އޮގަސްޓް 9، 2024 ގައި ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ދިވެހިންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެރުއްވި އެވެ؛
ދުނިޔޭގެ މަސްރަހު ހަލަބޮލިވެ ގައުމުތަކުގެ މެދުގައި އުފެދެމުން އަންނަ ނުތަނަވަސްކަމާއި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަރާ ލޮޅުންތަކުން ސަލާމަތް ކޮށްދޭނެ ބައިވެރިއަކީ އިންޑިއާ އެވެ. ކޮވިޑް-19 ފެތުރުނު ދުވަސްވަރު ޓޫރިޒަމްގެ "ޗައިނާ ދޮރު" ބަންދުވުމުން ފަތުރުވެރިން ފޮނުވައިދީގެންނާއި އެހެން ގޮތްގޮތުން ވެސް އެހީތެރިވީ އިންޑިއާ އެވެ. ދެން ވެސް ރާއްޖެ އަށް ބޭނުންވާ މާލީ އެހީތެރިކަމާއި ބަޖެޓް ސަޕޯޓު އަދި ކޮންމެހެން ބޭނުންވާ އަސާސީ ތަކެއްތި ފޯރު ކޮށްދޭނީ އިންޑިއާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަރިހުގައި ހުންނަވައިގެން އެ ދުވަހު ޖައިޝަންކަރު ދެއްވި މި ސްޓޭޓްމަންޓުގެ ފަހަތުގައި އޮތީ 2024 ވަނަ އަހަރު މި ސަރުކާރުން ފޮރިން ޕޮލިސީ އަށް ގެނައި ވަރަށް ކްރިޓިކަލް ބަދަލެކެވެ. އިންޑިއާ އާ ދެކޮޅު ބޮޑު ކެމްޕެއިނެއްގެ ތެރެއިން ވެރިކަމަށް އައުމަށް ފަހު އަހަރެއްހާ ދުވަހު އެ ނުތަނަވަސްކަން ބޮޑުވަމުން އައިސް ކުއްލިއަކަށް "ޔޫ ޓާން" ނަގައި އަނބުރާ އިންޑިއާ އަތުގައި ހިފުމެވެ. ހަމަ އެންމެ ސަބަބަކާ ހެދި އެވެ. ކުރިމަތީ ހުރި ބޮޑެތި ދަރަނިތަކާ ހެދި އިންޑީއާ އާ ދެކޮޅުވުމަކީ ރާއްޖެ އުފުލޭ ވަރުގެ ބުރައެއް ނޫނެވެ.
ހާރިޖީ އެ ބަދަލުގެ ފެށުމަކީ ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތިން މަސް ކުރިން ޒަމީރު އިންޑިއާ އަށް ވަޑައިގެން ކުރެއްވި މަޝްވަރާތެކެވެ. އޭގެ ނަތީޖާއެއް ގޮތުން މެއި 13، 2024 ގައި އިންޑިއާ އިން 50 މިލިއަން ޑޮލަރުގެ "ބަޖެޓް ސަޕޯޓެއް" ރާއްޖެ އަށް ދިން ކަމަށް ސަރުކާރުން އިއުލާން ކުރި އެވެ. އެ ސަޕޯޓަކީ ރާއްޖެއިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓީ ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އެއް އަހަރަށް ފަސް ކޮށްދިނުމެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް މި ސަރުކާރާ އިންޑިއާ ދެމެދު އޮތީ ކުރިން ބައެއް ޑިޕްލޮމެޓުން ސިފަ ކުރާ ހެން "ހިލަވެއްޔާއި ފިޔަލުގެ ގުޅުމެއް" ނޫނެވެ. އޭގެ ބަދަލުގައި އޮތީ އިހަށް ވުރެ ބޮޑަށް ދަރަނި ދިނުމާއި ފަސް ކޮށްދިނުމުގެ ސިޔާސަތެކެވެ.
