މޫސާ ރަޝީދު

މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗާއި ގުޅޭ ގޮތުން ސަރުކާރުން އެންމެ ފަހުން އިއުލާން ކުރި އުސޫލުގައި ބުނެފަ އޮތީ މިހެންނެވެ؛

މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ނުވިޔަސް މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ ފަރާތެއް ނަމަ ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ ފްލެޓު ނުވަތަ ގޯއްޗަށް ޝަރުތު ހަމަވާނެ އެވެ.

އޭގެ މާނައަކީ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި މާލޭގެ ރައްޔިތަކަށް ނުވިޔަސް އުމުރުގެ ބޮޑުބައި މާލޭގައި ދިރިއުޅެމުން އައިސްފައިވާ ނަމަ އެ މީހަކަށް މާލެ ސަރަހައްދުން ބޯހިޔާވެހިކަން ހޯދުމުގެ ހައްގު އޮންނަން ޖެހެ އެވެ.

ނަމަވެސް އެ އުސޫލު އެހެން ކަންކަމަށް ހިނގަނީ ކިހާ ވަރަކަށް ހެއްޔެވެ؟

އައިޑީކާޑުގެ ދާއިމީ އެޑްރެސްގައި އެހެން ރަށެއްގެ ނަން އޮތް ނަމަ މާލޭގައި 40 އަހަރު ދިރިއުޅުނަސް މާލޭގެ މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން ނަގާ އެންމެ މުހިންމު އެއް ވޯޓުގައި ބައިވެރިވުމުގެ ހައްގެއް ނޯވެ އެވެ.

"ދުނިޔެ އަށް އައިސުރެ މި އުޅެނީ މާލޭގަ. ކޮންމެ ދުވަހަކު މަގުމަތިން އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހޭ. މިކަންކަން ހައްލު ކުރެވޭނީ ކައުންސިލަށް ރަނގަޅު މީހަކު ހޮވިގެން. އެކަމަކު ވޯޓުލާން ޖެހެނީ ދުވަހަކު ނުދިޔަޔަސް އަހަރެންގެ ކާފަ ނިސްބަތްވާ ރަށަށް." ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނަކު ބުންޏެވެ.

ބައެއްގެ މައްޗަށް ކަންކަން ނިންމަން އެ ބައެއްގެ ތެރެއިން މެޖޯރިޓީ ތާއީދު ކުރާ މީހާ އިންތިހާބު ކުރުމަކީ ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ އަަސާސީ އެއް ސިފަ އެވެ. ނަމަވެސް ރާއްޖޭގައި އެކަން މި ހިނގަނީ މުޅިން އިދިކޮޅަށެވެ. ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް އަދި އިންތިހާބަށް ނުފޫޒު ވަންނަ ގޮތަށް ގާނޫނުގެ ތެރެއިން މި އޮންނަނީ ބޮޑު ބާގަނޑެއް އުފައްދައިފަ އެވެ.

އެންމެ ބޮޑު އާބާދީއަށް ގޮތް ނިންމަނީ މަދު ބައެއް

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓު ބުނާ ގޮތުން މާލޭގައި 157,254 ދިވެހިން ދިރިއުޅެ އެވެ. އެއީ ސިޓީ ކައުންސިލުން މުނިސިޕަލް އަދި އެހެނިހެން ހިދުމަތް ދޭން ޖެހޭ އާބާދީ އެވެ. ސިޓީ ކައުންސިލަށް އަންނަ ބަޔަކު ނިންމާ ނިންމުންތަކެއްގެ އެ އެންމެނަށް ސީދާ އަސަރު ކުރާނެ އެވެ.

އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އޮތީ މާލޭގައި ރަޖިސްޓްރީ ވެފައިވާ 72,177 މީހުންނަށެވެ. އެއީ މާލޭގައި ދިރިއުޅޭ މެޖޯރިޓީ އަށް ވުރެ ވެސް މަދު އަދަދެކެވެ. އެންމެ 45.9 ޕަސެންޓު މީހުންނެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށު މީހުންގެ އާބާދީއަކީ 85,029 އެވެ. އެއީ 54.1 ޕަސެންޓެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ އަދި ސިޓީ ކައުންސިލުން ހިދުމަތްތަކެއް ހޯދަން ޖެހޭ މެޖޯރިޓީ މީހުންނަށް އެ ކައުންސިލާ މެދު ބަހެއް ބުނުމުގެ ހައްގެއް ނެތެވެ.

