މި އިންޓަވިއު ނެގީ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު މި ދަމާ ހާސަރުތަކެއް ލިޔާކަށް ނޫނެވެ. އަހުމަދު ފަހުދު (ފައުޑީ) ގެ ސްޓޫޑިއޯ އަށް އަހަރަމެން ގޮސް ވަނީ ކޮވިޑުގައި ގޭބަންދުވެފައި ހުރެގެން އޭނާގެ ސިކުނޑިން ނެރުނު ކުޑަކުދިންގެ ދިވެހި އެޕް، "އޯލަ" ގެ ވާހަކަ ހޯދާށެވެ.
އެކަމަކު އެ ކުޑަ ސްޓޫޑިއޯ ތެރެއިން ފެނުނީ ކުޑަކުދިންގެ ވާހަކަތަކެއް ނޫނެވެ. ބޮޑެތި މާސިންގާ ދިރާސާތަކެވެ. ބޯޑުތަކުގައި ކުރަހާފައި ހުރި މައިންޑް މެޕް ތަކެކެވެ. ދިވެހި ބަހުގެ އަޑުތައް ނުކުންނަ ގޮތް (ފޮނެޓިކްސް) ދައްކުވައިދޭ ޗާޓުތަކަކާއި ކުލަ ބަރިތަކެކެވެ.
އެއަށް ބަލަން އިނދެގެން ޖެހުނީ އަދި މާ އޮލަ ވާހަކައެއްގަ އެވެ؛
"ދިވެހި ބަސް ގެއްލެންވީ ކީއްވެ؟"
"ގައިމު ތައުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރު ކޮންމެ ދުވަހަކު ހެން ދިވެހި މާއްދާ ކިޔަވައި ދޭ. އެކަމަކު ސްކޫލުން މި ނުކުންނަނީ ދިވެއްސާއި އިނގިރޭސި ބަސް ކޮށައި މަށައި މަސްހުނި ކޮށްގެން ނޫނީ ވާހަކަ ނުދެއްކޭ ކުދިން. އެއްޗެއް ފަހުމު ނުވިޔަސް ހިތުދަސް ކުރާ ޖީލެއް."
"އަހަރުމެން އުންމީދު ހުރީ ސިންގަޕޫރާ ހިސާބުގައި. އެކަމަކު ސިކުނޑި އެވަރަށް ތަރައްގީ ނުވަނީ ކީއްވެ؟"
އެ ސުވާލުތަކަށް ޖަވާބު ދެމުން ފައުޑީގެ ވާހަކަ ފެށީ "ހާ ށަވިޔަންޏާ" ހިސާބުންނެވެ. ދަރިފުޅަށް ކިޔައި ދޭނެ ދިވެހި ވާހަކަ ފޮތެއް ނެތިގެން އޯލަ އެޕް އުފެއްދުމުގެ ތެރެއިން ލޯ ހުޅުވިގެން ދިޔަ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތަކުގެ ވާހަކަ އެވެ.
ސަމާލު! އޯލަގެ ޓީމަކީ ބަހަވީ މާރިހުންތަކެއް ނޫނެވެ. އަދި ދިވެހި މާއްދާގެ މުފައްކިރުންތަކެއް ވެސް ނޫނެވެ. އެއީ ދިވެހިންގެ ބަހާއި ސަގާފަތް ގެއްލިގެން ދާ ތަން ހަމަލޮލުން ފެންނަ އިރު ބަލަހައްޓައިގެން ނުހުރެ އެ އިލްމީ ދުނިޔެ އަށް އަމިއްލަ އަށް ފީނައި ހޯދުންތަކެއް ހޯދި ޒުވާން ކުޑަ ޓީމެކެވެ.
