މޫސާ ރަޝީދު

މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގާއި ޑިމާންޑު ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ރާއްޖެ އަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް އިއުލާން ކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ރާއްޖޭގައި އެއް އަހަރަށް ބޭނުންވާ ތެޔޮ ރައްކާ ކުރެވޭނެ ގޮތް ހަދަން ނިންމައިފަ އެވެ.

އެކަން ކުރާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ފޭސް ތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

އެއް ގޮތަކުން މި މަޝްރޫއަކީ އަޑުއަހަލާ އިރު ބުއްދި ގަބޫލު ކުރެވޭ ކަމެކެވެ. އެއީ ދުނިޔެ އަށް ދިމާވާ މިފަދަ ކޮންމެ ކާރިސާއެއްގައި ހުރިހާ ގައުމެއް ތެލަށް ޖެހެ އެވެ. ރާއްޖޭގައި އަހަރެއްހާ ދުވަހެއްގެ ތެޔޮ ރައްކާ ކުރެވިއްޖެ ނަމަ އެ ލިބުނީ ވަރަށް ބޮޑު ސެކިއުރިޓީއެކެވެ.

އަނެއް ގޮތުން ބަލާއިރު މިއީ ހަގީގަތުގައި ވެސް ކުރެވޭ ވަރުގެ ކަމެއްތޯ އާއި މިހާތަނަށް ވެސް ނުކޮށް އޮތީ ކީއްވެގެންތޯ ބަލައިލަން ޖެހެ އެވެ.

ރާއްޖޭގައި މިހާރު ރައްކާ ކުރެެވެނީ ކިހާ ތެލެއް؟

ސަރުކާރުގެ އެންމެ ބޮޑު ތެޔޮ ކުންފުނި، އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް 50،000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. އެއީ 20 ދުވަހަށް ބޭނުންވާ ޑީސެލް އެވެ. ޕެޓްރޯލް ކޮންސަޕްޝަން މަދުވުމުން ގާތްގަނޑަކަށް މަހެއްހަ ދުވަހަށް ޕެޓްރޯލް ހުރެ އެވެ.

ނަމަވެސް އެ އަދަދަކީ ރާއްޖޭގެ މެކްސިމަމް ކެޕޭސިޓީ އެވެ. މާނައަކީ 20 ދުވަހުގެ ތެޔޮ ހުންނާނީ ތެޔޮ ގެނެސް ރައްކާ ދުވަހު އެވެ. ނަމަވެސް ބަރާބަރަށް ތެޔޮ ބޭނުން ކުރަމުންދާތީ އެ އަދަދު ދާނީ މަދުވަމުންނެވެ.

އެސްޓީއޯ އިން މީގެ ކުރިން ވަނީ އެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްލޭންތަކެއް ހަދައި ބައެއް މަސައްކަތްތައް ކޮށްފަ އެވެ.

ކެޕޭސިޓީ އިތުރުކުރަން ކުރީ ކޮން ކަމެއް؟

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރެވުނީ ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެ ޕޯޓުން ބަންކަރިން އާއި ފިއުލް ސްޓޯރޭޖް ގާއިމް ކުރުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެއީ އަހަރެއްހާ ދުވަހުގެ ތެޔޮ ރައްކާ ކުރުމުގެ ވިސްނުމުގައި ކުރި ކަމެއް ނޫނެވެ.

"އޭރު ކެޕޭސިޓީ ދޮޅުމަހެއްހާ ދުވަހަށް ބެހެއްޓުމުގެ ޕްލޭން އޮތީ. އިތުރަށް ހަދަން ރާވާފައި އޮތީ ޕޯޓުގެ ތެރެއިން އެ މަސައްކަތް ކުރުން. އެކަމަށްޓަކައި ހާއްސަ ކުންފުންޏެއް އެކުލަވާލައި ވަރަށް ގިނަ މަސައްކަތްތައް އޮންނާނީ ކޮށްފަ." އަމްރު ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ

ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ގައުމުތަކަށް ބަލާއިރު ވެސް އެއް އަހަރު ދުވަހުގެ ތެޔޮ ނަގައި ރައްކާ ކޮށްފައި ހުންނަ ގައުމެއް ނެތެވެ. ބައެއް ބޮޑެތި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ވެގެން ވެސް ހުންނަނީ ހައެއްކަ މަސް ދުވަހުގެ ކެޕޭސިޓީ އެވެ. އެގޮތުން؛

ޗައިނާ: 78-150 ދުވަސް

ޖަޕާނު: 200-254 ދުވަސް

ސައުތު ކޮރެއާ: 200-210 ދުވަސް

އެމެރިކާ: 64-125 ދުވަސް

އިންޑިއާ: 40-45 ދުވަސް

ސްރީ ލަންކާ: 28-33 ދުވަސް

ނޯޓް: ގައުމުތަކުން ތެލުގެ ރިޒާވް ހިސާބުކުރުމުގައި ގެންގުޅޭ އުސޫލުތައް ތަފާތެވެ. ޖަޕާން، އެމެރިކާ އަދި ޔޫރަޕުގެ ގައުމުތައް ފަދަ އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ މެންބަރު ގައުމުތަކުން މަދުވެގެން 90 ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓުމަށް އެ އިދާރާއިން ލާޒިމުކުރެ އެވެ. ނަމަވެސް އެ އިދާރާގެ މެންބަރުން ނޫން ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުން ތެލުގެ ރިޒާވްގެ ތަފާސްހިސާބުތައް ހާމަކުރަނީ އެ ގައުމުތަކުގެ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗާ ނުވަތަ ވިޔަފާރީގެ ބޭނުމަށް ރައްކާކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށްވާތީ، އެކި ގައުމުތަކުގެ ރިޒާވް އެއްވަރަކަށް އަޅާކިޔުމަކީ އުނދަގޫ ކަމެކެވެ.

މި އަދަދުތަކަށް ބަލާއިރު އެނގޭ ގޮތުގައި ރާއްޖެއިން އެއް އަހަރު ދުވަހަށް ވާ ވަރަށް ތެޔޮ ރައްކާ ކޮށްފި ނަމަ އެ ވަނީ ދުނިޔޭގެ ރެކޯޑަކަށެވެ.

ދެން ސުވާލަކީ ދުނިޔޭގެ އެހެން މުއްސަނދި ގައުމުތަކުން އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟ ރާއްޖެ އަށް މިވަރުގެ ކަމެއް ކުރެވިދާނެ ހެއްޔެވެ؟

މަޝްރޫއަށް މަދުވެގެން ބިލިއަން ޑޮލަރު ބޭނުންވޭ

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ އެއީ މިވަގުތު ރާއްޖޭގައި ކުރެވޭނެ އަދި ކުރަން ރަނގަޅު ވެސް ކަމެއް ނޫނެވެ. އޭގެ ސަބަބުތައް ވަރަށް ބައިވަރެވެ.

އެއް ކަމަކީ އެވަރުގެ ސްޓޯރޭޖެއް ހެދުމަށް ބޭނުންވާ ބިމެއް ނެތެވެ. އަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރަން ބޭނުންވާ ނަމަ ބޮޑު ބިމެއް ހިއްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރަން ޖެހޭނީ އެންމެ ބޮޑެތި ތެޔޮ ބޯޓު ފަހަރު އައިސް ބަނދަރު ވެސް ކުރެވޭނެ ވަރުގެ ބޮޑު ބަނދަރަކާ އެކީ އެވެ. ޒަމާނީ އަދި ރައްކާތެރިކޮށް އެ މަސައްކަތް ކުރެވޭނެ ވަސީލަތްތަކާ އެކީ އެވެ. ތެޔޮ ސްޓޯރޭޖް ޓޭންކުތައް ބަނދެ ޕައިޕްލައިން އާއި ފަޔާ ސޭފްޓީތައް ގާއިމް ކުރަން ޖެހޭނެ އެވެ.

