މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ޗެލެންޖު ކުރުމުން ކުއްލިއަކަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ "ގޮނޑި ގެއްލުމަކީ" އިއްތިފާގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ހައިރާންވާ ކަމެއް ނޫނެވެ. ދައުލަތުގެ އެއްބާރުން އަނެއްބާރަކަށް އަރައިގަތުމަށް ފަހު އެކަމަށް އިއުތިރާފުވީ ކޮން އިރަކު ހެއްޔެވެ؟ ބާރުތައް ވަކިވެފައިވާ ނިޒާމަށް ލޮޅުން އެރުވި ކޮންމެ ވެރިއަކު ދެއްކެވީ ހަމަ އެފަދަ ސިޔާސީ ހުއްޖަތްތަކެކެވެ.

ރާއްޖޭގައި ބަދަލު ނުވި ސިޔާސީ ހަގީގަތަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަޖިލީހާއި ކޯޓުތަކުގެ ބާރު އެކެއްގެ އަތުގައި އޮތް އޮތުން ކަމުނުގޮސްގެން އާ ގާނޫނުއަސާސީން އެކަން ބަދަލުކުރި ފަހުން އިންތިހާބުވި ކޮންމެ ވެރިކަމެއްގައި މަސައްކަތް ކުރީ ހުރިހާ ބާރެއް އެކެއްގެ މުށުތެރެ އަށް ޖަމާ ކުރުމަށެވެ. މިއަދާ ހަމައަށް ވެސް  ދެމިއޮތީ ހަމަ އެ ސަގާފަތެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމާއި މަތީ ކޯޓުތަކުން ކުރި އަމުރުތަކަށް ނުކިޔަމަންތެރިވެ ސަލާމަތީ ބާރުތައް ފޮނުވައިގެން ސުޕްރީމް ކޯޓުގައި ތަޅު އެޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން 12 މެންބަރެއްގެ ގޮނޑި ގެއްލުވާލި އެވެ. އެކަން ބަދަލުކުރަން ސުޕްރީމް ކޯޓުން "ފެބްރުއަރީ އެކެއްގެ އަމުރު" ނެރުމުން ކުއްލި ހާލަތު އިއުލާންކޮށް އެ ކޯޓުގެ ފަނޑިޔާރުން ދަމައިކޫއްތާފައި ގެންގޮސް ހައްޔަރު ކުރި އެވެ.

ޖުޑިޝަރީ މިނިވަން ކުރާނެ ކަމުގެ ބޮޑު ވައުދާއެކު އިންތިހާބުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނީ ހުރިހާ ބާރެއް މުށުތެރޭ ބާއްވައިގެންނެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތެވެ. އެކަމަކު ކޯޓުތައް މިނިވަންވާ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ބާރު އޮވެ އެކަން ނުކޮށް ދައުރު ނިންމާލީ ބޭނުން ފަނޑިޔާރެއްގެ މައްސަލަ ބަލައި ބޭނުންވި ބަޔަކު ކޯޓުތަކަށް އައްޔަން ކުރަމުންނެވެ. ތިން ބާރު ސީދާ ރައީސް އޮފީސް ތެރެއިން ކޮންޓްރޯލް ކުރާ ކަމުގެ ބޮޑެތި ތުހުމަތުތަކާ އެކު އެވެ.

މިއަދު ވެސް މި ފެންނަނީ އޭގެ ސީކުއަލް އެކެވެ. ޑޮލަރު މާރު ކުރަން ބޮޑެތި ވިޔަފާރިވެރިންނަށް މަޖުބޫރު ކުރުވި ހިސާބުން މަޖިލީހުގެ ބާރު ގެއްލިދާނެ ކަމުގެ ބިރު އޮތެވެ. އެހެންވެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓުން ރިވާސް ކޮށްފި ނަމަ ސިޔާސީ މަސްރަހު އެއްކޮށް އެނބުރުމުގެ ފުރުސަތު އޮތެވެ.

މިއީ މިދިޔަ 17 އަހަރު ތެރޭގައި ޖަވާބެއް ނުލިބި އެކަމަކުން އަރައިނުގަނެވި އޮތް މައްސަލައެކެވެ. ތިން ބާރު ވަކި ނުވާކަން ފެންނަން އޮތް އިރު ބާރުތައް ވަކިވެފައިވާ ނިޒާމެކޭ ކިޔަނީ ކީއްވެތޯ މީހުން ސުވާލު އުފައްދަ އެވެ.

