މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.
ނާޒިމް އެގޮތަށް ވިދާޅުވީ ފިންލޭންޑާއި ސުވިޑޭން އާއި އިނގިރޭސިވިލާތާއި އީޔޫ އަދި ސިންގަޕޫރުގެ ބައެއް ގާނޫނުތަކަށް ހަވާލާ ދެއްވަމުންނެވެ.
ފިންލެންޑާއި ސުވިޑެންގެ އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް މި ބިލާ ކޮމްޕްލައި ކުރޭ. އެއާއެކު އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024 މައިގަނޑު ބައިތައް ވެސް މީގައި އެބަހުރި. އީޔޫގެ ހުރިހާ ޑައިރެކްޓިވްތަކާ މި ބިލް ކޮމްޕްލައިވޭ. އަދި އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އަޔަލޭންޑް 2022 ގެ އެކްޓުގެ ވެސް ބައިތަކެއް މީގަ ހިމެނޭ. އަދި ސިންގަޕޫރުގެ ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސްހުޑް އެންޑް މެނިޕުލޭޝަން 2019 ބިލުގެ މައިގަނޑޫ ބައިތަކެއް ވެސް މީގަ އެބަހުރޭ.
ނާޒިމް މި ވިދާޅުވާ ވާހަކައަކީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ބަލައިލަން ޖެހެ އެވެ. މިއީ އެ ކްލެއިމްތަކުގެ ފެކްޓް ޗެކް އެކެވެ.
ކްލެއިމް 1: ފިންލޭންޑްގެ އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އާ ބިލް ކޮމްޕްލައި ކުރޭ.
ފެކްޓް: ފިންލޭންޑްގެ އެކްޓް އޮން ކޮމިއުނިކޭޝަން ސާވިސްގައިވާ ގޮތުން އެ ގައުމުގެ ބްރޯޑްކާސްޓިން އާއި އޯޑިއޯވިޝުއަލް ސާވިސް ރެގިއުލޭޓް ކުރަނީ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އެޖެންސީ (ޓްރެފިކޮމް) އިންނެވެ. އެއީ ސަރުކާރުގެ ބޮޑީއެކެވެ. އަދި ހަބަރާއި ނޫސްވެރިކަމުގެ އެތިކްސް ބެލެހެއްޓުމުގެ މަސައްކަތަކީ ވަކިން އޮންނަ ބޮޑީއެއް ކަމަށްވާ ކައުންސިލް ފޯ މާސް މީޑިއާ (ސީއެމްއެމް) އިން ކުރާ މަސައްކަތެކެވެ. އެއީ ސެލްފް ރެގިއުލޭޓަރީ ބޮޑީއެކެވެ.
ޓްރެފިކޮމް އަކީ އެ ގައުމުގެ ސަރުކާރުގެ އިދާރާއެކެވެ. އެ އިދާރާ އިން ރެގިއުލޭޓް ކުރާނީ ހަމައެކަނި ޓީވީ ރޭޑިއޯ އަދި ލައިވް ފަދަ ކޮންޓެންޓެވެ. ފިންލޭންޑްގެ އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް 333 ވަނަ ސެކްޝަންގައި ބުނާ ގޮތުން ޓްރެފިކޮމް އިން މައްސަލައެއް ބެލުމަށް ފަހު ޓީވީ ނުވަތަ ރޭޑިއޯ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އެޅުމަށް އެ ގައުމުގެ މާކެޓް ކޯޓަށް ހުށަހެޅިދާނެ އެވެ. އަދި އެ ހުށަހެޅުމުގެ މައްޗަށް ބަލައި އެ ކޯޓުން ފިޔަވަޅު އެޅިދާނެ އެވެ. ފިޔަވަޅުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖޫރިމަނާތަކެކެވެ.
ނަމަވެސް ޕްރެސް އާއި ނޫސްވެރިންނާއި އަދި އޮންލައިން ނޫސްތަކާއި މީޑިއާ ޕަބްލިކޭޝަން އާ ބެހޭ އެއްވެސް ކަމެއް އެ އިދާރާގެ މެންޑޭޓަކަށް ނުފެތެ އެވެ. އެކަންކަން ބަލަހައްޓާނީ ސީއެމްއެމް އެވެ.
