ދައްކަން މި އުޅެނީ ވަކި ސިޔާސީ ޕާޓީއެއްގެ ވާހަކައެއް ނޫނެވެ. މި ސަރުކާރު ނުވަތަ ކުރީ ސަރުކާރަށް ހާއްސަ ކަމެއް ވެސް ނޫނެވެ.
ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ހިސާބުން އޭނާގެ ކިބައިން ރައިސުލްޖުމްހޫރިއްޔާގެ ސިފަ "ގެއްލެ" އެވެ. އެހާ ހިސާބުން އޭނާ ރައީސްކަމުން ރަސްކަލަކަށް ބަދަލުވެ އެވެ.
މުޅި ދައުލަތާއި ސަރުކާރުގެ ވެރިއަކީ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ބޯލަނބަނީ ރައީސަށެވެ. އަދި ފަނޑިޔާރުން އައްޔަންކޮށް ވަކި ކުރާ ޖޭއެސްސީ ކިޔަމަން ވަނީ ވެސް ހަމަ ރައީސަށެވެ.
އޭގެ އިތުރުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނަރަލް އަދި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުހިންމު މުއައްސަސާތަކުން ވެސް "ސާ ޔެސް ސާ" ނޫން ބަހެއް ބުނާ އަޑު ނީވެނީ އެހެންވެ އެވެ. އެ މުއައްސަސާތަކަށް ވެރިން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ވެސް މި އޮންނަނީ ސީދާ ރައީސްގެ އަތްޕުޅުގަ އެވެ. ވިދާޅުވި ގޮތެއް ނޫން އެހެން ގޮތަކަށް އަމަލު ކޮށްފި ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.
މިކަންކަމުގެ ވާހަކަ އަޑު އަހާފައި "ޑިކްޓޭޓަޝިޕެއް" ސިފަ ކުރެވުނަސް މިއީ އެ ގޮތް ބަދަލު ކުރަން ފެހި ގާނޫނުއަސާސީ އެކުލަވާލައި އެއަށް އަމަލުކުރަން ފެށި ފަހުން ވެސް އައި ވެރިކަންތަކުން ނުފޮހެވުނު ސިފަ އެކެވެ. އޭރާއި މިހާރާ ހަމައެކަނި ބަދަލުވި ކަމަކީ ވެރިކަން ކުރާ މީހުންނާއި ސިޔާސީ ޕާޓީތަކެވެ.
އެެހެންވެ، ސިޔާސީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މިވަގުތު އިސްލާހީ މަސައްކަތެއް ކުރާ ނަމަ އެޖެންޑާގެ އެންމެ ކުރީގައި އޮންނަންވީ މިނިވަން މުއައްސަސާތައް މިނިވަން ކުރުމުގެ މަސައްކަތެކެވެ. ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކީ ނުހިނގާ ނަމަ ކޮރަޕްޝަނާއި ނުފޫޒާއި ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ވެރިން ޖަވާބުދާރީ ކުރުވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.
އެހެންވެ މި ދެ ސުވާލުން ފަށާނަމެވެ. މިނިވަން މުއައްސަސާތައް މިނިވަން ނޫވަނީ ކީއްވެ ހެއްޔެވެ؟ މިނިވަން ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ބަހުސް ކުރަމާ އެވެ.
މުއައްސަސާތަކަށް ސީދާ ރައްޔިތުންގެ ވޯޓުން!
މި ވާހަކަ ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ދޭތެރެ ދޭތެރެއަކުން ދެކެވޭ އިރު އަންނަ އެއް ހިޔާލަކީ މިއީ އެވެ.
ރާއްޖޭގެ މި މުޅި ނިޒާމް ރަނގަޅަށް ފަންގްޝަން ކުރަން މިނިވަން މުއައްސަސާތަކުގެ ރޯލް އިންތިހާއަށް ބޮޑު އިރު އެ މުއައްސަސާތަކުގެ ވެރިންން އައްޔަން ކުރުން ރައީސްގެ އަތް މައްޗަށް ދޫކޮށް ލުމުގެ ބަދަލުގައި އެއީ ސީދާ ރައްޔިތުން ހޮވާ ބަޔަކަށް ހަދަން ޖެހޭ ކަމެވެ.
