ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ސީރިއަސްކަމާ މެދު މާފަންނުގެ ރައްޔިތުންނާ ސުވާލެއް އަމާޒެއް ކުރެއްވި އެވެ. "ފަސް މިނެޓްގެ ތެރޭގައި މި ބޭފުޅުން މަގުމައްޗަށް އަޅުގަނޑު ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ?"
ރައީސް, "އެ ބޭފުޅުން"ގެ ގޮތުގައި އެ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނޫން ނަމަ, ޖަލުގެ ބަހުރުވައިން "ވާނުވާ" ބަންދުގައި ތިބި މީހުންނެވެ. އެ މީހުން ބަންދުން ދޫކޮށްލަންވީތޯ ރައްޔިތުން ގާތު ރައީސް އެއްސެވީ އެ މީހުންގެ މައްޗަށް ތުހުމަތުވާ ކުށްތަކުގެ ތަފާސްހިސާބުތައް ވިދާޅުވެ ދެއްވުމަށް ފަހު އެވެ.
ރައީސް ވަރަށް "ޝޮކެއްގައި" ހުންނަވާ ވިދާޅުވި ނަންބަރުތައް:
- ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު 347 މީހުން
- 29 މީހުން މަރުގެ މައްސަލަތަކުގައި
- 20 މީހުން ޓެރަރިޒަމްގެ މައްސަލަތަކުގައި
- 117 މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި (އަޑު ހަރުކޮށްލައްވައި ރައީސް އެ ނަންބަރު ދެ ފަހަރަށް ވިދާޅުވި)
- 70 މީހުން މާރާމާރީގެ މައްސަލަތުގައި
- 116 މީހުން ޑްރަގު ޓްރެފިކިންގެ މައްސަލަތުކުގައި
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރެވެނީ ވެސް, އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތު ބޮޑުވެފައި, އެމީހަކީ ކުށުގެ ރެކޯޑް އޮންނަ މީހަކަށްވެފައި, މުޖުތަމައުއަށް އެމީހެއްގެ ފަރާތުން ނުރައްކާ އޮންނަ ހާލަތްތަކުގައި އެކަންޏެވެ. އެހެންކަމުން, އެ ބަންދުގައި އާދައިގެ ކުށްތަކުގެ ތުހުމަތުވާ މީހުން ނުތިބޭނެ އެވެ.
ރައީސަށް ރޭ ސާފުވީ އެ މަންޒަރެވެ. އެމަނިކުފާނު އެ ތަފާސްހިސާބުތައް ކިޔައިދެއްވަމުންދިޔައިރު ފެނުނީ އެ މަންޒަރެވެ. އެކަމަކު, ރައީސް މުއިއްޒުގެ ކެމްޕެއިން ދުވަސްވަރު އެ މަންޒަރު އެމަނިކުފާނަށް ފެނުނުހެން ހިއެއްނުވެ އެވެ. އެއީ ރޭ އެމަނިކުފާނު ކަންބޮޑުވި ކަންކަމާއި ކެމްޕެއިން ވާހަކަތަކުގައި ދެއްކެވި ވާހަކަތަކާ ފަރަގު ހުރުމުންނެވެ.

ކެމްޕެއިންގައި އޭރުގެ ޕީއެންސީ ކެންޑިޑޭޓް މުއިއްޒު, ސިފަކުރައްވާ ގޮތުގައި ވާނުވާ ބަންދުގައި ތިބީ "ކުދިން"ކޮޅެކެވެ.
"މި ދެންނެވީ ޝަރީއަތް ނުނިންމާ ވާނުވާގައި ބައިތިއްބާފައި ތިބި ކުދިންގެ ވާހަކަ," ތ. ތިމަރަފުށީގެ ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެހެން އޭރު ވިދާޅުވިއިރު ތިމަރަފުއްޓަށް ނިސްބަތްވާ ބަޔަކު އެ ރަށު ސްކޫލް ލެބޯޓްރީ ގޮއްވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ވާނުވާ ބަންދުގައި އެބަ ތިއްބެވެ.
އެ އާއިލާތަކާ ވެސް މުއިއްޒު ކެމްޕެއިންގައި ބައްދަލުކުރެއްވި އެވެ. އެއަށް ފަހު މުއިއްޒު އޭރު ނެރުއްވީ ވާނުވާ އެއްކޮށް އުވާލުމުގެ ބޮޑު ވައުދެވެ.
