ސަރުކާރު ކުރިމަތިލާން މިއަދު ޖެހިފައި އޮތީ ވަރަށް ބޮޑު އިމްތިހާނަކާ އެވެ.
އެއްކޮޅުގައި މި އޮތީ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ބޮޑު ވޯޓެވެ. އިންތިހާބުތަކަކީ ސަރުކާރުތަކުން އާންމު ގޮތެއްގައި އެންމެ ގިނަ ހަރަދުތައް ކުރާ އަދި ކޮރަޕްޝަނާއި މާލީ އެތައް ގޯސްތަކެއް ހަދާ ދުވަސްވަރެވެ.
އަނެއްކޮޅުގައި އޮތީ އިޒްރޭލާއި އެމެރިކާ އިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ އާ ގުޅިގެން ދުނިޔެ އަށް ދިމާވެފައިވާ އިގްތިސާދީ ހީނަރު ކަމެވެ. ގައުމުތަކުން ކަމަރު ބަނދެ ހަރަދު ކުޑަ ކުރަން ފަށައި މަޝްރޫއުތައް ހުއްޓާލައި މުވައްޒަފުން ގެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަނީ އެވެ.
މި "ދެ މޫސުން ބެދޭ" ދުވަސްތަކުގައި ސަރުކާރުން އަމަލު ކުރި ގޮތާ މެދު އެންމެ ބޮޑު ޝަކުވާއެއް އަންނަނީ ސަރުކާރުން އެހެން ގައުމުތައް ގޮތަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ނާޅާ މައްސަލައިގަ އެވެ. ޕެޓްރޯލް އަގު ބޮޑުވެފައި ވަނިކޮށް މާލޭގައި ބޮޑު ސައިކަލު ބުރެއް ބޭއްވި މައްސަލަ އެވެ. އަދި ރަށްރަށުގައި އެތައް ވަޒީފާތަކެއް ދިނުމާއި ޑަބަލް އަދި ޓްރިޕަލް ޕޮމޯޝަންތައް ދެމުން ގެންދާ ކަމުގެ ޝަކުވާ އެބައޮތެވެ.
ފެކްޓް: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ އާއި އާރްޑީސީ ފަދަ ކުންފުނިތައް މެދުވެރިކޮށް އިންތިހާބުތަކަށް ވަޒީފާތައް ބަހާ މައްސަލާގައި އޭރު އިދިކޮޅުގައި ތިއްބެވި މިހާރުގެ ވަޒީރުންނާއި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ވެރިކަމަށް ހަވާލުވުމަށް ފަހު ފެނަކަ އާއި އާރްޑީސީގެ ފައިލްތައް މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ގެނައުމަށް ފަހު ވެސް އެ މެންބަރުން ދެއްކެވީ އެގޮތަށް ވަޒީފާތައް ބެހުމުގެ ސަބަބުން ކުންފުނިތައް އެތައް މިލިއަނުން ދަރަނިވެރިވުމާއި ކޮރަޕްޝަންގެ އެތައް މައްސަލަތައް ފެންމަތިވި ވާހަކަ އެވެ. އަދި އެކަންތައް އެ މެންބަރުން ސިފަ ކުރެއްވީ ސީދާ އިންތިހާބުތައް ގަންނަން ކުރި ކަމެއްގެ ގޮތުގަ އެވެ.
އެހެންކަމުން މި ކައުންސިލް އިންތިހާބަށް އަދި ހާއްސަކޮށް އިގްތިސާދީ ނާޒުކު ދަނޑިވަޅުގައި ސަރުކާރުން އަމަލު ކުރި ގޮތް ސިޓިޒެން އިން ވަނީ ހޯދައިފަ އެވެ.
އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ވަޒީފާ ދީފައި ހުރި މިންވަރު ބެލުމަށް ސާމްޕަލިންގެ ގޮތުގައި ނެގީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.
"ސިޓިޒެންް" އިން ބެލީ އެމެރިކާ އާއި އިޒްރޭލް ހަނގުރާމަ ފެށި ފެބްރުއަރީ 28، 2026 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 1 އަކާ ހަމައަށް އެ ދެ ކުންފުނިން ވަޒީފާތައް އިއުލާން ކޮށްފައިވާ މިންވަރެވެ. އެއީ ގާތްގަނޑަކަށް ކައުންސިލް އާއި ރިފަރަންޑަމް އިންތިހާބަށް މަހެއްހާ ދުވަހުގެ މުއްދަތެކެވެ.