ނަމަވެސް ރާއްޖެ އަށް ދިމާވާނެ ގޮންޖެހުމަކީ ފެސިލިޓީއެއް އެޅުމެއް ނޫނެވެ. އަމްރު ވިދާޅުވި ގޮތުގައި އޮތް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމެވެ.

ހަނގުރާމަ ފެށުމުގެ ކުރިީގެ އަގުތަކުން ބެލިޔަސް ގާތްގަނޑަކަށް 700 މިލިއަނާ އެއް ބިލިއަން ޑޮލަރާ ތޭރޭ ހަރަދު ކުރަން ޖެހޭ. އެހާ ފައިސާގައި އަތް ނުލާ ރައްކާ ކޮށްފައި ބަހައްޓަން ޖެހޭ -- އަމްރު

އެއް ބިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ އެވެ. އަޅާ ކިޔަލާނަމަ އެއީ ރާއްޖެ އަށް އަހަރަކަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީގެ 80 ޕަސެންޓެކެވެ.

"އެހެންވެ ރާއްޖެ އަށް މިވަގުގެ ކަމެއް މިދަނޑިވަޅުގައި ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަނެއްކާ މިވަގުތު އިންވެސްޓު ކުރަން މިއީކީ ނޫން ހުރި ކަންކަމަކީ. މިއަށް ވުރެ މަ އާޖަންޓް ކަންކަން އެބަހުރި. ރާއްޖެ އިމްޕޯޓަށް ބަރޯސާވާއިރު ޑޮލަރު އަގުބޮޑުވެ ފުޑް ސޯޓޭޖެއް އައިސްފި ނަމަ ތެޔޮ ހުއްޓަސް ދިވެހިން ތިބޭނީ ބަނޑަށް." އަމްރު ވިދާޅުވި އެވެ.

ދިމާވާނެ ޓެކްނިކަލް މައްސަލަތައް

އަމްރު ވިދާޅުވި ގޮތުގައި އެއީ މާލީ ގޮތުން ވައިބަލް ކަމަކަށް ނުވުމުގެ އިތުރުން އަހަރެއްހާ ދުވަހުގެ ތެޔޮ ރައްކާ ކުރާއިރު ޓެކްނިކަލީ ވެސް ކުރެވޭ ވަރުގެ ކަމެއްތޯ ވިސްނާލަން ޖެހެ އެވެ.

ތެލުގެ ބޮޑު ސްޓޯރޭޖެއް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާ ވަރަކަށް އޭގެ ކޮލިޓީ ދަށްވަމުންދާނެ ކަމަށް އަމްރު ވިދާޅުވި އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޫނު ގަދަ ގައުމެއްގައި ހިއުމިޑިޓީ މަތީގައި ހުންނަ ވަރަކަށް ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންވެ ސްލަޖް ހެދުން ފަދ ަމައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް އަމްރު ވިދާޅުވި އެވެ.

"އޭގެ އިތުރުން ފުރަތަމަ ގެންނަ ބޭޗް ފުރަތަމަ ބޭނުންކޮށް ރޮޓޭޓް ކުރަން ޖެހޭނެ. ވަރަށް ރަނގަޅަށް މޮނިޓާ ވެސް ކޮށްގެން ޓްރީޓް ނުކޮށް ނުވާނެ." އަމްރު ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރަން ޖެހޭތީ މެއިންޓޭނަންސް ކޯސްޓުވެސް ވަރަށް ބޮޑުވެގެންދާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އޭގެ އިތުރުން ތެލުގެ އަގުތަކަސް އަންނަ ބަދަލުތަކުން ވެސް އެއަށް ބޮޑަސް އަސަރު ކުރާނެ ކަމަށް އޭނަ ވިދާޅުވި އެވެ. އަގު ބޮޑުކޮށް ތެޔޮ ގަނެގެން އައިސް އަޅާނަމަ ރާއްޖެއަށް ފުދޭވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި ވިއްކަން ޖެހޭ އަގު އަރައިގެންދާނެ ކަމަސް އަމްރު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ރިސޯޓުތަކާއި އެއާޕޯޓާއި އަދި އެހެނިހެން ތަކެއްްޗާއި ހިދުމަތްތަކުގެ އަގު އފުދުލުމުގެ ފުރުސަތު އެބައޮތެވެ.