ސެޕްޓެމްބަރު 3، 2023 ގައި ކެންޑިޑޭޓް މުއިއްޒު ވިދާޅުވި އެވެ;
އަޅުގަނޑުމެންގެ ޖުޑިޝަލް ރިފޯމު ނޫނިއްޔާ ޝަރުއީ ދާއިރާއަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި އެއް ކަންތައް އެއީ ވާނުވާ ނިޒާމު އުވައިލުން. މާނައަކީ އެންމެ ގިނަވެގެންވެސް 48 ގަޑިއިރު ބެހެއްޓޭނީ އެއްވެސް މީހަކު އެގޮތަށ،ް މިދެންނެވި ގޮތަށް އިސްލާހު ކުރެވުނީމާ, އެއްވެސް މީހަކާ ދޭތެރޭ ގޮތެއް ނުނިންމާ
"އެހެން ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް, އެތައް މަހެއ،ް އެތައް ދުވަހެއް ވުމަކީ އިންސާފެއްނޫން." އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ތިމަރަފުށީގެ ޓެރަރިޒަމްގެ ތުހުމަތުވާ މީހުން ވާނުވާގައި ގެންގުޅެނީ ބޭއިންސާފުން ކަން ފާހަގަކުރައްވަމުން, މުއިއްޒު ވިދާޅުވީ އެ ކުދިންނަކީ އެއްވެސް ކަހަލަ ކުށެއް ކޮށްފައި ނެތް ކުދިންގެ ގޮތުގައި މައުލޫމާތު ލިބޭ ކަމަށާއި ވެރިކަން ލިބޭތާ ހަމަ ކުރީކޮޅު ބަލާފައި އިންސާފުވެރިކަމާއެކީގައި ވަރަށް އަވަހަށް އެކަން ހައްލުކޮށްދ،ީ އެކަން ނިމުމަކަށް ގެނެސްދޭނެ ކަމަށެވެ.
ފަސް މިނެޓްގެ ތެރޭގައި އެމީހުން ބަންދުން ދޫކޮށްލަން މާފަންނު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޒުވާނަކު ރައީސަށް ސުވާލު އަމާޒު ކުރެއްވީ އެހެންވެ އެވެ. ރައީސް އެގޮތަށް އެ ވައުދު ވެފައިވާތީ އެވެ.
އެ ދުވަހު އެ ސެޕްޓެމްބަރު ތިނެއްގައި ރައީސްގެ ކެމްޕެއިން ސްޕީޗު ބަލައި އަޑުއަހައި, އޭގެން ހަބަރު ލިޔަން އިން ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތުގައި އުފެދުނީ ރައީސް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންނާ އަމާޒުކުރި ސުވާލެވެ. އެގޮތަށް ވާނުވާގެ ނިޒާމް އެއްކޮށް އުވާލަނީ ކިހިނެއް ހެއްޔެވެ?
ރައީސަށް "އަލަށް" އެ ތަފާސްހިސާބުތައް ފެނުނު ނަމަވެސް, ވާނުވާ ނިޒާމް އެއްކޮށް އުވާލަން ރައީސް ވައުދުވެވަޑައިގެންނެވިއިރު ވެސް އެ ބަންދުގައި އެންމެ ގިނައިން ތިބި މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ މީހުންނެވެ. ދެން ޑްރަގު ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ މީހުންނެވެ.
"އޭރު ރައީސް ކަން އޮތް ގޮތް އެވަރަށް ނުބައްލަވާ ކަން މީގެން މި ހާމަވަނީ. އެ ދުވަހު ވެސް ބަންދުގައި ނުތީ މުޖުތަމައުއަށް ނުރައްކާވާ ޒާތުގެ މީހުން. އޭރުގެ ސަރުކާރަށް ވެސް އެމީހުން ދޫކޮށްލުމަކީ އޮތް ހައްގެއް ނޫން. އެކަމަކު ރައީސް ކެމްޕެއިންގައި ވައުދުވީ އެ މުހިންމު ނިޒާމު އެކީ އުވާލަން. މިއަދު ރައީސަށް އެ އިހުސާސް ވަނީ އެކަން އޮތް ގޮތް, އެކަމުގެ ނުރައްކާ," ސޯޝަލް މީޑިއާގައި މީހަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ރައީސްގެ ވައުދު: ވާނުވާ ނިޒާމު އެއްކޮށް އުވާލުން!