އެ ހިޔާލު ރޭ އެކްސްގައި ފެންމަތި ކުރި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން މިނިވަން މުއައްސަސާތަކަށް އަންނަނީ ވެރިން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާނެ މީހުންނެވެ. އެ ނޫން ބަޔަކު އެ މަގާމަކަށް ރައިސުލްޖުމްހޫރިއްޔާ އައްޔަން ނުކުރާނެ އެވެ. މުއައްސަސާތަކުގެ ވެރިން އެ މީހުންގެ ވަޒީފާ ދަމަހައްޓަން ބޭނުން ނަމަ އެ ސަރުކާރެއްގެ މައްސަލަ ނުބަލާ "ހިހޫ ތަނުން ކާލައިގެން" ތިބެންވީ އެވެ.

އޭގެ ނަތީޖާއަކީ ފަސް އަހަރު ނިމިގެން ދާއިރު މިނިވަން މުއައްސަސާތައް ނިދާފައި ތިބުމެވެ. އަދި ވެރިކަން ބަދަލުވުމުން ނުވަތަ ޓްރާންސިޝަން ޕީރިއަޑްގައި ކުއްލިއަކަސް ހޭލައި ކުރީ ސަރުކާރުގެ މައްސަލަތައް ހާވައިގަތުމެވެ. އަދި ޖެހިގެން އޮތް ފަސް އަހަރު ނިމެންދެން ކުރީ ސަރުކާރުގެ މައްސަލަތައް ކޮނެ ކޮނެގެން ނެރުމެވެ. ފެނަކައަކީ އޭގެ އެއް މިސާލެވެ.
އަލީ ހުސެއިން އެހެން މިސާލެއް ވެސް ދެއްވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމް ބައްލަވާ. ފުލުހަކަށް ސީޕީގެ މަގާމަށް މި އާދެވެނީ ރައީސް އައްޔަން ކުރީމަ. އެހެންވެ އޭނާގެ ވަޒީފާއަކަށް އަބަދުވެސް މިވަނީ އެ ވެރިކަމެއް ދެމެހެއްޓުން. އެ ވެރިކަމެއްގެ ހުރި މައްސަލަތަކެއް ނުބަލާ. ސަރުކާރާ ގުޅޭ ކަންކަން އޮންނަނީ ފޮރުވާފައި -- އަލީ ހުސެއިން
މި ސަރުކާރު ވެރިކަމުގައި ހިނގަމުން އަންނަ ހިޔާނާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ އެތައް ރިޕޯޓެއް ފުލުސް އޮފީހުގެ ވެރިންގެ މޭޒުގައި ފައިލް ކޮށްފައި އޮތުމަކީ ވެސް އޭގެ އެއް ހެއްކެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި މި ސަރުކާރުގައި އަދި ކުރީ ސަރުކާރުތަކުގައި ވެސް ކަންކަން ހިނގަނީ އެގޮތަށެވެ. މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކީ ނުހިނގާނަމަ ކޮރަޕްޝަނެއް ނުހުއްޓުވޭނެ އެވެ. އެއްވެސް ބަޔަކަށް އިންސާފެއް ވެސް ނުލިބޭނެ އެވެ. ބޯހިޔާވެހިކަން ފަދަ ހައްގުތަކަށް އަރައިގަަތަސް ރައްޔިތުންގެ ހައްގުގައި އެކަން ބަލާނެ ބަޔަކު ނުހުންނާނެ އެވެ.
އެކަމަށް އޮތް އެއް ހައްލެއް ކަމުގައި އަލީ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމެވެ. ރައީސް އާއި މަޖިލިސް ބައިޕާސް ކުރުމަށް ފަހު ސީދާ ރައްޔިތުންގެ ވޯޓަކުން އެ މީހުން އިންތިހާބު ކުރަން ޖެހޭ ގޮތަށް ހެދުމުން އެ މީހަކީ ރައީސަށް ޖަވާބުދާރީ ވާނެ މީހަކަށް ނުވާނެ އެވެ.
"ސީދާ ރައީސް އައްޔަން ކުރާ މީހަކަށް ވުމުން އޭނަ އަށް އެ އިރެއްގެ އޮންނަ ސަރުކާރެއްގެ ކޮރަޕްޝަން މައްސަލަ ވެސް ބެލޭނެ. ރައްޔިތުން އޭނަ އައްޔަން ކުރީ. އެހެންވީމަ ރައީސްގެ ނުވަތަ ސަރުކާރުގެ ނުފޫޒެއް އޭނާއަކަށް ނޯންނާނެ." އަލީ ވިދާޅުވި އެވެ.

