މުސްލިހު

ގާނޫނުއަސާސީއެއް ވުޖޫދުވެ، އެ ދުސްތޫރީ ނިޒާމަށް އަމަލުކުރަމުންދާތާ ވިއްސަކަށް އަހަރުވާންދާއިރު، ސިޔާސީންނާއި ރައްޔިތުންނާއި ވެރިންވެސް އެއްބަސްވާ ކަމަކީ މި ގާނޫނުއަސާސީން ލިބެންވީ މަންފާ ރައްޔިތުންނަށް ނުލިބުނު ކަމެވެ. ނިޒާމު ހިނގާ ގޮތަކީ ރައްޔިތުން އެންމެ އެދޭ ގޮތް ނޫންކަމާމެދު ރައްޔިތުންގެ އަޣުލަބިއްޔަތުގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަަމުން ނިޒާމު އިސްލާހުކުރުމުގެ ބަހުސްކުރެވެންޖެހޭ ކަމާމެދު ދެކޮޅުހަދާނެ ބަޔަކު މަދެވެ. ބައެއް ލީޑަރުން ވަކިވަކި ކަންކަމާމެދު އިސްލާހީ ބައެއް ވިސްނުންތައް ހުށަހަޅުއްވަމުން އެބަގެންދަވައެވެ. ނަމަވެސް ނިޒާމީ އިސްލާހާމެދު ވިސްނާނެ އުސޫލުތަކެއްގެ ވާހަކަ ނުދެކެވެއެވެ. އެފަދަ ބަހުސެއް އެއްވެސް ފެންވަރެއްގައި ނުހިނގައެވެ.

މި ލިޔުމުގައި އަޅުގަނޑުގެ މަގުސަދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ނުވަތަ ދުސްތޫރީ ނިޒާމު އިސްލާހުކުރުމާމެދު ވިސްނާނެ ގޮތާމެދު އަޅުގަނޑުގެ ހިޔާލު ހުށަަހެޅުމެވެ. މި ލިޔުމުގައި އަޅުގަނޑު ކުރަހައިދޭ، ނުވަތަ އެކަށައަޅައިދޭ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ވަކިވަކި ކަންކަން އިސްލާހުކުރުމާމެދު އަޅުގަނޑުގެ ހިޔާލު ފަހުން ޝާއިއުކުރާ ލިޔުންތަކެއްގައި ހުށަހަޅާނަމެވެ.

އަސާސީ މައްސަލަތައް:

އިސްލާހާމެދު ފިކުރުކުރަން ފަށައިގަނެވެނީ މައްސަލަތައް ދެނެގަނެގެނެވެ. އިނގިރޭސިން ދަންނަވާނަމަ ޑައިގްނޯޒްކޮށް އުނިކަންކަން ދެނެގަނެ، އެކަންކަން ބަދަލުކުރެވޭނެ ގޮތްތަކާމެދު ފިކުރު ހިންގައިގެންނެވެ. ރާއްޖޭގެ ނިޒާމުގައި ތަކުރާރުވަމުންދާ އޮއިވަރުތަކެއް ނުވަތަ ޓްރެންޑުތަކެއް އެބަހުއްޓެވެ. އެއީ ވެރިކަމުގައި އޮންނަ ޕާޓިއަކާ ގުޅުންހުރި ކަންކަމެއް ނޫނެވެ. ބޮޑު ދެ ޕާޓީގެ ސަރުކާރުތަކުގައިވެސް ތަކުރާރުވެ ފެނިފައި ހުރި ތަޖުރިބާކުރެވެމުންދާ ކަންކަމެވެ.

ދެތިން މިސާލެއް ދަންނަވައިލާނަމެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމަށް ބަލާއިރު، ކޮންމެ ސަރުކާރެއްގައި އޭގެ ކުރީ ސަރުކާރަށްވުރެ ސިޔާސީ މުވައްޒަފުން އިތުރުވެއެވެ. ދައުލަތުގެ ކުންފުނިތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ކުންފުނިތަކުގެ ހިންގުން ބަލިކަށިވެ، ސިޔާސީ ބޭނުންތަކަށް ކުންފުނިތައް ބޭނުންކުރުމަކީ ފާއިތުވެދިޔަ ދެތިން ސަރުކާރުގައި ފެނުނު، ނިމިދާ ސަރުކާރަށްވުރެ ދެން ވުޖޫދުވާ ސަރުކާރުގައި ގޯސްވަމުންދާ ކަންކަމެވެ. ކޮރަޕްޝަނަކީވެސް މިދެންނެވުނު އޮއިވަރާ އެއްގޮތަށް ހިނގަމުންދާ ކަމެކެވެ. ޖުޑީޝަރީއަށް ބޮޑެތި ބަދަލުތައް ގެނައުމާއި، ނުފޫޒަށް ލެންބުމަކީވެސް މިޒާތުގެ ކަމެކެވެ. ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަނުގެ ކަންކަން ހިނގައެވެ. ނިމިދާ ސަރުކާރަށްވުރެ ފަހުން އަންނަ ސަރުކާރުގައި މިފަދަ ކޮންމެ މައްސަލައެއް އަންނަނީ ބޮޑުވަމުންނެވެ.

