އައްޑޫ ސިޓީގެ ޓޫރިޒަމްގައި ހަންކެޑެއަކީ އުންމީދީ ނަމެކެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމާއި އެއަށް ފަހު އައި ހުރިހާ ރައީސުން ވެސް އައްޑޫ ޓޫރިޒަމްގެ ބޮޑު މަންޒަރު ކުރަހަން ފަށަނީ ހަންކެޑެ އާ ހިސާބުންނެވެ. ނަމަވެސް އެއީ މިއަދާ ހަމައަށް ވެސް ކުލަ ނުޖެހި އޮތް ހުވަފެނެކެވެ.
އެކަން ބަދަލުވެ ހަންކެޑެއާއެކީ އައްޑޫ ޓޫރިޒަމް އަލުން ދިރުވޭނެ ކަމުގެ އުންމީދު އާވީ ކުރީ ސަރުކާރުން ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކުންނެވެ. އެ މަޝްރޫއު ކުރިޔަށް ގެންދާނެ ފައިސާ ހަމަޖެހުމާއި ކުރެހުންތައް ފައިނަލްވެ އަމަލީ މަސައްކަތް ގާތްގަނޑަކަށް ފެށޭ ހިސާބަށް ދިޔަ އެވެ.
ނަމަވެސް ވެރިކަން ބަދަލުވުމާއެކު މުޅި މަޝްރޫއުގައި އެހެން ކުލައެއް ޖެހި ބަދަލުވާން ފެށި އެވެ. މި ސަރުކާރުން ނިންމީ ހަންކެޑެގައި "ހަލާލް ޓޫރިޒަމް" ގެ ބިންގާ އެޅުމަށެވެ. ނަމަވެސް ފަހުން އެ ވިސްނުން ވެސް ވަނީ ބަދަލުވެފަ އެވެ.
މިހާރު އަނެއްކާވެސް އެތެރެވަރީގައި ދެކެވެނީ ހަންކެޑެ މަޝްރޫއު ހުއްޓާލާ ވާހަކަ އެވެ. އެ މަޝްރޫއު އަތުލައި ސިއްކަ ޖަހައި ސިޓީ އުރަ ބަންދު ކުރާ ވާހަކަ އެވެ. ނަމަވެސް ސަރުކާރުން ދައުލަތާއި އައްޑޫ އަށް ވެސް ގެއްލުން ވާނެ މިވަރުގެ ނިންމުމެއް ނިންމަންވީ ކީއްވެތޯ ބަލައިލަން ޖެހެ އެވެ.
ހަންކެޑެ މަޝްރޫއު ކުރުކޮށް:
ހަންކެޑެ އިންޓަގްރޭޑެ ޓޫރިޒަމް މަޝްރޫއަކީ އައްޑޫ ސިޓީ ސަރަހައްދުގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް ކަމަށް ތަޖުރިބާކަރުން ދެކެ އެވެ. އެ މަޝްރޫއުގެ އަގު 143 މިލިއަން ޑޮލަރަށް އަރާއިރު މިއީ 3.5 ޕަސެންޓް ލައިބޯ ޕްލަސްގައި ލުއި ފައިނޭންސް ލިބިގެން ހިންގަން ނިންމި ފުރިހަމަ މަޝްރޫއެވެ. މި މަޝްރޫއަކީ 1041 ކޮޓަރީގެ 2082 އެނދު ހިމެނޭ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގަނީ 9.6 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެންނެވެ. މަޝްރޫއުން 2،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވޭނެ އެވެ.
- 10 ބޫޓިކް ހޮޓަލް
- 2 ޑިލަކްސް ހޮޓަލް
- 2 ގްރޭންޑް ހޮޓެލް
- 64 އެޕާޓްމަންޓް
- 17 ބީޗް ވިލާ
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝޮޕިން ފެސިލިޓީތަކާއި ސްޕާ އަދި މޫދު ކުޅިވަރުގެ އިތުރުން މިފަދަ ގިނަ ވަސީލަތްތައް މި މަޝްރޫއުގައި ހިމެނެ އެވެ.