ބޮޑު ސުވާލު: މި ޒަމާނުގައި ދިވެހި ބަސް ހަމަ އެހާ މުހިންމުތަ؟
މިއީ ރަނގަޅު ސުވަލެކެވެ. ދުނިޔޭގައި ހަދާ ސައިންޓިފިކް ދިރާސާތައް ހުންނަނީ ދިވެހި ބަހަކުން ނޫނެވެ. ޝައުގުވެރި ސީރީޒެއް ނުވަތަ ދިވެހިން ކުޑަކުދިންގެ ޝޯއެއް ހަދަނީކީ ނޫނެވެ. ސްކޫލް ނިންމާފަ ނުކުމެ ދާން ބޭނުން ވަނީ ޖަޕާނާއި ޔޫރަޕަށެވެ. ދިވެހި ބަސް ބޭނުން ކުރަން ޖެހޭ މާ ބޮޑު ބޭނުމެއް އެ ކުދިންނަށް ނުފެނެ އެވެ. ސަރުކާރު ވަޒީފާއެއްގައި ހުރެ އެއްޗެއް ލިޔަން މަޖުބޫރު ވެއްޖެ ނަމަ އޭއައި ބޮޓަކާ ހަވާލު ކޮށްގެން މިހާރު އެކަން ކުރެވެ އެވެ.
"އޯލަ އެޕް ހެދި އިރު އެންމެން އަހަނީ މި ސުވާލު. ކޮންމެހެން ދިވެހި ބަސް އެހާ މުހިންމު ހޭ މި ޒަމާނުގަ. އޭރު އަސްލު އޭގެ ސީދާ ޖަވާބެއް އަހަންނަކަށް ވެސް ނޭނގެ."
އެ ސުވާލަށް ޖަވާބު ހޯދުމުގެ ތެރޭގައި ފައުޑީ އަށް ފެންނަނީ "ސައިންސް އޮފް ރީޑިން" އާ ގުޅޭ ދިރާސާތަކެކެވެ. ނާގިދު ފިކުރު (ކްރިޓިކަލް ތިންކިން) ބޭނުންކޮށް އުފެއްދުންތެރި އަދި ތޫނުފިލި ޖީލެއް ބިނާވުމުގެ މައިގަނޑު ބިންގާ އެޅިގެންދާ ގޮތާއި އެކަމާ ބެހޭ ސައިންޓިފިކް އަދި ޓެކްނިކަލް އެތައް ކަމެއް އޭނާ ދަސްކުރި އެވެ.
ދިރާސާތަކުން ދައްކަނީ ކުއްޖަކު ވީއެންމެ އަވަހަށް ޅަފަތުގައި ކިޔަން އުނގެނުނު ވަރަކަށް އޭނާގެ ހަޔާތުގެ ފަހަތުގައި ކާމިޔާބީ އިތުރުވެގެން އެބަދާ ކަމެވެ -
ތުއްތު ކުއްޖާ ދުނިޔެ އަންނަ ހިސާބުން ރަނގަޅަށް ފެނުމުގެ ކުރިން މި އިވެނީ އަޑުތަކެކެވެ. މައިމީހާ ދެނެގަންނަން ދަސް ކުރާ އެއް ވަސީލަތަކީ ވެސް އެއީ އެވެ. "މަންމަ" ނުވަތަ "މަމް" އެ ކިޔަނީ އޭނާގެ މައިމީހާ އަށް ކަން ދެނެގަނެ އެވެ. އެހެންވެ ކަންކަން ފަހުމުވުމުގެ ބޮޑު ރޯލެއް އަދަ ކުރަނީ އަޑުތައް ކިޔާ ތަކުރާރު ކުރުމުގެ ތެރެއިންނެވެ.
"އެހެންވެ ހާ އިން ހޯނު ކިޔައިގެން އެބައި ހިތު ދަސްވިޔަސް ކުއްޖަކަށް އެކަން ރަނގަޅަށް ފަހުމު ވާނީ ފާރުން ހޯނެއް ފެނުމުން މީހަކު އެ ދައްކާފައި އެއީ ހ ގެ އަޑުން ކިޔާ ހޯނު ކަން ކިޔައި ދިނީމަ. މިއީ ވަށައިގެން އޮންނަ މާހައުލުގެ ތެރެއިން ތަކުރާރުކޮށް އަޑު އިވި ބަލައި ކިޔައިގެން ކުއްޖާ ހޭނި ދަސް ކުރާ ގޮތް." ފައުޑީ ބުންޏެވެ.