މިހުރިހާ ކަމެއް މިހެން މެދުވެރިވާ ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ކަންކަމަަކީ ސިޔާސީ އިލްމުވެރިންގެ ދިރާސާތަކުން އެހެނިހެން ޑިމޮކްރަސީތަކުގައިވެސް އެކަންކަން ހުރިކަން ދެނެގަނެވިފައިވާ ކަންކަމެވެ. އެއް ކަމަަކީ ސަރުކާރުގެ ބާރާއި ނުފޫޒު ގަދަވުމެވެ. ދުސްތޫރީ ނިޒާމުގައި ތިން ބާރުގެ މެދުގައި ހަމަހަމަ ގުޅުމެއް ވުޖޫދުކޮށް، ބާރުތަކުގެ މެދުގައި ޒިންމާތައް ބަހާފައި ހުރި ނަމަވެސް، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަށް ސަރުކާރަށް ލިބިދޭ ތަނަވަސް ޖާގައިގެ ސަބަބުން ބާކީ އޮތް ދެ ބާރަށްވުރެ ސަރުކާރު ވަރުގަދަވެ، ދުސްތޫރީ ގޮތުން “ސާފު ސާދާ ސީދާ” ހުކުމެއް ނެތް “އެމްބިގުއަސް” ކަންކަމުގެ މަންފާ ސަރުކާރުން ބޭނުންކޮށް ޑިމޮކްރެޓިކް މުއައްސަސާތައް ނެތިކޮށްނުލައި، އެ މުއައްސަސާތައް ވާކޮށްލުމެވެ. ރައްޔިތުންގެ މަޖިލީސް އޮތަސް މަޖިލީހުގެ “ފަންކްޝަން” ނުވަތަ ދައުރު މަޖިލީހުން އަދާނުކުރެއެވެ. މިނިވަން މުއައްސަސާތައް ވުޖޫދުގައި ހުއްޓަސް، އެތަންތަނުގެ ޒިންމާ އަދާނުކުރެވެއެވެ. މިއީ ހަމައެކަނި ތަންތަނުގައި ތިބި މީހުންގެ މައްސަލައެއް ނޫނެވެ. މިއީ ނިޒާމީ މައްސަލަތަކަކުން، ބާގަނޑުތަކުން އުފަންކުރާ ސުލޫކުތަކެކެވެ.

ދެން އޮތް މައްސަލައަކީ ކުރު ރާސްތާގެ ސިޔާސީ އަމާޒުތައް އިސްކޮށް، ދުރު ރާސްތާ މަސްލަހަތުތައް އެއްފަރާތްކޮށް ސިޔާސަތުތައް ތަންފީޒުކުރަމުން ދިއުމެވެ. ތިމާވެއްޓަށް ބެއްޔަސް، މާލީ ކަންކަމަށް ބެއްޔަސް، އެންމެ އަވަހަށް ހާސިލުކުރަންޖެހޭ ސިޔާސީ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރަމުންދަނީ ނިޒާމުގައި އެކަމަށް ބާރުއަޅާ ސަބަބުތަކެއް ހުރުމުންނެވެ. ސިޔާސީ ސަގާފަތު އޮތް ގޮތުން ބައެއް ފަހަރު އެނޫން ގޮތެއް އިހުތިޔާރުކުރަން އުދަގޫވަނީވެސްމެއެވެ.

ހަމައެހެންމެ ސިޔާސީ ކަންކަމުގައި ތަފާތު ފިކުރުތަކުގެ މެދުގައި މަޝްވަރާކުރުމެއް ނެތި، އެއިރެއްގައި ވެރިކަންކުރާ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ ދިއުމަކީވެސް ދުސްތޫރީ ނިޒާމުގައި މިހާރު ކުރިމަތިވެފައި އޮތް މައްސަލައެކެވެ. ސިޔާސީ ގޮތުން ބާރު ލިބުމުން، އެހެން ބައެއްގެ އަޑުއަހަންނުޖެހޭކަމަށް ގަބޫލުކުރެވެނީ، ނިޒާމު އޮތް ގޮތުން ބާރުވެރިކަން ލިބުމަށްފަހު އެހެން ބަޔަކު ދައްކާ ވާހަކައެއް އަޑުއެހުން ލާޒިމުކުރާ ސަބަބުތަކެއް ނެތުމުންނެވެ.

މުއައްސަސާތަކުން އުފަންކުރާ ސުލޫކަކީ (ބިހޭވިއާއަަކީ) އެއިރެއްގައި އޮންނަ ނިޒާމެއްގެ ތެރެއިން އެގޮތަކަށް ވާހަކައާއި އަމަލު ބައްޓަންކުރުމުން އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަކަށް ބައްޓަންވާ ސުލޫކެކެވެ. އިސްލާހުގެ ވާހަކަ ދައްކަން ފަށަންޖެހެނީ މިހާރު މިއޮތް ނިޒާމުގައި އެންމެ ބޮޑު މަންފާއެއް، ދައުލަތުގެ އެކި ޒިންމާތަކާ ހަވާލުވެ ތިބި މީހުންނަށް ލިބެނީ ކޮން ގޮތަކަށް ސުލޫކު ބެހެއްޓުމުންތޯއެވެ؟ ރައްޔިތުން އެދޭ ނަޒާހަތްތެރި އަމާނާތްތެރި ތެދުވެރި ގޮތުގައި ދެމިތިބުމުން ލިބެން އޮތީ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ؟ މިއީ އުހުރަވީ ނަޒަރަކުން ކުރާ ސުވާލެއް ނޫނެވެ. މިއީ ދުނިޔެވީ ނަޒަރަކުން، ސިޔާސީ މަންފާގެ ވިސްނުމުން ކުރާ ސުވާލެކެވެ.