ހަންކެޑެ މަޝްރޫއުގެ ހަގީގީ ކުލަ ޖެއްސުމުގެ ފުރަތަމަ މަސައްކަތް ފެށިގެން ދިޔައީ ޑިސެމްބަރު 21، 2021 ގަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އައްޑޫ ހަންކެޑެ ރިއަލްއެސްޓޭޓް ޓޫރިޒަމް މަޝްރޫއު ހިންގަން ހާއްސަ ކުރުމެވެ. މިއާއެކު މަޝްރޫއުގެ ބައިތައް ފެށުނެވެ.
މިއީ ޗައިނާ އެގްޒިމް ލޯނެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީއީސީ) އިންނެވެ.
މަޝްރޫއުގެ ޓައިމްލައިން
2022 - ކޮންސެޕްޓް ޑިވެލޮޕްމަންޓާއި ޑީޓެއިލްޑް ޑިޒައިންގެ ކޮންޓްރެކްޓްގައި ސޮއިކުރުން
2022، 2023 - ޕްރޮޖެކްޓް ކޮންސެޕްޓް ޑިޒައިން، މާސްޓަ ޕްލޭން، އަދި ފައިނޭންސިން ހޯދުމަށް މަސައްކަތްކުރުން
2023 - އެމްއޯޓީއާއެކު ހަންކެޑޭ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
2023 - ހަންކެޑޭ އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުން
2023 - ޗައިނާއާއެކު ފައިނޭންސިން ފެސިލިޓީ އެއްބަސްވުންތަކުގެ ޝަރުތުތަކާއި ގަވާއިދުތައް ފައިނަލްކުރުން
2023 - ކޮންސްޓްރަކްޝަން ބޭންކް ފައިނަލް ކުރި
2023 - ޕްރޮޖެކްޓް ކޮންސެޕްޓާއި މާސްޓަ ޕްލޭން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ނިންމައި ފާސްކުރުން
2023 - މަޝްރޫއަށް 18 މުވައްޒަފުންނާއެކު އޮފީސް ހުޅުވުން
2023 - ފުރަތަމަ އެޑްވާސް ޕޭމަންޓް ދެއްކުން
2023 - އީއައިއޭ ރިޕޯޓް ލިބުން
2023 - ހަންކެޑެ މަޝްރޫއު ހިންގާ ސަރަހައްދުގެ ހިއްކައި ނިންމި
2023 - ލޯނު ފެސިލިޓީ އެއްބަސްވުންތަކުގެ މަސައްކަތް ފެށުން
2023 - ތަފްސީލީ ޑިޒައިން ކުރެހުން 70 ޕަސެންޓް ފުރިހަމަކޮށް ޓޫރިޒަމަށް ހުށަހެޅުން
2024 - އައްޑޫ ސިޓީގައި ހަންކެޑޭ ބިންގާ އަޅައި ދެވަނަ ޕޭމަންޓް ދެއްކި
2024 - ޕްރޮޖެކްޓް ބްރޭންޑިން ލޯންޗްކޮށް ބިންގާ އެޅުން
2024 - ފިއުޗާ ހޮސްޕިޓަލިޓީ ސަމިޓް ވޯލްޑްގައި ގްލޯބަލް ޝޯކޭސްކޮށް މި ޕްރޮޖެކްޓް ލޯންޗުކުރުން
2024 - މަޝްރޫއުގެ އެއް ލަގްޒަރީ ހޮޓާ ކަމަށްވާ ވަން ގްރޭޑް ހޮޓެލް މެނޭޖު ކުރަން ޓައިމް ހޮޓެލްސްއާއެކު ސޮއި ކުރި
2024 - އެފްއެޗްއެސް ވޯލްޑްގައި އަދި ޑްރާފްޓް ހޮޓެލް މެނޭޖްމަންޓް އެއްބަސްވުމެއްގައި ސޮއި ކުރި
2024 - ސައިޓް ވެޖެޓޭޝަން ކްލިއަރެންސް އާއި ޕްލާންޓްތައް ބަދަލުކުރުމުގެ މަސައްކަތް ނިންމާލުން
2024 - ޗައިނާ ދަރަނި ރީސްޓްރަކްޗާ ކުރާތީ ސޮއި ކުރުމުގައި ލަސްތަކެއް ވި
2025 - ހަލާލް ޓޫރިޒަމަށް ހަންކެޑެ ނެރެން ނިންމުން
2025 - ރީފައިނޭންސިން އަށްފަހު ލޯނު ސޮއިކުރުމަށް ތައްޔާރުވުން
ހަންކެޑެ އަތުލައި ހުއްޓުވަންވީ ކީއްވެ؟
ހަންކެޑެ މަޝްރޫއަކީ އުންމީދީ ގާތްގަނޑަކަށް ފެށޭ ނުފެށޭ ހިސާބުގައި އޮތް މަޝްރޫއެކެވެ. ނަމަވެސް އިތުބާރު ހުރި ބައެއް މަސްދަރުތަކުން ކަށަވަރު ކުރެވޭ ގޮތުގައި ސަރުކާރުން މިހާރު މިވަނީ މި މަޝްރޫއުގައި ސިއްކަ ޖަހައި އަތުލަން ތައްޔާރުވެފަ އެވެ.