ސީއެމްއެމް އެކުލެވިގެން ވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އައްޔަން ކުރާ އަށް މެންބަރަކާއި އާންމުންގެ ތެރެއިން އައްޔަން ކުރާ ފަސް މެންބަރެކެވެ. މީޑިއާއަކުން އަހުލާގީ މިންގަނޑާ ހިލާފުވާނަމަ އާންމުންނަށް އެ ކައުންސިލަށް މައްސަލައެއް ހުށަހެޅިދާނެ އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ނިންމި ގޮތް އާންމު ކުރަން އެ ކައުންސިލުން އެ މީޑިއާއަކަށް އަންގަ އެވެ. އެ އެންގުމަށް އަމަލު ނުކޮށްފި ނަމަ އެ ކައުންސިލްގެ ނިންމުން އެ ކައުންސިލުން އަމިއްލަ އަށް އާންމު ކުރާނެ އެވެ. ޖޫރިމަނާ ކުރުމެއް ނުވަތަ ލައިސެންސް ހިފެހެއްޓުމެއް ނޯންނާނެ އެވެ. އެއީ ސެލްފް ރެގިއުލޭޓަރީ ނިޒާމަށް އަމަލު ކުރާ އަދި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް އިދާރާއެކެވެ.
މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ރެގިއުލޭޝަން ބިލްގައި ބުނާ ގޮތުން ބްރޯޑްކާސްޓިންނާއި އޮންލައިން މީޑިއާ އަދި ޖުމްލަކޮށް ނޫސްވެރިކަމުގެ ހުރިހާ ކޮމްޕޯނަންޓެއް ރެގިއުލޭޓް ކުރާނީ އެއް ބޮޑީއަކުންނެވެ. އެ މުއައްސަސާ އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނާއި މަޖިލީހުން ރުހުން ލިބިގެން ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރެކެވެ. އޭގެ އިތުރުން އެ މުއައްސަސާގެ ރައީސް ކަނޑައަޅަނީ ރައިސުލްޖުމްހޫރިއްޔާ އެވެ. އަދި މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުން ވެސް ވަކި ކުރުމުގެ ބާރު މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވެ އެވެ.
ބިލުގައި ބުނާ ގޮތުން ސުލޫކީ މައްސަލަތައް ބެލުމަށް ފަހު މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ސީދާ އެ ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި މައްސަލަތައް ބަލައި ނިމުމުގެ ކުރިން ވެސް ފިޔަވަޅު އަޅައި ލައިސެންސް ހިފެހެއްޓެ އެވެ. އަދި މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވެ އެވެ.
އެހެންކަމުން ފިންލޭންޑްގެ އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އާއި އަލަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލް ވަރަށް ބޮޑަށް ތަފާތެވެ. ދެ ކޮމިޝަން އެކުލެވިގެންވާ ގޮތާއި ފިޔަވަޅު އެޅުމުގެ ބާރުތައް އޮންނަ ގޮތާއި ނޫސްވެރިކަމާއި މީޑިއާ ރެގިއުލޭޝަންގެ ގޮތް ވެސް ތަފާތެވެ.
ވާޑިކްޓް: މީޑީއާ ރެގިއުލޭޓް ކުރާ އާ ބިލް ފިންލޭންޑްގެ އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އާ ބިލް ކޮމްޕްލައި ކުރާ ކަމަށް ނާޒިމް ވިދާޅުވި ވާހަކައަކީ ދޮގެކެވެ.
ކްލެއިމް 2: ސްވީޑެން އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އާ ބިލް ކޮމްޕްލައި ކުރޭ.
ފެކްޓް: ސްވީޑެންގައި ސްވީޑަންގެ އިލެކްޓްރޯނިކް މުވާސަލާތުގެ ގާނޫނު އަކީ ޓެލެކޮމިއުނިކޭޝަން އަދި އިލެކްޓްރޯނިކް މުވާސަލާތުތައް ބަލަހައްޓައި ޕޯސްޓް އެންޑް ޓެލެކޮމް އޮތޯރިޓީ (ޕީޓީއެސް) އަށް ބާރު ދޭ ގާނޫނެކެވެ. މީޑިއާ ކޮންޓެންޓް ނުވަތަ ބްރޯޑްކާސްޓިން ދާއިރާގެ ކަންކަން ރެގިއުލޭޓް ކުރަނީ ރޭޑިއޯ އެންޑް ޓެލެވިޝަން އެކްޓް 2010 ގެ ދަށުން ސްވީޑިޝް ޕްރެސް އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީންނެވެ. އެ ކޮމިޝަނުގެ މެންބަރުން އައްޔަންކުރަނީ ސަރުކާރުންނެވެ.