އަލީ ހުސެއިން ގަބޫލު ކުރާ ގޮތުގައި އެގޮތަށް މިނިވަން މުއައްސަސާތަކުގެ އިތުރުން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނަކީ ވެސް ރައްޔިތުން އައްޔަން ކުރަން ޖެހޭ ބަޔަކަށް ހަދަން ޖެހެ އެވެ. އެ މީހުން ވެސް މިހާރު އެ ތިބެނީ ސިޔާސީ ނުފޫޒެއްގައި ކަން ވޭތުވެދިޔަ ދުވަސްތަކުގައި ހިނގި ކަންކަމަށް އެކަނި ބަލައިލިޔަސް ސާފު ވާނެ އެވެ.
"ބައެއް ބޭފުޅުން ހީކޮށްފާނެ މާ ސިޔާސީ ވާނޭ. އެކަމަކު ވިސްނާލަ. މިވަގުތު ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި އޮންނަނީ ސިޔާސީ މީހެއްގެ އަތުގަ. ބަޑި ގުދަނުގެ ތަޅުދަނޑި މި އޮންނަނީ ސިޔާސީ މީހެއްގެ އަތަށް ދީފަ. ދެން ކީއްވެގެންތޯ ރައްޔިތުން އިންތިހާބު ކުރާ މީހަކު ޝަރުއީ ދާއިރާގެ ތެރޭ ނުހުންނަންވީ." އަލީ ވިދާޅުވި އެވެ.
އެމެރިކާގައި ވެސް ސްޓޭޓް ޖަޖުންގެ ތެރެއިން ބައެއް މީހުންނަކީ ވެސް ރައްޔިތުން އިންތިހާބު ކުރާ ބައެކެވެ. އެހެންވެ ރާއްޖޭގައި ވެސް އެފަދަ ނިޒާމަކަށް ދެވިދާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
މައްސަލައަކީ ނިޒާމެއް ނޫން، މީހާ!
މި ކަމާ ގުޅޭ ގޮތުން ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ ޑްރާފްޓު ކުރި ކޮމިޓީގެ މުޣައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ވިސްނުން ތަފާތެވެ.
"ސިޓިޒެން" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިހާރު ވެސް ނިޒާމް ހެދިފައި ހުރީ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކީ މަސައްކަތް ކުރެވޭ ގޮތަށެވެ. ރައީސް އަންގާ ގޮތަކަށް ތަބާވާން ޖެހޭ ކަމަކަށް ނުވަތަ އެ މެންބަރެއްގެ މިނިވަން ކަން ގެއްލޭ ފަދަ ވާހަކައެއް ލިޔެފައި ނެތެވެ.
އެހެން ނަމަވެސް މިހާރު މި ފެންނަނީ މަގާމްތަކަށް ދާ އައްޔަން ކުރާ ފަރާތްތަކުން އަމިއްލަ އަށް އެ މިނިވަންކަމާއި ބާރު ދޫކޮށްލާ މަންޒަރު ކަމަށް އިބްރާ ވިދާޅުވި އެވެ.
"އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް އަމަލު ކުރާކަށް ނޯވޭ ލިޔެފަ އެއް. މިނިވަން މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި ބަޑި ޖައްސާފައެއް ނޫން ތިބެނީ. އެ މީހުން ބެނުންވާ ގޮތަކަށް އަދި އެ މީހުންގެ ހުވަޔާ އެއްގޮތަށް އަމަލު ކުރަން ފުރުސަތު އޮވޭ." އިބްރާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މުޅި ގައުމުގެ މަސްލަހަތަށް ވުރެ އެ މީހެއްގެ އަމިއްލަ ވަޒީފާ ހިމާޔަތް ކުރުން އިސް ކުރާނަމަ އެ އުޅެނީ ނިޒާމުގެ މައްސަލައެއް ނޫން. މީހާގެ މައްސަލަ -- އިބްރާ
އިބްރާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ. ސަރުކާރުގެ މައްސަލައެއް ބަލަން ފެށުމުން ސަރުކާރުން އެކަމަށް ދެކޮޅު ހަދައި ނުފޫޒު ފޯރުވާ ނަމަ ވަކި ކުރަންދެން އެ ގޮތުގައި ހިފަހައްޓަން ޖެހެ އެވެ. ނުވަތަ އެ މަސައްކަތް ކުރެވޭނެ ހުރިހާ ދޮރެއް ސަރުކާރުން ބަންދު ކޮށްފި ނަމަ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ފަހު އިސްތިއުފާ ދޭން ޖެހެ އެވެ.