މެއި 13، 2024 - 50 މިލިއަން ޑޮލަރުގެ ޓީ ބިލް ރޯލް އޯވާ ކޮށްދިނުން
ސެޕްޓެމްބަރު 19، 2024 - 50 މިލިއަން ޑޮލަރުގެ ޓީ ބިލް ރޯލް އޯވާ ކޮށްދިނުން (ޖުމްލަ 100 މިލިއަން)
އޮކްޓޯބަރު 7، 2024 - ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް އެމްއެމްއޭ އަށް 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ނަގަން އެއްބަސްވުން
މެއި 12، 2025 - 50 މިލިއަން ޑޮލަރުގެ ޓީ ބިލް އިތުރު އަހަރެއް ރޯލް އޯވާ ކޮށްދިނުން
ޖުލައި 25، 2025 - 4850 ކްރޯރް (565 މިލިއަން ޑޮލަރު) ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ހަމަޖެއްސުން
ޖުލައި 25، 2025 - ކުރީ ސަރުކާރަށް އިންޑިއާ އިން ދިން ލައިން އޮފް ކްރެޑިޓްގެ އަހަރީ ޕޭމަންޓުގެ 40 ޕަސެންޓް ކުޑަ ކޮށްދިނުން
ސެޕްޓެމްބަރު 18، 2025 - 50 މިލިއަން ޑޮލަރުގެ ޓީ ބިލް އިތުރު އަހަރެއް ރޯލް އޯވާ ކޮށްދިނުން
އަންނަ ރިޔާސީ އިންތިހާބަށް ރާއްޖޭގެ ސިޔާސީ އޮއެވަރު އެނބުރެމުން މި އަންނަ ގޮތުގެ ވާހަކަ ފަށަން ޖެހެނީ މި ވާހަކައިންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކުރިމަތީ އޮތް ބޮޑު ދަރަންޏާއި ރާއްޖޭގެ އިގްތިސާދަށް ކުރިޔަށް އޮތް ދެ އަހަރު ތެރޭ އަތުވެދާނެ ބޮޑެތި ބަދަލުތަކާއި ވަކިން ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި މަސްރަހު ހޫނުވުމާއި އޭގެ ސަބަބުން ރާއްޖެ އަށް އަދި އާންމު މީހާގެ ދިރިއުޅުމަށް ކޮށްފާނެ އަސަރަށް އެތައް ބައެއްގެ ކަޅި ހުއްޓިފައި އޮތުމެވެ.
އެހެންވެ ވެރިކަމުގެ މުއްދަތު ދެބައިވުމާއެކީ 2028 އަށް ފައި ނަންގަވައިގެން ތިއްބެވި ލީޑަރުން ރައްޔިތުންނަށް ކުރަހައިދޭން ފަށާ "ހައްލުތަކުގެ" ބޮޑު ބައެއް އޮންނާނީ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފަ އެވެ.
އަނެއް ކަމަކީ ސަރަހައްދީ ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ އެންމެ ސްޓްރެޓަޖިކް އެއް ލޮކޭޝަންގައި އޮތް ރާއްޖޭގެ ސިޔާސީ މަސްރަހަށް ހެރޭ ނުފޫޒުގެ ވަކިތަކެވެ. ރާއްޖޭގައި އޮތުން ރަނގަޅީ ކޮން ކަހަލަ ވެރިކަމެއް ކަމާއި ސިޔާސީ ހާރިޖީ އަދި ދިފާއީ ކަންކަން ތަރުތީބު ވެގެން ދާނެ ގޮތާ މެދު ސެންޓަ ފޯ ލޭންޑް އެންޑް ވޯ ފެއާ ސްޓަޑީޒް ފަދަ ތިންކް ޓޭންކްތަކުން ހަދާ ދިރާސާތަކާއި މި ސަރަހައްދުގެ ގައުމުތަކުގެ "ބައްޕަ" ކަމަށް ދެކޭ އިންޑިއާ އިން "ސަބްކާ ސާތު، ސަބްކާ ވިޝާކް" ވިސްނުމުގެ ތެރެއިން ނިންމާ ނިންމުންތަކެވެ.