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލު އެއްކޮށް އުވާލުމަކީ ރައީސް އިއުލާން ކުރައްވާފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ވާހަކަ އެމަނިކުފާނު އެތައް ތަނެއްގައި ތަކުރާރު ކުރައްވައިފަ އެވެ. ރައީސް ދައްކަވާފައިވާ ވާހަކަތަކުން އެމަނިކުފާނުގެ ވައުދަކީ "ވާނުވާ"ގެ ނިޒާމް އެއްކޮށް ރާއްޖޭން ފުހެލުން ކަން ސާފެވެ. ރައީސް މިހާރު ވިދާޅުވާ ގޮތަށް ކޯޓުތަކަށް ޖާގަ ތަނަވަސްކޮށް ބަޖެޓް ދީގެން, ޝަރީއަތްތަކުގެ ތާވަލު ކޯޓުތަކުން ހެދުމެއް ނޫނެވެ.
ރައީސްގެ ވާނުވާ ވައުދު: ވާނުވާގެ އުސޫލު އެއްކޮށް ރާއްޖޭން ފުހެލުންނެވެ. މީހަކު ހައްޔަރުކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެމީހަކާ މެދު ދައުވާ ކުރާނެތޯ ނުވަރަ ނޫން ކަން ކަނޑައެޅުންނެވެ. ޝަރީއަތުގެ މަރުހަލާގައި ވާނުވާ ބަންދެއްގައި އެއްވެސް މީހަކު ތިބެން ނުޖެހުމެވެ.
ތިރީގައި މިވަނީ އެކަން ސާބިތުކޮށްދޭނެ ރައީސްގެ ވާހަކަތަކުގެ "ހެއްކާއި ގަރީނާ" އެވެ.
އޮގަސްޓް 29، 2023
"ވާނުވާގައި ތިބުން އިރާދަކުރެއްވިއްޔާ ދާއިމަށް ނިމުމަކަށް ގެނެސްދޭނަން,"
ސެޕްޓެމްބަރު 3، 2023
"އަޅުގަނޑު ކުރިން ދުވަހެއްގައި އެހެން ޖަލްސާއެއްގައި އިއުލާން ކުރިނ،ް އަޅުގަނޑުމެންގެ ޖުޑިޝަލް ރިފޯމު ނޫނިއްޔާ ޝަރުއީ ދާއިރާއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެއް ކަންތައް އެއީ ވާނުވާ ނިޒާމު އުވައިލުން. މާނައަކީ އެންމެ ގިނަވެގެންވެސް 48 ގަޑިއިރު ބެހެއްޓޭނީ އެއްވެސް މީހަކު އެގޮތަށް، މިދެންނެވި ގޮތަށް
އިސްލާހު ކުރެވުނީމާ, އެއްވެސް މީހަކާ ދޭތެރޭ ގޮތެއް ނުނިންމާ,"
"ވާނުވާ ނޭނގުމުގެ ތެރޭގައި މީހުން ހައްޔަރު ކޮށްގެނެއް ނުގެންގުޅެވޭނެ. މި ނިޒާމު އެއްކޮށް ހުއްޓާލާ ވާހަކަ އެއީ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމަށް ގެންނަ
ބޮޑު ބަދަލެއް ކަމަށް އަޅުގަނޑުވާނީ އިއުލާން ކޮށްފައި އިނގޭތޯ. އެހެންވީމަ އެކަމަށްވެސް ރަނގަޅު ހައްލެއް ގެނެސްދޭނަން,"
ސެޕްޓެމްބަރު 17، 2023
"އަބަދާއި އަބަދު ގެންގޮސް ޖަލަށްލައި ވާނުވާގައި ބައިތިއްބުން ނިމުމަކަށް އަންނަންޖެހޭ. މިވާނުވާގެ ސިސްޓަމް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިމުމަކަށް ގެންނާނެ ވާހަކަ ކުރިންވެސް އިއުލާންކޮށްފައިވާނެ. އަޅުގަނޑަށް އިއްޔެ ވެސް ދިމާވި އާއިލާއެއް. އެ އާއިލާގެ ދަރިފުޅަކު އެތައް އަހަރެއްވީ ހަމަ ވާނުވާގައި ބަހައްޓާފައި
ހުންނަނ.ީ ވަރަށް ބޮޑު އަނިޔާއެއް މިދެވެނ.ީ އަދި ކުށެއް ކުރިކަން ސާބިތެއްނުވޭ. އެހެންވީމާ މިގޮތަށް ތިބޭ ތިބުން ނިމުމަކަށް ގެނެވިގެން ނޫނީ އާއިލާތަކަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ,"
ސެޕްޓެމްބަރު 28، 2023
"އެތައް ބަޔަކު ވާނުވާ ނޭނގޭ ގޮތަށް ވާނުވާ ޖަހާފައި ޖަލުގައި އެތައް ބަޔަކު. އަޅުގަނޑުމެން މި ހުށަހަޅަނީ މި ވާނުވާ ނިޒާމު ނިމުމަކަށް ގެންނާނަމޭ.