ހަމަ އެގޮތަށް ސްކޫލުގައި ކިޔަވާ ދޭ އެއްޗެހި ހިތު ދަސް ކުރުމުގެ ބަދަލުގައި ރަނގަޅަށް ފަހުމުވާ ނަމަ އެ ދަސްކުރާ އެއްޗެއްސާ މެދު ފުންކޮށް ވިސްނައި ސުވާލު އުފައްދައި ސިކުނޑި އިތުރަށް ހުޅުވެން ފުރުސަތު ލިބެ އެވެ. ހަޔާތުގައި މޮޅު އަދި ކާމިޔާބު މީހަކަށް ވަނީ އެފަދަ ގޮތަކަށް ބިންގާ އެޅިގެން ކަމަށް ފައުޑީ ބުންޏެވެ.
ދެން ސުވާލަކީ ރާއްޖޭގެ ސްކޫލްތަކުން ނުކުންނަނީ އެފަދަ މޮޅު ޖީލެއް ހެއްޔެވެ؟
އޭގެ ޖަވާބު ފައުޑީ ދެއްކީ 2021 ވަނަ އަހަރު ނޭޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް (ނާލޯ) ގެ ތަފާސްހިސާބުތަކުންނެވެ.
އޭގައި ބުނާ ގޮތުން ދިވެހި ދަރިވަރުން އިނގިރޭސި ބަހާއި ހިސާބު މާއްދާއިން ހޯދާފައިވާ ނަތީޖާތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އަޅައި ބަލާއިރު ކޮގްނެޓިވް ނުވަތަ މައުލޫމާތާއި އިލްމު ދެނެގަތުމާއި މާނަ ކުރުމާއި ދޭހައިގެ ހުރިހާ ފަންތިއެއްގައި އާދަޔާ ހިލާފަށް ދަށެވެ. އޭގެ ތެރޭގައި އިނގިރޭސި ބަހުގެ އުނދަގޫ ލިޔުންތައް ފަހުމްވުމުގެ ފެންވަރާއި ދިރިއުޅުމުގެ އަމަލީ މައިދާނުގައި ހިސާބު އިލްމު ބޭނުން ކުރުމުގެ ހުނަރުތައް ކަންބޮޑުވާ މިންވަރަށް ދަށް ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މިއީ ބައެއް ތަފާސްހިސާބުތަކެވެ؛
އިނގިރޭސި ބަސް (އުނދަގޫ ލިޔުންތައް ދެނެގަތުން):
- ގްރޭޑް 4 ގެ އެވަރޭޖަކީ އެންމެ 35.08 ޕަސެންޓް
- ގްރޭޑް 7 ގެ އެވަރޭޖަކީ އެންމެ 52.18 ޕަސެންޓް.
ދިވެހި ބަސް (އުނަދޫ ލިޔުންތައް ދެނެގަތުން):
- ގްރޭޑް 4 ގެ އެވަރޭޖަކީ 44.54 ޕަސެންޓް
- ގްރޭޑް 7 އަށް ދާއިރު މި ނަތީޖާ 41.92 ޕަސެންޓަށް އަށް އިތުރަށް ދަށްވެފައި.
ހިސާބު (އާންމު ދިރިއުޅުމުގައި ބޭނުން ކުރުން):
- ގްރޭޑް 4 ގެ އެވަރޭޖަކީ 47.15 ޕަސެންޓް
- ގްރޭޑް 7 ގެ އެވަރޭޖަކީ 41.76 ޕަސެންޓް
"މި ނަތީޖާ އިން އެނގެނީ ދިވެހި ބަހަކީ ބޭކާރު ބަހެއް ކަމަށް ދެކި އަދި އިނގިރޭސި ބަހަށް އިސްކަން ދިނުމަކީ ކުރިއެރުން ކަމަށް ބަލާ ވިސްނުމަކީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަން."