ރާއްޖޭގެ ސިޔާސީ ހަގީގަތަކީ އާންމު ގޮތެއްގައި ވެސް ކުރީ ސަރުކާރަކުން ކޮށްފައި އޮތް މަސައްކަތެއް ނަމަ އެއަށް ސަމާލު ކަން ދިނުމެއް ނުވަތަ އެކަމެއް ކުރިޔަށް ގެންދިޔުމުގެ ވިސްނުން އާ ސަރުކާރަކުން ނުގެންގުޅޭނެ އެވެ. ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް ސިޔާސީ ގޮތުން ވިސްނުން ތަފާތު ބަޔަކަށް ކްރެޑިޓް ލިބިދާނެ ކަމުގެ ބިރަށް މީގެ ކުރިން ވެސް ބޮޑެތި މަޝްރޫއުތައް ޕާކު ކޮށްފައި އެބަހުއްޓެވެ. ނުވަތަ ހުއްޓުވައި އަތުލައި މުޅި މަޝްރޫއު ބަދަލު ކުރެ އެވެ.
ހަންކެޑެ މަޝްރޫއަށް ވެސް މިހާރު ދިމާވެގެން އުޅެނީ އެފަދަ މައްސަލައެކެވެ. އެތަނުގައި މި ސަރުކާރުން ހަލާލް ޓޫރިޒަމް އިއުލާން ކުރި ނަމަވެސް އެ ވިސްނުން ވެސް ވަނީ ބަދަލުވެފަ އެވެ. ހަލާލް ޓޫރިޒަމަށް މިހާޜު ދޭން ނިންމާފައި ވަނީ އަލަށް ހިއްކި ދޮންހެރަ އެވެ.
މި މަޝްރޫއުގެ މައުލޫމާތު ގާތުން އެނގޭ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މި މަޝްރޫއު ހުއްޓާލައިފިނަމަ ދައުލަތަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ގެ ގެއްލުން ވާނެ އެވެ. އޭގެ އިތުރުން ފޮރިން އިންވެސްޓަރުން ކުރިމަތީ ރާއްޖޭގެ އަގު ވެއްޓި އިތުބާރު ގެއްލޭނެ އެވެ. މުޅިން ނުބައި މަންޒަރެއް ފެނިގެން ދާނެ އެވެ.
"މިއީ ޗައިނާގެ އިންވެސްޓަރުން އެކަންޏެއް ނޫން، މުޅި ދުނިޔެއަށްވެސް ފެންނާނެ ހަޑިނަމެއް. ސަބަބަކީ ލޯނު އެގްރީމެންޓުގައި ސޮއި ކުރަން ހަމައެކަނި ޖެހެނީ. ހުރިހާކަމެއް އޮތީ ނިމިފަ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ޓޫރިޒަމް ހިންގެން އޮތީ 6000 އެނދު އެންމެމަދުވެގެން ލިބިގެންނެވެ. މި ހަގީގަތް ހުރިހާ ރައީސުން ގަބޫލު ކުރެ އެވެ. މި ބަދަލު ގެނެވޭނީ ވެސް ހަންކެޑެ ފަދަ ބިޔަ މަޝްރޫއަކުންނެވެ. އައްޑޫގައި ޓޫރިޒަމް ދިރެން އޮތް ގޮތަކީ މިއީ އެވެ. ސިޔާސީ ގޮތުން "ހަންކެނޑުނަސް" މިއީ ހުއްޓުވާލާ ވަރުގެ މަޝްރޫއެއް ނޫން ކަމަށް ގިނަ ތަޖުރިބާކާރުން ދެކެ އެވެ.