ސަރުކާރު މި ވަގުތު އޮތީ އެޗްޑީސީއަށް ޖުމްލަ 10 ބިލިއަން ރުފިޔާ ދަރައިފަ އެވެ; އޭގެ ތެރެއިން 5.6 ބިލިއަން ރުފިޔާއަކީ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އުފުލަން ޖެހުނު ދަރަންޏެވެ.

އެޗްޑީސީގައި އޮތް ސަރުކާރުގެ ދަރަނި:

  • ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެޗްޑީސީއަށް ދައްކަން ޖެހޭ އަދަދު: 4.9 ބިލިއަން ރުފިޔާ
  • ބިންވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ދޫކުރި ގޯތިތަކަށްވާ ބިމަށް ދައްކަން ޖެހޭ އަދަދު: 1.6 ބިލިއަން ރުފިޔާ
  • ހިޔާ, ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމުމުގެ ސަބަބުން އެޗްޑީސީއަށް ލިބޭ ގެއްލުމަށް ދައްކަން ޖެހޭ އަދަދު: 3.9 ބިލިއަން ރުފިޔާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ ސަރަހައްދުގައި ބިމުގެ އަގު އެންމެ ބޮޑު ހުޅުމާލޭން މާލޭގެ ރައްޔިތުންނަށް ހިލޭ ދޫކުރި ގޯތިތަކާ އެކު, އެއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އޮޑިޓް އޮފީހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ހެދި ހާއްސަ ރިވިއުއަކުން ދައްކާ ގޮތުގައި ކުރީ ސަރުކާރުގެ އެ ސިޔާސަތުގެ ސަބަބުން ދައުލަތަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. މި 10.5 ބިލިއަން ރުފިޔާ ދެއްކުމުގެ ގޮތުން ގަލުފަޅާއި މާގިރިފަޅު އެޗްޑީސީއަށް ދީފައިވެ އެވެ. އެއީ 3.3 ބިލިއަން ރުފިޔާގެ އަގަށެވެ.

"ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ބިން ދިނުމަކީ ސަރުކާރަށް ވަރަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެއް،" އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އޮތީ މި ވާހަކަ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވެސް ވިދާޅުވީ ސަރުކާރުން ގެންގުޅުނު ސިޔާސަތެއްގެ ސަބަބުން އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ނުލިބި, އެ ކުންފުނި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ފައިސާ އަވަހަށް ސަރުކާރުން އެޗްޑީސީއަށް ދޭން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެޗްޑީސީއަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ފައިސާއަކީ އެ ކުންފުންޏަށް ބޮޑު ބުރައެއް ކަމަށެވެ.

ސިޔާސީ ހާލަތާއެކު ބަދަލުވާ ސިޔާސަތު

އެއް މިސާލަކީ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔަށް އައި ބަދަލުތަކެވެ؛

އެންމެ ފުރަތަމަ އެޗްޑީސީ އަށް ގެއްލުން ނުވާނެ ގޮތަށް އަދި ފައިދާ ވެސް ނުވާނެ ގޮތަށް ހިސާބު ޖަހައި ހެދި އިރު ހިޔާ ފްލެޓު ކުލީގެ ގޮތުގައި މަހަކު 11،000ރ. އަރާ ކަމަށް ކުރީ ސަރުކާރުން ބުންޏެވެ. ނަމަވެސް ސަރުކާރުން ނިންމީ މުއްދަތު އިތުރު ކުރުމަށް ފަހު މަހަކު 7500ރ. އަށް ކުލި ކުޑަ ކުރުމަށެވެ.

އެއަށް ވުރެ ކުޑަ ތަންކޮޅެއް ވެސް ކުލި ކުޑަ ނުކުރެވޭނެ ކަމަށް ދެ އަހަރު ވަންދެން ތަކުރާރުކޮށް ބުނުމަށް ފަހު އެ ހާލަތު ބަދަލުވީ ރިޔާސީ އިންތިހާބާ ޖެހުމުންނެވެ. ހިޔާ ފްލެޓް ސަރަހައްދުގެ މީހުންގެ ހުރި ނުރުހުންތައް ފިލުވަން ކޮންމެހެން ވެސް ޖެހޭ ކަން ގަބޫލުކޮށް އިންތިހާބު އިއުލާން ކޮށްފައި ވަނިކޮށް ސަރުކާރުން ކުލި ވެސް 6300ރ. އަށް ކުޑަ ކުރި އެވެ.