"މިއީ ތަސައްވުރު ނުކުރާ ހާލަތެއް"

ގާނޫނުއަސާސީގެ މަފްހޫމް ވަރަށް ސާފެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އަމަލު ކުރަން ޖެހޭ ގާނޫނުތައް ހަދަން އޮންނަ ބާރެވެ. ރައިސުލްޖުމްހޫރިއްޔާއަކީ އެ ގާނޫނުތަކަށް ތަންފީޒުކޮށް ހިންގާ ބާރެވެ. މި މާނާގައި ކޯޓުތަކަކީ ގާނޫނެއްގެ ސައްހަ ކަމާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެއީ ގާނޫނުއަސާސީ އާ ހިލާފު ގާނޫނެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ރައްޔިތުންނަށް އިންސާފު ހޯދައިދޭ ބާރެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މުގައްރިރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި ތިން ބާރުގެ ޒިންމާތަކާއި ބާރާއި ހުދޫދުތައް ވަރަށް ސާފުކޮށް ވަކިކޮށްފައިވީ ނަމަވެސް ނިޒާމް އެކުލަވާލާފައި ވަނީ އެއް ބާރުން އަނެއްބާރެއްގެ މައްޗަށް ކޮންމެވެސް ވަރަކަށް ބާރު ފޯރުވޭ ގޮތަށެވެ. އެހެން ނަމަވެސް ނަހަމަ ގޮތުގައި އެކަން ނުކުރެވޭ ގޮތަށް ކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާ ދެއްވި ހާއްސަ އިންޓަވިއުއެއް: ބާރުތައް ވަކިވެފައިވާ ނިޒާމުގައި ހުރި މައްސަލަތައް ވިދާޅުވި-- ފޮޓޯ: އިމްލީދު އަލީ ހިލްމީ | ސިޓިޒެން

 

މިސާލަކަށް ރައްޔިތުން އައްޔަން ކޮށްފައިވާ މެންބަރުންގެ ރުހުމަކާ ނުލައި އެއްވެސް ގާނޫނެއް ނުހެދޭނެ އެވެ. މަޖިލީހުން ފާސް ކުރާ ބިލެއް ގާނޫނަކަށް ވާނީ މުޅި އާބާދީގެ އަގުލަބިއްޔަތުން އިންތިހާބު ކުރާ ރައީސްއަކު އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ. އެ ބިލުގެ ސަބަބުން ރައްޔިތުންގެ ހައްގަކަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭނަމަ އަނބުރާ ފޮނުވާލުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާ ގާނޫނަކުން ހައްގަކަށް އުނިކަމެއް ލިބޭ ކަމަށް އާންމު ރައްޔިތަކަށް ވެސް ގަބޫލު ކުރެވިއްޖެ ނަމަ އޭނާ އަށް އެ ގާނޫނެއް ބާތިލް ކުރުމަށް ކޯޓަށް ދެވޭނެ އެވެ. އެހާ ހިސާބުން އެ ގާނޫނަކާ މެދު ގޮތެއް ނިންމާނީ ކޯޓު މަރުހަލާ އިންނެވެ.

މިއަށް ކިޔަނީ ޗެކް އެންޑް ބެލެންސް ނިޒާމެކެވެ.

"ބާރުތައް ވަކިކުރަން ޖެހެނީ މިހެންވެ. އެއްތަނަކުން ކުރާ ކަމަކުން ރައްޔިތުންނަށް ދެރައެއް ލިބި ނިތަމެތި ވަންޏާ އެހެން ބައެއް އެބަތިބޭ ރައްޔިތުންގެ ފަރާތުން އެކަން މައިތިރި ކުރަން." އިބްރާ ވިދާޅުވި އެވެ.

"ކޮންމެވެސް ވަރެއްގެ އަރައިރުމެއް ދައުލަތުގެ ބާރުތަކުގެ ތެރޭގައި އޮތުން އެއީ ރަނގަޅު ކަމެއް. އޭގެ ސަބަބުން ރައްޔިތުން މީހާ ރައްކާތެރިވާނީ. ދައުލަތުގެ އެންމެ ބޮޑު ތިން ބާރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ވިދުމެއް އޮތިއްޔާ އޭގެ ތެރެއިން ލިބޭނީ ރައްޔިތުން ރައްކާތެރި ކުރުމުގެ ޖާގަ."