އުސޫލުތަކެއްގެ މައްޗަށް ބިނާވާ އިސްލާހު

މިދެންނެވުނު މައިގަނޑު މައްސަލަތައް އިސްލާހުކުރަން ވިސްނާއިރު، އެކަމާމެދު ފިކުރުކުރަންވީ އަސާސީ އުސޫލުތަކެއް (ފަސްޓް ޕްރިންސިޕަލްސް)ގެ ނަޒަރަކުންނެވެ. މާނައަކީ ނިޒާމުގައި ހުރި އުނިކަންކަން ދެނެގަތުމަށާއި، އެކަންކަން ރަނގަޅުކޮށް ހެޔޮ މަގަށް އެޅުވުމަށް ގެންނަންވީ ބަދަލުތަކާމެދު ވިސްނަންވީ އަސާސީ އުސޫލުތަކެއްގެ އަލީގައެވެ. އެ އުސޫލުތައެއް އެކުވެ، އެއް އުސޫލު ބާކީ ހުރި އުސޫލުތަކާ ގުޅުމުން އުފެދެނީ ފިކުރުކުރަންވީ ގޮތުގެ އޮނިގަނޑެއް ނުވަތަ ފްރޭމްވޯކެކެވެ. އެ ފްރޭމްވޯކް ބޭނުންކުރަންވީ މިހާރު ކުރެވިފައި ހުރި ތަޖުރިބާތަކުން ފެންނާންހުރި މައްސަލަތަކާމެދު ވިސްނުމަށެވެ. ކުރަންވީ ސުވާލަކީ މި މައްސަލަ އުފެދެނީ މިއިން ކޮން އުސޫލެއް ތަންފީޒުކުރުމުގައި ކުރިމަތިވާ ހީނަރުކަމެއް ނުވަތަ ބަލިކަށިކަމެއްގެ ސަބަބުންތޯއެވެ.

ވެރިން ވެރިކަންކުރާ ގޮތް ބިނާވަނީ ނިޒާމުގެ މައްޗަށެވެ. ނިޒާމުގައި ހުންނަަ ކޮންމެ އުނިކަމަކީ ވެރިންގެ ބާރުގަދަކުރުމަށް ބޭނުންކުރާނެ ކަންކަމެވެ. އުސޫލުތަކެއްގެ މައްޗަށް އެކުލެވޭ އޮނިގަނޑެއްގެ ބޭނުމަކީ މިދެންނެވި އުނިކަންކަން މަދުކޮށް، ވެރިން ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ނިޒާމުގައި ފަހިކޮށް ހުރި ޖާގަތައް ހަނިކޮށް ބަންދުކުރުމެވެ. މިކަމަށްޓަކައި އުސޫލުތައް ހަރުދަނާކުރުން ނޫން ގޮތެއް ނޯންނާނެއެވެ.

އަދި އުސޫލުތަކެއްގެ މައްޗަށް ބިނާވާ އޮނިގަނޑެއްގެ ތެރެއިން އިސްލާހާމެދު ވިސްނުމުން ވަކިވަކި މައްސަލަތަކަށް ދޭ އިސްލާހުތަކަކީ ޖުމްލަ ގޮތެއްގައި އެއް ވިސްނުމެއްގެ ތެރެއިން އެއް އަސާސެއްގެ މަތީގައި ބިނާކުރެވިގެންދާ އިސްލާހުތަކަކަށްވާނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކަންކަން ކުރާ ގޮތަށް ބަލައިން ވަކިވަކި ކަންކަމަށް އެކި ގައުމުތަކުން ހައްލުތައް ގެނައުމަށްވުރެ، އަޅުގަނޑުމެންގެ މާހައުލާއި، މުޖުތަމައާއި، ދިވެހީންގެ ތަބީއަތާއި ދައުލަތުގެ ކެރިފޯރުންތެރިކަމާ އެކަށޭނެ ހައްލުތަކެއް ހޯދުމަށްވެސްް އެކަމުގެ ސަބަބުން ފަސޭހަވާނެއެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަޔާންކުރާ އުސޫލުތަކަކީ މުސްތަގުބަލުގައި ދިވެހި ދައުލަތުގެ އިންތިޒާމުތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމާމެދު ފިކުކުރުމަށް ބޭނުންކުރެވިދާނެ އޮނިގަނޑު އެ މައްޗަށް ތަރުތީބުކުރެވިދާނެ ބައެއް އުސޫލުތަކެވެ. މި އުސޫލުތަކާމެދު ބަހުސްކޮށް، އިތުރު ކަންކަން މިއަށް ތައާރަފުކޮށް، ބައެއް ކަންކަން އުނިކުރާންވީއެވެ. މިއީ އަަޅުގަނޑުގެ ހިޔާލުގައި މިވަގުތު އެކަަށައެޅިފައި ހުރި ބައެއް ކަންކަމެވެ.

1- ބާރުތައް ބެހިގެންދިއުން

ބާރުތައް ވަކިވުމަކީ ޑިމޮކްރަސީއެއްގެ އަސާސީ އެއް ސިފައެވެ. ނަމަވެސް ބާރުތައް ބެހުމާއި ބާރުތައް ވަކިވެފައި އޮތުމުގައިވެސް ތަފާތެއް އެބައޮތެވެ. ބާރުތައް ވަކިވުމަކީ ދައުލަތުގެ މައިގަނޑު ތިން ވަޒީފާ ނުވަތަ ފަންކްޝަން ވަކިކުރެވިފައި އޮތުމެވެ. އެއީ ވެރިކަން ހިންގުމާއި، ގާނޫނު ހެދުމާއި އަދުލު އިންސާފު ގާއިމުކުރުމެވެ. ނަމަވެސް ބާރުތައް ބެހިގެންދިއުމަކީ، ދައުލަތުގެ ބާރު ގިނަ މުއައްސަސާތަކާއި، އެކި ފަންތިތަކާއި، ގޮތް ނިންމާ އެކި ފަރާތްތަކުގެ މެދުގައި ބަހައިލެވި، ތަފާތު ދައުރުތައް ހަވާލުކުރެވި، ތަފާތު ގޮތްގޮތުން ލެޖިޓިމަސީ ލިބިދެވި، ކަންކަން ނިންމުމުގައި ނޫނެކޭ ބުނުމުގެ ބާރު ވީހާވެސް ފުޅާކޮށް ފަތުރައިލެވުމެވެ. މިއީ ދައުލަތެއްގައި ހުދުމުހުތާރުކަން އަށަގަތުން ލަސްކުރެވޭނެ އެންމެ މުނާސަބު ގޮތެވެ. އަދި ޖަވާބުދާރީވަނިވި ދައުލަތެއް ރައްޔިތުންނަށް ހާސިލުކުރެވޭނެ ހަމައެކަނި މަގެވެ.

