ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ މާލެ ސަރަހައްދުގައި އާންމުންގެ ސިއްހަތަށް ނުރައްކާވާ ވަރަށް ވައި ނުސާފުވެފައިވާ ކަމަށް ބުނެ ރެޑް އެލާޓް ނެރެފަ އެވެ. މިއީ މި ފަހުގެ ތާރީހުގައި ވައި ނުސާފުވެގެން އެ އިދާރާ އިން ރެޑް އެލާޓް ނެރެން ޖެހުނު ފުރަތަމަ ފަހަރެވެ.
އޭކިޔުއައި މިންގަނޑުން ބަލާނަމަ ވައިގެ ކޮލިޓީ 151-200 އާ ދެމެދު ހުރެއްޖެ ނަމަ އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެވެ. ވިލިމާލޭގައި ހުންނަ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާ ގޮތުން މި ސަރަހައްދުގައި ވައިގެ ކޮލެޓީ ހުރީ 175 ގަ އެވެ.
އޭގެ މާނައަކީ ފުއްޕާމޭގެ މައްސަލަތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންގެ އިތުރުން ސިއްހަތު ރަނގަޅަށް ހުންނަ މީހާ ވެސް މާ ގިނަ އިރު ބޭރުގައި އުޅޭ ނަމަ ނުރައްކާވާ ދަރަޖައެއްގަ އެވެ.
ޔޫއެސް އޭކިއުއައި މިންގަނޑު:
51-100: ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމަށް ދުރުހެލިވާން ޖެހޭ
101-150: ނާޒުކު ހާލަތުގައިވާ ފަރާތްތަކާއި އެހެނިހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު
151-200: ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރި އެންމެނަށް ވެސް ނުރައްކާ ބޮޑު
މިހާ ވައި ނުސާފު ވަނީ ކީއްވެ؟
މިކަމާ ގުޅޭ ގޮތުން "ސިޓިޒެން" އަށް އިންޓަވިއު ދެއްވަމުން މެޓް އޮފީހުގެ ސީނިއާ މޯޓޮއޮރޮލޮޖިކަލް ޓެކްނީޝަން ތަމީމް އަބްދުއްރައްޒާގް ވިދާޅުވި ގޮތުގައި އިރުވައި މޫސުން ފެށުމާއެކު ކޮންމެ އަހަރަކު ވެސް ވައި ނުސާފުވެ އެވެ. ނަމަވެސް އެހެން އަހަރުތަކާ އަޅައި ބަލާއިރު މި އަހަރު ވަރަށް ބޮޑަށް ވައި ނުސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަމީމް ވިދާޅުވި ގޮތުގައި ރާއްޖެ މައްޗަށް އަންނަނީ އިންޑިއާގެ ސަބްކޮންޓީނެންޓް މަތިން އުތުރަށް ވައި ބަދަލުވުމުގެ ސަބަބުން އަންނަ ދުން ފުސްގަނޑެވެ. އެއީ އެ ގައުމުގެ ދަނޑޫވެރިކަމުން އަންދާ ކުނިބުނިތަކުން އުފެދޭ ނުރައްކާތެރި ހޭޒް އެކެވެ.
މި އަހަރު އިރުވައި މޫސުން އަވަހަށް ފެށިއްޖެ. ދުން ފުސްގަނޑުގެ އަސަރު އެހެން އަހަރުތަކަށް ވުރެ ގަދަ ކަމަށް މި ފާޙަގަ ކުރެވެނީ. ވޭތުވެދިޔަ ހަތް ދުވަހަށް ބަލާލާއިރު އިއްޔެ އަކީ އެންމެ ވައި ނުސާފު ދުވަސް. މިއަދު ވެސް މި ހުރީ ވަރަށް ނުރައްކާތެރި ލެވަލްއެއްގައި -- ސީނިއާ މޯޓޮއޮރޮލޮޖިކަލް ޓެކްނީޝަން، ތަމީމް
އެ މައްސަލަ ބައެއް އަހަރުތަކުގައި ވަރަށް ބޮޑުވާ އިރު މިވަގުތު އިންޑިއާގެ ނިއު ދިއްލީގައި ވެސް އޮތީ ޓޮކްސިކް މިންވަރަށް ވައި ނުސާފުވެފަ އެވެ. އަދި އެ މައްސަލާގައި ބައެއް ސްކޫލްތަކާއި އިދާރާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އިންޑިއާގައި އެހާ ބޮޑަށް ގޯސްވެފައި ވަނީ ބިމުގެ ސަރަހައްދު ބޮޑުވެފައި ނުސާފު ވައި ސިޓީގެ ތެރޭގައި ގިނަ ދުވަހު ސާފު ނުވެ ހުރުމާ ގުޅިގެންނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ރާއްޖޭގެ ރަށްރަށް މި ހުންނަ ގޮތުން ފަސޭހައިން އެ ވައި ގިނަ އިރު އެއްތަނެއްގައި ފުސްގަނޑު ހިފެހެއްޓިފައި ނުހުރެ ފްލެޝް ވެ އެވެ.
ކިހާ ދުވަހެއް ވަންދެން ފުސްގަނޑު ހުންނާނެ؟
ތަމީމް ވިދާޅުވި ގޮތުގައި މީގެ ކުރީގެ ޑޭޓާތަކަށް ބަލާނަމަ ޑިސެމްބަރު މަހުން ފެށީގެން ފެބްރުއަރީ އާ ހަމައަށް ވެސް ދެމިގެން ދާނެ އެވެ. ނަމަވެސް މާޗު މަހަށް އެޅެންވާ އިރަށް ވައި ނުސާފު މިންވަރު މަޑު މަޑުން ދާނީ ދަށްވަމުންނެވެ.
ވައި ޖެހޭ ކޮޅު ބަދަލުވާ ވަރަކަށް އެ ދުން ފުސްގަނޑު އެކީ ފިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ދުން ފުސްގަނޑު އެއް މިންވަރެއްގައި ގިނަ ދުވަހު ހިފެހެއްޓިފައި ހުރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ވަކިން ހާއްސަކޮށް ކުރިޔަށް އޮތް ފަސް ދުވަސް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.
އެހެންވެ ސެންސިޓިވް ގްރޫޕްގެ މީހުންނާއި އާންމުން ވެސް އިތުރަށް ސަމާލުވުމަށް ވެސް އެ އޮފީހުން އިލްތިމާސް ކުރެ އެވެ.
އެހެން ރަށްރަށުގައި ވެސް ސަމާލުވާން ޖެހޭތަ؟
މެޓް އޮފީހުން ބުނި ގޮތުގައި ދުން ފުސްގަނޑުގެ އަސަރު މިވަގުތު ކުރަނީ ހަމައެކަނި މާލެ ސަރަހައްދަކަށް ނޫނެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އޭގެ އަސަރު ކުރެ އެވެ. އެގޮތުން އެކި ސަރަހައްދުތަކުން އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ އަދަދުތައް އެޗްޕީއޭން ވަނީ އާންމު ކޮށްފަ އެވެ.
ށ. ފުނަދޫ - 81
ކ. މާލެ - 123
ކ. ވިލިނގިލި - 163
ދ. ކުޑަހުވަދޫ - 165
ލ. ގަން - 96
ޏ. ފުވަމުލަކު - 102
އައްޑޫ - 73
މާސްކު އަޅަން ޖެހޭ!
މިކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި ސިއްހީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ފުއްޕާމޭގެ ބަލިތަކާއި ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން މި ދުވަސްވަރު މަޖުބޫރު ހާލަތެއް މެދުވެރިވެގެން ނޫނީ ބޭރަށް ނުކުތުން ރައްކާތެރިއެއް ނޫނެވެ. އެ ފަރާތްތަކުގެ ހުރި ބަލިތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނުސާފު ވައި ދެމިގެންދާނަމަ ހޮސްޕިޓަލްތަކަށް އެ މައްސަލަތަކާ ގުޅގިެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އެހެންވެ ބަލި މީހުން ވެސް އަދި ސިއްހަތު ރަނގަޅު މީހުން ވެސް މިދުވަސްވަރު އެންމެ ރަނގަޅު ވާނީ މާސްކު އަޅައިގެން ބޭރަށް ނުކުތުން ކަމަށް އޭނާ ވިދާޅުވި އެވެ.