ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަނގަ ބަންދުކުރުމުގެ ބާރު ކްރިމިނަލް ކޯޓުގައި އިންނެވި ގާޒީ މުޒައްމިލު ނާސިރަށް ލިބުނީ ކޮން ގާނޫނަކުން ހެއްޔެވެ؟
ޖަވާބު ވަރަށް ސާފެވެ؛ އެ ބާރެއް އެއްވެސް ގާނޫނަކު ނެތެވެ.
"ކޯޓުތަކަކީ ރައްޔިތުންނަށް ކަންކަން މަނާކުރުމުގެ ބާރު ލިބިފައިވާ ތަންތަނެއް ނޫން. ކޯޓަކުން އަމުރެއް ނެރެވޭނީ ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ހަސްމުން، ނުވަތަ ސީދާ ގޮތުންނާއި ނުސީދާގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް،" ގާނޫނުއަސާސީ އެކުލެވާލި ހާއްސަ މަޖިލީހުގައި އިންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާންމުކޮށް ހުރިހާ ރައްޔިތުންނަށް ކަމެއް މަނާކުރެވޭނީ ރައްޔިތުންގެ މަޖިލިހަށެވެ. ކޯޓުން ކުރަން އޮންނަކަމަކީ، ގާނޫނަކުން މަނާކޮށްފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ ދައުވާ ހުށަހެޅިއްޖެނަމަ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވޭތޯ ބަލައި، ހުކުމް ކުރުމެވެ.
ރާއްޖޭގެ ނިޒާމު އޮތީ ހުދާއި ކަޅާހާ ސާފުކޮށެވެ. ރައްޔިތުންގެ މައްޗަށް ކަންކަން މަނާކޮށް، ހުއްދަކޮށް، ގާނޫނު ހަދައި ގާނޫނު އުވާލުމަކީ އެ ރައްޔިތުންގެ މަންދޫބުން ރައްޔިތުން މަޖިލީހުގައި ކުރާ ކަމެކެވެ. ޝަރުއީ ދާއިރާ ނޫނީ ގާޒީން ކަމަކީ ގާނޫނުތަކާ އެއްގޮތްވާ މަތިން އިންސާފު ގާއިމުކުރުމެވެ. ގާނޫނަކާ ކުޅުމުގެ އިހްތިޔާރު ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެރެއިން އޮތީ ވެސް ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެކަންޏެވެ.
އެކަމަކު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަކި ގޮތަކަށް އަމަލު ކުރަން އަންގައި، ނޫން ނަމަ، ވަކި ކަމެއް މަނާކޮށް ބޮޑު އަމުރެއް ނެރެފަ އެވެ. އަނގަބަންދު ކުރުމުގެ އަމުރު ނޫން ނަމަ ގޭގް އޯޑަރެކެވެ.
އެ ގޭގް އޯޑަރު ގާޒީ މުޒައްމިލު ނެރުއްވީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ކަމެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކުރުމަށެވެ. އެފަދަ ކަމެއް ކޮށްފި ނަމަ، އެއީ ކޯޓުގެ ހުރުމަތް ކެނޑުމެވެ.
މި އަމުރު ނެރުމަށް ގާޒީ ދެއްކެވި ހުއްޖަތްތައް:
- ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް ވާއިރު އެކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވައި، ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމެއް ކަމާއި އެކަން އެހާ ބޮޑަށް ނަހީ ކުރައްވާފައިވަނީ އަބުރު ރައްކާތެރި ކުރުމަށާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމުގެ ގޮތުން ކަން
- މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފެލޭ ހާލަތުގައި ވެސް ނަމާ އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު އޮންނަ ކަމާއި އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް ކަން
- މައްސަލައިގެ މައުލޫއުއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ މޭރުމަކުމް ގާނޫނުއަސާސީގެ އެންމެހާ ހަމަތާކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަން.
ގާޒީ މި އަމުރު ނެރުއްވީ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާއަކުން މިފަދަ ދެ އަމުރެއް މީގެކުރިން ނެރެފައިވާތީ، އެކަން ހުއްޖަތަކަށް ބަލައިގެންނެވެ.
ސުޕްރީމް ކޯޓުގެ ދެ މައްސަލަ:
ކްރިމިނަލް ކޯޓުން އެ ބުނާ އެއް މައްސަލައަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތު އޮތް މުހައްމަދު އަމީންގެ މައްސަލަ އެވެ. އެ މައްސަލައިގައި ކޯޓު އަމުރަކަށް އަމީންގެ ފަރާތުން އެދުނީ އޭނާއަކީ ޓެރަރިޒަމްގެ ބޮޑެއްގެ ގޮތަށް މީޑިއާތަކުން ސިފަކުރާތީ އަދި ސީދާ އެގޮތަށް ލޭބަލްކޮށް ހެޑްލައިންތައް ޖާހާތީ އޭނާއަށާއި އޭނާގެ އާއިލާއަށް އޭގެ ގެއްލުންވަމުންދާތީ އެވެ.
އެ މައްސަލައިގައި އަމީންގެ ކަންބޮޑުވުން ބަލައިގަނެ، ސުޕްރީމް ކޯޓުން އެންގީ ކޮންމެ މީހަކީ ވެސް ކުށް ސާބިތުވުމުގެ ކުރިން މައުސޫމު މީހެއްކަމަށް ބެލުމުގެ ހައްގު ލިބިދޭތީ، މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ގާނޫނުއަސާސީގައި ބުނެފައިވާ ހައްގަށް އުނިކަން އަންނާނެ ފަދަ އެއްވެސް ހިޔާލެއް އަދި ހަބަރެއް ފެތުރުން މަނާކުރުމަށެވެ.