ތިން ބާރުގެ މެދުގައި ބާރުތައް ބެހުމަކީ މޮންޓެސްކިއުގެ “ދަ ސްޕްރިޓް އޮ ލޯ”އާއި މެޑިސަންގެ ފެޑަރަލިސްޓު ޕޭޕަރުތަކުގައި މީގެ އެތައް ގަރުނެއް ކުރީން ތަފުސީލުކޮށް ބަޔާންކުރެވިފައިވާ ފިކުރެކެވެ. ނަމަވެސް މި ޒަމާނުގެ ދުސްތޫރީ އިލްމުވަނީ ތިން ބާރު ވަކިވެފައި އޮތުން ފަނަނައަޅައި، ބާރުތައް ބެހިގެންދިއުމުގެ އެކި މެކޭނިޒަމްތައް ނުވަތަ އިންތިޒާމުތަކުގެ ބަހުސަށް ވަދެފައެވެ.

ދުސްތޫރީ އަދި ސިޔާސީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ތިން ބާރު ވަކިވެފައި އޮތުމަކީ ބާރުތައް މަސްހުނިވުން ނުވަތަ ޖަމާކުރުން އެކަށީގެންވާ މިންވަރަށް ހުއްޓުވޭނެ ގޮތެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ބާރުތަކުގެ މެދުގައި އޮންނަ ބެލެންސް ސަރުކާރު އަތަށް ބަރޯސާވުން ޅަ ޑިމޮކްރަސީތަކުގައި އަވަހެވެ. ނަތީޖާއަކީ ތިން ބާރުގެ މެދުގައި ވަކިވެފައި އޮންނަ އޮތުން އެންމެ ރަނގަޅަށް ތަންފީޒުނުވަނީސް ބާރުތައް އެކެއް ނުވަތަ އެއް ބައެއްގެ އަތްމައްޗަށް ޖަމާވެ މަސްހުނިވެ، ނިޒާމުން ފެންނަން އެދޭ ކަންކަން އެގޮތަށް ނުކުރެވެއެވެ.

މި ސަބަބަށްޓަކައި ދައުލަތުގެ ގޮފިތައް (ބްރާންޗްސް)ގެ މެދުގައި ބެހިފައި ހުރި ބާރުތަކުގެ ތެރެއަށް އިތުރު ފަށަލަތައް ލައި، އެ ބާރުތައް ބޭނުންކުރުމުގައި ޒިންމާދާރުވާކަން ކަށަވަރުކުރެވޭނެ އިތުރު މެކޭނިޒަމްތައް ނުވަތަ އިންތިޒާމުތައް ދުސްތޫރީ އަދި ގާނޫނީ ނިޒާމުގެ ތެރެއަށް ތައާރަފުކުރަންޖެހެއެވެ. މިސާލަކަށް މިނިވަން މުުއައްސަސާތަކުގެ މެންބަރުން މަޖިލީހުން ވަކިކުރެވޭ ގޮތަށް އޮންނަ އޮތުމަކީ އެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބޭ ހާލަތުގައި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް އޮންނަ ހުރަހެއް ކަމުގައި ފެންނަނަމަ އެ ހާލަތުގައި އިތުރު ފަށަަލައެއް މަޖިލީހުގެ އެ ދައުރުގެ ތެރެއަށް ތައާރަފުކޮށް އެ ބާރު އިތުރަށް ބެހިގެންދާނެ އިންތިޒާމެއް ތައާރަފުކުރެވިދާނެއެވެ.

ހަމައެެހެންމެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ސިޔާސީ މުވައްޒަފުން އައްޔަންކުރުމުގެ ބާރު ބޭނުންކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމަށް ފެންނަނަމަ އެ ބާރުގެ ތެރެއަށް އިތުރު ފަށަލައެއް ތައާރަފުކޮށް އެ ފަށަލައިގެ ތެރެެއިން އެބާރު ބޭނުންކުރުމުގައި ޒިންމާދާރުވުން ލާޒިމުކުރާނެ އިންތިޒާމެއް ތައާރަފުކުރެވިދާނެއެވެ.

މިގޮތަށް ބާރުތައް ބެހުމަށްޓަކައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ލާޒިމުވާ ނުވަތަ ނެގުމުގެ އިހުތިޔާރު އޮންނަ ކަންކަން އިތުރުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ބޮޑެތި ދުސްތޫރީ އަދި ގާނޫނީ ނިންމުންތަކަކީ ގާނޫނު ހަދާ މަޖިލީހުގެ އިތުރަށް ރައްޔިތުންގެ ސީދާ ބައިވެރިވުން އޮވެގެން ނޫނީ ނުނިންމޭ ކަންކަން ކަމުގައި ހެދިދާނެއެވެ. ގާނޫނު ހެދުމުގެ ބާރު ދެ ގެއަށް ބަހައި އެ ބާރުގެ ތެރެއަށް އިތުރު ފަށަލައެއް ލެވިދާނެއެވެ.

ކުރުކޮށް ދަންނަވަނީނަމަ ބާރުތައް ބެހިގެންދިއުމަކީ މިހާރު ނިޒާމުގެ ތެރެއިން ތަޖުރިބާކުރެވޭ މައްސަލަތަކާމެދު ވިސްނުމުގައި، އަދި އެ މައްސަލަތަކަށް ގެނެވިދާނެ ހައްލުތައް އުފަންކުރުމުގައި ބޭނުންކުރެވިދާނެ އެއް އުސޫލެވެ.