މިފަދަ ދިރާސާތަކެއް ހަދާފައި ނެތް ކަމުގައިވީ ކޮންމެ އަހަރަކު ސްޓޭޖް ފުރޭ ވަރަށް ޓޮޕް-10 އެޗީވާސް އާއި ދުނިޔެއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ވަނީ ކިހިނެތްތޯ ބަލައިލުން ވެސް މުހިންމެވެ. އޭގެ އެތައް ކުދިންނެއް ބޮޑުވެ ސަރުކާރުގެ ވަޒީފާތަކުގައި އުޅުނު ނަމަވެސް ގައުމުގެ ހިންގުމުގެ ނިޒާމުން އެ ބަދަލު ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ރާއްޖެ އަދިވެސް މިހާ ފަހަތުގައި ކިރިޔަ ކިރިޔާ ބަނޑަށް ޖެހޭ ނުޖެހޭ ފަދަ ނާޒުކު ހާލަތަކުން އަރައި ނުގަނެވޭ ސަބަބެއް ވެސް އޮންނާނެތާ އެވެ.
އޭގެ ގިނަ ކަންކަން ގުޅިފައި އޮންނަނީ ޖީލެއް ބޮޑުވަމުން އަންނަ އިރު އެ ބައެއްގެ ސިކުނޑި ތަރައްގީވެފައިވާ މިންވަރާއި ނާގިދު ފިކުރު ހިންގާ ވަރަށެވެ. އަދި އެ ހުރިހާ ކަމެއްގެ ބިންގާ އެޅިގެން ދަނީ ކުއްޖާ ޅަ ފުރައިގައި ބަތައް ކިޔައި އަޑު އަހައި ދެނެގަންނަ ގޮތާ އެވެ.
ދިވެހި ބަސް ގެއްލެންވީ ކީއްވެ؟
ބަހަކީ ހިތުގައި އުފެދޭ ޝުއޫރެއް ފާޅުކުރަން ނެރޭ އަޑުތަކެކެވެ. ނޫނީ ބައެއް ހާލަތްތަކުގައި ކުރާ އިޝާރާތެކެވެ. މާދަރީ ބަސް ނުވަތަ މަދަ ޓަންގަކީ ބަހަވީ މާހިރުން ވިދާޅުވާ ގޮތުގައި ތިމާ ވިސްނާ ބަހެވެ. އެހެންކަމަށް ވާނަމަ މިއަދުގެ ޒުވާން ޖީލު ވިސްނަނީ ދިވެހި ބަހުން ހެއްޔެވެ؟ އެހެންވެ އަހަރުމެންގެ މާދަރީ ބަސް އަދިވެސް ދިރި އެބައޮތް ހެއްޔެވެ؟
ދިވެހި ބަސް ގެއްލެން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް ފައުޑީ ފާހަގަ ކުރި އެވެ.
މާހައުލެއް ނެތުން
ފައުޑީ ބުނި ގޮތުގައި ދިވެހި ބަހަށް ފަރިތަވުމަށްޓަކައި ދިވެހި ބަހުން ކަންކަން ފަހުމުވާން ޖެހޭ އިރު ދިވެހިންނަށް އުޅެން ޖެހިފައި އޮތީ ދިވެހިބަހާ ވަރަށް ދުރު މާހައުލެއްގަ އެވެ.
އާބާދީގެ ބޮޑުބައި އުޅެން ޖެހެނީ މާލޭގަ އެވެ. އަބަދުވެސް ދިވެހި ބަހުން ވާހަކަ ދައްކާ މާމަ އާއި ކާފަ އާ ދިމާނުވެ އެވެ. ކައިރި އަވަށްޓެރިންނެއް ނޭނގެ އެވެ. ސްކޫލަށް ދާން ފަށާ ހިސާބުން މަންމަ އަދި ބައްޕަ އާ ދިމާވާނީ ކުޑަ ވަގުތު ކޮޅަކަށެވެ. ކުއްޖާ އަށް ދިރިއުޅުމުގެ ދޭހަ ނަގައިގެންނާނެ އިތުރު ތަނެއް ނެތެވެ.