ދެވަނަ މައްސަލައަކީ ސީލައިފް މައްސަލަގައި އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެދިގެން އެ ކޯޓުން ނެރެދިން އަމުރެކެވެ. އެ އަމުރަށް އޭނާ ވެސް އެދުނީ ކުށް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް މީޑިއާއިން ސިފަކުރަމުންދާތީ އެވެ. އެ މައްސަލައިގެ އަމުރުގައި ވެސް އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށްވެރިއެއް ކަމަށް ދޭހަވާ ގޮތަށް ހަބަރު ނެފެތުރުމަށެވެ.
މި ދެ މައްސަލައިގައި ވެސް މުޅި ރައްޔިތުންގެ މައްޗަށް އަމުރެއް ނެތެވެ. އަމުރު ބޮޑަށް އޮތީ މީޑިއާތަކުގެ މައްޗަށެވެ. އެއާ އެކު، މައްސަލައިގެ ވާހަކަ ނުދެއްކުމަށް ވެސް އަންގާފައެއް ނުވެ އެވެ. ޝަރީއަތުގެ މައުލޫމާތުތައް ހާމަ ނުކުރާކަށް ވެސް ނެތެވެ. އިރުޝާދެއް ދިނީ ހަމައެކަނި، ދައުވާ ލިބޭ މީހާއަކީ ކުށްވެރިއެއްގެ ގޮތުގައި ނުލިޔުމަށެވެ. އެވީ އެވެ! އަމުރުގެ ހުދޫދު އެއަށްވުރެ އިތުރަކަށް ނުދެ އެވެ.
އެކަމަކު، ކްރިމިނަލް ކޯޓުން އިއްޔެ ރައްޔިތުންގެ އަނގަމަތި އެޅި ޓޭޕް ވަރަށް ދިގެވެ. އެ އަމުރުގައި އަދާޔާހިލާފަށް ކަންކަން ވަނީ މަނާކޮށްފަ އެވެ. އެއީ މިހާތަނަށް ދަށު ކޯޓަކުން ނެރުނު ވަރަށް ފާޓުފުޅާ އަމުރަކަށް މި ވަނީ ވެފަ އެވެ.
އަމުރުގައި މަނާކުރި ކަންކަން:
- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލުމަށް ފަހު، ދައުލަތުން އެދިގެން މި ކޯޓު އަމުރު ނެރުނުއިރު، މިއީ މީގެ ކުރިން ދައުލަތުގެ ތާއިދު އޮތް ކަމެއް ނޫނެވެ. އެކަން ދައުލަތް ތަމްސީލު ކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އާންމުކޮށްފައިވެސް އެބަ އޮތެވެ.
ސުޕްރީމް ކޯޓުން ނެރެފައި އޮތް ދެ އަމުރަށް ރިއާޔަތްކޮށް 2024 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން އަމުރެއް މީޑިއާތަކުގެ މައްޗަށް ނެރުނެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަލީ ޖަލީލަކީ ކުށްވެރިއެއްގެ ގޮތުގައި ލިޔުން މަނާކޮށް ނެރުނު އަމުރެކެވެ. އެ އަމުރު ވެސް އޮތީ ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރު އޮތް ހުދޫދުގެ ތެރެއިން އެ މިންވަރަށެވެ.
އެކަމަކު، އެ އަމުރާ މެދު އޭރު ޕީޖީ އޮފީހުން ހިތްހަމައެއްނުޖެހެ އެވެ. އެހެންވެ، ޕީޖީ އޮފީހުން ނެރޭ "އުންސުރު"ގައި އެކަމާ ގުޅޭ ލިޔުމެއް ދައުލަތުގެ ވަކީލް އާއިޝަތު ޝާމާ ނަސީރު ލިޔުއްވާފައިވެ އެވެ.
އޭނާ ލިޔުއްވި ގޮތުގައި ރާއްޖޭގެ ކޯޓުތަކަކީ މުސްތަގިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އެބަ އޮތެވެ. އެއީ ގާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުމެވެ. މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވެ އެވެ. ފަނޑިޔާރުންނާއި ދައުވާލިބޭ މީހުންނަށް ލިބޭ މިދެންނެވި ރައްކާތެރިކަމަކީ ގާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ހައްގުތަކެކެވެ.
ވީމާ، އެހެން ގައުމުތަކުގައި މިފަދަ އަމުރުތައް ނެރުމަށް އޮތް ޟަރޫރަތްތެރިކަމެއް ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެެ އެވެ.
މި ހުރިހާ ވާހަކައެއް އެއްކޮށް ހިމުކޮށް އަމުނާލާއިރު، ހާމަވާން އޮތް ކަމަކީ ކްރިމިނަލް ކޯޓުން އިއްޔެ ނެރެނު އަމުރަކީ ހުދޫދުން މާބޮޑަށް ބޭރުގައި އޮތް އަމުރެއް ކަމެވެ. މުޅި ރައްޔިތުންގެ އަނގަ މަތީ ގެގް އޯޑަރެއް އެޅުވުމުގެ ހައްގު ގާޒީއަށް ލިބިދީފައި އޮތީ ކިހާ މިންވަރަކަށް ކަން އެއީ ހަމަ ކުރަން މަޖުބޫރު ސުވާލެކެވެ.