ރަށްރަށަށް ވަޒީފާތައް ބަންޑުން ކޮށްލި ގޮތް!
ސިޓިޒެންގެ ހޯދުންތަކުން އެނގުނު ގޮތުގައި އެ މުއްދަތުގައި އެމްޓީސީސީން ވަނީ 1283 ވަޒީފާ އިއުލާން ކޮށްފަ އެވެ. އަދި ކޮންމެ ވަޒީފާއެއް އިއުލާން ކުރި ދުވަސް ނޫން ޖެހިގެން އައި ދުވަހު އިންޓަވިއު ފަށަން ނިންމާފައިވާ ކަމަށް އެ އިއުލާންތަކުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި އޮތީ ވެސް ކުރު މުއްދަތެކެވެ.
އެމްޓީސީސީން އެންމެ ގިނައިން އިއުލާން ކޮށްފައި ވަނީ ޑްރައިވަރުގެ ވަޒީފާ އަކަށެވެ. އެއީ މި ފަހުން މާލެ ގެނައި ކާރުތައް ދުއްވާނެ ފަރާތްތައް ހޯދުމަށް ކުރި އިއުލާންތަކެވެ. އެގޮތުން އެކި ފަހަރުގެ މަތިން އިއުލާން ކޮށް ޖުމްލަ 463 މީހުން ޑްރައިވަރުންގެ ގޮތުގައި ވަނީ ނިންމައިފަ އެވެ. އެ މީހުންނަށް ދޭނެ މުސާރައިގެ އަދަދެއް ހާމައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އިއުލާންތަކުގައި އޮތީ ކުންފުނިން ކަނޑައަޅާ އުސޫލެއްގެ މަތިން މުސާރަ ދޭނެ ވާހަކަ އެވެ.
ދެން އެންމެ ގިނައިން އިއުލާން ކޮށްފައި ވަނީ ރަށްރަށުގައި ދީފައިވާ ވަޒީފާތަކެވެ. އެގޮތުން؛
- ޓެކްނިކަލް އެސިސްޓަންޓް - 119
- ސައިޓް ސުޕަވައިޒާ - 60
- ސައިޓް އެޑްމިން އެސިސްޓަންޓް - 51
- އެސިސްޓަންޓް ސައިޓް ސުޕަވައިޒާ - 39
އާރްޑީސީގެ ހިސާބުތަކަށް ބަލާއިރު އެ ކުންފުނިން ވަނީ 488 ވަޒީފާ މަހެއް ތެރޭގައި އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ތިބީ؛
- ސަޕޯޓް ސްޓާފް - 186
- ސެކިއުރިޓީ ގާޑް - 55
- އެސިސްޓަންޓް މޭސަން - 37
- ސުޕަވައިޒާ - 36
- ޕްރޮޖެކްޓް އެސިސްޓަންޓް - 30
ބައެއް އިތުރު ހިސާބުތައް:
- ކ. ތުލުސްދޫ - އާރްޑީސީގެ 50 ވަޒީފާ
- ހއ. އުލިގަން - އާރްޑީސީގެ 50 ވަޒީފާ
- އއ. ރަސްދޫ - އާރްޑީސީގެ 42 ވަޒީފާ
- ހއ. މާރަންދޫ - އާރްޑީސީގެ 39 ވަޒީފާ
- ލ. މާމެންދޫ - އާރްޑީސީގެ 39 ވަޒީފާ
މި ޑޭޓާތަކާ ގުޅިގެން "ސިޓިޒެން" އިން ވާހަކަ ދެއްކެވި ކުރީގެ އޮޑިޓް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސައިޓްތައް ބެލެހެއްޓުމަށް ނަގާ ގިނަ ވަޒީފާތަކަކީ ނަމެއްގައި ދޭ ވަޒީފާތަކެކެވެ. އެއީ އެއްވެސް ކަމެއް ނެތި ހަމަ މުސާރަ ނަގާނެ ވަޒީފާތަކެކެވެ.