ގާނޫނުއަސާސީ އެކުލަވައިލި އިރު އެގޮތަށް ވިސްނައިގެން ލިޔެފައިވީ ނަމަވެސް މިހާރު އަމަލީ ގޮތުން ފެންނަނީ އެ މަންޒަރެއް ނޫން ކަން އިބްރާ ގަބޫލު ކުރައްވަ އެވެ. ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވަނީ ސަރުކާރުންނެވެ. އެ ބިލު ފާސް ކުރަން ޖެހޭނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. އެ ނޫން ގޮތަކަށް މެންބަރަކު ވޯޓު ލުމަކީ އެ މެންބަރެއްގެ ސިޔާސީ ކެރިއާ އަމިއްލަ އަށް "ސެލްފް ޑިސްޓްރަކްޓު ކުރަން" ބަޓަނަކަށް ފިތާލުން ކަހަލަ ކަމެކެވެ. އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ކޯޓަކުން ކަމެއް ކޮށްފި ނަމަ "އިއްތިފާގުން" އެ ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިވެ މަގާމުން ވަކި ކުރާ ހިސާބަށް ދާނެ އެވެ.

"މިހާރު މިއޮތީކީ ތަސައްވުރު ކުރެވުނު ހާލަތެއް ނޫން. އެއްގޮތަކަށް ވެސް ހީނުކުރަން ރައްޔިތުން އެއް ސިޔާސީ ޕާޓީއަކަށް މިވަރުގެ ބާރެއް ދޭނެ ކަމަކަށް. އެއީ މައްސަލަތައް ފެށޭ ހިސާބު." -- އިބްރާ

މިވަރުގެ ބާރެއް ސިޔާސީ ޕާޓީތަކަށް ދިނުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ބޮޑު ކަމަށް އިބްރާ ވިދާޅުވި އެވެ. މިހާރު މި އޮތީ ވެސް ނިޒާމީ ގޮތެއްގައި ގާނޫނުއަސާސީ އަށް ވުރެ ވެސް މަތިން އެ ސިޔާސީ ނުފޫޒު ފޯރުވޭނެ ހާލަތެއް އުފައްދައިފަ އެވެ. އެއީ ގާނޫނުއަސާސީގައި އޮތް ވަރަށް ވުރެ ބޮޑަށް ސިޔާސީ ޕާޓީތަކުގެ ބާރު ގަދަ ކުރުމެވެ. ހުރިހާ ބާރެއްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ ގޮތް ހެދުމެވެ.

އިބްރާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީގެ ވާހަކަ ގާނޫނުއަސާސީގައި އައިސްފައި އޮންނާނީ ދެ ކޮންކްޓެކްސްޓް އެއްގަ އެވެ. އެކައްޗަކީ ސިޔާސީ ޕާޓީތައް ހަދައި މެންބަރަކަށްވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮތުމެވެ. އެ ވާހަކަ ލިޔަން ޖެހުނީ ވެސް "ގާނޫނުއަސާސީގައި ލިޔެފައި ނެތޭ" ވިދާޅުވެ ޕާޓީގައި އުޅުން މަނާ ކޮށްފައި އޮތުމުން ކަމަށް އިބްރާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ އަސްލު މަފްހޫމަކީ ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ ހައްގު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސިޔާސީ ޕާޓީއަކީ ވެސް ވަކި މަގްސަދެއް ހާސިލް ކުރުމަށްޓަކައި ގިނަ ބަޔަކު އެއްވެގެން ހަދާ ޖަމާއަތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ވާހަކަ ގާނޫނުއަސާސީގައި ދެން އޮންނަނީ ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން ފަދަ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ޕާޓީއެއްގެ މެންބަރަކަށް ނުވެވޭނެ ކަމަށް ބުނާ މާއްދާ އެވެ.