"ތެލާ ގުޅިފަ މި އޮންނަނީ ހުރިހާ ކަމެއް. އެހެންވެ މިހާ ޓެކްނިކަލީ ވެސް ގޮންޖެހުން ބޮޑު ކަމަކަށް ވާތީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިކަން މިހެން ނުކުރަނީ. ހާއްސަކޮށް މި ކަހަލަ ދަނޑިވަޅެއްގައި ކުރެވޭނެ އަދި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން." އަމްރު ވިދާޅުވި އެވެ.

މިއީ ދާންވީ މިސްރާބުތަ؟

މިއީ ވުމަށް ވުރެއް ނުވުން ގާތް ކަމަކެވެ. ނަމަވެސް މިސާލަކަށް އެކަން ކުރެވޭ ފައިސާ ލިބުން ނަމަވެސް ރާއްޖެއިން އިންވެސްޓު ކުރަންވީ އެކަމަށްތޯ އެއީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. ދުނިޔެ ތެލަ ދުރަށް އަމާޒު ހިފާފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ތެޔޮ ނަގައި މެދުއިރުމަތީގެ ގައުމުތަކުން ވެސް ދަނީ ރިނިއަބަލް އެނާޖީ އާ ދިމާލަށެވެ. ސަހަރާތަކުގައި ބޮޑެތި ސޯލާ ޕެނަލްގެ ސަރަހައްދުތައް ހަދަ އެވެ. ވަޔާއި ފެނާއި އައްވާ އަދިވެސް އެހެނިހެން ގޮތްތަކުން އެނާޖީ އުފެއްދުމެވެ.

ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ ހަރަދު ސޯލާ އަށް ހަރަދު ކޮށްގެން ރާއްޖޭގެ ކިހާ ސަރަހައްދަކަށް ކަރަންޓު ހިލޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދެވޭނެތޯ ވިސްނަލަން ޖެހެ އެވެ. ދުނިޔޭގައި ތެލަށް ކުރާ ހަނގުރާމަ އާއި ތެލާ ހެދި ގައުމުތަކުން ބަނޑަށް ޖެހޭ އިރު އެ ނޫން ގޮތެއް ހޯދުމާ ދިމާލަށް ފުރަތަމަ އިންވެސްޓް ކުރުން ބުއްދިވެރި އެވެ.

ރާއްޖޭގެ މާލީ ހާގީގަތާ ދުރު ހިޔާލެއް

މިކަމާ މެދު ވިސްނަން ފެށުމުގެ ކުރިން ދުނިޔެ ތިން ވަނަ ބޮޑު ހަނގުރާމައިގެ ތުންފަތް މަތީ އޮތް މި ދަނޑިވަޅުގައި ރާއްޖެ އޮތް ހަލަތެއް ވެސް ބަލައިލަން ޖެހެ އެވެ.

ސަރުކާރު ވެސް ބުނަމުން އަންނަ ގޮތަށް ރާއްޖޭގައި ތެލުގެ ސަޕްލައިގެ ތާއްޓެއް ނެތެވެ. އެސްޓީއޯ އިން ތެޔޮ ގެންނަ އޮމާން އާއެކު އޮތް އެއްބަސްވުން އާ ކުރި ވަރަށް ފަހުންނެވެ. އޮމާންއަކީ ތެޔޮ ނަގާ ގައުމަކަށްވުމުން އެ ކޮންޓްރެކްޓުގައި އޮތް މުއްދަތަށް ރާއްޖެ އަށް ތެޔޮ ލިބޭނެ އެވެ. އަދި ކުރިޔަށް އޮތް މަސްތަކުގައި ބަރާބަރަށް ރާއްޖެ އަށް ބޭނުންވާ ވަރަށް ތެޔޮ ލިބޭނެ އެވެ.