މި ސަރުކާރުން ވެސް އެ މަޝްރޫއުގެ ތެރެއިން ސިޔާސީ ޕޮއިންޓު ހޯދަން ބޭނުންވި އެވެ. ގައުމުގެ އިގްތިސާދީ ހާލަތާއި އެތެރެ އާއި ބޭރުގެ ދަރަނީގެ މައްސަލައިން ސަލާމަތް ނުވެވިގެން އުޅޭ ކަން އެނގިތިބެ ވެސް ނިންމުންތައް ނިންމީ އެކަންކަމަށް ރިއާޔަތް ނުކޮށެވެ.

ހިޔާ ފްލެޓުގެ ކުލީގެ އަގު 5،600ރ. އަށް ކުޑަކޮށްދެއްވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަ އެ ދުވަސްވަރު ވައުދުވި އެވެ. އަދި އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް މީހުން ކުރި ހަރަދުތައް ވެސް ސަރުކާރުން ނަގަން ނިންމި އެވެ.

އެކަންކަން ހަމަޖެއްސުމަށް ފަހު ސަރުކާރުން އެޗްޑީސީ އަށް ދައްކާ ގޮތަށް ކުލިން 200،000ރ. މާފު ކުރި އެވެ. އަދި ހަތް އަހަރަށް ހިޔާ ފްލެޓުގެ ކުލި 3984ރ އަށް ކުޑަ ކުރި އެވެ.

އޭގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގުތައް ވެސް ދަށް ކުރި އެވެ. އެކަން ކުރި އިރު އޭގެ ސަބަބުން އެޗްޑީސީން ނަގާނެ ގެއްލުމުގެ ވާހަކައެއް ނުދައްކަ އެވެ. ވިސްނުމަކަށްވީ ސަރުކާރުން އެ ހަރަދުތައް ހަމަޖައްސައި ދިނުމެވެ.

އެއަށް ފަހު ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓް 50 ޕަސެންޓު ކުޑަ ކުރި އެވެ. އަދި ކުލީގެ ގޮތުގައި އޭރު ކަނޑައަޅާފައިވާ އަގުން 4،200 ރުފިޔާ އުނި ކުރަން ވެސް ނިންމި އެވެ.

ހަމަ އެގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެތައް ބަޔަކަށް ހިލޭ ގޯތި ދޭނެ ޖާގައެއް ނެތް ކަން ކުރީ ސަރުކާރަށް އެކަން ކުރި އިރު ވެސް އެނގެ އެވެ. އެކަން ކުރާނަމަ ކުރަން ޖެހެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްލޭން އެކީ ހަލާކު ކޮށްލައިގެންނެވެ. ދިރި ނޫޅެވޭ ވަރު ކޮށްގެންނެވެ. ދެވަނަ ފިޔަވަހީގެ ތެރޭގައި ދެވަނަ މާލެއެއް އުފައްދައިގެން ކަން ވެސް އެނގެ އެވެ.

އެހެން ނަމަވެސް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ފަދައިން "ސިޔާސީ ސަބަބުތަކަށްޓަކައި" އެވަރަށް ޖާގަ ނެތް އިރު ވެސް ގޯތި ދޭން ޖެހުނީ އެވެ. އެ ސަބަބަކީ މާލެ މީހުން ކުރާ ޝަކުވާ އެވެ. ނަމަވެސް އެކަން ކޮށްފައި އެ ވަނީ ވެސް އެޗްޑީސީން ހުރިހާ ބުރައެއް އުފުލަން ޖެހޭ ގޮތަށެވެ.

އެ ވަގުތެއްގައި ކުރިމަތީ އޮންނަ ސިޔާސީ ހާލަތާއެކު ސިޔާސަތު އަވަސް އަވަހަށް ބަދަލުވެ އެވެ. މަޝްރޫއެއް ފެށުމުގެ ކުރިން ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަށް ހަދާ ފީސިބިލިޓީ ސްޓަޑީތަކާއި މިފަދަ އެހެނިހެން ދިރާސާތަކަކީ އެފަދަ ހާލަތްތަކުގައި ބަލާ އެއްޗެއް ނޫނެވެ. ކުންފުންޏަށް ލިބޭ ގެއްލުން ފޫ ބެއްދޭނެ ގޮތް ހޯދާނީ ފަހުންނެވެ. ދެން އަންނަ ސަރުކާރަކުންނެވެ. ފަސް ބިލިއަންގެ ދަރަނީގެ ފަހަތުގައި ވެސް އޮތީ އެ މައްސަލަ އެވެ.