮށްފަ އެވެ. މި ދަތުރާ ގުޅިގެން އެ ދުވަސްވަރު އަރަބި ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
- 2021: އިޒްރޭލު މީޑިއާ އަކުން ހެދި އިންވެސްޓިގޭޓިވް ރިޕޯޓަކުން ހާމަވި ގޮތުގައި، އަލްއައްބާރު ވަނީ 2018 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ އިންސާނީ އެހީތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބޮޑު ޖަމިއްޔާއެއް ކަމަށްވާ "ޕިޗޮން-ލެވް" އަށް ސިއްރިއްޔާތުގައި ފައިސާގެ އެހީ ދޭން ފަށާފަ އެވެ. އަދި އެ ޖަމިއްޔާގެ އިސްވެރިން ވެސް ފަހުން ހާމަކުރި ގޮތުގައި އެ ގައުމުގެ ފަގީރު އާއިލާތަކަށާއި "ހޮލޯކޯސްޓް" އިން ސަލާމަތްވި މީހުންނަށް އެހީވުމަށް އަލްއައްބާރު ވަނީ އެތައް މިލިއަން ޑޮލަރެއް ހަދިޔާކޮށްފަ އެވެ.
- 2020: އަބްރަހަމް އެކޯޑްސް އަށް ފަހު، ޔޫއޭއީ އާއި އިޒްރޭލު ދެމެދު އިގްތިސާދާއި ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ބަދަހި ގުޅުމެއް ގާއިމުކުރުމަށް އަލްއައްބާރު ވަނީ ފާޅުގައި ބާރުއަޅުއްވާފަ އެވެ. އިމާރު ޕްރޮޕަޓީޒް އަދި އެމެރިކާނާ ގްރޫޕް ފަދަ ބޮޑެތި ކުންފުނިތަކުގެ ޗެއާމަންގެ ހައިސިއްޔަތުން އޭނާ ވަނީ ޔޫއޭއީ އާއި އިޒްރޭލުގެ ވިޔަފާރި ފޯރަމްތަކާއި ދެ ގައުމު ގުޅިގެން ހިންގާ ވިޔަފާރި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.
ކްލެއިމް 2: ރަސްމާލޭގައި އިޒްރޭލު މީހުން އާބާދު ކުރަނީ
ސޯޝަލް މީޑިއާ އާއި އިދިކޮޅު ޖަލްސާތަކުގައި އެންމެ ގަދަ އަށް ދައްކާ ދެވަނަ ވާހަކައަކީ މިއީ އެވެ. ރަސްމާލެ މަޝްރޫއުގެ ތެރެއިން ސަރުކާރުން ކުރަން އުޅޭ ކަމަކީ ރަސްމާލޭގައި އިޒްރޭލުގެ ރައްޔިތުން އާބާދު ކުރުމެވެ.
ވާޑިކްޓް: ދޮގު. އީގަލްސް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއުގައި އެއްވެސް ޕްރޮޕަޓީއެއް އިޒްރޭލުގެ ރައްޔިތަކަށް ވިއްކުން މަނާ ވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު އާއި މި މަޝްރޫއު ލީޑް ކުރައްވާ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ކޮމާޝަލް ޓާމްސް އެގްރީމަންޓާއި މަޝްރޫއުގެ ބޮޑު އެއްބަސްވުން އަދި ހާމަ ނުކުރާތީ އޭގައި އެ ވާހަކަތައް ހިމަނާފައި އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފެކްޓް: އިޒްރޭލުގެ ފަތުރުވެރިން އައުން ހުއްޓުވަން އެ ގައުމުގެ ޕާސްޕޯޓު އިމިގްރޭޝަނުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިޒްރޭލުގެ ރައްޔިތުންނަކީ އެހެން ގައުމުތަކުން ފަލަސްތީނަށް ހިޖުރަ ކޮށްފައިވާ ބަޔަކަށް ވާތީ ގިނަ މީހުންގެ އަތުގައި ޑުއަލް ސިޓިޒެންޝިޕް އަދި ދެ ގައުމެއްގެ ޕާސްޕޯޓެއް އޮވެ އެވެ. އެހެންވެ ދެވަނަ ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖެ އަށް އަދިވެސް ވަދެ އެވެ.
