މޫސާ ރަޝީދު

އިއްޔެ އަކީ މި އަހަރު ތެރޭ މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިގެން ދިޔަ ދެވަނަ ފަހަރެވެ. އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު އިރު ކައިރި ކައިރީ މުޅި މާލެ ސަރަހައްދަށް ދެ ބްލެކްއައުޓެއް މި އައި ސަބަބާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިދިޔަ ޖޫން 1 ގައި ވެސް މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔަ އެވެ. އެ ފަހަރު ނުވަ ގަޑިއިރު ވަންދެން ކަރަންޓާ ނުލައި އުޅެން ޖެހުނެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެނގެވި އެވެ.

އޭގެ ފަހުން އަނެއްކާ އިއްޔެ ވެސް މުޅި މާލެއިން ކަރަންޓު ކެނޑުނީ އެވެ. އެހެންވެ ކުރިން ހިންގި ތަހުގީގު ނިމުނީތޯ އައި ދިމާވެގެން މި އުޅެނީ ކީއްތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ދިމާވެގެން އުޅޭ މައްސަލަ އާ ގުޅޭ ގޮތުން އެކި މީހުން އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

ކަރަންޓު ކެނޑެނީ ކީއްވެ؟

ފުރަތަމަ ކަަމަކަށް އެނގެން ޖެހޭ ކަމަކީ ދޮންއަދަރާދަ ހިނގުމުގައި ހުރި ޖެންސެޓުތައް ހުޅުމާލެ އަށް ބަދަލު ކުރުމުން މާލޭގައި މިވަގުތު ހުރީ ގާތްގަނޑަކަށް މާލޭގެ 60 ޕަސެންޓަށް ކަރަންޓު ދެވޭ ވަރުގެ ޖެނަރޭޓަރުތަކެވެ. މުޅި މާލެ އާއި ހުޅުމާލެ އަށް ވެސް ކަރަންޓު ދެމުން އަންނަނީ ހުޅުމާލޭގައި ހުންނަ އިންޖީނުގެ ގުޅުވާލާފައި އޮންނަ ނެޓްވޯކުންނެވެ. އެހެންވެ ހުޅުމާލޭ އިންޖީނުގެ އަށް މައްސަލައެއް ދިމާވެ ނިވިއްޖެ ނަމަ މާލެ އަށް އެ ލޯޑް ނުހިފެހެއްޓި މާލެ ވެސް ކެނޑޭނެ އެވެ.

އިތުބާރު ހުރި ފަރާތަކުން "ސިޓިޒެން" އަށް ކިޔައިދިން ގޮތުގައި މިދިޔަ ޖޫން މަހާއި އިއްޔެ ވެސް ކަރަންޓު ކެނޑެން މެދުވެރިވީ އެއް މައްސަލައަކާ ގުޅިގެންނެވެ.

އެއީ މި ފަހަކަށް އައިސް ސްޓެލްކޯ އިން ކަރަންޓު ދެމުން އަންނަނީ އެންމެ ލޯޑެއްގެ ތެޔޮ އަޅައިގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ މިއަދު ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ އަޅަނީ މިއަދެވެ. އޭގެ ސަބަބުން ޓޭންކްގެ ތެރޭގައި ހުންނަ ކުނިތައް ހިނދެން ވަގުތެއް ނުލިބެ އެވެ. އެހެންވެ އެ ކުނިތައް ގޮސް ވަންނަނީ ޕަންޕު ތެރެއަށެވެ. އަދި ޕަންޕު އެއްކޮށް ބްލޮކްވެ ތެޔޮ ހުއްޓެ އެވެ. އެހާ ހިސާބުން ކުއްލިއަކަށް ހުޅުމާލެ ޕަވާ ސްޓޭޝަނުން ކަރަންޓު ކެނޑި މުޅި މާލެއިން ވެސް ކެނޑެނީ އެވެ.

އެނގިފައިވާ ގޮތުގައި ޖޫން މަހު މުޅި މާލެ ސަރަހައްދު ބްލެކްއައުޓް އަކަށް ދިޔުމުން ރައީސް އެ މައްސަލަ ތަހުގީގު ކުރަން އެންގުމާއެކު ފުލުހުންނާއި ސިފައިން އަދި ސްޓެލްކޯގެ އޮފިޝަލުން ކުރި ތަހުގީގުގައި ވެސް މި މައްސަލަ ފާހަގަވި އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އެ ޕަންޕު ތެރެއިން ކުނި ބުނިތައް ނަގާ ސާފު ވެސް ކުރި އެވެ.

އެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވެސް އެކަން ފާހަގަ ކޮށްފައި އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން "ސިޓިޒެން" އަށް ކަށަވަރު ކޮށްދެ އެވެ. އަދި ޖޫން 1 ގެ ބްލެކްއައުޓް އަށް ފަހު މައްސަލަ ހިނގި ގޮތުގެ ޕްރިލިމިނެރީ ރިޕޯޓު ރައީސް އޮފީހަށް ވެސް ވަނީ ފޮނުވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ޕްރިލިމިނަރީ ފައިންޑިންސްތައް ވަނީ ހޯދައިފަ އެވެ. އަދި ލިބުނު މައުލޫމާތުތަކަށް ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ޕްރިލިމިނަރީ ރިޕޯޓެއް ފުލުހުން ރައީސް އޮފީހާ ހިއްސާ ކުރިތޯ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުމުން އެ މައްސަލަ ހައްލު ކުރަން ނުވަ ގަޑިއިރު ނެގީ ދިމާވި މައްސަލަ އައިޑެންޓިފައި ނުކުރެވޭތީ އެވެ. ނަމަވެސް އިއްޔެ އެއަށް ވުރެ އަވަހަށް މައްސަލަ ހައްލު ވެގެން ދިޔައީ އެއީ ދިމާވާ މައްސަލަ ކުރީގެ ތަހުގީގުން އެނގިފައި އޮތުމުންނެވެ. އެއް ދުވަހުގެ ތެޔޮ ފަހު ވަގުތު އަޅަމުން ގެންދާތީ ޕަންޕުތަކަށް ކުނި ޖަމާވެގެން ބްލޮކް ވަނީ އެވެ. އެ މައްސަލަ އިއްޔެ ހައްލު ކުރީ ވެސް ޕަންޕު ފިލްޓަރުތައް ސާފު ކޮށްގެންނެވެ.

