މިދިޔަ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އާއި ނިމުމެއް ނެތް އެތެރޭގެ ތަޅާފޮޅުމުގެ ތެރޭގައި އޮތް އެމްޑީޕީން އަނެއްކާވެސް ބޮޑު މަންޒަރު ސާފު ކޮށްދީފި އެވެ.
އެއީ އެމްޑީޕީގައި އަދިވެސް އެންމެ ނުފޫޒާއި ބާރުގަދަ ލީޑަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ފޯރިގަދަ ވެގެން ދިޔައީ އެމްޑީޕީން ވަކިވި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުން އަލުން އެ ޕާޓީ އާ ގުޅިވަޑައިގަތުމަށް ފަހު އެ ޕްރައިމަރީގައި އިބޫ ފެކްޝަންގެ މެންބަރުންނާ ވާދަ ކުރެއްވުމުންނެވެ.
އެއީ އެމްޑީޕީގެ ގްރާސްރޫޓް ލެވަލްގައި އަދިވެސް ނަޝީދު ފެކްޝަންގެ މެންބަރުންނަށް ތާއީދު އޮތީ ކިހާ ވަރަކަށްތޯ ވަޒަން ކޮށްލައި އެ މެންބަރުން އަލުން ޕާޓީގެ ބާރުގަދަ މަގާމްތަކަށް އެނބުރި ވަޑައިގަތުމަށް އޮތް ފުރުސަތެވެ. ނަމަވެސް ނަތީޖާ ނުކުތީ ކުރީގެ ޑިމޮކްރެޓްސް މެންބަރުން ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ވާދަކުރެއްވި ހުރިހާ ދިމާލަކުން ޓިކެޓު ކާމިޔާބު ކުރީ އިބޫ ފެކްޝަނުންނެވެ.
އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލެ ސިޓީ ކައުންސިލްގެ މަގާމްތަކަށެވެ.
އެގޮތުން މާލޭގެ މޭޔަރުގެ މަގާމަށް ރައީސް އިބޫ އެންޑޯޒް ކުރެއްވީ އާދަމް އާޒިމް އެވެ. އަދި ރައީސް ނަޝީދު އެންޑޯޒް ކުރެއްވީ އަލީ އާޒިމް އެވެ.
އާދަމް އާޒިމް ހުންނެވީ އިބޫ ފަޅީގައި ކަން ވަރަށް ސާފެވެ. އިބޫ ވަޑައިގަންނެވި ދަތުރުތަކުގައި ވެސް އެންމެ އަރިހުގައި ހުންނަވަނީ އާދަމް އާޒިމް އެވެ. އަދި އިބޫ ފެކްޝަންގައި ތިއްބެވި އެހެން މެންބަރުން ވެސް ސޯޝަލް މީޑިއާގައި ވަރަށް ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދެވީ އާދަމް އާޒިމް އަށެވެ.
އަނެއްކޮޅުން ނަޝީދު އަލީ އާޒިމް އަށް ކެމްޕެއިން ކުރެއްވުމުގެ އިތުރުން އެމްޑީޕީގައި ނަޝީދުގެ ފަހަތުގައި ހުންނަވަން ނިންމެވި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އޭނާގެ ޓީމު ވެސް ހުންނެވީ އަލީ އާޒިމް އާއެކު އެވެ.
ނަމަވެސް ނަމަވެސް މޭޔަރު ކަމުގެ ޓިކެޓު ހޯއްދެވީ އިބޫ ފެކްޝަންގެ އާދަމް އާޒިމް އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމް އަށް 1411 ވޯޓު ލިބިވަޑައިގަތެވެ. އަނެއްކޮޅުން އަލީ އާޒިމް އަށް ލިބިވަޑައިގަތީ 962 ވޯޓެވެ.
އެ ސަޕޯޓަރުންނަށް މަންޒަރު އިތުރަށް ސާފުވެގެން ދިޔައީ މާލެ ސިޓީ ކައުންސިލްގައި މިހާރު އިންނެވި ސައިފް ފާތިހު (އައިއްކޮ) ބަލިކޮށް މައްޗަންގޮޅި އުތުރު ޓިކެޓު ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކުރުމުންނެވެ. ސައިފަކީ ނަޝީދާއެކު ޑިމޮކްރެޓްސް އަށް ބަދަލުވި އެއް މެންބަރެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ އިން ސަޕޯޓަރުންނަށް ސާފުވެގެން ދިޔައީ އެންމެ ކަމެކެވެ. އެއީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ނަމަވެސް އަދިވެސް އެ ޕާޓީގައި އެންމެ ގަދައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރެވެ.
ޕްރައިމަރީގައި ހައްޖަ އަށް ލިބުނީ 85 ވޯޓެވެ. އަދި ސައިފަށް ލިބުނީ 32 ވޯޓެވެ.
މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރެއްބި ބައެއް ސަޕޯޓަރުން ވަނީ މިއީ އެ ޕާޓީން ވަކިވެ ދިޔަ މެންބަރުންނަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. "މިއީ 'ރޫޅާލާ' ގޭންގަށް އޮތް ރަނގަޅު ފިލާވަޅެއް" މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެމްޑީޕީ އަށް އެންމެ ބޮޑު އިމްތިހާނަކަށް ވާނީ މިއެއް ނޫނެވެ. އެއީ މި ނަތީޖާއާއެކު އެ ޕާޓީން ކުރިން ހެދި ހެން އިބޫ ފެކްޝަންގެ މެންބަރުންނާ ދެކޮޅަށް ނުކުންނަވާނީތޯ ނުވަތަ އެ ގޮތުގައި ޕާޓީގެ ހައްގުގައި ހުންނަވާނީތޯ އެވެ.
އަލީ އާޒިމް ވަނީ އާދަމް އާޒިމް އަށް ގުޅުއްވައި އެކުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސައިފް ވެސް ވަނީ އެ މަންޒަރު ދައްކަވައިފަ އެވެ.
އޭގެ އިތުރުން ނަޝީދާއި ސޯލިހު ވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެކުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.