ނަމަވެސް މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ތެރެއިން ގެއެއް ގަތުމުގެ ކުރިން ޕާސްޕޯޓުގެ އިތުރުން އެ މީހެއްގެ ސިޓިޒެންޝިޕް ސްކްރީނިންއެއް ހަދާނެ އެވެ. އިޒްރޭލާ ގުޅުން އޮތް ކަމަށް ވާނަމަ ރަސްމާލެ އިން ގެއެއް ގަތުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ބަސް: އިޒްރޭލް މީހެއްތޯ ބަލާނެ ގޮތްތައް
- މިލްކުވެރިކަމުގެ ހުރިހާ މަރުހަލާއެއްގައި އިޒްރޭލުގެ ރައްޔިތުން އިސްތިސްނާކުރުން: އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އިޒްރޭލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް، މުދާ ގަންނަ ފަރާތެއްގެ ގޮތުގައި އާއި މަންފާލިބޭ ހަގީގީ މިލްކުވެރިއެއްގެ ގޮތުގަ އާއި ހިއްސާދާރެއްގެ ގޮތުގަ އާއި ފައިސާ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އެޖެންޓެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
- މުދާ ގަންނަ ކޮންމެ ފަރާތަކުންނާއި މަންފާލިބޭ ހަގީގީ މިލްކުވެރިން، އެމީހަކު މިހާރު ގެންގުޅޭ ނުވަތަ ކުރިން ގެންގުޅުނު ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކޮށް އިގުރާރުވާންޖެހޭނެ އެވެ. ދޮގު މައުލޫމާތު ހިމަނައިގެން އިގުރާރުވެއްޖެނަމަ، ކުލީގެ އެއްބަސްވުން ބާތިލުވެ، އެ މުދަލެއް އަނބުރާ ދައުލަތަށް ނެގޭނެއެވެ. އަދި އެ މުދާ ގަތުމަށް ދެއްކި ފައިސާ ދައުލަތަށް ހިފެހެއްޓުމުގެ އިހުތިޔާރު އޮންނާނެއެވެ. މި މަރުހަލާތައް ކޮންމެ ފަހަރަކު މިލްކުވެރިކަން ބަދަލުވާއިރު ތަކުރާރުކުރެވޭނެއެވެ.
- އިންވެސްޓަރުންނަށް ލިބޭނީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ތައާރަފުކުރި "ކޯޕަރޭޓް ރެސިޑެންޓް ވިސާ" އެވެ. އެ ވިސާ އަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސިޔާސަތާއި މަތީގައި ސްކްރީންކުރުމުގެ އުސޫލު ހިނގާނެއެވެ. މުދަލެއް މިލްކުކުރުމަކީ، އެފަރާތަކީ ޝަރުތު ހަމަވާ ފަރާތެއް ކަމުގައި ވީނަމަވެސް، ދާއިމީ ރެސިޑެންސީ ނުވަތަ ރައްޔިތުކަން ލިބޭނެ ކަމެއް ނޫނެވެ.
މިއީ މިހާތަނަށް މި މައްސަލާގައި ސަރުކާރުން ހާމަ ކޮށްފައިވާ ކަންކަމެވެ. މީގެ އިތުރުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން؛
"އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން ނުވަތަ ރާއްޖޭގައި ހުރުން މަނާ ފަރާތްތަކަށާއި އިޒްރޭލުގެ ރައްޔިތުންނަށާއި އިޒްރޭލުގެ ހިއްސާ އޮންނަ ކުންފުނިތަކަށް [ރަސްމާލެ އިން ޕްރޮޕަޓީ] ނުގަނެވޭނެ އެވެ."