މޫސާ ރަޝީދު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ ވަކިކޮށް އެ މަގާމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމާހު ރަޝީދު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ޝަމާހަކީ މި ސަރުކާރުން މިފްކޯ އަށް އައްޔަން ކުރި ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް މެއި 21، 2024 ގައި އޭނާ އެ މަގާމުން ވަކި ކުރީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އޭނާ މިފްކޯގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރުމާއި ނުފޫޒުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އަނެއްކާވެސް ކައުންސިލް އިންތިހާބާ ދިމާކޮށް ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރުމުން ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އޭގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ޝަމާހަށް އަށް ތުހުމަތު ކުރެވުނު މައްސަލަތައް މިހާރު ކޮބާތޯ ސުވާލު އުފައްދައިފަ އެވެ. މިއީ މި ސަރުކާރުގައި އޭނާ އަށް ކުރެވުނު ތުހުމަތުތަކާއި ހިނގައިދިޔަ ކަންކަމެވެ.

ޝަމާހު އަށް ކުރެވުނު ތުހުމަތުތައް:

  • މިފްކޯގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.
  • ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.
  • ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުން.
  • ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުންލުން.
  • އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން.
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުން.
  • ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް ލުން.
  • ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.
  • ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.
  • ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ނައިބަކަށް ހުންނެވި މުހައްމަދު ފިރާޒް ވިދާޅުވި ގޮތުގައި އެ މައްސަލަތަކަކީ މިފްކޯގެ ތެރެއިން ވިސްލްބްލޯ ކޮށްގެން ބަލަން ފެށި މައްސަލަތަކެކެވެ.

ޝަމާހު އަށް ތުހުމަތުވާ ތަފާތު ފަސް މައްސަލައެއް ބަލަމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި އިންތިހާބު ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުން ކުރުމާއި ގިފްޓް ހެމްޕާތައް ދިން މައްސަލަ އާއި ދަތުރުތަކުގައި 1.3 މިލިއަން ހަރަދު ކުރުމާއި އާއިލީ ބޭފުޅުންނަށް ވަޒީފާތައް ދޭ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ތުހުމަތުތަކަށް ޝަމާހު ވަނީ އިންކާރު ކޮށްފަ އެވެ. އަދި އޭނާ މިފްކޯ އިން ސަސްޕެންޑް ކުރަން ޖެހޭ ވަރު އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި އޭނާ އާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހަލާފައި ވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުގެ މުނި މުނި ކާފަ އަށް ބެލިޔަސް އަޅުގަނޑުގެ ލޭ ހިނގާ އެއްވެސް މީހަކު މިފްކޯގައި ނުހުންނާނެ. އަދި އެއީ ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ ކަމެއް ނޫން." ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝާމާހު ވިދާޅުވެފައިވެ އެވެ.