އެގޮތަށް ކަންކަން ކުރުމުން ރައްޔިތުންނަށް ސަރުކާރުގެ ހަގީގަތްތައް ހާމަވެގެން ދާނެ ކަމަށް އިބްރާ ވިދާޅުވި އެވެ. އަދި އެ މަގާމަށް އައްޔަން ކުރި މީހަކަށް އޭނާގެ މަސްއޫލިއްޔަތު ވެސް އަދާ ކުރެވުނީ އެވެ.
އޭގެ ބަދަލުގައި އެންމެ ފަސް އަހަރަށް ލިބޭ ވަޒީފާ އާއި ބޮޑު މުސާރަ ގެއްލިދާނެ ކަމުގެ ބިރަށް ގައުމުގައި ހިނގާ ކޮރަޕްޝަންތަކުގައި އަތް އަޅައި ފޮރުވައިގެން ތިބުމާއި ބޭއިންސާފުން ކަންކަން ނިންމައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ އެ އައްޔަންކޮށްފައި ތިބޭ މީހުންގެ އިހްލާސްތެރިކަން ނެތުމުގެ ސަބަބުން ވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރަކަށް ކޮން ހައްގެއްތޯ އޮތީ އިންސާފު ހޯދަން އަންނަ މީހާގެ ހައްގަށް ވުރެ އޭނާގެ ވަޒީފާ ދެމެހެއްޓުން މުހިންމު ވާނެ ކަން ކަނޑައަޅަން؟" އިބްރާ ވިދާޅުވި އެވެ.
"މިއީ ނިޒާމުގެ މައްސަލައެއް ކަމަށް ހެދުން ނިންމަން ޖެހޭ. އެ މަގާމްތަކަށް އަންނަ މީހުން މިކަމުގެ ޒިންމާ ނަގަން އެބަޖެހޭ."
މިނިވަން މުއައްސަސާތަކަށް ރައްޔިތުން ސީދާ ވޯޓަކުން މީހުން އިންތިހާބު ކޮށްގެން މައްސަލަ ހައްލު ވާނެ ކަމަށް ގަބޫލު ނުކުރެވޭ އެއް ހެއްކަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އިބްރާ ވިދާޅުވި އެވެ.
މަޖިލީހުގައި މިވަގުތު ތިބި 96 މެންބަރުންނަކީ ވެސް ސީދާ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި މީހުންނެވެ. އަދި އެ މީހުން ފަސޭހައިން މަގާމުން ވަކި ކުރެވޭނެ ގޮތް ވެސް (މިވީހާ ދުވަހަށް) ނެތެވެ. ފުރިހަމަ ބާރާއި މިނިވަންކަން އޮތް ބައެކެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ ބޮޑު ޒިންމާ ކޮނޑުއެޅިފައި ތިބި މީހުންނެވެ.

އެކަމަކު ސިޔާސީ އަދި މާލީ މަންފާއަކަށް ޓަކައި ރައްޔިތުންގެ ހައްގަށް ވުރެ ގިނަ މެންބަރުންނަށް އަބަދުވެސް މުހިންމު ވަނީ ސިޔާސީ ޕާޓީ ނުވަތަ އެ ސަރުކާރެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ވިސްނުން ހުންނަނީ ވެރިކަން ދެމެހެއްޓުމަށެވެ. އަދި އިތުރު ބާރުތައް ސަރުކާރަށް ދިނުމާއި މިނިވަން މުއައްސަސާތައް ވެސް ކިލަނބު ކޮށްލައި ފާރަވެރިވާން އޮތް ހުރިހާ ބައެއްގެ ފިޔަ ކޮށާލާ ތަނަކަށް މަޖިލިސް އޮންނަނީ ވެފަ އެވެ.
އެންމެ ފަހުން އަމިއްލަ އަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭނެ ގޮތް ވެސް ސަރުކަރު ބުނީތީ އެ ތިބީ ހަދަން އެއްބަސްވެ ގާނޫނުއަސާސީ އެގޮތަށް ބަދަލު ކޮށްގެނެވެ.