"އެ ނޫނިއްޔާ ސިޔާސީ ޕާޓީއެއްގެ ވާހަކަ ގާނޫނުއަސާސީގައި ނޯންނާނެ. އެ ވާހަކަ ނުލިޔުނީ ވެސް ރައްޔިތުންގެ މަޖިލިސް ފަދަ ބާރުތަކަކީ ސީދާ ރައްޔިތު މީހާ ތަމްސީލް ކުރަން އަންނަ މީހެއް ކަމަށް ބާރު އަޅަން. އޭނާއަކީ ޕާޓީއެއްގައި ހުރުމާއި ނެތުމަކީ މުޅިން އެހެން ކަމެއް," އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ދައުރަކީ އިންތިހާބެއްގެ މެނިފެސްޓޯ ހަދައިގެން އާންމު ސިޔާސަތުތަކެއް ރައްޔިތުންނަށް ކިޔައިދިނުމާއި އެ ސިޔާސަތުތައް ވިއްކުމެވެ. ރައްޔިތުން އެކަމަށް ރުހޭނަމަ އެގޮތަށް ކުރިޔަށް ގެންދިޔުން ކަމަށާއި ނަމަވެސް ދައުލަތް ހިންގުމުގެ ނިޒާމަކީ ޕާޓީތަކުން ބެހިގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މުޅި ނިޒާމް ގަޑުބަޑުވެފައި މި އޮތީ ރައްޔިތުންނަށް ވުރެ ސިޔާސީ ޕާޓީ އިސް ވާތީ އެވެ. އޭގެ އެންމެ ފުރިހަމަ މިސާލު ފެންނަން އޮތީ "ރައްޔިތުންގެ" މަޖިލީހުންނެވެ.

ރައްޔިތުންގެ މަޖިލިސް ޕާޓީގެ މަޖިލީހަށް!

ގާނޫނުއަސާސީގެ 75 ވަނަ މާއްދާ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރަން ވާނީ ގައުމުގެ މަސްލަހަތާއި، ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އިސްކަން ދީގެންނެވެ. އެ މާއްދާގައި އެ މެންބަރަކު ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީގެ ވާހަކައެއް ނެތެވެ.

އެ މާއްދާގެ އަނެއްބައިގައި ބުނެފައި އޮތީ "އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި އެ މީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރާންވާނެ އެވެ." މަޖިލިސް މެންބަރުން މިހާރު އަމަލު ކުރަމުން އަންނަނީ މިގޮތަށްތޯ އެ މެންބަރުން އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ--ފޮޓޯ: މަޖިލިސް

"މަޖިލިސް މެންބަރުންގެ ހުވާގައި ނޯންނާނެ އަހަރެންގެ ޕާޓީގެ ވާހަކައެއް. ހުވާގައި އޮންނާނީ އިސްލާމް ދީނާއި ގާނޫނުއަސަސީ އާއި ރައްޔިތުންގެ ހައްގު ރައްކާތެރި ކުރަން މާތްﷲ ގަންދީ ހުވާކުރާ ވާހަކަ. ގޮނޑީގަ އީށީނދުމަށް ފަހު މި ތިން ކަންތައް މަތިން ހަނދާން ނެތެނީ. ދެން މި އޮންނަނީ ޕާޓީ. ޕާޓީގެ މަސްލަހަތު ރައްޔިތުންގެ މަސްލަހަތާ ފުށުއަރާ ފަހަރު ކިހިނެތޯ ހަދާނީ." އިބްރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަސްލަހަތު އިސްކުރަން ހުވާ ކުރުމަށް ފަހު ޕާޓީގެ މަސްލަހަތު އިސްކުރާ މައްސަލަ އަށް އިތުރު ބާރެއް ލިބެނީ މަޖިލީހުގެ ގަވާއިދުގެ އޮތް ގޮތުންނެވެ. ގާނޫނުއަސާސީގައި މަޖިލީހަކީ ރައްޔިތުންގެ ބަސް އޮންނަން ޖެހޭ ތަނެއް ގޮތުގައި އެވަރަށް ބާރު އަޅާފައި އޮތް ނަމަވެސް މަޖިލީހުގެ ގަވައިދުގައި އޮތީ ޕާޓީގެ ބާރު ހިނގާ ގޮތަށެވެ.

މަޖިލީހުގައި އޮންނަނީ މެޖޯރިޓި ޕާޓީ އާއި މައިނޯރިޓީ ޕާޓީ އެވެ. ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރަނީ މެޖޯރިޓީ އޮންނަ ޕާޓީތަކަށް ގިނަ މެންބަރުން ލިބޭ ގޮތަށެވެ. މަޖިލީހުގައި ބަހުސް ކުރަން މެންބަރުންނަށް ވަގުތު ލިބެނީ އެ މެންބަރެއްގެ ސިޔާސީ ޕާޓީގެ ބޮޑުމިނަށް ބަލައިފަ އެވެ.