މައްސަލައަކީ އެއީ އެއް ނޫނެވެ. މައްސަލައަކީ އެ ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދެވެ.

އަމްރު ވިދާޅުވި ގޮތުގައި ރާއްޖެއިން މިހާރު އަގު ހެޔޮކޮށް ގަނެފައިވާ ތެޔޮ ބޭނުން ކުރަމުންދާ އިރު ހައެއްކަ މަސް ފަހުން އަގު ބޮޑު ތެލަށް ފައިސާ ދައްކަން ޖެހޭނެ އެވެ.

ހޮމްރޫޒް ކަނޑުއޮޅި ބަންދު ކުރުމާއި ތާށިކޮށްފައި އޮތުމުން ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް ޖައްސާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. އެއީ ރާއްޖެ އަށް އެފޯޑް ކުރެވޭނެ އަގެއް ނޫނެވެ.

އަނެއްކޮޅުން ރާއްޖެ އަށް ހަމައެކަނި އާމްދަނީ ލިބޭ ޓޫރިޒަމް ކޮޅުތައް ބަންދު ވަނީ އެވެ. ފަތުރުވެރިން ޓްރާންސިޓް ކުރާ މެދުއިރުމަތީގެ ގައުމުތައް ހަލަބޮލި ކަމެއްގައި އޮތް އިރު ދުނިޔޭގައި ޓޫރިޒަމަށް އޮތް އެޕަޓައިޓް ވެސް ކުޑަވެގެންދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާ ކުރެ އެވެ. އެހެންވެ އެ ބަންދުވަނީ ފައިސާ ވަންނަން އޮތް މަގެވެ.

ދެން އޮތް ގޮންޖެހުމަކީ ދެތިން ދުވަހެއްގެ ތެރޭގައި ދައްކަން ޖެހޭ ސުކޫކެވެ. އެއީ ރާއްޖެއިން މިހާތަނަށް ދައްކާ އެންމެ ބޮޑޫ ދަރަންޏެވެ. އެގޮތުން 500 ބިލިއަން ޑޮލަރު ދައްކަން ސަރުކާރުން ނިންމާފައި ވަނީ ތެލާއި ކާޑަށް ވެސް ހަރަދު ކުރަން ހުރި ރިޒާވް އިން ފައިސާ ނަގައިގެންނެވެ. އެހެން ގޮތަކަށް އެ ފައިސާ ދެއްކޭނެ މަގެއް ތަނަވަސް ނުވި އެވެ. އެ ފައިސާ ދައްކާ ހިސާބުން ރާއްޖެ އޮންނާނީ މި ފަހުގެ ތާރީހެއްގައި އިގްތިސާދީ ގޮތުން އެންމެ ވަނަރަބަލް ހާލަތަށް ގޮސްފަ އެވެ.

އަމްރު ފަދަ ބައެއް އެހެން ތަޖުރިބާކާރުން ވެސް ލަފާ ކުރާ ގޮތުގައި ޑޮލަރު 25ރ. އަށް ވުރެ ވެސް މައްޗަސް ދިޔުމުގެ ފުރުސަތު ބޮޑެވެ. އަދި ރާއްޖޭގެ ތަކެތީގެ އަގުބޮޑުވެ ހުރިހާ ދިމާލަކުން ރަނގަބީލު އަޅަން ފަށާނެ އެވެ.

"މިހާލަތުގަ އޮއްވާ އިމީޑިއަޓް ބެނެފިޓެއް ނެތް ކަންކަން ކުރާކަށް ނުވާނެ. ދުނިޔޭގެ އެހެން ގައުމުތަކުން އިގްތިސާދީ ރިފޯމް ޕްލޭންތައް ހަދަމުން އަންނަ އިރު ކުރިމަތިން ފެންނަ މި ހާލަތަށް ތައްޔާރުވާން ރާއްޖެއިން އެއްވެސް ކަމެއް ނުކުރޭ. އެއްވެސް އިގްތިސާދީ ޕްލޭނެއް ނުދައްކާ." އަމްރު ވިދާޅުވި އެވެ.