އެތައް ބަޔަކަށް ވޯޓުލުމުގެ ހައްގު ގެއްލުމުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުން މާލެ ފަދަ ބޮޑު ސިޓީއެއްގެ ކައުންސިލަށް މީހުން އިންތިހާބު ކުރަން އެހާ ބޮޑު ޝައުގުވެރިކަމެއް ނެތުމުގެ އެއް ސަބަބަކަށް ވެސް އެ މައްސަލަ ވެދާނެ އެވެ. އޭގެ އެއް މިސާލަކީ އެންމެ ފަހުން ބޭއްވި މޭޔަރު އިންތިހާބެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ މާލޭގައި ރެޖިސްޓްރީ ކޮށްފައިވާ 54،680 މީހުންނަށެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓުލާން ނުކުތީ 17،442 މީހުންނެވެ. އެއީ ވޯޓުލުުމުގެ ހައްގު ލިބިފައިވާ މީހުންގެ 31.8 ޕަސެންޓެވެ.

އޭގެ ތެރެއިން ވެސް މިހާރުގެ މޭޔަރު އާދަމް އާޒިމް އަށް ލިބިވަޑައިގަތީ 7,601 ވޯޓެވެ. އެންމެ ގާތް ކުރި އާޒިމާ ޝަކުރަށް ލިބިވަޑައިގަތީ 5,069 ވޯޓެވެ. ދެން ތިބި ކެނޑިޑޭޓުންނަށް 3000 ވޯޓު ވެސް ނުލިބެ އެވެ.

އެހެންވެ މީގެ ނަތީޖާއަކަށް މި ވަނީ ދެ ލައްކަ އާ ގާތް ކުރާ ބޮޑު އާބާދީއެއްގެ މޭޔަރު ކަމަށް 7000 މީހުންގެ ވޯޓުން ވެސް އާދެވޭ ކަމެވެ.

2022 - ވޯޓުގައި ބައިވެރިވީ 26،177 މީހުން

2017 - ވޯޓުގައި ބައިވެރިވީ 19888 މީހުން

2014 - ވޯޓުގައި ބައިވެރިވީ 12247 މީހުން

2011 - ވޯޓުގައި ބައިވެރިވީ 20503 މީހުން

މާލޭގައި ވަކި މުއްދަތަކަށް ވުރެ ގިނަ އަހަރު ވަންދެން ދިރިއުޅެފައިވާ އެންމެނަށް ވޯޓު ދިނުމުގެ ހައްގު އޮތް ނަމަ ނަތީޖާ ނުކުންނާނީ ހަމަ މިހެންތޯ ދާއިރާގެ ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ.

ދާއިމީ އެޑްރެހަށް ވޯޓުލާން ޖެހުމުގެ މައްސަލަ ހަމައެކަނި ހާއްސަ ވަނީ މާލެ އަކަށް ނޫނެވެ. އެހެން ރަށްރަށާއި ހައްސަކޮށް ބައެއް ކުދި އާބާދީތަކަށް މީގެން ލިބޭ ގެއްލުން އަދި މާ ބޮޑެވެ.

ރަށަށް ވާންވީ ގޮތް ނިންމަނީ ބޭރުން އަންނަ މީހާ!

ރަށްރަށުގައި ކައުންސިލްގެ ދައުރާއި ކައުންސިލް މަސައްކަތް ކުރާ ވަރާއި ރަށަށް ބޭނުންވާ ހިދުމަތްތައް އެންމެ ރަނގަޅަށް އެނގެނީ އެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަދި އެ ރަށަށް އެންމެ ރަނގަޅަށް ހިދުމަތްދީ ރަށުގެ ކަންކަން ނިންމަން މީހަކު ހޮވަން ބާއްވާ އިންތިހާބުގައި ވެސް އެންމެ ރަނގަޅު މީހާ ހޮވަން މަސައްކަތް ކުރި ނަމަވެސް ބައެއް ރަށްރަށުގައި ވަނީ އެހެން ގޮތެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ އޮފިޝަލަކު "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ މަޝްވަރާތައް ބައެއް ކުދި އާބާދީތަކާ ކުރާ އިރު އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ "ވޯޓުލާ ދުވަހު އެކަނި ރަށަށް އަންނަ ރަށު މީހުން" މުޅި ވޯޓު ކޮންޓްރޯލް ކުރުމެވެ.

"މީގެ ކުރިން މީހުން އެހާ ބޮޑަކަށް އެވެއާއެއް ނޫން. އެކަމަކު މިހާރު އެ ޝާކުވާ ވަރަށް ބޮޑަށް އާދޭ. ރަށުގައި ދިރިއުޅޭ އާބާދީ އެއް ގޮތަކަށް ބޭނުން ވިޔަސް ރަށުގައި ދިރިނޫޅޭ އާބާދީގެ ކޮންޓްރޯލް މާ ބޮޑު." އޭނާ ވިދާޅުވި އެވެ.