ކުރީ ސަރުކާރުގައި ފެނަކަ ތެރެއިން އެތައް ސަތޭކަ ވަޒީފާއެއް ބަހާލި އިރު ވެސް ރަށްރަށުގައި މަސައްކަތެއް ނެތި ހަމައެކަނި މުސާރަ ނަގާލައިގެން އެތައް ބަޔަކު އުޅުނު އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ މިފަދަ މަގާމްތަކަށް ނެގި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މަޝްރޫއުތައް ހުއްޓުމާއި އަދި ދިމާވާ އެހެނިހެން މާލީ މައްސަލަތަކާ ގުޅިގެން ވެސް މިގޮތަށް ވަޒީފާތަކަށް ނަގާ ގިނަ މީހުން ކުރާނެ ކަމެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި ކުންފުނިތަކުން ބޮޑު މުސާރައެއް ދައްކަން ޖެހޭތީ އިންތިހާ އަށް ދަރަނިވަމުން ދާނެ ކަމަށް ވެސް ދާއިރާގެ އެހެން ބައެއް ބޭފުޅުން ވެސް ދެކެ އެވެ.
ފެނަކަ ކުންފުނީގެ ކުރީގެ އޮޑިޓް ރިޕޯޓުތަކުން ފެންނަ ގޮތުގައި އެ ކުންފުނި އެތައް މިލިއަން ރުފިޔާ އިން ދެރި އެއް ސަބަބަކީ އެ ކުންފުންޏަށް ބޭނުން ނުވާ އަދަދަށް ވަޒީފާތަކަށް މީހުން ނަގާފައި ހުރުމެވެ.
މިއީ 3 މަޖިލިސް އިންތިހާބު ބޭއްވޭހާ ފައިސާ
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ބިލު މަޖިލީހަށް ހުށަހެޅި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެ ދުވަހު މަޖިލީހުގައި ދެއްކެވި ހަރަދު ކުޑަ ކުރުމުގެ ވާހަކަ އެކަންޏެވެ. މުޅި ބިލުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހަރަދު ކުޑަ ކުރުން ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އޭގެ ކުރިންނާއި އަދި މި ފަހުން ވެސް އެ މައްސަލާގައި ޕީއެންސީގެ އިސް ބޭފުޅުން އަދި ރައީސް މުއިއްޒު ވެސް ފާހަގަ ކުރައްވާ ކަމަކީ ހަރަދު ކުޑަވުމެވެ. ސުވާލަކީ މަޖިލިސް އިންތިހާބު ވަކިން ނުބޭއްވުމުން ކުޑަ ވަނީ ކިހާ ހަރަދެއް ހެއްޔެވެ؟ އަދި ހަގީގަތުގައި ވެސް މި އުޅެނީ ހަރަދު ކުޑަ ކުރުމަށް ހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މަޖިލިސް އިންތިހާބުތައް ބާއްވަން ހަރަދުވީ؛
2014 - 25.9 މިލިއަން ރުފިޔާ
2019 - 45.4 މިލިއަން ރުފިޔާ
2024 - 61.7 މިލިއަން ރުފިޔާ
މި ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހަރަދު ވެފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބަށެވެ. އެއީ 61.7 މިިލިއަން ރުފިޔާ އެވެ. އެހެންކަމުން މަޖިލިސް އިންތިހާބާ އެއްކޮށް ބޭއްވުމުން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެކަމަކު އެމްޓީސީސީ އާއި އާރްޑީސީން އެކަނި އިއުލާން ކުރި ވަޒީފާތަކުގެ އަދަދު ހިސާބު ކުރުމުން ވެސް ސަރުކާރުގެ ނިޔަތަކީ ހަރަދު ކުޑަ ކުރުން ނޫން ކަން ވަރަށް ސާފެވެ.
އެމްޓީސީސީން އިއުލާން ކުރި 1283 މީހުންގެ ވަޒީފާ އަށް މުސާރައިގެ ގޮތުގައި މަހަކު 9.3 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހޭނެ އެވެ. އެއީ އަހަރަކަށް 111 މިލިއަން އަށް ވުރެ ގިނަ ރުފިޔާ އެވެ.