ލީޑަރުން ކުރަހަމުން އަންނަ ސިޔާސީ މަންޒަރު
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ކޮންމެ ފަސް އަހަރުގެ ދައުރެއް މެދަކާ ހަމައަށް ދިޔުމުން ރިޔާސީ އިންތިހާބަށް ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދައްކާނެ މަންޒަރުގެ ކުލަ ވާން ފަށާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެބައިވި ހިސާބަކީ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ބޮޑަށް ފަޅައިގެން ދިޔަ ދުވަސްތަކެކެވެ. އެ ވެރިކަން ނިންމަން އިދިކޮޅު އެމްޑީޕީ އާއި ކޯލިޝަން ޕާޓީތައް ކުޅުނީ ވެސް އެ ކާޑެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޕީޕީއެމް އަށް އިގްތިސާދީ ކާޑު މާ ރީއްޗަށް ކުޅެވެން އޮތް ނަމަވެސް އޭރު ޕީޕީއެމް އިން ނިންމީ އިންޑިއާގެ ނުފޫޒު ކަނޑުވައި ނުލައި އެ ޕާޓީ އަށް ކުރި ހޯދޭނެ ގޮތެއް ނޯންނާނެ ކަމެވެ. އެހެންވެ ވެރިކަމަށް ދެ އަހަރާއި ބައިވި އިރު އެންމެ ގަދަ އަށް ދެއްކީ އިންޑިއާ ސިފައިންގެ ވާހަކަ އާއި މިނިވަން ގެއްލޭ ފަދަ އެއްބަސްވުންތަކުގެ ވާހަކަ އެވެ.
މި ފަހަރު ސިޔާސީ ހުރިހާ ލީޑަރުންގެ ފަރާތުން ވެސް ފެންނަނީ އިންޑިއާ އިން ވެސް ދިވެހިންނަށް ދައްކަމުން އަންނަ ފަދަ މަންޒަރެކެވެ. އެއީ އިގްތިސާދީ ގޮތުން ހަމަޖެހުމާއި ދަރަނިން އަރައިގަތުމެވެ.

އެގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވާދަ ކުރާނީ ކޮން ލީޑަރެއް ކަމެއް ސާފު ނުވިޔަސް އެކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ތަސައްވުރު ހާމަ ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދެން އަންނަ ސަރުކާރެއްގެ ސްލޯގަން އަކަށް ވާން ޖެހޭނީ ތަރައްގީ އިހަށް މަޑު ކޮށްލުމެވެ.
"ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދުވާން ވީ މަޑުޖެހިލަން. ކޮންކްރީޓަކީ ތަރައްގީ އެއް ނޫން. އެއީ ގިނަ ފަހަރު ދަރަނި. ރައްޔިތުންގެ ތަނަވަސްކަން އިތުރު ވާނީ ބަޖެޓް ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި ދަރަނި ކުޑަ ކުރެވިގެން" ނަޝީދު ވިދާޅުވި އެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް. ވާން މިދާ ގޮތް އަޅުގަނޑު މި ދައްކާ ވާހަކަ ދިވެހިންނަށް ސާފުވާނެ -- ނަޝީދު
ސަރުކާރު ފަޅިއަށް ބަލާއިރު ވެސް ފެންނަނީ މިފަދަ މެސެޖުތަކެކެވެ. ސަރުކާރުގެ ވިސްނުން ހުރީ އެފަދަ ގޮތަކަށް ކަން މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކައިގެ ތެރެއިން އިޝާރާތް ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުބޫލު ނޫން ދަތި އުނދަގޫ ބަދަލުތަކުގެ ސަބަބުން މުޖުތަމައު އިސްލާހުވެ ރަނގަޅުވަމުން ދާ ތަން ފެނެ އެވެ. އެހެންވެ އެ މަސައްކަތްތަކުގެ ސަބަބުން ކުރިމަގު އޮތީ އުފާވެރިކޮށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ދައްކަވާ ވާހަކަތަކުން 2028 އަށް ފައްކާ ކުރާ ލެގަސީއަކީ ކޮބައިކަން ވަރަށް ސާފެވެ. އެއީ މި ސަރުކާރަކީ އުނދަގޫ ނިންމުންތައް ނިންމި ރައީސް އެވެ. ސިނގިރޭޓްގެ ޖެނަރޭޝަނަލް ބޭން އެއް ގެނައީ އެވެ. ވޭޕް މަނާ ކުރީ އެވެ. ޑޮލަރު މާރުކުރަން މަޖުބޫރު ކުރެވުނީ ހަމައެކަނި މި ސަރުކާރަށެވެ.
އޭގެ އިތުރުން ކޮރަޕްޝަނާއި ޑްރަގް މައްސަލަތަކުގައި ބޮޑެތި ހުކުމްތައް ވެސް ފެނިގެން ދާނެ އެވެ. އަދި އެންމެ ފަހު ވަގުތު ރާއްޖެ ބޮޑު ދަރަނިން ސަލާމަތްކޮށް އިގްތިސާދީ ކާރިސާ އިން ސަލާމަތް ކޮށްދިން ވެރިއަކަށް ވުމަކީ ވެސް ރައީސް މުއިއްޒު ދެކެން ބޭނުންވާ ތަނެވެ. އަދި ރައްޔިތުންނަށް 2028 ގައި ވިއްކަން އުންމީދު ކުރާނެ ކަމަށް ބެލެވެނީ އެ ކަންކަމެވެ.
ބޮޑު އިދިކޮޅު ޕާޓީއަކަށް ނުވިޔަސް މި އިގްތިސާދީ ކާޑު އެންމެ ގަދައަށް މިފަހަރު ކުޅުއްވާ ސަރުކާރާއި އެމްޑީޕީ އަށް ވެސް ގޮންޖައްސަވަމުން ގެންދަވަނީ ޕީއެންއެފްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނެވެ.

ޔާމީންގެ އޮތީ އިގްތިސާދީ ކާޑު ކުޅެވޭ ވަރުގެ ވަރުގަދަ ޓްރެކް ރެކޯޑެކެވެ. ކުރީ ސަރުކާރާއި މި ސަރުކާރުން އަދި އަދަށް ވެސް އިފްތިތާހު ކުރި އެންމެ ބޮޑެތި މަޝްރޫއުތަކަކީ ޔާމީން ފެއްޓެވި ކަންކަމެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް ރާއްޖެ އާ ގުޅޭ އެންމެ ރަނގަޅު ރޭޓިންތައް ނެރެފައި ވަނީ އެމަނިކުފާނުގެ ދައުރުގެ ތެރޭގަ އެވެ. އަދި އެތެރޭގެ ވިޔަފާރިތައް ފުޅާވެ ޑޮލަރުގެ އަގު ހަމައަކަށް އެޅި ދިވެހިންނަށް ވެސް ތަނަވަސް ދިރިއުޅުމެއް ފެނުނު ކަމީ ޔާމީން މިހާރު ކޮންމެ ޖަލްސާއެއްގައި ހަނދާން ކޮށްދެއްވަމުން ގެންދަވާ ވާހަކަ އެވެ.
ޕީއެންއެފް އޮފީހުގައި ބާއްވާ ޖަލްސާތަކާއި ރިސެޓް ފަދަ ބޮޑު ކޮންމެ ޖަލްސާއެއްގައި ވެސް އިގްތިސާދީ ނަމްބަރުތަކާއި ތަފާސްހިސާބުތަކާއި އާންމުންނަށް ނަގައިގަންނަން އުނދަގޫ މާލީ ބަސްތަކާއި އިގްތިސާދީ ފިލާވަޅުތައް ތިލަކޮށްދީ ރައްޔިތުންނަށް މަންޒަރު ސާފު ކޮށްދެއްވަމުން ޔާމީން ގެންދަވަނީ އެހެންވެ އެވެ.
ސިޔާސީ ފޮޓޯގަނޑުން ޔާމީން ބޭރު ކުރާނެ؟
ޖައިޝަންކަރު 2024 ގައި ރާއްޖެ އަށް ކުރެއްވި ދަތުރުގެ އަހަރެއް ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން މޯދީ ފޮޓޯގަނޑެއް ނަންގަވައި "އެކްސް" އަށް ދޫކޮށްލެއްވި އެވެ.
އެ ފޮޓޯގައި މޯދީ ހުންނެވީ ރާއްޖޭގައި މިވަގުތު ހިނގާ އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު އެވެ. މޯދީގެ ކަނާތް ފަރާތުން ހުންނެވީ ކުރީގެ ސިޔާސީ ކިންގް މޭކާ ކަމަށް ބުނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. ވާތް ފަރާތުގައި ހުންނެވީ އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އެވެ. ދެން ހުންނެވީ އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް އެވެ. ދެވަނަ ފޮޓޯގައި މޯދީ ހުންނެވީ އޭރު އެމްޑީޕީގެ ލީޑާޝިޕަށް ވާދަ ކުރައްވަމުން ދިޔަ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ ދެ ފޮޓޯއާ އެކު މޯދީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޕޮލިޓިކަލް ސްޕެކްޓްރަމްގައި ހިމެނޭ ތަފާތު ފިކުރުގެ ސިޔާސީ ލީޑަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ސާބިތުވެގެން ދަނީ ހުރިހާ ފަރާތްތަކުން ވެސް އިންޑިއާ އާއެކު އޮތް ކަމެވެ.
"މީގެ އެނގިގެން ދަނީ އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމަށް ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުން އޮތްކަން. އަޅުގަނޑުމެން ގަބޫލުކުރާ އެއްގޮތް ހަމަތަކާއެކު މި މުހިންމު ގުޅުން ކުރިއަށް ގެންދިއުމުގައި އަބަދުވެސް އެންމެ ބޮޑު ބާރަކަށް ވާނެ." މޯދީ ވިދާޅުވި އެވެ.
މޯދީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި އެ ފޮޓޯގަނޑަށް ނާރަނީ ޔާމީނެވެ. ސިޔާސީ މައިދާނުގައި ކިތަންމެ ބުރަދަނެއް ހުއްޓަސް އަދި އިގްތިސާދީ ކާޑު ކުޅުއްވުމުގައި އެޑްވާންޓޭޖެއް އޮތަސް މިއީ ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޔާމީނަށް އޮތް އެންމެ ބޮޑު ޑިސްއެޑްވާންޓޭޖް ވެސްމެ އެވެ.
މޯދީ ދޫކޮށްލި ފޮޓޯގަނޑުގައި އިތުރު ސިޔާސީ މާނަތަކެއް އެކުލެވޭތޯ ނޫނީ އިންޑިއާ އިން ދެކޭ ސިޔާސީ ލީޑަރުންގެ ތެރޭގައި ޔާމީންގެ ނަން ނެތީ ކީއްވެގެންތޯ އެ ވާހަކަ ވަރަށް ދިގުކޮށް ލިޔެވިދާނެ އެވެ.
އެކަމަކު އެންމެ 2028 ގައި އެންމެ މުހިންމު ސުވާލަކަށް ވާނީ އެ ފޮޓޯ އިން ޔާމީން "ގެއްލުވާލި" ހެން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުން ޔާމީންގެ ނަން ވެސް ފޮހެލާނެތޯ އުފައްދާ ސުވާލެވެ. ޔާމީން ކޯޓުގެ މަރުހަލާ އިން ސަލާމަތް ވާނެތޯ ނުވަތަ ޕްރޮސެކިއުޓާ ޖެނަރަލް މި ފަހުން ވެސް އެތައް ބައެއްގެ ފައިލް އަނބުރާ ގެނައި ގޮތަށް ޔާމީންގެ މައްސަލަ އަނބުރާ ނުގެންގޮސް އޮތީ ކީއްވެގެންތޯ އުފައްދާ ސުވާލެވެ.
އެކަމަކު 2028 ގެ ރޭހަށް ސިޔާސީ މައިދާން ފައްކާ ވަމުން އަންނަ އިރު އެއް ހަގީގަތެއް ގަބޫލު ކުރަން ޖެހެ އެވެ. އެއީ މޯދީ އެ ވިދާޅުވާ ގޮތަށް މިވަގުތު ސަރުކާރާއި އިދިކޮޅު ވެސް އޮތީ އިންޑިއާ ފަޅީގަ އެވެ. އެ ހުރިހާ ލީޑަރުން ތިއްބެވީ އިންޑިއާ ބޭނުންވާ ގޮތަށް ކަންކަން ނިންމަން ތައްޔާރަށެވެ. އަދި 2018 ގައި ވެސް އޮތް ގޮތަށް އިންޑީއާ އާއި އެ ހުރިހާ ލީޑަރުންގެ ކޮމަން އެނިމީ އަކަށް ވާނީ ޔާމީނެވެ.
އެ ހާލަތު ދެމި އޮތްހާ ހިނދަކު ޖައިޝަންކަރު އެ ދެއްވި ޔަގީން ކަމާއެއްގޮތަށް އިގްތިސާދީ ލޮޅުންތަކުގައި ހިފަހައްޓާ ދޭނެ ބައިވެރިއެއް ގޮތުގައި އިންޑީއާ އަބަދުވެސް ރާއްޖެ އާއެކު ދެމި އޮންނާނެ އެވެ. އެ ނޫން ގޮތަކަށް ސިޔާސީ މަސްރަހު ހިނގާ ނަމަ އެންމެ ފަސޭހައިން ކަރަށް ފިތާލެވޭނީ ވެސް ހަމަ އިންޑިއާ އަށެވެ.