"އެއީ ހަމަ ރައްޔިތުން ސީދާ އިންތިހާބު ކޮށްފައި ތިބި މީހުން." އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލު ވާނީ ރައްޔިތުންގެ މަޖިލީހަށް ތަންދޮރު ދަންނަ ރަނގަޅު މީހުން އިންތިހާބު ކުރާ ދުވަހަކުންނެވެ. މަޖިލިސް މެންބަރުންގެ ދައުރަކީ ކޮބައިކަން ރައްޔިތުން ދަސް ކުރަން ޖެހޭ ކަމަށް އިބްރާ ވިދާޅުވި އެވެ. އެއީ ސަރުކާރުގެ ތެރެއިން ކަންކަން އަޑިއަޑިން ހަމަޖައްސާ ދޭން ފޮނުވާ މަންދޫބެއް ނޫން ކަން އެނގެން ޖެހެ އެވެ. ބަދަލުތައް އަންނާނީ ރައްޔިތުންނާ ހަމައިން މި ކަންކަން ވިސްނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު އޮތް ހާލަތުން އަރައިގަތުމަށް ނިޒާމީ ބައެއް ބަދަލުތަކެއް ވެސް ގެނެވިދާނެ ކަމަށް އިބްރާ ގަބޫލު ކުރައްވަ އެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ރައްޔިތުންނާ ހަމައަށް ބައެއް ބާރުތައް ތިރިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ކަމަކަށް މިނިވަން މުއައްސަސާތަކުން މީހުން ވަކި ކުރުމުގައި ފަހު ބަސް ބުނާ ބަޔަކަށް ސީދާ ރައްޔިތުން ހަދަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ބޭނުން ނުވާ ގޮތަކަށް މަސައްކަތް ކުރާތީ ބަޔަކު ވަކި ކުރަން މަޖިލީހުން ފާސްކުރިޔަސް ސީދާ ރައްޔިތުންގެ ވޯޓެއް އެކަމަށް ނަގަން ޖެހޭ ނަމަ އެ މީހަކަށް ރައްޔިތުންގެ ހިމާޔަތް ލިބޭނެ ކަމަށް އިބްރާ ވިދާޅުވި އެވެ. އެކަން އެގޮތަށް އޮތް ނަމަ މި ފަހުން ސުޕްރީމް ކޯޓު ކޮށައި އަޅާލައި ސަރުކާރުގެ އަތް ދަށަށް އެހާ ފަސޭހައިން ނުގެނެވުނީ ހެވެ.
"މުސްތަގިއްލު ވުމުގެ އެންމެ މުހިންމު އެއްޗަކީ އައްޔަން ކުރާ ގޮތެއް ނޫން ވަކި ކުރާ ގޮތް. އެހެންވެ ގާނޫނުއަސާސީ ހެދި އިރު ވަކި ކުރުމުގެ ބާރު މަޖިލީހަށް އެކަނި ދީފައި އެއޮތީ. އޭރު ވިސްނުމުގައި އޮތީ މަޖިލީހުން އެވަރުގެ މެޖޯރިޓީއަކުން ވަކި ކުރާނަމަ އަސްލު ވެސް އެ މީހަކު ހުންނާނީ ވަރަށް ބޮޑު ގޯހެއް ހަދައިގެނޭ. އެކަމަކު ކަންކަން މިވަނީ އެހެނެއް ނޫން."
ހަމަ އެގޮތަށް ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ މަޖިލިސް މެންބަރުން ވެސް ރައްޔިތުންގެ ވޯޓަކުން ވަކި ކުރެވޭ ނަމަ ސަރުކާރަށް ބޯ ލެނބުމުގެ ބަދަލުގައި ރައްޔިތުންނަށް ކިޔަމަންވާ ބަޔަކަށް ވާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތައް މިނިވަން ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ އަކީ ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމެވެ. އެއީ ޕާޓީތަކުގެ ރައުޔު އިއްވާ ތަނަކަށްވުމުގެ ބަދަލުގައި ރައްޔިތުންގެ ބަސް އިއްވާ ތަނަކަށް ވާން ޖެހެ އެވެ.
ސަބަބަކީ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަން ވާނީ ރައްޔިތުންގެ ކިބައިގަ އެވެ. ރައިސުލްޖުމްހޫރިއްޔާ އަތްޕުޅުގައެއް ނޫނެވެ. އެ ބަދަލުތައް ގެންނަން މިއީ ކުރަން މުހިންމު ބަހުސެކެވެ. ވިސްނަން ޖެހޭ އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ ކަމެކެވެ.