އެގޮތަށް އެކަން އޮތުމުގެ ސަބަބުން އޭގެ ނާޖާއިޒް ފައިދާ ބައެއް ސިޔާސީ ފަރާތްތަކުން ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް ސަރުކާރު ހިންގާ ޕާޓީން ބައެއް ރަށްރަށުގެ ތާއީދު ހޯދަނީ އެ ރަށުގައި ދިރިއުޅޭ މީހުންނަށް ކޮށްދޭނެ ކަންކަން ވިއްކުމުގެ ބަދަލުގައި މާލޭގައި ދިރުއުޅޭ އެ ރަށަށް ނިސްބަތްވާ މީހުންނަށް ކަންކަން ކޮށްދީގެންނެވެ.

"ވަރަށް ގިނަ ފަހަރަށް މާލޭގައި ހުންނަ ސަރުކާރުގެ އޮފީހަކުން އާއިލާއަކަށް ވަޒީފާ ދޭ މަތިން އަދި ވޯޓުލާ ދުވަހު ޓިކެޓު ވެސް ދީގެން ރަށަށް މިދަނީ. ގޮސް ވޯޓު ލައިގެން މި އަންނަނީ އެ ޕާޓީ ބޭނުންވާ މީހަކަށް. އެއީ ކޮންމެހެން އެ ރަށަކަށް އެންމެ ރަނގަޅު މީހެއްތޯ ނުބަލާ."

ކަން މިހެން އޮތުމުގެ ސަބަބުން ބައެއް ދާއިރާތަކަށް އަރައި ވެސް ނުލައި ސިޔާސީ ނުފޫޒު ގަދަ ފަރާތްތައް އެ ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކޮށްފައި އެބަހުއްޓެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި އައްޑޫގެ 9083 މީހުންނާއި ގދ. އަތޮޅުގެ 7631 މީހުންނާއި ހއ. އަތޮޅުގެ 7468 އުޅެ އެވެ.

މި ނޫނަސް އެހެން އަތޮޅުތަކުން ވެސް އެތައް ބަޔަކު އެބަ ދިރިއުޅެ އެވެ. މިއީ ކުޑަ އަދަދުތަކެއް ނޫނެވެ. މާލޭގައި ތިބޭ ފަރާތްތަކަށް ކަންކަން ކޮށްދީގެން ރަށްރަށުގެ މެޖޯރިޓީ ހޯދުމުގެ ސަގާފަތް ހުރިހާ ސިޔާސީ ޕާޓީއަކުން ވަނީ އަށަގެންފަ އެވެ. އަދި އެ ބަދަލު ކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅެ އެވެ.

އެހެން ގައުމުތަކުން ހޯދި ހައްލަކީ ކޮބާ؟

ބައެއް ގައުމުތަކުން މި މައްސަލައަށް ހޯދާފައިވާ ހައްލަކީ ރޮކެޓް ސައިންސެއް ނޫނެވެ. ވަކި ރަށަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ފަރާތްތަކަށް ލިބެން ޖެހޭ ހައްގުތައް ހޯދައި ދިނުމެވެ. ހާއްސަކޮށް މުނިސިޕަލް ހިދުމަތާ ގުޅޭ އިންތިހާބުތަކުގަ އެވެ.

ޔޫކޭ - ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ޖެހޭނީ "ކަރަންޓް އެޑްރެސް" ނުވަތަ މިހާރު ދިރިއުޅޭ އެޑްރެސް އަށް.

ފިންލޭންޑް - ވޯޓު ލާން ދުވަހުގެ 51 ދުވަސް ކުރިން ރަޖިސްޓާ ވެފައި އޮންނަ މުނިސިޕަލް ހިދުމަތް ހޯދާ ތަނަކަށް.

އީޔޫ - އީޔޫގެ ގައުމުތަކުގެ ތެރޭގައި ދިރިއުޅޭ ގައުމު ބަދަލުވެއްޖެ ނަމަ އެ ގައުމެއް ވޯޓުގައި ބައިވެރިވުމުގެ ހައްގު

ގައުމުތަކުން ގެންގުޅޭ މައިގަނޑު ވިސްނުމަކީ އެ ބަޔަކު ވަކި މުއްދަތެއް ވަންދެން އެތަނެއްގައި ދިރިއުޅޭ ނަމަ އެތަނުގެ ގޮތް ނިންމަން ވޯޓު ލުމުގެ ފުރުސަތު އޮންނާނެ އެވެ.

ރާއްޖޭގައި ބޯހިޔާވެހިކަމާ ގުޅޭ ގޮތުން ސަރުކާރުން މި ފަހުން އެގޮތަށް ނިންމި ކަމުގައިވީ ނަމަވެސް އެ އުސޫލު އެހެން ކަންކަމަށް ނުހިނގަ އެވެ.

ނަމަވެސް މިކަން މިގޮތަށް ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އޮތީ އެންމެ ސަބަބެކެވެ. މި ބާގަނޑުގެ ތެރެއިން އިންތިހާބުގެ ނަތީޖާ އާ ނުފޫޒު ފޯރުވުމެވެ.