2- ޖީލުތަކުގެ މެދުގައި އޮންނަ އަދުލުވެރިކަންް

މިއަދު ދައުލަތުން ނިންމާ ގިނަ ނިންމުންތަކަކީ އެކަންކަމުގެ ބުރަ އަންނާން އޮތް ޖީލުތަކުން އުފުލާނެ ކަންކަމެވެ. މާލީ ނިންމުންތަކާއި ތިމާވެއްޓާ ގުޅުންހުރި ކަންކަމާއި، އިޖުތިމާއީ ސިޔާސަތުތަކުގެ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދިޔަ ނަމަވެސް، އެ ނިންމުންތައް ނިންމުމުގައި މުސްތަގުބަލުގެ ޖީލުގެ ބަހެއް ނޯވެއެވެ. ގާނޫނުހަދާއިރު އެކަމަށްް އެކަށީގެންވާ ގޮތެއްގައި ނުވިސްނައެވެ. އަމުދުން ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި މުސްތަގުބަލުގައި އެ ސިޔާސަތުތަކުން އުފައްދާ ބުރަ އަންނާން އޮތް ޖީލުތަކުން ތަހައްމަލުކޮށް އުފުލާނެކަން ވިސްނުމުގައި ނުބަހައްޓައެވެ. ސބަަބަަކީ އަންނަން އޮތް ޖީލަކީ ދެން އެންމެ އަވަހަށް އޮންނަ އިންތިހާބެއްގަައި ވޯޓުލާނެ ޖީލަކަށްނުވުމެވެ.

އެޑިތު ބްރައުންގެ އިން ފެއާނެސް ޓު ފިއުޗާ ޖެނެރޭޝަންސްގައި އޭނާ ބަޔާންކުރައްވާފައިވާ މައިގަނޑު ތިން ޒިންމާއަކީ ޖެނެރޭޝަނަލް އިކުއިޓީ ނުވަތަ ޖީލުތަކުގެ މެދުގައި އޮންނަ އަދުލުގެ ތިން އަސާސް ކަމުގައި ބެލިދާނެއެވެ. އެއީ މިއަދުގެ ޖީލަށް ލިބިފައިވާ އިހުތިޔާރުތަކަށްވުރެ މަދުނޫން އިހުތިޔާރުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ލިބޭނެކަން ކަށަވަރުވާނެހެން ވަސީލަތްތަކުގެ ސިންދަފާތުކަން (ޑައިވަސިޓީ އޮފް ރިސޯސަސް) ދެމެހެއްޓުމާއި، ގައުމު މި ޖީލަށް ވާރުތަވިއިރު އޮތް ހާލަތަށްވުރެ ދެރަވަރު ނޫން ހާލަތެއްގައި މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމާއި، މިއަދުގެ ޖީލަށް ވާސިލުވެވެން ހުރި ވަސީލތްތަކާއި ފުރުސަތުތައް ކުރިއަށް އޮތް ޖީލަށްވެސް ވާސިލުވެވޭނެކަން ކަށަވަރުކުރުމެވެ.

މިކަން ކަށަވަރުކުރެވޭނީ ކޮންމެ ގާނޫނެއް އަދި ކޮންމެ ސިޔާސަތެއްގައިވެސް މި ވިސްނުން ގެންގުޅުން ލާޒިމުކޮށް، އެ ވިސްނުމުގެ ތެރެއިން އެ ގާނޫނެއް ނުވަތަ ސިޔާސަތެއްގެ ޖަސްޓިފިކޭޝަން ނޫނީ އެކަންކަމަށް ބާރުދެނެވި ސަބަބުތައް ބަޔާންކުރުން ލާޒިމުކޮށް، އެކަމާމެދު ވިސްނުން ދުސްތޫރީ ގޮތުން މަޖުބޫރުކުރުމެވެ. މިހާރު ސަރުކާރުތަކަށާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އެކަންކަމާމެދު ފިކުރުކުރުން ލާޒިމުނުވަނީ އެކަންކަމާމެދު ވިސްނައި ފިކުރުކުރުން ލާޒިމުވަނިވި ސަބަބެއް ނިޒާމުގައި ނެތުމުންނެވެ.

3- މުއައްސަސީ ޖަވާބުދާރީކުރުވުން

ޑިމޮކްރަސީގެ އަނެއް އަސާސަކީ ރައްޔިތުންގެ ފަރާތުން އެކި ޒިންމާތައް ހަވާލުކުރެވޭ މީހުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވަނިވި ބައަކަށްވުމެވެ. އެއީ ބާރު ލިބިފައިވާ ފަރާތްތަކުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ތަފުސީލުކޮށްދިނުމާއި، އެ ފަރާތްތައް ފެއިލުވާ ހާލަތުގައި އެކަމާ ގުޅިގެން ޒިންމާ އުފުލަންޖެހުމެވެ. މިއީ ރައްޔިތުން ދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންނުކުރާކަން ކަށަވަރުކުރުމަށް ނިޒާމުގައި އޮތުން ކޮންމެހެން ލާޒިމު ސިފައެކެވެ. ނަމަވެސް ފާއިތުވި 15 އަހަރުގެ ތަޖުރިބާއަކީ ބާރު ރައްޔިތުންދޭ މީހުން އެ ބާރު ލިބިިފައި އޮންނަ މުހުލަތުގައި ޖަވާބުދާރީނުކުރެވޭ ކަމެވެ. ބޮޑެތި ސިޔާސަތުތައް ތަންފީޒުކޮށް ނިންމައިލަނީ ރައްޔިތުންނާ މަޝްވަރާނުކޮށެވެ. އެ ނިންމުންތައް ނިންމި ސަބަބެއް ހާމަނުކުރެއެވެ.