ސިޔާސީ ޕާޓީއަކުން އިންތިހާބުވި މެންބަރުންނާއި އެއްވެސް ޕާޓީއެއްގައި ނުޖެހި މިނިވަންކަމާއެކު އިންތިހާބުވާ މެންބަރެއްގެ އިމްތިޒާޒުތައް ގާނޫނުއަސާސީން ތަފާތު ނުކުރިޔަސް މަޖިލީހުގެ ތަޅުމުގައި އަމިއްލަ މެންބަރުންނަށް ބަހެއް ބުނަން ވެސް ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ވަކި ޕާޓީއަކާ ޑީލެއް ނުހަދާހާ ހިނދަކު އެއީ ބަހެއް ވިކޭ ބައެއް ނޫނެވެ.

މިއީ ބަރުލަމާނީ ނިޒާމް ހިނގާ ގައުމުތަކުގައި ވަރަށް ރަނގަޅު މޮޑެލް އެކެވެ. ސަބަބަކީ އެ ގައުމުތަކުގައި ސަރުކާރު އޮންނާނީ މަޖިލިސް ތެރޭގަ އެވެ. އެހެންވެ ސަރުކާރަށް ރަނގަޅަށް ފަންގްޝަން ކުރަން މަޖިލީހުގެ ހުރިހާ ދިމާލެއްގައި މެޖޯރިޓީ ޕާޓީ އަށް ބާރުތައް ލިބުން މުހިންމެވެ.

ނަމަވެސް ބާރުތައް ވަކިވެފައިވާ މި ނިޒާމުގެ ތެރެއަށް އެގޮތް ހިމެނުމުން ސަރުކާރަށް ފާރަވެރިވާން ހުންނަ ކޮމިޓީތަކުގައި ވެސް ތިބެނީ ސަރުކާރު ބުނި ގޮތަކަށް ބޯލަނބަން ތައްޔާރަށް ތިއްބެވި މެންބަރުންނެވެ. އެހެންވެ ޗެކް އެންޑް ބެލެންސް ނިޒާމް ރޫޅެނީ އެވެ.

އެހާ ހިސާބުން ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ތިނެއްގައި ބުނާ ގޮތަށް ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވަން ޖެހެ އެވެ. އެކަން ދުވަހަކު ވެސް ނުވެ އޮންނަނީ މި ސަބަބާ ހެދި އެވެ. އޭގެ ބަދަލުގައި މަޖިލީހަކީ މުސާރަ ނެގުމާއި ސަރުކާރުން ފޮނުވާ ބިލުތަކުގައި ތައްގަނޑު ޖަހާތަނަކަށް ވަނީ ވެފަ އެވެ.

ރައީސް އަންގަވާ ގޮތަށް ނޫން އެހެން ދިމާލަކަށް މެންބަރަކު ވައްކަޅިން ބަލައިލިޔަސް އެ މެންބަރަކަށް ޕާޓީގެ ތެރެއިން އިތުރު ސަޕޯޓެއް ނުލިބޭނެ އެވެ. މި ފަހުން ފަނޑިޔާރުންގެ މައްސަލާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނަށް ދިމާވީ އެ ހާލަތެވެ. އޭނާއަކީ މިވަގުތު ޕީއެންސީގައި ހުންނެވި ނަމަވެސް "ނެތް" މެންބަރެކެވެ.

ޕާޓީގެ ސުޕްމެރަސީ ބޮޑުވެފައި އޮތް މިންވަރަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން މެންބަރަކު މަޖިލީހުގައި ވޯޓުދޭ ގޮތާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެއްވެސް ބަޔަކަށް ނޭޅޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ސަރުކާރު މެންބަރުން ނެރޭ ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ދީފި ނަމަ އެ މެންބަރަކަށް ފިޔަވަޅު އަޅަ އެވެ. އަދި މިހާރު މި އޮތީ ސަރުކާރު ބޭނުންވާ ގޮތަށް އެ ނަހަދައިފި ނަމަ ފިޔަވަޅު އަޅައި މަޖިލިސް މެންބަރު ކަން ވެސް ގެއްލުވާލެވޭ ގޮތް ހަދައިފަ އެވެ. ގޮނޑި ގެއްލުނު މައްސަލަ ކޯޓުގައި ޗެލެންޖު ކުރުން އެހާ މުހިންމުވީ އެ ސަބަބާ ހެދި އެވެ.

ކޯޓުތަކަށް ނުފޫޒު ވަންނަނީ ޖޭއެސްސީއާ ހެދިތަ؟

ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ދީފައިވާ އިރު އޭގެ މިނިވަން ކަން ގެއްލޭ ހިސާބުން ދައުލަތުގެ އެހެން ހުރިހާ މުއައްސަސާއަކަށް ވެސް މިނިވަންކަމާމެދު ސުވަލު އުފެއްދުމުގެ ޖާގައެއް އޮވެ އެވެ. ސަބަބަކީ މަޖިލީހުގެ މަސްއޫލިއްޔަތަކީ މިނިވަން މުއައްސަސާތަކަށް ރައީސް ފޮނުއްވާ ނަންތައް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ރަނގަޅު މީހަކު އެ މުއައްސަސާތަކަށް އައްޔަން ކުރުމެވެ. ނަމަވެސް ޒަމާނުއްސުރެ މުއައްސަސާތަކަށް އައްޔަން ވަނީ ކާކު ކަން މަޖިލީހަށް ދިޔުމުގެ ކުރިން އެނގެ އެވެ.

ނަމަވެސް އެގޮތަށް މިނިވަންކަން ގެއްލެން ދޫކޮށްލެވިގެން ނުވާނެ މުހިންމު އެއް މުއައްސަސާއަކީ ޖޭއެސްސީ އެވެ. ސަބަބަކީ އެތަނަކީ ދައުލަތުގެ އެއް ބާރު ކަމަށްވާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެވެ. ޖޭއެސްސީ ކޮމްޕްރަމައިޒް ވެއްޖެ ނަމަ ޖުޑިޝަރީގެ މިނިވަންކަމެއް ނޯންނާނެ އެވެ.

ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް ކަން ނޭނގޭ ވެރިއަކު ނެތެވެ. ނަމަވެސް އެކަން ބަދަލު ކުރެވޭ ބާރުވެރިކަން ލިބުނު އެއްވެސް ވެރިއަކު އަދި މިހާތަނަށް އެކަމެއް ނުކުރެ އެވެ. އެއީ އިންތިހާބުތަކުގައި ދައްކާ ސިޔާސީ ވާހަކައަކަށް އޮންނަނީ ވެފަ އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން --

ޖޭއެސްސީ މިނިވަން ކުރަން އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް މިކަމުގައި އިބްރާގެ ހިޔާލު ތަފާތެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތީ މިވަގުތަށް ކުރެވޭ އެންމެ ފުރިހަމަ ގޮތަށެވެ. ޗެކް އެންޑް ބެލެންސް އުސޫލުން ހަދާފައި އޮތް ކޮމްޕޮޒިޝަނެކެވެ. އެއީ މިހާރު ހުންނަވާނީ ވެރިކަން ހިންގުމުގެ ބާރުން އައްޔަން ކުރާ ތިން މެންބަރުންނާއި މަޖިލީހުގެ ބާރު ހިނގާ ތިން މެންބަރަކާއި ކޯޓުތަކުން ތިން މެންބަރެކެވެ. އަދި ގާނޫނީ ވަކީލުންގެ ފަރާތުން މެންބަރެކެވެ.

"ވަރަށް ފުރިހަމަކޮށް އެ އޮތީ. އެކަމަކު ކޮންމެ ގޮތަކަށް ކޮމްޕޮޒިޝަން ހެދިޔަސް އެތަނަކަށް މީހަކު އަމިއްލައަކަށް ހުރެފަ ނާދެވޭނެ. ކޮންމެވެސް މީހަކު އައްޔަން ކުރީމަ އާދެވޭނީ. އެހާ ހިސާބުން އެ އައްޔަން ކުރާ މީހެއްގެ ނުފޫޒު ހަމަ ފޯރުވުމަކީ އޮތް ފުރުސަތެއް." އިބްރާ ވިދާޅުވި އެވެ.