ޓީވީ ރޭޑިއޯތަކުން އިސްތިހާރު ކުރުމާއި ސްޕޮންސާޝީޕް ނުވަތަ އެޑް ޕްލޭސްމަންޓް މައްސަލަތަކާ ގުޅިގެން އެ ޓީވީ ނުވަތަ ރޭޑިއޯއަކަށް ލިބޭ އާމްދަނީއެއްގެ ނިސްބަތުން ކަނޑައެޅިފައިވާ އަދަދަކަށް ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް އެ ގޮތަށް ޖޫރިމަނާ ކުރަން ބޭނުން ނަމަ ބްރޯޑްކާސްޓިން ކޮމިޝަނުން އެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އެޑްމިނިސްޓްރޭޓިވް ކޯޓަށެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ކޯޓުންނެވެ.
އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި ނޫސްވެރިކަމާއި މީޑިއާއެއް ސަރުކާރުން ރެގިއުލޭޓް ނުކުރެ އެވެ. އެއީ ސުވީޑެންގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަކަށް ވާތީ ވަކި ރެގިއުލޭޓް ކުރުމެއް ނެތި އެކަން އޮންނަނީ ދޫކޮށްލައިފަ އެވެ. ވަކިވަކި ޕަބްލިކޭޝަންތައް ރަޖިސްޓްރީ ކުރުން އޮންނަނީ ސްވިޑިޝް މީޑިއާ އޮތޯރިޓީންނެވެ.
ނޫސްތަކާއި މެގަޒިން އަދި ބްރޯޑްކާސްޓިން މީޑިއާގެ ވެސް އަހްލާގީ މައްސަލަތަކާއި ޕަބްލިކޭޝަންގެ މައްސަލަތައް ބަލަނީ މީޑިއާ އޮމްބަޑަސްމަން އޮފީހުންނެވެ. އެއީ މިނިވަން އަދި ސެލްފް ރެގިއުލޭޓަރީ ބޮޑީއެކެވެ. ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ އެވެ. އެއީ މީޑިއާތަކުން އަމިއްލަ އަށް ފައިނޭންސް ކުރާ އަދި އަމިއްލަ އަށް ހިންގާ ވަކި އޮފީހެކެވެ. އެ އޮފީހުގެ މައިގަނޑު ޒިންމާއަކީ ނޫސްތަކާއި ޓީވީ ރޭޑިއޯތަކުން އަމަލު ކުރަން ޖެހޭ އަހުލާގީ މިންގަނޑު ކަނޑައެޅުމާއި މައްސަލަތައް ބެލުމެވެ.
އެ އޮފީހަށް މީޑިއާއަކާ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލަ ބަލައި އެ މީޑިއާއެއްގެ އެޑިޓަރާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރެ އެވެ. އަދި އެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އެ މައްސަލައެއް ރަނގަޅަށް ބެލުމަށް ފަހު ނިންމި ގޮތް އާންމު ކުރެ އެވެ. އެ މައްސަލަ ނިމުމުން އެ ހިފައިގެން ކޯޓަށް ދިޔުމަކަށް ހުރަހެއް ނާޅަ އެވެ.
ނަމަވެސް އެއްވެސް ޖޫރިމަނާއެއް ނުވަތަ ނޫސް ބަންދު ކުރުން ފަދަ ފިޔަވަޅެއް ނޯވެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލްގައި ބުނާ ގޮތުން އޮންނަނީ އެ ގޮތަށް ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ނޫނެވެ. ރާއްޖޭގެ ގާނޫނުއަސާސީން ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދީފައިވީ ނަމަވެސް އެ ބިލުގެ ތެރެއިން ލައިސެންސް ހިފެހެއްޓުމާއި ކޮންޓެންޓު ހުއްޓުވުމާއި ވަކި ބާވަތްތަކެއްގެ ކޮންޓެންޓު އެއްގޮތަކަށް ލިޔުން މަނާ ވެސް ކުރެވެ އެވެ. އަދި މީޑިއާތަކާއި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކާއި ޖޫރިމަނާތައް ލިޔެފައިވެ އެވެ.
އެހެންކަމުން ބިލުގައި އޮތީ ސްވީޑަންގައި އަމަލު ކުރާ ފަދަ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ނޫނެވެ.