ޖަވާބުދާރީކުރުވުމުގައި ދެ ބާވަތެއް އޮންނަކަން ސިޔާސީ އިލްމުވެރިން ފާހަގަކުރައްވައެވެ. އެއީ އިންތިހާބީ ޖަވާބުދާރީކުރުވުމާއި މުއައްސަސީ ޖަވާބުދާރީކުރުވުމެވެ. އިންތިހާބީ ޖަވާބުދާރީކުރުވުމަކީ އިންތިހާބުތަކުގައި ރައްޔިތުންގެ މަންދޫބުންނާމެދު ރައްޔިތުން ގޮތް ނިންމުމެވެ. ކޮންމެ ފަސް އަހަރަކުން ދިވެހިން ސަރުކާރުތައް ބަދަލުކުރަނީ މިދެންނެވި އިންތިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުމަށެވެ. ނަމަވެސް އެ ޖަވާބުދާރީކުރުވުމުން ސިޔާސީންގެ އަތުން ބާރުތައް ނިގުޅައިގަނެވުނަސް، ބާރުތައް ލިބިފައި އޮންނަ މުއްދަތުގައި އެމީހުންގެ ފުށުން ގައުމަށް ދެމުންދާ ގެއްލުން ހުއްޓުވޭނެ ނުވަތަ އެކަންކަމާމެދު ސުވާލުކުރެވޭނެ ގޮތެއް ނޯވެއެވެ.

މުއައްސަސީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިއްމު އެއް އަސާސަކީ މުއައްސަސާތަކުގެ ތަބީއަތަށް ބަލައި، އެ މުއައްސަސާއެއްގެ ހިންގުމާއި އޮނިގަނޑާއި، އެކުލެވުން ބައްޓަންކުރުމެވެ. ނިޔާސީ މުއައްސަސާއާމެދު ވިސްނާންޖެހޭ ގޮތާއި މެރިޓަށް ބިނާވެފައި އޮންނާންޖެހޭ މުއައްސަސާއާމެދު ވިސްނާންޖެހޭ ގޮތް ތަފާތުވާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަަލް ކައުންސިލުތަކާއި، މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ތަބީއަތް ތަފާތެވެ. އެހެންކަމުން މުއައްސަސާތަކާއި ބާރުތަކުގެ މެދުގައި އޮންނަ ގުޅުން ބައްޓަންކުރުމުގައި އެ މުއައްސަސާއެއްގެ ތަބީއަތް ނުގެއްލޭނެހެން އެގުޅުން ބައްޓަންކުރުން މުހިއްމެވެ. ސިޔާސީ ވާންނުޖެހޭ މުއައްސަސާތައް ސިޔާސީ ވާ ގޮތަށް ނިޒާމުގައި ހުރި ކަންކަން އިސްލާހުކުރަންޖެހެނީ މިހެންވެއެވެ.

ސަބަަބަކީ ދެވަނަ ބާވަތުގެ ޖަވާބުދާރީކުރުވުން ކަމުގައިވާ މުއައްސަސީ ޖަވާބުދާރީކުރުވުން ފެއިލުވުމެވެ. ކޯޓުތަކާއި، މިނިވަން މުއައްސަސާތަކާއި ގާނޫނު ހަދާ ބާރު މިކަމުގައި ފެއިލުވެފައި އޮތް މިންވަރަކީ އިތުރަށް ތަފުސީލުކުރަންޖެހޭ ވަރަށްވުރެ ކޮންމެ ދިވެއްސަކަށް ސާފު ކަންކަމެވެ.

ޖަވާބުދާރީކުރުވުން ހަރުދަނާކުރުމަށް ނިޒާމީ ގޮތެއްގއި ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ނިޒާމުގެ ހާމަކަން ބޮޑުކުރުމެވެ. މިހާރު ސިއްރިއްޔާތުގައި ކުރާ ކަންކަން ސިއްރުނުވާނެ ގޮތަށް ނިޒާމު ބައްޓަންކުރުމެވެ. މުއައްސަސާތައް ހަރަކާތްތެރިވުމަށް ބޭނުންވާ މައުލޫމާތު ސިއްރުކުރެވިފައި އޮންނަ ގޮތަށް ނިޒާމު ބައްޓަންވެފައި އޮތުމަކީ ޖަވާބުދާރީނުކުރެވޭ އެއް ސަބަބެވެ. އަދި ބާރުތައް ބެހިފައި އޮތް ގޮތުން މުއައްަސަސާތައް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރުއެޅުމުގެ ބަދަލުގައި ސިޔާސީ ބާރުވެރިކަމަށް ތަބާވުން ލާޒިމުވާނެހެން ހުރި ކަންކަމީވެސް ޖަވާބުދާރީވަނިވި ދައުލަތެއް ގާއިމުކުރުމަށް އިސްލާހުކުރަންޖެހޭ ކަންކަމެވެ. މިއީ އެހެން ލިޔުމެއްގަައި އަލިއަޅުވައިލަންޖެހޭ ކަންކަމެވެ.

4- ގޮތް ދޫކުރުން

ޖަވާބުދާރީވަނިވި ދައުލަތެއް އުފަންކުރުމުގެ ވިސްނުމުގައި އެންމެ މުހިއްމު އަނެއް އުސޫލަކީ “ކޮމްޕްރޮމައިޒް” ނުވަތަ ގޮތް ދޫކުރުން ލާޒިމުވަނިވި ގޮތަކަށް ނިޒާމު އޮތުމެވެ. ބާރެއް ލިބުމަކީ ހިތުހުރި ކޮންމެ ކަމެއް ކުރުމަށް ހުޅުވައިލެވޭ ދޮރަކަށް ވެގެންނުވާނެއެވެ. ބައެއް ކަންކަމީ ދޫދީގެން ނޫނީ ނުކުރެވޭ ކަންކަމަށް ހަދަންޖެހެއެވެ. ބާރު އޮތް ބައެއް ކަންކަން ކުރުމުގައި ބާރު ނެތް ފަޅީގެ ބަހަށް ބުރަދަނެއް އޮންނާނެ ގޮތަށް ނިޒާމު ފަރުމާކުރަންޖެހެއެވެ.