އާރްޑީސީން އިއުލާން ކުރި 488 ވަޒީފާ އަށް މަހަކު 4.7 މިލިއަން ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ. އެއީ އަހަރަކަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
މި ހިސާބުތައް އެއްކޮށްލުމުން ގާތްގަނޑަކަށް 168 މިލިއަން ރުފިޔާ ޖެހެ އެވެ. އެއީ އެންމެ ހަރަދު ބޮޑުވި މަޖިލިސް އިންތިހާބު ތިން ފަހަރަށް ބޭއްވޭނެ ހާ ފައިސާ އެވެ. އަދި މަޖިލިސް އިންތިހާބުތަކަކީ ފަސް އަހަރުން އެއް ފަހަރު ބާއްވާ އިންތިހާބުތަކެކެވެ. ސަރުކާރުން އަހަރަކަށް އޭގެ ތިން އިންތިހާބު ބޭއްވޭހާ ފައިސާ މި ހަރަދު ކޮށްލީ އެވެ. އަދި އެއީ ހަމައެކަނި ދެ ކުންފުންޏަކުން އިއުލާން ކުރި ވަޒީފާތަކުންނެވެ.
5000 އަށް ވުރެ ގިނަ ޓަނު ތެޔޮ ގަނެވޭހާ ފައިސާ
ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތީ ތެލެވެ. އިރާނާއި އިޒްރޭލް ހަނގުރާމަ އާ ގުޅިގެން އެންމެ ތަދު އަދި ހޯދަން ދަތި އެއްޗަކީ އެއީ އެވެ. އަދި އަގު އިންތިހާ އަށް ބޮޑުވަމުން އަންނަނީ ތެލުގެ އެވެ.
"ސިޓިޒެން" އާ ވާހަކަ ދެއްކެވި އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން ތެޔޮ ޓަނެއް ގަންނަން ގާތްގަނޑަކަށް 2000 ޑޮލަރު ހަރަދު ކުރެ އެވެ. އެ އަދަދުން ހިސާބުން ކުރާ ނަމަ ތެޔޮ ގަންނަން ފައިސާ ބެހެއްޓާއި އިސްރާފު ކުރުން މަދު ކުރުމުގެ ބަދަލުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެމްޓީސީސީ އާއި އާރްޑީސީގެ ތެރެއިން ސަރުކާރުން މި ނިންމީ 5,575 ޓަނުގެ ތެޔޮ ގަނެވޭހާ ފައިސާ އެވެ.
މި މައްސަލަ އާ ގުޅޭ ގޮތުން "ސިޓިޒެން" އަށް މި ފަހުން ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިދުވަސްވަރު ތެލުގެ ސްޓޭބަލް ސަޕްލައިއެއް އޮތް ކަމުގައިވީ ނަމަވެސް މިއީ ހަމަޖެހިލަން ޖެހޭ ވަގުތެއް ނޫނެވެ.
ރިޒާވްގައި ހުރި ފައިސާ ވެސް ހިމަނައިގެން ބޮޑު ދަރަނި ދެއްކުމުގެ އިތުރުން ކުރިޔަށް އޮތް ތަނުގައި އަގު ބޮޑު ތެލަށް ހަރަދު ކުރަން ޖެހުމާއި ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން މުދަލުގެ އަގު އިންތިހާ އަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. މިއީ ސަރުކާރުން ހަރަދުތައް ކުޑަކޮށް ފިޔަވަޅު އަޅައި ތައްޔާރު ވެގެން ޖެހޭނެ ހާލަތެއް ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އެންމެ ބޮޑަށް ހަރަދު ކުޑަ ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ސިޔާސީ ފައިދާ އަށް އެތައް އިސްރާފުތަކެއް ކުރުމަކީ ސަރުކާރުން ކުރިމަތިލާން މި ޖެހުނު އިމްތިހާނުން ފެއިލްވުމެވެ. މާދަމާ ހަރަދުތައް ބޮޑުވެ ދަރަނީގެ މަޅި ރައްޔިތުންގެ ކަރާ ހަމައަށް ފޯރުމުން އޮންނާނީ ވަގުތު ފާއިތުވެފަ އެވެ.