"ފޮތުން ހާ އިން ހޯނު އޭ ކިޔާފަ ދަސްކޮށްދިނަސް އަދި މުޅިއަކުން ފަހުމެއް ނުވޭ. ގަހަކުން މަލެއް ފެނުމުން އެއީ ފްލާވާ. އެެކޭ ކިޔަންޏާ އެ ފެންނަ ކޮންމެ ފަހަރަކު ސިކުނޑިއަށް އަންނާނެ ބަހަކީ ފްލާވާ. މަލެއް ނޫން."
ދެން އޮންނާނީ އިނގިރޭސި ބަހުން ބޭނުން ގޮތަކަށް ބަސްތައް އަމުނަމުން ގެންދާ ރައްޓެހިންނެވެ. ގޭމްތަކާއި ޔޫޓިއުބުން ދަސްވި އެއްޗެކެވެ. ބޭނުން ވިޔަސް ނުވިޔަސް އާ ޖީލުގެ ލޯ ފުރަތަމަ ހުލުވިގެން މި އަންނަނީ އިނގިރޭސި ބަހުން ކިޔާދޭ ޝޯތަކާއި ލަވަތަކާއި ކާޓޫނާއި ގޭމްތަކަކަށެވެ. ދިވެހި ބަހުން އެ ފަދަ ވަސީލަތްތަކެއް ގާއިމް ކުރެވިފައިވާ މިންވަރު ވަރަށް މަދެވެ.
ވަސީލަތްތައް ނެތުން
ދެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފައުޑީ ފާހަގަ ކުރި ގޮތުގައި ބަސް އުނގަންނާނެ ވަސީލަތްތައް ނެތުމެވެ.
އެހެން ގައުމެއްގައި ނަމަ އެ ގައުމެއްގެ ސަގާފަތާއި ތާރީހާ ބެހޭ މައުލޫމާތުތައް އެންމެ ކުޑަ ކުދިންނަށް ދަސްކޮށްދޭ ލެވަލްގައި ވެސް އެތައް ފޮތްތަކެއް ހުރެ އެވެ. އެކަމަކު ރާއްޖޭގައި ބޮޑުތަކުރުފާނާ ބެހޭ ގޮތުން ވެސް އޮންނަނީ އެތައް ސަތޭކަ ސަފުހާއެއްގެ ބޯފޮތްތަކެއް ކަމަށް އޭނާ ބުންޏެވެ.
2021 އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝިއުރަންސް ޑިޕާޓްމަންޓުން ހަދާފައި ނޭޝަނަލް އެސެސްމަންޓް އޮން ލާނިން އައުޓްކަމްސް ރިޕޯޓާ ހަވާލާދީ އޭނާ ބުނި ގޮތުގައި ޓީޗަރުންނަށް އެދެވޭ ތަމްރީނެއް ނުދެވެ އެވެ. އަދި ވަކިން ހައްސަކޮށް ދިވެހި ފަދަ މާއްދާތައް ކިޔަވާދޭނެ އެކަށީގެންވާ ވަސީލަތްތައް ވެސް ނެތެވެ.
"ޓީޗަރުން ކުރާ ބުރަ މަސައްކަތަށް ޝުކުރު ހައްގު. އެކަމަކު ހުރިހާ ކަމެއް ވެސް ނުއެއް ކުރެވޭނެ. މެޓީރިއަލްތައް ހެދުމަކީ އަދި ވަކި ހުނަރެއް."
މި ކަންކަމާ ހެދި ދިވެހި ބަސްވެފައި މި އޮންނަނީ މަޖުބޫރު މާއްދާއަކަށް ވީތީ ކުދިން ކިޔަވާ މާއްދާއަކަށެވެ. ދިވެއްސަކަށް ވީތީ އެންމެ ބޮޑަށް ދިއްވެސަށް ފަރިތަ ވެގެން ދަސްކުރުމެއް ނޯވެ އެވެ. ފޫއްސެއްގެ ތެރޭގައި ތިބެ އޭގެން ވެސް މަތީ މާކްސް ހޯދަން ޖެހޭތީ ފަހުމު ނުވިޔަސް ހިތުދަސް ކުރަނީ އެވެ. ސްކޫލުގައި ބުނިއްޔާ ބުނި ގޮތަކަށް ސިޓީ އާއި މަޒުމޫނު ވެސް ލިޔަނީ އެވެ. އަމިއްލަ ކްރިއޭޓިވް ސްޓައިލެއް އުފެއްދުމާއި ތަފާތު އާ ވިސްނުންތަކަކުން ވިސްނައި މޮޅު ލިޔުންތަކެއް ނުފެނެ އެވެ.

އޭގެ ނަތީޖާއަކީ 10 އަހަރުގެ ސްކޫލް ނިމޭ އިރު ސިކުނޑީގައި އޮންނަނީ ދިވެއްސާއި އިނގިރޭސީގެ މަސްހުންޏެކެވެ. އިނގިރޭސިއަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަ އާ ދުރުން މުޅިން އެހެން މާހައުލެއްގެ ބަހަކަށް ވާތީ ދެ ބަހަސް ވެސް އެންމެ ފަރިތައެއް ނޫނެވެ.
އޯލަ އިން ހޯދީ ދިވެހި ބަހުގެ އަޑުތައް!
ދިވެހި ބަހުން ވާހަކަ ދައްކާތާ އެތައް ޒަމާންތަކެއްވި އިރު ބަސް ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމާއި ވަސީލަތްތައް ނެތްކަމުގެ އެންމެ ބޮޑު ހެއްކަކީ މިއީ އެވެ. ދިވެހި އަކުރުތަކުގެ އަޑުތަކާ ބެހޭ އޮނިގަނޑެއް ވެސް މިހާތަނަށް ހަދާފައި ނެތެވެ.
އެކަން ކުރަން މީގެ އަހަރުތަކެއް ކުރިން ގައުމީ ޔުނިވާސިޓީ އާ ހަވާލު ކުރި އެވެ. އެކަމަކު އަދި ނަތީޖާތަކެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަން ހުރީ ޑރ. ހަސަން ހަމީދު ފަދަ ބޭފުޅުން އެ ދާއިރާ ދިރާސާ ކުރުމަށް ފަހު ޝާއިއު ކޮށްފައިވާ ލިޔުންތަކެކެވެ.

ދިވެހި ބަހަށް އިސްކަން ދީ ކުދިން ހާނުވާ އޯލަ އެޕްގެ ތެރެއިން މިއަދު އެ އޮނިގަނޑު އުފައްދައި ވަނީ ކްރިއޭޓިވް ކޮމާސް ލައިސެންސްގެ ތެރެއިން އާންމުކޮށް ދޫކޮށްލައިފަ އެވެ.
"ތިން އަހަރާއި ފަސް އަހަރާ ދޭތެރޭ ކުދިންނަށް ކޮން އަޑުތަކެއްތޯ އެންމެ ފުރަތަމަ ގެނެސްދޭނީ. ހަ އަހަރުން ފެށިގެން އަށް އަހަރު ކުދިންނަށް ގެނެސްދޭނީ ކޮން އަޑެއްތޯ. މި އޯލަ އެޕް އިން މިހާރު މި ގެނެސްދިނީ."
ދެން އޮތް މަސައްކަތަކީ ފައުޑީ ބުނި ގޮތުގައި މިކަން މުހިންމުވާ ސަބަބު ބެލެނިވެރިންނަށް ކިޔައި ދީ އާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިނެއް ފެށުމެވެ. ކުޑަކުދިން ކުރު ވާހަކަ ކިޔާ މި އޯލަ އެޕްގެ ފަހަތުގައި މުހިންމު އަދި ބުރަ މަސައްކަތް ބޮޑެތި މީހުންނާ ހަމައަށް ވެސް އިއްވުމެވެ.