މިގޮތުން ބައެއް ކަންކަމުގައި މައިނޯރިޓޯ ވީޓޯ ކުރުމުގެ ބާރު އޮތުމާއި، ނިޒާމުގެ ތެރޭގައި ޕްރޮޕޯޝަނަލް ރިޕްރެޒެންޓޭޝަން ނުވަތަ އާބާދީ ބެހިފައިވާ ގޮތާ އެއްގޮތަށް ރައްޔިތުން ތަމްސީލުވާނެހެ އިދާރާތައް އެކަށައެޅުން ފަދަ ކަންކަމަކީ ބާރު އޮންނ ސަރުކާރެއް ގޮތް ދޫކުރުން ލާޒިމުކުރުވާނެ ކަންކަމެވެ. މަޖިލީހުގެ ދެގެ އޮވެފައި އެއް ގެއަކީ ރައްޔިތުންގެ ތާއީދު ބެހިފައި އޮތް ގޮތް ތަމްސީލުވާނެ ގޮތަށް އޮންނަ ގެއަކަށްވުމަކީ މިދެންނެވި ނަތީޖާ ނެރެވިދާނެ ގޮތެކެވެ. އެ ވިސްނުމުގެ ތަފުސީލު ފަހުން އެހެން ލިޔުމެއްގައި ހުށަހަޅާނަމެވެ. ގޮތް ދޫކުރުމުގެ މުރާދަކީ އެއްވެސް ހާލެއްގައި ހުރިހާ އެންމެނަށް އިއްތިފާގުވެވޭ ގޮތަށް ކަންކަން ނިންމުމެއް ނޫނެވެ. ނަމަވެސް މަޝްވަރާއާއި ބަހުސްގެ ތެރެއިން ދޫދިނުމުގެ އުސޫލުން އަމަލުކޮށް، ހުރިހާ އެންމެނަށްވެސް އެއާއެކު ކުރިއަށްދެވިދާނެ ގޮތްތަކެއް ހޯދުމެވެ. މި އުސޫލާ އެއްގޮތަށް ނިޒާމަށް ގެންނަ ބަދަލުން ބައެއް ކަންކަން ކުރެވޭ މިންވަރު ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަވަސް އަރުވާލައިގެން ކުރާ ކަންކަމަށްވުރެ ގިނަ ބައެއްގެ މަޝްވަރާއާއެކު ކުރެވޭ ކަންކަމުގެ ފައިދާ ބޮޑެވެ.

5- މަޝްވަރާކުރެވުން

މިއަދު އޮތް ނިޒާމު މިއޮތީ އިންތިހާބު ކާމިޔާބުކުރާ ބަޔަކު އެހެން މީހުންނާ މަޝްވަރާކުރަންނުޖެހި ކަންކަން ނިންމައިލެވޭ ގޮތަށެވެ. ރައްޔިތުންގެ މެދުގައި ފުޅާކޮށް ހިޔާލު ބަދަލުކުރުމެއް ނެތި ބޮޑު ނިންމުންތައް ނިންމުމަށް މި ނިޒާމުގައި ހުރަހެއް ނެތެވެ. މުހިއްމު ނިޒާމީ ބަދަލުތައް އެއް ދުވަހު ހުށަހެޅުމަށްފަހު ޖެހިގެން އަންނަ ދުވަހު ފާސްކޮށް ތަންފީޒުކުރަން ފަށަނީ ރައްޔިތުންކުރެ ހޭހެއްޔޭވެސް އަހައިނުލައެވެ. އެގޮތަށް އެހުން ލާޒިމުކޮށްފައި ނެތަތީއެވެ.

މި ނިޒާމުގެ އެއް ނަތީޖާއަކީ ކަންކަމާމެދު ރައްޔިތުންގެ މެދުގައި އެކަށީގެންވާ ބަހުސްތައް ނުކުރެވުމެވެ. ޑިމޮކްރަސީއެއް ހިންގަމުންދާ ވިއްސަކަށް އަހަރުވީއިރު، ޑިމޮކްރަސީއަކީ ވޯޓު އެޅުން އެކަނި ނޫންކަން ރައްޔިތުންނަށް ގަބޫލުނުކުރެވެނީ މި ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން ކުޑަ ކަމުންނެވެ. ފަސް އަހަރުން ނަގާ ވޯޓަކުން ގޮތް ނިންމުން ފިޔަވައި ނިޒާމުގައި ރައްޔިތުންގެ ދައުރެއް ނެތުމުންނެވެ.

މަޝްވަރާކުރުން މިތަނުގައި ބޭނުންކޮށްފައިވަނީ ސިޔާސީ އިލްމުގައި ޑެލިބެރޭޝަން މި މުސްތަލަހުގެ ތަރުޖަމާއެއްގެ ގޮތުގައެވެ. ޑެލިބެރޭޓިވް ޑިމޮކްރަސީގެ ނަޒަރިއްޔާ ބުނަނީ ސިޔާސީ ލެޖިޓިމަސީ ބިނާވަނީ އިންތިހާބުތަކުގައި ރައްޔިތުން އެދޭ ގޮތެއް ނިންމާ ނިންމުމުގެ މައްޗަށް އެކަނި ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ނިންމުންތައް ނިންމުމުގައި، މައްސަލަތަކާއި ހައްލުތަކާމެދު ފުންކޮށް ވާހަކަދައްކައި މަޝްވަރާކޮށް ބަހުސްކުރެެވޭނެ އަދި ނިންމުމަކާ ހަމައަށް ވާސިލުވުމުގައި އާއްމު ބުއްދިއެއް ބިނާކުރެވޭނެ އިންތިޒާމުތަކެއް ހުރެ އެ އިންތިޒާމުތަކުގެ ތެރެއިން ނިންމުމަކަށް ވާސިލުވުމަކީ ސިޔާސީ ލެޖިޓިމަސީގެ އަސްލެއް ކަމަށެވެ.