ވާނުވާ, އެކަން ނިމުމަކަށް ގެންނާނަން އިރާދަކުރެއްވިއްޔާ. ޕޮލިސް އިންވެސްޓިގޭޝަން ހަރުދަނާ ކޮށްގެން ޕޮލިސްއާ ޖުޑިޝަރީއާ ޕީޖީއާ މިއޮންނަ ގުޅުމުގެ ތެރެއިން
ހަރުދަނާކޮށ،ް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް, މެކްސިމަމް 48 އަވާސް ތެރޭގައި އެއިދާ ޗާޖްޑް އޯ ރިލީސް. ކޮންމެވެސް އެއްގޮތަކަށް ނިންމާނަމޭ ވާނުވާއަކު ނުތިބޭނެ މީހުންނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި. އެހެންވީމާ އަނިޔާ ކުރަނީ ކޮން ބައެއްކަން އިނގޭ ނޫންތޯ,"
އޮކްޓޯބަރު 2، 2023
"ވާނުވާގައި ޖަލުގައި ތިބި ފަރާތްތައް އެ ސިސްޓަމް އުވާލައި އިރާދަކުރެއްވިއްޔ،ާ ވާނުވާ ސިސްޓަމް ރާއްޖެއިން ފޮހެލާނަން. ހަގީގީ މާނާގައި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ,"
"ވާނުވާ"އާ މެދު ރައީސްގެ މިއަދުގެ ވިސްނުން
ރައީސް ވިދާޅުވަނީ ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެ ކަމަށެވެ.
އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުއީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށާއި މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ރައީސް އެންމެފަހުން ސުވާލު ދޫކޮށްލެވީ ރައްޔިތުންނަށެވެ. މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމައުގެ ތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ އެވެ.
ރައީސްގެ މިހާރުގެ މި ވިސްނުމަކީ ކަން އޮތް ގޮތުގެ ހަގީގަތެވެ. ވާނުވާ ބަންދަކީ "ބޭއިންސާފެއް" ކަމަށް ނުބެނުވޭނެ ކަން ރައީސްގެ ވާހަކަތަކުން މިހާރު ސާފުވެ އެވެ. އެއީ މުޖުތަމައުގެ ރައްކާތެރިކަމަށް އޮންނަޖެހޭ އުސޫލެއް ކަން އެމަނިކުފާނު މިހާރު ގަބޫލުކުރައްވާ ކަން ވެސް މާފަންނު ރައްޔިތުންގެ ކުރިމަތީ ހުންނަވައި ރައީސް ދެއްކެވި ވާހަކައިން ހާމަވެ އެވެ.
އެކަމަކު, ސުވާލަކީ ރައީސްގެ ރިޔާސީ ވައުދަށް ވާނީ ކިހިނެއްތޯ އެވެ. އެއީ ކިހިނެއް, ކާކު ބުނެގެން, ކޮން ދިރާސާއެއް ކުރައްވައިގެން ރައީސް ވިދާޅުވި ވާހަކައެއްތޯ އެވެ. އެ ވާހަކައާ މެދު ރައީސް މިހާރު ހިތްޕުޅާނުވޭތޯ އެވެ.