ޑިމޮކްރަސީއާއި ސިޔާސީ އިލްމުގައި އެންމެ މަދުން ބަހުސްކުރެވިފައިވާ އެއް މައުޟޫއަކީ އިންތިހާބުތައް އެކުގައި ބޭއްވުމާއި ވަކިން ބޭއްވުމުގެ މައުޟޫއެވެ. ކޮންކަރެންޓް އިލެކްޝަންސް ނުވަތަ ދެ އިންތިހާބު ނުވަތަ އެއަށްވުރެ ގިނަ އިންތިހާބުތައް އެއް ދުވަހެއްގައި އެކުގައި ބޭއްވުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ތަޖުރިބާކުރެވެމުންދާ ކަމެކެވެ. މިސާލަކަށް އެމެރިކާގައި ރައީސާއި ކޮންގްރެސްގެ އެއްބައި އިންތިހާބުކުރަނީ އެކީގައެވެ. ސްވިޑެންގެ ސަރުކާރުގެ ތިން ފަންތި އިންތިހާބުކުރަނީ އެއް ދުވަހެއްގައި އެކުއެކީއެވެ. ސައުތު އެފުރިކާގައި ގައުމީ އަދި ޕްރޮވިންޝަލް އިންތިހާބުތައް ބާއްވަނީ އެކީގައެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށްވާ އިންޑިޔާގައި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާމެދު ބަހުސްކުރެވެމުންދާތާ އަހަރެއްހައި ދުވަސްވީއެވެ.
މި މައުޟޫއުގައި ކުރެވިފައި ހުރި ދިރާސާތަކަށް ބަލައިލުމުން އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ އޭގެ ޒާތުގައި ބައެއް ކަހަލަ މަންފާތައް ލިބޭ ކަމެއް ކަމުގައި ފެނުނަސް، އެއިން ލިބޭ ގެއްލުންތަކެއްވެސް ފާހަގަކުރެވޭ ކަމެކެވެ. އެކަމުގައި އެކުލެވެނީ މުޅިން ފައިދާ ނުވަތަ ގެއްލުން ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މި ލިޔުމުގައި އަަޅުގަނޑު މަސައްކަތްކުރަނީ، ސިޔާސީ އިލްމުގައި މިކަމާމެދު ކުރެވިފައި ހުރި ބަހުސްތަކާއި ދިރާސާތަކުގެ އަލީގައި މައުޟޫއުގެ ދެފަޅި ވީހާވެސް އިންސާފުވެރި ގޮތެއްގައި ބަޔާންކޮށްދިނުމަށެވެ.
މަފުހޫމީ އޮނިގަނޑު؛ އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުގެ މާނައަކީ ކޮބާ؟
ސިޔާސީ އިލްމުވެރިން އިންތިހާބުތައް އެ އިންތިހާބުގައި މީހުން ވޯޓުލުމަށް ޝައުގުވެރިވާ މިންވަރާއި ރައްޔިތުން އިންތިހާބުތަކަށް ދޭ އަހަންމިއްޔަތުގެ މައްޗަށް ބިނާކުރައްވައި ދެ ދަރަޖައަކަށް ބައްސަވައެވެ. ފުރަތަމަ ދަރަޖައިގައި ހިމެނެނީ ގިނަ ރައްޔިތުން ވޯޓު ލުމުގައި ބައިވެރިވާ އެ އިންތިހާބުތަކުގައި ނިންމާ ނިންމުންތަކުގެ އަސަރު ބޮޑުވާނެ ކަމުގައި ދެކޭ ރައްޔިތުން އިސްކަންދޭ ތަރުތީބުގައި ކުރިއަށް ނެރޭ އިންތިހާބުތަކެވެ. ރާއްޖޭގައި ނަމަ، ރިޔާސީ އިންތިހާބަކީ އެންމެ ބޮޑު އިސްކަން ލިބޭ އިންތިހާބެވެ. މަޖިލީހުގެ އިންތިހާބަށް އެއަށްވުރެ ކުޑަ އިސްކަމެއް ލިބޭއިރު ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ލިބެނީ އެ ދެ އިންތިހާބަށްވުރެ ކުޑަ އިސްކަމެކެވެ.
އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމުގެ މާނައަކީ މިފަދަ ދެ އިންތިހާބެއް ނުވަތަ ދެ ދަރަޖައިގެ އިންތިހާބުތަކެއް އެކުއެކީ ބޭއްވުމެވެ. މިގޮތަށް އިންތިހާބުތައް ބޭއްވުމާ ގުޅިފައިވާ މުހިއްމު އެއް މަފުހޫމަކީ ސިޔާސީ އިލްމުވެރިންކަމަށްވާ ރެއިފް އަދި ޝްމިޓް ތައާރަފުކުރައްވާފައިވާ "ސެކަންޑް އޯޑާ" އިލެކްޝަންސްގެ މަފުހޫމެވެ. އެއީ ގައުމީ ފެންވަރުގެ މުހިއްމު އިންތިހާބެއްގެ ހިޔަނީގައި ބޭއްވޭ، އެއަށްވުރެ ދެވޭ އަހަންމިއްޔަތު ކުޑަ ނަމަވެސް ނުކުންނަ އަސަރު ބޮޑު އިންތިހާބެވެ. މި މަފުހޫމަކީ އިންތިހާބުތައް އެެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސްގައި މަރުކަޒީ ދައުރެއް ދޭންޖެހޭ މަފުހޫމެކެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް
ވޯޓުލާން ނިކުންނަ މީހުން އިތުރުވުން
"ކޮންކަރެންޓް" އިލެކްޝަންތަކުގެ ފައިދާއެއްގެ ގޮތުގައި ދިރާސާތަކުން ސާބިތުކުރެވި ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު ފައިދާއަކީ އިންތިހާބުތަކުގައި ވޯޓުލާ މީހުން އިތުރުވުމެވެ. ހާއްސަކޮށް އަހަންމިއްޔަތު ދޭ ނުވަތަ އިސްކަންދޭ ތަރުތީބުގައި ދެވަނަ ދަރަޖައިގައި ގުނައިލެވޭ އިންތިހާބެއް، އިސްކަންދޭ ތަރުތީބުގައި އެއްވަނަ ދަރަޖައިގެ އިންތިހާބަކާ ގުޅުވައިލުމުން، ކުރިން ވޯޓުލުމުގައި މީހުން މަދުން ބައިވެރިވި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވުމެވެ.
ސިޔާސީ ބައެއް އިލްމުވެރިން ކުރެއްވި ދިރާސާތަކުން ފެންނަ ގޮތުގައި ޖަރުމަނުގައި ޔޫރަޕިއަން ޕާލިމަންޓުގެ އިންތިހާބާއި އެ ގައުމުގެ ލާމަރުކަޒީ ނިޒާމުގެ އިންތިހާބު އެއްކޮށް ބޭއްވުމުން މޭޔަރުން އިންތިހާބު ކުރުމުގައި ބައިވެރިވި މީހުންގެ އަދަދު 10 އިންސައްތައިން އިތުރުވިއެވެ. އާއްމު ގޮތެއްގައި ޔޫރަޕުގެ ގައުމުތަކުގައި ޔޫރަޕިއަން ޕާލިމަންޓު އިންތިހާބުތަކަކީ ވޯޓުލާން ނިކުންނަ މީހުން މަދު އިންތިހާބުތަކެކެވެ.
ސްވިޒްލޭންޑުގައި ހެދުނު ދިރާސާތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ސީދާ ޑިމޮކްރަސީގެ ދަށުން ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުތަކާއި، މަގާމުތަކަށް މީހުން އިންތިހާބުކުރުމުގެ ވޯޓުތައް އެއްކޮށް ބޭއްވުމުން، ވަކިން އެ ވޯޓުތައް ބާއްވާ ހާލަތުގައި ވޯޓުގައި ބައިވެރިވާ މީހުންނަށްވުރެ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު 6.7 އިންސައްތަ އިތުރުވެއެވެ.
އެމެރިކާގެ ނޭޝަނަލް އިލެކްޝަން ސްޓަޑީ ސާވޭގެ 20 އަހަރުގެ ޑޭޓާއިން ދައްކާ ގޮތުގައި އެކުގައި އެއް ދުވަހެއްގައި ބާއްވާ އިންތިހާބުތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަކިން ބާއްވާ އިންތިހާބުތަކުގައި ބައިވެރިވާ މީހުންގެ އަދަދަށްވުރެ އިތުރުވެއެވެ. މާނައަކީ ރިޔާސީ އިންތިހާބާއެކު ކޮންގްރެސްގެ ދެ ގެއަށް މެންބަރުން ބާއްވަން ކުރިއަށްގެންދާ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ނިސްބަތް، ދައުރުގެ މެދުން ބާއްވާ ކޮންގްރެސްގެ ދެ ގެެއަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުގައި މީހުން ވޯޓުލާ މިންވަރަށްވުރެ އަބަދުވެސް އިތުރުވެ.
ހަރަދު ކުޑަވުމާއި އިދާރީ ހިންގުން ފަސޭހަވުން
އިންތިހާބުތައް ބޭއްވުމަށް ބޮޑު ހަރަދެއް ހިނގައެވެ. އަވައްޓެރި އިންޑިޔާގައި އިންތިހާބުތައް އެކީގައި ބޭއްވުމަށް ތާއީދުކުރައްވާ ބޭފުޅުންގެ އެންމެ ބޮޑު ޒުވާބަކީވެސް 2024 ގައި 75،000 ކޮރޯ އިންތިހާބުތަކަށް ހަރަދުވި ކަމަށާއި ކޮންމެ އިންތިހާބީ ވަށްބުރަކާއެކު އެ ހަރަދުތައް އިތުރުވަމުންދާ ކަމެވެ. "ވަން ނޭޝަން، ވަން އިލެކްޝަން"ގެ ނަމުގައި ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންތިހާބުތަކުގެ ޕްރޮކިއުމެންޓާއި، އިދާރީ އިންތިޒާމުތަކަށް ކޮންމެ އިންތިހާބަކާ ގުޅިގެން ހިނގަމުންދާ ހަރަދުތައް ކުޑަކޮށް އެއްފަހަރުން ހަރަދުކުރެވި ހޭދަ ކުޑަކުރެވޭނެ ކަމަށެވެ.
އިންޑިޔާ އިން ވަނީ މިކަމުގައި ދިރާސާކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލާ އެކޮމިޓީގެ ޗެއާމަނަކަށް އެ ގައުމުގެ ކުރީގެ ރައީސް ރާމް ނަތް ކޮވިންޑް އައްޔަންކޮށްފައެވެ. އެ ކޮމިޓީގެ ދިރާސާގައި އެ ގައުމުގެ މުހިއްމު ގިނަ ވިޔަފާރި ޖަމްއިއްޔާތަކުން އެ އިސްލާހަށް ތާއީދުކޮށްފައިވެއެވެ. އެއީ އިންތިހާބުތައް ގިނަވުމުގެ ސަބަބުން ސަރުކާރުތަކުގެ ހިންގުން ހުއްޓުމަށް އައުމުގެ މައްސަލަ ހައްލުވެ، ސިޔާސީ ހަމަޖެހުމާއި އިސްތިގުރާރު (ސްޓެބިލިޓީ) އަށް ފުރުސަތު ލިބޭނެތީއެވެ. އެ ކޮމިޓީއަށް ހިޔާލު ހުށަހެޅި 47 ޕާޓީގެ ތެރެއިން 32 ޕާޓީން އެ ގޮތަށް އިންތިހާބުތައް އެކުގައި ބޭއްވުމަށް ތާއީދުކުރެއެވެ.
ނޯޓު: 1951 ވަނަ އަހަރުން ފެށިގެން 1967 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ މަރުކަޒީ އިންތިހާބުތަކާއި ސްޓޭޓުތަކުގެ އިންތިހާބުތައް ބާއްވަމުން އައީ އެކުއެކީގައެވެ. 1968-69 ގައި ބައެއް ސްޓޭޓުތަކުގެ އެސެމްބްލީތައް އުވައިލެއްވުމަށް އެއިރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ ނިންމަވައި، ގައުމީ އިންތިހާބުތައް އަވަހަށް ބޭއްވުމަށް 1971 ގައި ނިންމެވުމާއެކު، އިންތިހާބުތައް އެކުގައި ބޭއްވުމުގެ ނިޒާމު އެކީ އުވިގެން ގޮސް ދެ ތާރީހެއްގައި އިންތިހާބުތައް ބޭއްވުމުގެ ނިޒާމު ގާއިމުވީއެވެ. އެހެންކަމުން އިންޑިޔާގައި ކުރަން އުޅޭ ކަމަކީ އެ ގައުމުގެ ގާނޫނުއަސާސީ އެކުލަވައިލިއިރު އޮތް ގޮތަށް އަލުން ރުޖޫއަކުރުމެވެ.
އަނެއްކަމަކީ އިންޑިޔާގައި ދެކެވެނީ ގައުމީ ފެންވަރުގެ އާއްމު އިންތިހާބާއި ސްޓޭޓު ފެންވަރުގެ އާއްމު އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުގެ ވާހަކައެވެ. މި ދެ ބާވަތުގެ އިންތިހާބުންވެސް އިންތިހާބުކުރަނީ ގާނޫނު ހަދާ މަޖިލީހަކާއި، ސަރުކާރެކެވެ. މަރުކަޒީ ސަރުކާރާއި ފެޑެރަލް ބަރުލަމާނާއި، ސްޓޭޓު ސަރުކާރުތަކާއި، ސްޓޭޓު ބަރުލަމާނުތަކެވެ.
އެހެންކަމުން ރާއްޖޭގައި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި އިންޑިޔާގައި މި ދެ ބާވަތުގެ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ދެމެދުގައި ބޮޑު ފަރަގެއް ހުރެއެވެ.
"ކޯޓެއިލް އެފެކްޓް" އަދި ސަރުކާރުގެ ސިޔާސަތު ދެމިގެންދިއުން
އިންތިހާބުތައް އެއްކުރުމާ ގުޅިފައިވާ އެންމެ މުހިއްމު އެއް މަފުހޫމަކީ "ކޯޓެއިލް އެފެކްޓް" އެވެ. އެއީ ގައުމީ ފެންވަރުގެ އިންތިހާބެއްގައި ވާދަކުރައްވާ މަގުބޫލު ކެންޑިޑޭޓެއްގެ މަގުބޫލުކަމުން އެއަށްވުރެ އިސްކަންދެވޭ ތަރުތީބުގައި ދަށް އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކަށް މަންފާކުރުން ނުވަތަ ދާއިރާއެއްގައި މަގުބޫލު ކެންޑިޑޭޓެއްގެ މަގުބޫލުކަމުން ގައުމީ ފެންވަރުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް މަންފާކުރުމެވެ.
މި އެފެކްޓު ނުވަތަ އަސަރުގެ ނަތީޖާއަކަށްވަނީ ރައީސްކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓަކީ މަގުބޫލު ބޭފުޅެއްނަމަ އެ ބޭފުޅެއްގެ މަގުބޫލުކަމުގައި އެ ބޭފުޅަކު ތާއީދުކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ހޮވިވަޑައިގަތުން ނުވަތަ ދާއިރާއެއްގައި މަޖިލީހުގެ ކެންޑިޑޭޓެއްގެ މަގުބޫލުކަން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އެ ކެންޑިޑޭޓަކު ތާއީދުކުރައްވާ ރިޔާސީ ކެންޑިޑޭޓަށް އެ ދާއިރާއެއްގެ އަޣުލަބިއްޔަތު ވޯޓު ލިބުމެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން - ފޮޓޯ: މިހާރު
މި އަސަރުގެ ސަބަބުން ސަރުކާރު ހިންގާ ބާރު އިންތިހާބުވާއިރު، އެ ބާރާ އެއް އަމާޒަށް މަސައްކަތް ކުރާނެ މަޖިލީހެއް އިންތިހާބުވުމުގެ ފުރުސަތު އޮވެއެވެ. އެއީ ސަރުކާރު ހިންގުމުގައި ދައްޗާއި ތުރާތަކެއް ކުރިމަތިނުވެ، ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާނޭ ގާނޫނީ އިސްލާހުތައް ގެނައުމަށް މަގުފަހިވާނެ ކަމެކެވެ.
ދެން އޮތް އެންމެ ބޮޑު ފައިދާއަކީ އިންތިހާބުތަކުގެ ވަށްބުރެއްގައި ސަރުކާރުތައް ތާށިވުމުގެ ސަބަބުން ކުރު ރާސްތާ ފައިދާއަށް ވިސްނައިގެން އިންތިހާބުތައް ކާމިޔާބުކުރުމުގެ ނިޔަތުގައި ކަންކަން ކުރަން ސަރުކާރުތަކަށް މަޖުބޫކުރުކުރާ ސިޔާސީ ހަގީގަތް ބަދަލުވުމެވެ. އިންތިހާބުތައް އެއް ދުވަހުން ނިންމައިލެވުމުން، ސަރުކާރުތަކުގެ ހަގީގީ ސިޔާސަތުތަކާއި ދުރު ރާސްތާ އަމާޒުތައް ހާސިލުކުރުމަށް ސަމާލުކަންދީގެން މަސައްކަތްކުރާނެ ޖާގަ ލިބިގެންދެއެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުގެ ގެއްލުންތައް
ވޯޓު ދޭ މީހުންގެ ސަމާލުކަމާ ގުޅޭ މައްސަލަ
ކުރިން ދެންނެވި ފަދައިން އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލުމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވުމަކީ ދިރާސާތަކުން ފެންނަ ހަގީގަތަކެވެ. ނަމަވެސް ހަމަ އެ ދިރާސާތަކުން ފެންނަ އަނެއް ހަގީގަތަކީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ދެވަނަ ދަރަޖައިގެ އިންތިހާބުތަކުގައި ކެންޑިޑޭޓުންނާމެދު ވޯޓުދޭ ރައްޔިތުން އިސްކަންދޭ އަދި ސަމާލުކަންދޭ މިންވަރު ކުޑަވެގެންދާ ކަމެވެ.
ކުރިންވެސް އިޝާރާތްކުރި އެމެރިކަން ނާޝަނަލް އިލެކްޝަން ސާވޭގެ ޑޭޓާއިން އިނގޭ ގޮތުގައި ރިޔާސީ އިންތިހާބާ އެއް ދުވަހެއްގައި ހައުސް އޮފް ރިޕްރެޒެންޓޭޓިވުން އިންތިހާބުކުރުމުގެ ވޯޓު ބޭއްވުމުން، ވޯޓުގައި ބައިވެރިވާ މީހުންގެ ސަމާލުކަން ބޮޑަށް ހުއްޓެނީ ރިޔާސީ އިންތިހާބަށެވެ. ނަތީޖާއެއްގެ ގޮތުގައި ވަކިން ބާއްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިންތިހާބުތަކުގައި ވޯޓުލާ މީހުންނަށް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސިޔާސަތުތައް އެނގޭ މިންވަރާ އަޅާބަލާއިރު ރިޔާސީ އިންތިހާބާއެކު ހައުސް އޮފް ރިޕްރެޒެންްޓޭޓީވްސްގެ އިންތިހާބުތައް ބާއްވާއިރު ކެންޑިޑޭޓުންނާއި އެމީހުންގެ ސިޔާސަތުތައް ވޯޓުލާ މީހުންނަށް އެނގޭ މިންވަރު ދަށްްވެއެވެ.
ސްލޮވޭކިއާގައި ހެދި ދިރާސާއެއް ދައްކާ ގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިސްކަން ދޭ ތަރުތީބުގައި ދަށް އިންތިހާބުތަކުގައި ބާތިލު ވޯޓު އަޅާ މިންވަރު އިތުރުވެއެވެ. އެއީ އިންތިހާބުގައި ބާތިލު ވޯޓު ކަނޑައެޅުމުގައި އެއް އުސޫލުތަކަކަށް އަމަލުކުރިއަސް ނިކުންނަ ނަތީޖާއެކެވެ. ދެކުނު ކޮރެއާގައި އެކީގައި ބާއްވާ އިންތިހާބުތަކުގައިވެސް މި މައްސަލަ ފެންމަތިވާކަން އެގައުމުގައި ހެދުނު ބައެއް ދިރާސާތަކުންވެސް ފެންނަން އެބައޮތެވެ.
ކޯޓެއިލް އެފެކްޓުގެ އަނެއް ފަޅި
ކޯޓެއިލް އެފެކްޓުގެ ސަބަބުން ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ވިސްނުން އެއްގޮތްވުމަށް މެދުވެރިވެއެވެ. އެމެރިކާގެ އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު ރިޔާސީ އިންތިހާބާއެކު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުތަކުގެ އަޣުލަބިއްޔަތު ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ޕާޓީއަށް ލިބެއެވެ.
ޓައިވާނުގެ އިންތިހާބުތަކުގެ ނަތީޖާ ދިރާސާކޮށް ލިޔެވިފައިވާ ކަރުދާހެއްގައި ސާބިތުކޮށްދީފައިވާ ގޮތުން އޭގެ އިދިކޮޅަށްވެސް ކޯޓެއިލް އެފެކްޓު ހިނގާފައި އެބަހުއްޓެވެ. އެއީ ލޯކަލް ފެންވަރުގައި މަގުބޫލު ކެންޑިޑޭޓެއްގެ ސަބަބުން ގައުމީ ފެންވަރުގައި އޭނާ ނިސްބަތްވާ ޕާޓީއަށް ލިބޭ ވޯޓުގެ އަދަދު އިތުރުވުމެވެ. ޖަރުމަންވިލާތުގައި ހެދުނު ދިރާސާއެއް ދައްކާ ގޮތުން ކޯޓެއިލް އެފެކްޓުގެ ސަބަބުން އެއިރެއްގައި ވެރިކަމުގައި ތިބޭ ނުވަތަ ބާރު އޮންނަ ޕާޓީތަކަށް 2.5 އިންސައްތައިގެ އެޑްވާންޓޭޖެއް ލިބެއެވެ.
ސިޔާސީ އިލްމުވެރިން ވިދާޅުވަނީ އިސްކަންދޭ ދަރަޖަ މަތީ އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ މަގުބޫލުކަމުގެ ސަބަބުން އެއަށްވުރެ އިސްކަންދޭ ތަރުތީބުގައި ދަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ފައިދާކުރާނަމަ، އެ ކެންޑިޑޭޓުގެ ހަގީގީ ދުސްތޫރީ ޒިންމާ އަދާކުރުމަށް އުނިކަމެއް އަންނަ ކަމަށެވެ.
ރާއްޖެއަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގުބޫލުކަމުގެ ސަބަބުން މަޖިލީހަށް މެންބަރުން ހޮވޭނަމަ، މަޖިލީހުގެ ޒިންމާ އެ މެންބަރުންނަށް އަދާނުކުރެއްވޭނެއެވެ. މިހާރުވެސް އޮތީ މިފަދަ ހާލަތަކެވެ. އެއީ ހަ މަސްދުވަހުގެ މުއްދަތު ބޭނުންކުރައްވައިގެން ސަރުކާރުގެ ބާރުތައް ބޭނުންކުރައްވައި އެތައް މަޝްރޫއެއް އިއުލާނުކުރައްވައި ވަޒީފާތައް ބައްސަވައިގެން ރައީސް ދެއްވާ އިނާޔަތުން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ރައީސާއި ސަރުކާރު ޖަވާބުދާރީނުކުރެވުމެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ކޯޓެއިލް އެފެކްޓުގެ އަސަރު ބޮޑުވެއެވެ. މަޖިލީހުގެ މެންބަރު ދައުރުގައި މަސައްކަތްކުރެއްވި ގޮތަށްވުރެ ސަރުކާރުގެ ކާމިޔާބުތަކުގައި އެލިވަޑައިގެން މަޖިލީހަށް އަލުން އިންތިހާބުވެވަޑައިގަތުމަށް އޮންނަ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރިޔާސީ އިންތިހާބާއެކު މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތުވެސް މިކަމުގެ ސަބަބުން ބޮޑުވެއެވެ.
އެމެރިކާގައި ކުރެވުނު ދިރާސާތަކުން ފެނުނު ގޮތުގައި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން އެންމެ ބޮޑަށް ބަލިކަށިވީ މިނިވަން ކެންޑިޑޭޓުންނެވެ. އެގޮތުން ރިޔާސީ އިންތިހާބާއެކު ބާއްވާ ބަރުލަމާނުގެ އިންތިހާބުގައި ސެނެޓަށާއި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއަށްވެސް މިނިވަން ކެންޑިޑޭޓުން އިންތިހާބުވާ މިންވަރު، ދައުރުގެ މެދުގައި ބާއްވާ އިންތިހާބުގައި މިނިވަން ކެންޑިޑޭޓުން އިންތިހާބުވާ މިންވަރަށްވުރެ މަދެވެ. އެއީ ކޯޓެއިލް އެފެކްޓުގެ ސަބަބުން ރިޔާސީ ކެންޑިޑޭޓަށް ދޭ ވޯޓާއި ބަރުލަމާނުގެ ދެގެއަށް އިންތިހާބުކުރާ ކެންޑިޑޭޓުންނަށް ދޭ ވޯޓު ލާމެހިގެންދިއުމުގެ ނަތީޖާއެކެވެ.
މުއައްސަސީ ޖަވާބުދާރީކުރުވުން ބަލިކަށިވުން
ކޯޓެއިލް އެފެކްޓުގެ ސަބަބުން އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވާ ހާލަތުގައި މަގުބޫލު ޕާޓީއަށް ހުރިހާ އިންތިހާބެއްގައި ކުރި ލިބުމުގެ ފުރުސަތު ބޮޑުވެއެވެ. އެެހެން އެކަންވުމުން ނިކުންނަ އެންމެ ބޮޑު ނަތީޖާއަކީ އިންތިހާބީ ޖަވާބުދާރީކުރުވުން (އިލެކްޓޯރަލް އެކައުންޓަބިލިޓީ) އިތުރުވި ނަމަވެސް މުއައްސަސީ ޖަވާބުދާރީކުރުވުން (އިންސްޓިޓޫޝަނަލް އެކައުންޓަބިލިޓީ) ބަލިކަށިވުމެވެ.
އިންތިހާބީ ޖަވާބުދާރީކުރުވުމަކީ ސިޔާސީ ޕާޓީއަކަށް ރައްޔިތުން ދޭ ބާރު، ދައުރެއްގެ މުހުލަތުގެ ތެރޭގައި ބޭނުންކުރި ގޮތާމެދު ދައުރު ނިމުމުން ރައްޔިތުން ވޯޓުން ގޮތެއް ނިންމުމެވެ. ސަރުކާރު ރަނގަޅުވެފައި ކާމިޔާބުނަމަ، ސަރުކާރު ހިންގާ ޕާޓީއަށް ވެރިކަމާއި ބަރުލަމާނުގެ އަޣުލަބިއްޔަތުވެސް ލިބުމެވެ. ގޯސްވެއްޖެނަމަ އިންތިހާބު މެދުވެރިކޮށް ވެރިކަމާއި ބަރުލަމާނުގެ ބާރުވެސް އެ ޕާޓީއަކުން ނިގުޅައިގަތުމުގެ ބާރު ރައްޔިތުންނަށް އޮންނާނެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން - ފޮޓޯ: މިހާރު
މުއައްސަސީ ޖަވާބުދާރީކުރުވުމުގައި ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި ކޮންމެ ބާރަކުން އެ ބާރެއްގެ ވާޖިބު އަދާކޮށް، ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީކުރުވުމެވެ. ދުސްތޫރީ ނިޒާމު ތަސައްވުރުކުރަނީ ރައްޔިތުންނާ ހަމައަށް ނައިސް ފަސް އަހަރުގެ ތެރޭގައި ބަރުލަމާނުން ސަރުކާރަށް ފާރަވެރިވުމުގެ ފަންކްޝަން އަދާކުރުމެވެ.
ނަމަވެސް ރާއްޖޭގައި ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ވެރިކަން ހިންގާ ޕާޓީއަކަށް ލިބިއްޖެނަމަ ހަގީގީ މާނާގައި ޖަވާބުދާރީނުކުރުވާ ކަމެވެ. ދިރާސާތައް ދައްކާ ގޮތުން ކޯޓެއިލް އެފެކްޓުގެ ސަބަބުން ވެރިކަމަށް އަންނަ ރައީސަކަށް ރިޔާސީ އިންތިހާބާއެކު ބާއްވާ އެއަށްވުރެ އިސްކަންދޭ މިންވަރު ދަށް އިންތިހާބުގައި ބޮޑު އެޑްވާންޓޭޖެއް ލިބި އެ އިންތިހާބުން އެކުލަވައިލާ މުއައްސަސާގެ އަޣުލަބިއްޔަތު ލިބެއެވެ. އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސް ޖަވާބުދާރީކުރުވާނެ މަޖިލީހެއް ހޮވުމުގެ ފުރުސަތު މިހާރު އޮތް ނިޒާމަށްވުރެ އިތުރުވާނެ ކަމުގައި ނުބެލެވެއެވެ.
މައްސަލައާމެދު ވިސްނޭނެ ދެ މަންޒޫރާއި، ދެ ވިސްނުމުން ނެރެވޭ ނަތީޖާ
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ވިސްނިދާނެ ދެ ގޮތެއް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ހުށަހަޅަމެވެ. އެއީ ތިޔަ ބޭފުޅުންނަށް މުހިއްމީ އަދި ރަނގަޅީ އިންތިހާބުވާ ސަރުކާރެއް ބާރުގަދަ ގޮތުގައި އުފަންވުންތޯ ނުވަތަ ސަރުކާރު އިންތިހާބުވުމާއެކު، ސަރުކާރު ޖަވާބުދާރީކުރެވޭނެ ގޮތަށް އިންތިޒާމުތައް ތަރުތީބުވުންތޯއެވެ.
ސަރުކާރު ބާރުގަދަ ގޮތުގައި އުފަންވުން ކަމުގައި މިދަންނަވަނީ، ސިޔާސީ ނިންމުންތައް ނިންމުމުގައި ވާދަވެރިންނާ މަޝްވަރާ ނުކުރަންނުޖެހި އެއްވެސް ކަމެއްގައި ދުލެއް ދޭން ޖެހޭނެ ހާލަތެއް ނެތި ކުރިއަށްދެވޭ ގޮތަށް ސަރުކާރު އުފަންވުމެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާ ބޭފުޅުން އެ ވިދާޅުވާ ހަ މަސްދުވަހުގައި ކުރިމަތިވާ ގޮންޖެހުމަކީ ވެރިކަމަށް ވަޑައިގަތް ބޭފުޅާ ވިދާޅުވާހާ ގޮތެއް ހަދާނެ މަޖިލީހެއް އެ ހަ މަސްދުވަހުގައި ނެތުމުން މެދުވެރިވާ ގޮންޖެހުމެވެ. ކޯޓެއިލް އެފެކްޓުގެ ނަތީޖާއަކަށްވާނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގެން، ވެރިކަން ފައްޓަވާ ދުވަހުން ފެށިގެން އެ ބޭފުޅަކު ވިދާޅުވި ކޮންމެ ބަސްފުޅަކަށް “އާދެ މަސާހިބު” ބުނާނެ މަޖިލީހެއް އުފަންވުމެވެ.
ރާއްޖޭގެ ގާނޫނުއަސާސީއަށް މިހާރު ގެނެވިފައި އޮތް މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީގެ އިސްނެގުމަށް އޭނާ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ އިސްލާހުގެ ނަތީޖާއަކީ ޕާޓީގެ މިލްކުވެރިކަން އޮންނަ ރައީސަކު ވިދާޅުވާ ގޮތް ހެދުން ނޫން އިހުތިޔާރެއް މަޖިލީހުގެ މެންބަރުންނަށް ނެތުމެވެ. މިއަދު އޮތް 20 ވަނަ މަޖިލީހުން ފެންނަނީ އެ ހަގީގަތެވެ. އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިދެންނެވި ހާލަތު އިތުރަށް ވަރުގަދަވެ ކުރިއަށް އޮތްތާ އުފެދޭ ސަރުކާރުތައް މިހާރަށްވުރެވެސް ވަރުގަދަވެގެންދާނެ ކަމެކެވެ.
ސަރުކާރުތައް ވަރުގަދަވުމުގައި މަންފާތަކެއް އެބައޮތެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދުވެލި ހަލުއިވާނެއެވެ. ކަންކަން ކުރުމުގައި މަޝްވަރާކޮށް، ދޫދޭންޖެހޭ ކަންކަަމުގައި ދޫދީ، ސިޔާސަތުތައް ވަކި ގޮތަކަށް އެކަށައަޅާ ސަބަބުތައް ބުނެދީ، ވާދަވެރިންގެ ތާއީދު ހޯދަންނުޖެހޭނެއެވެ. އަވަހަށް ކަންކަން ކުރެވޭނެއެވެ. ނަމަވެސް އަނެއްކޮޅު އޮންނާނެކަން ގަބޫލުކުރަންވާނެއެވެ. ސަރުކާރުތައް ބާރުގަދަވުމަކީ ގޯސްތައް ހެދުމަށް މަގުފަހިވާ ކަމެކެވެ. 2013 އިން ފެށިގެން މިއަދާ ހަމައަށް ފެނިފައި މިއޮތް ހަގީގަތަކީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ މަޖިލީހުގެ އަސާސީ އެއް ދައުރު އަދާނުކުރާ ކަމެވެ. ސަރުކާރުން ގޯސް ހެދިޔަސް އެކަން ފޮރުވުމާއި، އަޅައިނުލުން ފިޔަވައި މަޖިލީހަށް ކުރެވޭ ކަމެއް ނޯންނަ ކަމެވެ.
ދެވަނަ މަންޒޫރުތަކީ މުއައްސަސީ ގޮތެއްގައި ސަރުކާރު ޖަވާބުދާރީކުރެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމެވެ. މިހާރު މިއޮތް ގޮތަށް އޮވެގެން ސަރުކާރު ޖަބާބުދާރީނުކުރެވެއެވެ. ދެ އިންތިހާބު އެކީ ބާއްވައިގެން ސަރުކާރު ޖަވާބުދާރީކުރެވިދާނެކަމާމެދު ޝައްކު އުފެދެނީ ކޯޓެއިލް އެފެކްޓުގެ ސަބަބުންނެވެ. ސުވާލަކީ އެހެންކަމަށްވާނަމަ މި މަންޒޫރުން ބަލާއިރު ކުރެވެން އޮތް ކަމަކީ ކޮބައިތޯއެވެ؟
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްް ދުވަހެއްގައި ބޭއްވުމުގެ ބަދަލުގައި ލޯކަލް ކައުންސިލު އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކީ ބޭއްވުމަކީ ކުރެވިދާނެ ކަމެކެވެ. ސަބަބަކީ މި ދެ އިންތިހާބަކީވެސް ސަރަހައްދީ ވިސްނުމުން ދާއިރާތަކުގެ ފެންވަރުގައި ވިސްނުން ގެންގުޅޭ އިންތިހާބުތަކަށްވުމެވެ. އަދި މި ދެ އިންތިހާބު އެއްކޮށްލުމުން ރަށްރަށުގެ އަދި ސިޓީތަކުގެ ވެރިން އިންތިހާބުކުރުމުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރެވިގެންދާނެތީއެވެ. މަޖިލިސް އިންތިހާބުތަކަށްވުރެ ލޯކަލް ކައުންސިލު އިންތިހާބުތަކުގައި ވޯޓުދޭ މީހުންގެ ނިސްބަތް މަދެވެ. އެ ދެ އިންތިހާބު ބޭއްވުމުން އެކަން ހެޔޮ މަގަށް އެޅުވޭނެއެވެ.
އޭގެ އިތުރަށް ރައީސަކު ހޮވިވަޑައިގަންނަވާތާ ދެ އަހަރެއްހައި ދުވަހަކީ އެ ބޭފުޅަކު ވެރިކަންކުރައްވާ ގޮތް ބަލައި ވަޒަންކުރުމަށް އެކަށީގެންވާ މުއްދަތެކެވެ. ހަ މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެނީ ދެ އިންތިހާބު ވަކިން ބޭއްވި ނަމަވެސް ދެ އިންތިހާބުގެ މެދުގައި ސަރުކާރު ވަޒަންކުރަން އެކަށީގެންވާ މުއްދަތެއް ނެތުމާއި، ދެ އިންތިހާބުގެ މެދުގައި އޮންނަ މުއްދަތަކީ ސަރުކާރާމެދު ރައްޔިތުންގެ އުންމީދުތައް އެންމެ މަތީ ދަރަޖައިގަ ހުންނަ ސަރުކާރުގެ އައިބުތައްވެސް ފެނުމަށް އުދަގޫ މާމުއި ހަނދުވަރު މޫސުމަށްވީމައެވެ. އެހެންކަމުން ދެ އަހަރު ފަހުން މަޖިލީހުގެ އިންތިހާބު ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއެކު ބޭއްވުމަކީ ސަރުކާރާމެދު ގޮތެއް ނިންމަަން ރައްޔިތުންނަށް ފުރުސަތު ލިބި، ސަރުކާރު ޖަވާބުދާރީކުރުވާނެ މަޖިލީހެއް އިންތިހާބުކުރުމަށް ފުރުސަތު ލިބޭނެ ކަމެެކެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން - ފޮޓޯ: މިހާރު
އޭގެ އިތުރަށް ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން އަމިއްލަ ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިވާ ހަނިވުމަށްވެސް މިކަމުން ހައްލު ލިބެއެވެ. އެއީ ލޯކަލް ކައުންސިލު އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ ތެރެއިން މުހިއްމު އިންތިހާބަކީ މަޖިލީހުގެ އިންތިހާބަށްވާތީ، އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސިޔާސަތުތަކަށް ދެވޭ ސަމާލުކަން އިތުރުވުމެވެ.
މިދެންނެވުނު ގޮތް ނޫން ގޮތަކަށް ބަލާއިރު ރާއްޖޭގައި ތިން އިންތިހާބެއް ބޭއްވޭތީ، މަޖިލީހުގެ ދެބައިކުޅަ އެއްބައި ރިޔާސީ އިންތިހާބާއެކު، އަދި އަނެއްބައި ކައުންސިލު އިންތިހާބާއެކު ބޭއްވޭ ގޮތަށްވެސް ހެދިދާނެއެވެ. އެއިރުން ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ކޯޓެއިލް އެފެކްޓުގެ ފައިދާއާއެކު ވެރިކަމަށް ވަޑައިގަންނަވާއިރު މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައިގަތުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ދައުރުގެ މެދުން ކައުންސިލު އިންތިހާބާއެކު ބާއްވާ އިންތިހާބުގައި ސަރުކާރާމެދު ރައްޔިތުން ދެކޭ ގޮތް ހާމަކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމެރިކާގައި އޮންނަނީ މިދެންނެވުނު ގޮތަށް ބަރުލަމާނުގެ އިންތިހާބު ދެބައިކޮށްފައެވެ. ރައީސާއެކު އެއްބައި އިންތިހާބުކުރާއިރު ބާކީބައި އިންތިހާބުކުރަނީ ދައުރުގެ މެދުން ނަގާ ވޯޓަކުންނެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް މަދު ހާލަތެއްގައި ނޫނީ އެއްވެސް ޕާޓީއަކަށް ސުޕަ މެޖޯރިޓީ ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ރައީސާއި ބަރުލަމާނުގެ މެދުގައި މަޝްވަރާކުރެވެއެވެ. މައި ދެ ޕާޓީގެ މެދުގައި މަޝްވަރާކުރެވިގެން ކަންކަން ނިންމެއެވެ.
އަޅުގަނޑުގެ ބަހުސަކީ ރައްޔިތުން ނިންމަވަންވީ ސަރުކާރު ބާރުގަދަވުމަކީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯއެވެ. ބޭނުންވަނީ ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމުގައި ތިބެ ކަންކުރާ ގޮތާމެދު ޖަވާބުދާރީކުރުވަންތޯއެވެ. ގައުމަށް ގެއްލުން ލިބޭ ކަންކަން ކުރާއިރު ސުވާލުކުރެވި، އެކުރާ ކަންކަން ހާމަކުރެވެންތޯއެވެ. ސަރުކާރަކީ މައިނޯރިޓީއާވެސް މަޝްވަރާކޮށް ކަންކަމުގައި ވާހަކަދައްކައިގެން އިއްތިފާގުވެވޭ ކަންކަން ހޯދަން އުޅޭ ބާރަކަށް ހަދަންތޯއެވެ. ނުވަތަ ސަރުކާރުން ބޭނުން ކޮންމެ ކަމެއް އެއްވެސް ދަތިކަމެއް ނެތި ކުރެވުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ.
އަޅުގަނޑު ދެކެނީ ދެ އިންތިހާބު އެކުގައި ބޭއްވުމުގައި ހުރި ފައިދާއާއި ގެއްލުން ޑިމޮކްރަސީގެ ނަޒަރިއްޔާ (ޑިމޮކްރެޓިކް ތިއަރީ) ގެ ތަރާދުން ކިރާއިރު، ރާއްޖޭގައި ކަންކަން މިހާތަނަށް ހިނގަމުންއައި ގޮތާއި، މުއައްސަސާތައް ތަރުތީބުކުރެވިފައި ހުރި ގޮތަށް ބަލާއިރު، ލިބިދާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީއަށް މިވަގުތު ގެންނަންޖެހޭ ބަދަލުތަކަކީ ވެރިކަމުގައި ތިބޭ ބަޔަކު، ވެރިކަމުގެ ދައުރުގެ ތެރޭގައި ޖަވާބުދާރީކުރުވައި، ހިތުހުރި ގޮތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުވުން ހުއްޓުވައި، ފަސޭހައިން ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކުގެ ކޮންޓުރޯލު އަތަށް ނެގޭ ގޮތަށް ނިޒާމުގައި ހުރި އުނިކަންކަން ހޯދައި އެކަންކަން އިސްލާހުކުރުމެވެ. މުސްތަގުބަލުގައި ހޮވޭ ވެރިން އިތުރަށް ބާރުގަދަވާނެހެން ނިޒާމުތައް ބަދަލުކުރުމެއް ނޫނެވެ. ބާރުތައް ވެރިންނަށް ތަންމިނަށް ދޫކުރުމުން ނުކުތް ރަނގަޅަށްވުރެ ލިބުނު ގެއްލުމާއި ލިބެމުންދާ ގެއްލުން މާ ބޮޑެވެ.