ބައެއް ގައުމުތަކުގައި މި ނަޒަރިއްޔާ އެކި މިންވަރަށް ތަޖުރިބާކުރެވިފައިވެއެވެ. ރައްޔިތުންގެ އެސެމްބްލީ ނުވަތަ އެއްވުންތަކުގައި ކުރެވޭ މަޝްވަރާތަކަށްފަހު ގޮތްތަކެއް ނިންމުމުގެ މޮޑެލްއަކީ މި ނަޒަރިއްޔާގެ ތެރެއިން ކެނެޑާ އަޔަލޭންޑް އަދި ފްރާންސްގައި ތަޖުރިބާކުރެވިފައިވާ ކަަންކަމެވެ. ބައެއް ބޮޑެތި ނިންމުންތައް ނިންމުމުގައި މިފަދަ މޮޑެލްތަކެއް އަޅުގަނޑުމެންގެ ނިޒާމަށް ތައާރަފުކުރުމަކީ މިހާރަށްވުރެ ރައްޔިތުންގެ ބައިވެރިވުން ނިޒާމުގައި އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ލާމެހިފައިވަ ފަސް އުސޫލު

މަތީގައި އަޅުގަނޑު ބަޔާންކުރި އުސޫލުތަކަކީ ދުސްތޫރީ ނިޒާމީ އިސްލާހުތަކާމެދު ވިސްނާނެ އޮނިގަނޑެއްގެ ބިންގާތަކުގެ ގޮތުގައި ބޭނުންކުރުމަށް އަޅުގަނޑަށް ފެންނަ ބައެއް އުސޫލުތަކެކެވެ. މިނޫނަސް މިދެންނެވި އޮނިގަނޑުގައި ހިމެނިދާނެ އުސޫލުތައް ހުންނާނެއެވެ. ނަމަވެސް މި ފަސް އުސޫލުގެ ބާރު އެންމެ ބޮޑަށް ފެންނާނީ އެ ފަސްކަންތައް ގުޅި ލާމެހުމުންނެވެ.

މިސާލަކަށް ބާރުތައް ބެހިގެންދިއުމުން ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކުގެ މެދުގައި ތަޅުއެޅުވޭ ހާލަތް މެދުވެރިވެއެވެ. ނަމަވެސް އެ ހާލަތު މެދުވެރިވުމުން އެކަމަކާމެދު މަޝްވަރާކޮށްގެން އަވަހަށް ހައްލު ހޯދޭނެ ގޮތަށް ނިޒާމުގެ ތެރެއަށް ފަށަލައެއް އިތުރުކުރެވިއްޖެނަމަ، ނިޒާމީ ބަންދެއްގައި ކަންކަން ތާށިނުވެ، ރައްޔިތުންގެ ބައިވެރިވުމާއެކު މުއައްސަސާތަކަށް ގޮތް ނިންމުމަށް ފުރުސަތު ލިބޭނެއެވެ.

ބާރުތަކާއި ޒިންމާތައް ބެހި އެކި ބާރުތަކުގެ ފަންކްޝަންތައް މިހާރަށްވުރެ ބޮޑަށް ނިޒާމީ ގޮތެއްގައި ބެހިގެންދިއުމުން، ހާމަކަން ބޮޑުވެ، ޖަވާބުދާރީކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ. މިސާލަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން ވަކިކުރުމަށް މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއަށް އަދުލު އިންސާފު ހިންގުމުގެ ބާރުގެ ދައުރެއް އިތުރުކުރުމުން މިނިވަން މުއައްސަސާތަކުގެ ވެރިން ސިޔާސީ ގޮތުން އެއްލައިނުލައި ދައުރު ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމާއެކު، އެފަދަ މަގާމުތަކުގައި ތިބޭ މީހުން ވަކިކުރުމުގެ މަރުހަލާގެ ހާމަކަން ބޮޑުވާނެއެވެ.

އަޅުގަނޑުގެ މި ލިޔުމުގައި ހުށަަހަޅާފައިވަނީ އަޅުގަނޑުގެ ނަޒަރުގައި، ރާއްޖޭގެ ދުސްތޫރީ އަދި ދައުލަތް ހިންގުމުގެ ނިޒާމުން ފެނިފައިވާ ނުރަނގަޅު އުނިކަންކަން ބަދަލުކުރުމަށްޓަކައި އަދި މުޅި ނިޒާމު ހަރުދަނާކުރުމަށްޓަކައި ނިޒާމާމެދު ނަޒަރު ހިންގުމަށް ބޭނުންކުރެވިދާނެ ފިކުރީ އޮނިގަނޑެކެވެ. އަޅުގަނޑު އެދެނީ ހުރިހާ ކިޔުންތެރިންވެސް މި އޮނިގަނޑާމެދު ހިޔާލު ފާޅުކުރައްވައި ބަހުސްކުރެއްވުމެވެ. ބަހުސާއި ހިޔާލު ބަދަލުކުރުމުގެ ތެރެއިން ނޫނީ ވަށާޖެހޭ އިސްލާހީ ފިކުރެއް އުފަންނުކުރެވޭނެއެވެ.

ނިޒާމީ އިސްލާހުތަކުގެ ވާހަކަދައްކާއިރު، ރާއްޖޭގެ ސިޔަސީ ސަގާފަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީވެސް ދައްކަންޖެހޭ ވާހަކައެކެވެ. އިސްލާހަކީ ހަމައެކަނި ނިޒާމަށް ގެނެވޭ ކަމެއް ނޫނެވެ. ނިޒާމުގެ ވަށައިގެން ހުރި އެ ނިޒާމަށް އަސަރުކުރުވަނިވި އެހެން ކަންކަމަށްވެސް އިސްލާހު އަންނަންޖެހެއެވެ.

ނޯޓު: މިއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އިސްލާހުކުރުމަށާއި، ސިޔާސީ މަސްރަހަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މެދުގައި ބަހުސާއި މަޝްވަރާ ފެށުމުގެ މަގުސަދުގައި އަޅުގަނޑު ލިޔާ ސިލްސިލާ ލިޔުންތަކެކެވެ. މަގުސަދަކީ މިއަދު މިއޮތް ނިޒާމާމެދު ފުންކޮށް ވިސްނައި، ދިރާސީ ނަޒަރަކުން ތަންގީދުކޮށް ފާޑުކިޔައި ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުމެވެ.