މިދިޔަ ހުކުރު ވިލޭރޭ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީން އަދި މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް އެއް މޭޒަކަށް ވަޑައިގެން އަތުގުޅާލެއްވި އެވެ. ސިޔާސީ ގޮތުން މިވަރުގެ ކަމެއް ކުރަން ތިން ބޭފުޅުން އެއްބަސްވެވަޑައިގަތް ސަބަބެއް ކަމަށް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ބިރުވެރި ހާލަތަކަށް ވެއްޓިފައި އޮތުމެވެ.
އެ ވިދާޅުވީ ވަރަށް ބޮޑު ހަގީގަތެކެވެ؛
އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އަތް ނުލައި އެތައް ދުވަހެއް އޮތުމަށް ފަހު ކައުންސިލް އިންތިހާބު ނިމުމާއެކު ވަގުތުން އެ މީޑިއާ ރެއިޑް ކުރި އެވެ. އެ އޮފީހުގައި ހުރި ހާޑްވެއާތައް ފުލުހުން ގެންދިޔަ އެވެ.
އެ މައްސަލާގައި ދެ ނޫސްވެރިއެއްގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލައި ޝަރީއަތް ކުރަން ފަށައިފި އެވެ. އަދި އެ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާ އަދި ނުސީދާ ގޮތުން ދެއްކުން މަނާ ކުރަން ގެގް އޯޑާއެއް ވެސް ނެރެފި އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބުނެ ރައީސާ ސުވާލު ކުރި ނޫސްވެރިޔާ 15 ދުވަހަށް އަދި އެ ހަބަރު ލިޔުނު ނޫސްވެރިޔާ 10 ދުވަހަށް ޖަލަށް ލައިފި އެވެ.
ނޫސްވެރިކަން ކޮށްގެން އެންމެ ފަހުން ނޫސްވެރިން ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އޭރު ގާނޫނުއަސާސީން އެ މިނިވަންކަމެއް ދީފައި ނެތެވެ. އާ ގާނޫނުއަސާސީން މިނިވަންކަން ލިބިފައި އޮއްވައި މިވަރަށް ނޫސްވެރިން ފިއްތާލައި ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމުން ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝާ ކުރަން ކުރީގެ ރައީސުން އެކުގައި ނުކުތުމަކީ އެއް ގޮތަކުން ބަލާނަމަ ރަނގަޅެކެވެ.
އެކަމަކު މީގެ އަނެއް ކޮޅަށް ވެސް ބަލައި އޭގެން ފިލާވަޅެއް ލިބުން މުހިންމެވެ.
އެއީ އެ ބައްދަލުވުމަށް ފަހު ރާއްޖޭގެ ސީނިއާ ދެ ނޫސްވެރިއެއްގެ އަތުގައި ތިން ރައީސުން ހިއްޕަވައި އެކުގައި ތިބި ކަމަށް ވިދާޅުވުމަކީ ވެސް ސިޔާސީ ގޮތުން އާ އުކުޅެއް ނޫނެވެ. ތާރީހު ދައްކަނީ ވެރިކަމަށް އަންނަން ނޫސްވެރިންގެ އަތުގައި ހިފުމާއި ވެރިކަމަށް އަންނަ ގޮތަށް ނޫސްވެރިންގެ "ކަރުގަ ހިފި" މަންޒަރެވެ. މިއީ އޭގެ ކުޑަ ޓަައިމް ލައިނެކެވެ.
ޓައިމްލައިން
1978-2008 | ރައީސް މައުމޫން
ރައީސް މައުމޫންގެ ވެރިކަމުގައި ނޫސް މަޖައްލާތައް، ޅެމެއް ނުވަތަ ފާޅު ކުރާ ހިޔާލަކާ ހެދި އެ މީހަކު ޖަލަށް ލުމަކީ ވަރަށް އާދައިގެ ކަމެކެވެ. އެގޮތުން 1990 އަހަރުތަކުގެ ކުރީކޮޅު ނެރުނު "ސަންގު މަޖައްލާ އާއި "ފަތަހަ" ފަދަ މަޖައްލާތައް ސަރުކާރުން ބަންދު ކުރި އެވެ. އަދި އޭގެ ނޫސްވެރިން ޖަލަށް ވެސް ލި އެވެ.
އޭގެ އިތުރުން ޝާއިއުކުރާ ހުރިހާ ފޮތްތަކާއި، މަޖައްލާތަކާއި، ނޫސްތަކެއް ނެރުމުގެ ކުރިން ސަރުކާރުގެ އިންފޮމޭޝަން މިނިސްޓްރީ އަށް ދައްކައި ހުއްދަ ހޯދަންޖެހެ އެވެ. ސަރުކާރަށް ފާޑުކިޔާ ނަމަ އެ ބައިތައް އޮންނާނީ ސެންސަރު ކޮށްފަ އެވެ.
ޓީވީ އާއި ރޭޑިއޯގެ ހިދުމަތް އޮތީ ހަމައެކަނި ދައުލަތުގެ ކޮންޓްރޯލް ކުރާ ގޮތަށެވެ. އެހެން ޓީވީ ސްޓޭޝަންތައް ހިންގުމުގެ ހުއްދަ ދިނީ 2007 ގަ އެވެ.
އޭގެ އިތުރުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި އިންޓަނެޓް ތައާރަފްވުމުން، ސަރުކާރަށް ފާޑުކިޔައި "ސަންދާނު" ފަދަ އީ މަޖައްލާތައް ނެރުނު މީހުން ހޯދައި، އެމީހުންގެ މައްޗަށް ބޮޑެތި ޖިނާއީ ކުށްކުށުގެ ދައުވާ އުފުލައި އުމުރަށް ޖަލަށްލާން ވެސް ހުކުމްކުރި އެވެ.
2008-2012 | ރައީސް ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތީ އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ކަށަވަރުވި ހިސާބުންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގައި ދިޔަ ބައެއް ކަންކަމުގެ ސަބަބުން އެ ދާއިރާ އަށް ދާއިމަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
ތަޖުރިބާކާރު ބައެއް ނޫސްވެރިން ބުނާ ގޮތުގައި އެއް ކަމަކީ ސަރުކާރުން ނޫސްތަކަށް އިއުލާން ދިނުން ހުއްޓާލައި ގެޒެޓު ތައާރަފް ކުރުމެވެ. އޭރު އޮތް ހަވީރު ނޫހާއި އަމިއްލަ ނޫސްތަކަށް މާލީ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އައީ ސަރުކާރުގެ ރަސްމީ އިއުލާންތަކުންނެވެ. އެ ހުއްޓާލައިފި ނަމަ މީޑިއާތަކަށް މާލީ ގޮތުން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެ އަޑެއް ސަރުކާރުން ނޭހި އެވެ.
ނަޝީދު ސަރުކާރުން އެކަން ޖަސްޓިފައި ކުރި ގޮތަކީ ސަރުކާރުން ފައިސާ ދީގެން ނޫސްތައް "ސަބްސިޑައިޒް" ކުރުމަކީ މިނިވަން ނޫސްވެރިކަމެއްގެ ސިފައެއް ނޫން ކަމަށް ބުނެ އެވެ. އަދި އޭގެ ސަބަބުން 30 މިލިއަނެއްހާ ރުފިޔާ ސަލާމަތް ވާނެ ކަމަށް އެ ސަރުކާރުން ބުންޏެވެ.
އެކަމާ ގުޅިގެން މިއަދާ ހަމައަށް ވެސް މީޑިއާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ މިނިވަންކަން ނެތުމެވެ.
ދެވަނަ އަށް އެންމެ ބޮޑު ފާޑުކިޔުން އަމާޒުވީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ މައްސަލައިގަ އެވެ. ޓީވީއެމްގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރާއި މަޖިލީހާ ދެމެދު ކުރި ހަނގުރާމައިގެ ސަބަބުން އަދި އަދަށް ވެސް ޕީއެސްއެމް ވެފައި އެ އޮންނަނީ "ޕްރޮޕަގެންޑާ ސާވިސް މެޝިން" އަކަށެވެ.
2013 - 2018 | ރައީސް ޔާމީން
ފަހުގެ ތާރީހުގައި ނޫސްވެރިންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ތެރޭގައި؛
- އަބުރުގެ ދައުވާ ޖިނާއީ ކުށަކަށް ހެދުން
- މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން
- ރާއްޖެ ޓީވީގައި ރޯކޮށްލުމުގެ ހާދިސާ ހިނގުން
- ނޫސްވެރިއަކު ގެއްލުނު މައްސަލައިގެ ތަހުގީގަށް އިހުމާލުވުން.
- ނޫސްވެރިންނަށް ދައުވާ އުފުލި ޝަރީއަތް ހިންގުން
- މުޒާޙަރާގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ބަންދު ކުރުން
- ހަވީރު އަދި ސީއެންއެމް ފަދަ މީޑިއާތައް ހުއްޓާލަން ޖެހުން.
- ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކުގެ ލައިސެންސް ބާތިލް ކުރަން އިންޒާރު ދިނުން.
2018 - 2023 | ރައީސް އިބޫ
އެ ހުރިހާ ކަމަކުން ނޫސްވެރިން ސަލާމަތް ކުރުމަށް އަތުގުޅާލައިގެން ވެރިކަމަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމަށް ވަޑައިގަތް ގޮތަށް އަބުރުގެ ގާނޫނު އުވާލި އެވެ. ނަމަވެސް އޭގެ ފަހުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތީ ފިއްތުމެވެ. އެގޮތުން؛
- މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގާނޫނު ފާސް ކުރުން
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ހުރަސް އެޅުން
- މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްތަކާއި އަނިޔާތައް ލިބުން.
- ސަރުކާރުން މީޑިއާތައް ސްޕޮންސާ ކުރުމާއި ރައީސް އޮފީހުން ނުފޫޒު ފޯރުވުން
ރައީސް މުއިއްޒު
މި ސަރުކާރު ވެސް އޭރު އިދިކޮޅުގައި އޮތް އިރު ތިބީ ނޫސްވެރިންނާ އެކީ އެވެ. އަދި ވެރިކަމަށް އައި ގޮތަށް ނޫސްވެރިންގެ ގުންޒަރުގެ ނަމުގައި ބައްދަލުވުމެއް ބޭއްވި އެވެ. އަދި މީޑިއާތަކަށް ފައިސާ ދިނުމަށާއި މީޑިއާ ވިލެޖެއް ހަދަން ވެސް ނިންމެވި އެވެ. ނަމަވެސް އެއާ ވިދިގެން އެތައް ފިއްތުންތަކެއް ވެސް ވަނީ މިއަދާ ހަމައަށް ކޮށްފަ އެވެ.
- ރައީސް އޮފީހުން މީޑިއާ ސްޕޮންސާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވުން.
- ނޫސްވެރިން އިންތިހާ އަށް ކަންބޮޑުވާ ގޮތަށް މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނެއް ފާސް ކުރުން.
- އެ ކޮމިޝަން ބޭނުން ކޮށްގެން ލައިވް ބްރޯޑްކާސްޓު ކުރުން ހުއްޓުވުން.
- ޑޮކިއުމެންޓްރީގެ މައްސަލާގައި މީޑިއާ އަށް ފުލުހުން ފޮނުވުން
- ރައީސް އޮފީހުން ނޫސްވެރިޔާ ނެރެ ފަހުން ޖަލަށްލުން.
- ހަބަރު ލިޔުނު ނޫސްވެރިޔާ ޖަލަށްލުން.
ކޮންމެ ވެރިކަމެއްގައި ނޫސްވެރިންނާއި ނޫސްވެރިކަމަށް މިފަދަ އެތައް ގެއްލުންތަކެއް ދީފައި އެބަހުއްޓެވެ. މިނިވަންކަން ނަގާލައި ނޫސްވެރިން ފިއްތައި "ކަރުގައި ހިފަ" އެވެ. ނަމަވެސް ވެރިކަން ފުރޮޅޭ ހިސާބުން އެ އަމަލުތައް ކޮށްވެރި ކޮށް ދިފާއުގައި ތެދުވެ އެވެ.