ވާޑިކްޓް: ސްވީޑެން އެކްޓް އޮން އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އާ ބިލް ކޮމްޕްލައި ކުރާ ކަމަށް ނާޒިމް ވިދާޅުވި ވާހަކައަކީ ދޮގެކެވެ.
ކްލެއިމް 3: އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024 މައިގަނޑު ބައިތައް އެބަހުރި
ފެކްޓް: މީޑިއާ އެކްޓް 2024 ގެ މައިގަނޑު ބައިތަކަކީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުންނާ ގުޅޭ ކަންކަމާއި ޕީއެސްބީ އެޕްތައް ފަދަ ޓީވީތަކުން ދޭ ހިދުމަތްތައް ރެގިއުލޭޓް ކުރުމާއި ވީޑިއޯ އޮން ޑިމާޏްޑް އޮފްކޮމްގެ ސްޓޭންޑަޑަށް ފެއްތުމުގެ އިތުރުން ރޭޑިއޯގެ ހިދުމަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމެވެ. މުޅި އެކްޓް އެކުލެވިގެން ވަނީ އެކަމާ ގުޅޭ ބައިތަކަށެވެ. އޭގެ ތެރޭގައި ނޫސްވެރިން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ޕްރެސް އަދި މީޑިއާތަކުން އަމަލު ކުރަން ޖެހޭ ކަންކަން ހިމަނާފައި ނުވެ އެވެ.
އިނގިރޭސިވިލާތުގައި ވެސް މީޑިއާތަކަށް އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެކެވެ. މީޑިއާތަކާ ގުޅޭ ޝަކުވާތައް ބެލުމުގެ ކަންކަން ކުރަނީ އިންޑިޕެންޑަންޓް ޕްރެސް ސްޓޭންޑާޑް އޮގަނައިޒޭޝަން (އައިޕީއެސްއޯ) އާއި ދަ އިންޑިޕެންޑަންޓް މޮނިޓާ ފޯ ޕްރެސް (އިމްޕްރެސް) ފަދަ ތަންތަނުންނެވެ. އެއީ އެ އިނގިރޭސިވިލާތުގެ ސަރުކާރުގެ ބާރެއް އޮންނަ ތަންތަނެއް ނޫނެވެ.
އޭގެ އިތުރުން ދަ ގާޑިއަން އާއި ފައިނޭންޝިއަލް ޓައިމްސް ފަދަ ބޮޑެތި މީޑިއާތަކުގެ މައްސަލަތައް ބަލާނީ އެ މީޑިއާތަކުން އަމިއްލަ އަށެވެ.
ރާއްޖެގައި މީޑިއާ ރެގިއުލޭޓަރީ ބިލް އޮތީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ނޫނެވެ. އަދި ބްރޯޑްކާސްޓިންގެ ބައިތަކާއި މީޑިއާ އަދި ޕްރެސް ފްރީޑަމްގެ ބައިތައް ވަކިކޮށްފައެއް ވެސް ނޯވެ އެވެ. އަދި އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024 ގައި އިނގިރޭސިވިލާތުގެ ޕްރެސް އަދި ނޫސްތައް ރެގިއުލޭޓް ކުރުމެއް ނޯވެ އެވެ.
ވާޑިކްޓް: އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024 މައިގަނޑު ބައިތައް ހުރި ކަމަށް ވިދާޅުވެ ނާޒިމް ހެއްދެވީ ދޮގެކެވެ.
ކްލެއިމް 4: އީޔޫގެ ހުރިހާ ޑައިރެކްޓިވްތަކާ މި ބިލް ކޮމްޕްލައިވޭ
ފެކްޓް: އީޔޫގެ އޯޑިއޯ ވިޝުއަލް މީޑިއާ ސާވިސް ޑައިރެކްޓިވްގައި ވަނީ ބްރޯޑްކާސްޓަރުންނާއި އޮންޑިމާންޑް އަދި ވީޑިއޯ ޝެއަރިން ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ގޮތުގެ ބޭސްލައިންއެއް ބަޔާން ކޮށްފަ އެވެ. އަދި އެ ޑައިރެކްޓިވްގައި ބާރު އަޅާފައި ވަނީ ނޭޝަނަލް ރެގިއުލޭޓަރުންގެ މިނިވަންކަން ކަށަވަރު ކުރުމާއި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށެވެ.
އެގޮތުން އެ ޑައިރެކްޓީވްގެ އާޓިކަލް 30 ގެ 1 އަދި 2 ގައި ބުނާ ގޮތުން ކޮންމެ މެންބަރު ދައުލަތެއްގައި ވެސް ސަރުކާރުގެ ނުފޫޒެއް ނެތް މިނިވަން ރެގިއުލޭޓަރެއް އޮންނަން ޖެހޭނެ އެވެ. އަދި އެ ރެގިއުލޭޓަރަކަށް މެންބަރުން އައްޔަން ކުރާ ވަކި ކުރާ ގޮތަކީ ވެސް ދެ ފުށް ފެންނަ އަދި މިނިވަން އުސޫލެއްގެ ތެރެއިން ކުރެވޭ ކަމަކަށް ވާން ޖެހޭނެ އެވެ.
އެ ޑައިރެކްޓިވްގެ އާޓިކަލް (4a(1 ގައި ބުނާ ގޮތުން މެންބަރު ދައުލަތްތަކުން ބާރު އަޅަން ޖެހޭނީ މީޑީއާތައް ރެގިއުލޭޓް ކުރުން ސެލްފް ރެގިއުލޭޓަރީ ނިޒާމަށް ހިންގުމަށެވެ. މާނައަކީ އަމިއްލަ އަށް ސުލޫކީ މިންގަނޑުތައް ލިޔެ އޭގެ ތެރެއަށް ސަރުކާރުގެ ނުފޫޒެއް ނުވަތަ ގޮތަށް ހިންގުމެވެ.
މީގެ އިތުރުން ޔޫރަޕިއަން މީޑިއާ ފްރީޑަމް އެކްޓް ގައި ވެސް ބުނެފައި އޮންނަނީ ސަރުކާރުގެެ ނުފޫޒު ނުވަންނަ ގޮތެއް މިނިވަންކަމާއެކީ ރެގިއުލޭޓަރީ ބޮޑީތައް ހިންގުމަށެވެ. އެ އެކްޓުގެ ފަސް ވަނަ އާޓިކަލްގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން މެންބަރު ދައުލަތްތަކުގެ ރެގިއުލޭޓަރީ ބޮޑީތައް އެކުލަވާލަން ޖެހޭނީ ސިޔާސީ އަދި ސަރުކާރުގެ ނުފޫޒެއް ނޯންނަ ގޮތަށެވެ.
އޭގެ އިތުރުން އީޔޫ ޗާޓަރުގެ 11 ވަނަ އާޓިކަލްގައި ވެސް މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ ހައްގު އޮންނަނީ ވަރަށް ބޮޑަށް ކަށަވަރު ކޮށްފަ އެވެ.
އެހެން ނަމަވެސް މީޑިއާ ބިލްގައި ވަނީ ސީދާ ރައިސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ފަރާތްތައް ހިމެނޭ ގޮތަށް އަދި ސިޔާސީ އަދި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަންނަ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރާ ގޮތަށެވެ. އަދި އެއްގޮތަކަށް ވެސް ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ވާހަކައެއް ނެތެވެ. އަދި މީޑިއާގެ މިނިވަންކަމަށް ވެސް ހުރަސް އެޅެ އެވެ.
ވާޑިކްޓް: އީޔޫގެ ހުރިހާ ޑައިރެކްޓިވްތަކާ މި ބިލް ކޮމްޕްލައިވާ ކަމަށް ނާޒިމް ވިދާޅުވީ ދޮގެކެވެ.
ކްލެއިމް 5: އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އަޔަލޭންޑް 2022 ގެ ބައިތަކެއް ހިމެނޭ
ފެކްޓް: އަޔަލޭންޑްގެ އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން ވަނީ މިނިވަން ކޮމިޝަނެއް އެކުލަވާލައިފަ އެވެ. އެ ކޮމިޝަންގައި ހަތަރު މެންބަރުން ތިއްބަވާ އިރު އެއީ ސަރުކާރުން ނުވަތަ މަޖިލީހުން އަދި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންނެއް ނޫނެވެ.
އެ ކޮމިޝަނުން ބްރޯޑްކާސްޓީން ދާއިރާ އާއި އޮންލައިން ވީޑިއޯ ޕްލެޓްފޯމްތައް ރެގިއުލޭޓް ކުރި ނަމަވެސް ނޫސްތަކާއި އޮންލައިން މީޑިއާ އަދި ނޫސްވެރިންގެ ކަންކަން އޮންނަނީ ސެލްފް ރެގިއުލޭޓަރީ ބޮޑީތަކަށް ދޫކޮށްލައިފަ އެވެ. އެ ދާއިރާތައް އެ ކޮމިޝަންގެ މެންޑޭޓަކަށް ނުވަދެ އެވެ.
އެ ކޮމިޝަނަށް ބޮޑެތި މައްސަލަތަކާ ގުޅިގެން ބްރޯޑްކާސްޓަރުން ޖޫރިމަނާ ކުރެވުން ނަމަވެސް އެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އެ ގާނޫނުން ލިބިދެ އެވެ.
އަޔަލެންޑްގައި މީޑިއާތަކާ ގުޅޭ އެތިކަލް ކަންކަން ބަލަހައްޓަނީ ޕްރެސް ކައުންސިލް އޮފް އަޔަލޭންޑް އިންނެވެ. އެއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫނެވެ. އަދި ދައުލަތުން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ފަދަ އެއްވެސް ބާރެއް ނޯންނާނެ އެވެ.
އެހެންކަނުން އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އަޔަލޭންޑް 2022 އެކްޓް އަކީ ބްރޯޑްކާސްޓިން ދާއިރާ ރެގިއުލޭޓް ކުރާ ކޮމިޝަނެކެވެ. ނޫސްވެރިކަން އަދި އޮންލައިން މީޑިއާ ރެގިއުލޭޝަން ހިނގަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިންނެވެ.
ވާޑިކްޓް: އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އަޔަލޭންޑް އާ ގުޅުވައި ނާޒިމް ވިދާޅުވީ ދޮގެކެވެ.
ކްލެއިމް 6: ސިންގަޕޫރުގެ ޕޮފްމާ 2019 ގެ ބައިތައް ހިމެނޭ
ފެކްޓް: ސިންގަޕޫރުގެ ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސްހުޑް އެންޑް މެނިޕުލޭޝަން 2019 ގާނޫނު ތަންފީޒު ކުރަނީ އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުންނެވެ. އަދި އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި އެހެނިހެން ނިންމުންތައް ނިންމަނީ ސީދާ ސަރުކާރުންނެވެ. ވަކި ބޯޑެއް ނުވަތަ މެންބާޝިޕެއް ނޯވެ އެވެ.
އެ ގާނޫނުގެ ދަށުން ހެލްތު ސޭފްޓީ ސެކިއުރިޓީ ނުވަތަ ހާރިޖީ ދާއިރާ އާއި ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ދޮގެއް ފަތުރައިފި ނަމަ ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން ކަރެކްޝަން ނޯޓިސްއެއް ޕަބްލިޝް ކުރުން ނުވަތަ އެ ކޮންޓެންޓެއް ނެގުމަށް ވެސް އެންގެ އެވެ. އަދި އެ އެންގުންތަކަށް އަމަލު ނުކުރާނަމަ ބްލޮކް ކުރުމުގެ ބާރު ވެސް އޮވެ އެވެ.
ސިންގަޕޫރުގައި ހިނގަނީ ޔޫކޭ އަދި އީޔޫގެ ގައުމުތަކުގައި ހިނގާ ފަދަ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ނޫނެވެ. މީޑިއާ ލިޓްރެސީ ކައުންސިލެއް އޮތް ނަމަވެސް އެއީ ވެސް ސަރުކާރުން މެންބަރުން އައްޔަން ކުރާ އަދި ނޫސްވެރިކަން ކުރިއެރުވުމާ ގުޅޭ ބޮޑީއެކެވެ.ދިނުމާ ގުޅޭ ބޮޑީ އެކެވެ.
ރާއްޖޭގެ މީޑިއާ ބިލްގައި އޮންނަނީ ސީދާ އެފަދަ ގޮތަކަށް ނޫނެވެ. ނަމަވެސް ބައެއް ކަންކަން އޮންނަނީ ޕޮފްމާ ގާނޫނުގައި އޮންނަ ގޮތަށެވެ. އަދި ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ނޯވެ އެވެ.
ވާޑިކްޓް: ސިންގަޕޫރުގެ ޕޮފްމާ 2019 ގެ ބައިތައް ހިމެނޭ ކަމަށް ނާޒިމް ވިދާޅުވީ ތެދެކެވެ.