ކޮމްޕޮޒިޝަން ކިތަންމެ ރަނގަޅަށް އޮތަސް އޭގެ ތެރެއަށް ޕާޓީގެ ކުލަ ވަދެ ވެރިކަން ހިންގުމުގެ ބާރާއި މަޖިލިސް އެއް ޕާޓީއަކުން ފުރިހަމަ އަށް ކޮންޓްރޯލް ކުރާނަމަ ކޯޓުތައް ލިބުނީ އެވެ. ސަބަބަކީ ދެން ޖޭއެސްސީގައި ތިއްބަވަނީ ރައީސް އާއި މަޖިލީހުގެ ފަރާތުން ޕީއެންސީން އެންޑޯޒް ކޮށްފައިވާ ހަ މެންބަރުންނެވެ. އެހާ ހިސާބުން ޖޭއެސްސީގެ މެޖޯރިޓީ އޮތީ "ސަރުކާރަށް" ލިބިފަ އެވެ. އެ ސިޔާސީ ޕާޓީއެއްގެ ބޭނުން އެޖެންޑާއެއް ހިންގުމުގެ ފުރުސަތު އޮވެ އެވެ. މީގެ ކުރިން ޔައުމިއްޔާ ލިޔުން ހުއްޓުވާލައި ރެކޯޑް ނުކުރާ ގޮތަށް ޖޭއެސްސީ ތެރޭގައި އެތައް ޖަރީމާއެއް ހިންގާފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ.

މިކަމަށް އޮތް ހައްލަކީ މާއްދާ 4!

ދައުލަތުގެ ތިން ބާރުގެ ތެރެއަށް ސިޔާސީ ނުރަނގަޅު ނުފޫޒުތައް ވަނުމާއި މުޅި ނިޒާމް އެއްވެ ގަޑުބަޑުވެފައި އޮތް އޮތުމަށް އޮތް ހައްލެއް ކަމަށް ގާނޫނީ ގިނަ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އެވެ. ތިން ބަރުގެ ވާހަކަ ލިޔުމުގެ ކުރިން ހަތަރުވަނަ މާއްދާގައި ބުނަނީ؛

އިބްރާ ދެއްވި ހާއްސަ އިންޓަވިއުއެއް-- ފޮޓޯ: އިމްލީދު އަލީ ހިލްމީ | ސިޓިޒެން

"ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."

އިބްރާ ވިދާޅުވި ގޮތުގައި ފެހި ގާނޫނުއަސާސީން ހާސިލް ކުރެވުނު އެންމެ ބޮޑު ކަމަކީ ފަސް އަހަރުން އެއް އަހަރު ދައުލަތް ހަމަ މަގަށް އަޅުވަން ރައްޔިތުންގެ އަތަށް ބާރުތައް ލިބުމެވެ. އެ ބާރުތައް ލިބުމުން ރައްޔިތުންގެ އަތުގައި އޮތް ބާރު އެއް ސިޔާސީ ޕާޓީއަކަށް ދޫކޮށްލުމަކީ "ލަގަން ދޫކޮށްލުން" ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ޕާޓީތައް ހިމެނޭ ސިޔާސީ ނިޒާމް މުޅިން ގަޑުބަޑު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަނީ ހުރިހާ ބާރެއް ގާނޫނުއަސާސީ އަށް ތަބާވާން ޖެހޭ ގޮތަށް ކޮންސްޓިޓިއުޝަނަލް ސުޕްރެމަސީއެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވީ ނަމަވެސް ރާއްޖޭގައި ތަންފީޒު ވެގެން މިދަނީ ޕޮލިޓިކަލް ޕާޓީ ސުޕްރެމަސީއެކެވެ. އެހެންވެ ކޮންމެ ވެރިކަމެއްގައި ސިޔާސީ ގޮތުން އެ ބާރުވެރިކަން ހޯދަން ބާރުތަކާ "ހަނގުރާމަ" ކޮށް ނިމޭއިރު އޮންނަނީ ފަސް އަހަރު ނިމިފަ އެވެ. ގައުމުގެ މައްސަލަތައް އޮންނަނީ އޮތްތަނުގަ އެވެ. ސިޔާސީ ކުރިމަގު ކޮށަން ނޫނީ ނިޒާމުގެ މައްސަލައެއްގެ ވާހަކަ ސިޔާސީ ވެރިއެއްގެ އަނގައިން ނުނިކުންނަނީ ކީއްވެތޯ ސުވާލު ކޮށްލަން ޖެހެ އެވެ.