އެއް މައްސަލައެއް ދެ ފަހަރަށް ދިމާވެ ކަރަންޓު ކެނޑުނު އިރު އެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އޮތީ ހައްލު ނުވެ އެވެ. ނަމަވެސް ކުރަން ޖެހޭ ކަންކަމާއި ދިމާވި މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ކަން ސިޓިޒެން އަށް ކަށަވަރު ކުރެވެ އެވެ.

އެންމެ ލޯޑެއްގެ ތެޔޮ އަޅާ ސަބަބު

ސްޓެލްކޯ އިން މީގެ ކުރިން ކަރަންޓު ދިނުމަށް ތެޔޮ އަޅަމުން ގެންދަނީ އެންމެ ލޯޑެއްގެ ތެލެއް ނޫނެވެ. ކަރަންޓު އުފައްދަން ބޭނުންކުރާ ތެޔޮ އޭގެ އެއް ދުވަސް ކުރިން އަޅަ އެވެ.

ނަމަވެސް އެ މައުލޫމާތު އެނގޭ ބޭފުޅަކު "ސިޓިޒެން" އަށް ކިޔައިދިން ގޮތުގައި އެސްޓީއޯ އިން ވަނީ ސްޓެލްކޯ އަށް ތެޔޮ ދިނުން ލަސް ކޮށްފަ އެވެ. އެ ދުވަހެއްގެ ލޯޑަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެނީ އެ ދުވަހު އެވެ. ބައެއް ދުވަސްތަކުގައި ކަރަންޓު ކެނޑެން ހަތަރު ގަޑިއިރަށް ވެފައި ވަނިކޮށް ވެސް ތެޔޮ އަޅާދީފައި އެބަހުރި ކަމަށްވެ އެވެ. އަދި ފަހު ވަގުތު ތެޔޮ އެޅުމުގެ ސަބަބުން ކުނިބުނިތައް ހިނދެން ވަގުތު ނުލިބި ޕަންޕު ބްލޮކްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން އިންޖީނުތަކަށް ދުވާލަކު ހަތް ލައްކަ ލީޓަރުގެ ތެޔޮ އަޅަ އެވެ. އެއީ ދުވާލަކު ހަތް މިލިއަން ރުފިޔާގެ މަގުން މަހުން މަހަށް ސްޓެލްކޯ އިން އެ ފައިސާ ދައްކަމުން އައި ނަމަވެސް ބައެއް ޕެންޑިންތައް އަދިވެސް އެބަހުއްޓެވެ.

އެސްޓޯއީއިން ތެޔޮ އެޅުން ލަސް ކޮށްފައި ވަނީ ސްޓެލްކޯ އިން ބަރާބަރަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. އެގޮތުން ޕީއެސްއެމް ފަދަ ދައުލަތުގެ އެހެން އިދާރާތަކުން ސްޓެލްކޯ އަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާތައް ދެއްކުމަށް ވަނީ އެދިފަ އެވެ. ނަމަވެސް އެކަން މިއަދާ ހަމައަށް ވެސް ހަމަ ނުޖެހޭ ކަން ވަނީ އެނގިފަ އެވެ. އޭގެ ސަބަބުން އަދިވެސް ތެޔޮ އަޅަމުން ގެންދަނީ ދުވާލަކު އެއް ލޯޑެއްގެ ތެލެވެ.

މިގޮތަށް ދެން ވެސް ކުރިޔަށް ދާނަމަ ކައިރި ކައިރީ އަނެއްކާވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތެވެ.

އެތެރޭގެ ކޯޅުމެއްގެ އަޑު

މިކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް އިސް މަގާމްގައި ތިއްބެވި ބޭފުޅުން މި މައްސަލަ އެހެން ގޮތަކަށް ސިފަ ކުރައްވަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ސްޓެލްކޯ އަށް ދިމާވެގެން އުޅެނީ ކަރަންޓުގެ މައްސަލައެއް ނޫނެވެ. ސިޔާސީ މައްސަލައެކެވެ.

އެއީ ސްޓެލްކޯ އަށް ތެލުގެ ތާށިކަން ކުރިމަތިވެގެން އުޅޭ ކަން ސަރުކާރަށް އެނގެ އެވެ. އެކަން ހައްލުކުރަންވީ ގޮތް ވެސް އެނގެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފަދަ ބޭފުޅުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެތަނުން ބޭރު ކުރަން ބޭނުންވާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

"އެސްޓީއޯ އަށް ތެޔޮ ނުލިބިގެން ނޫޅޭ. ފަހުމީ ބޭރު ކުރަން ހިފާފަ ތިބި މީހުން މަދެއް ނޫން. ކޮންމެ ދުވަހަކު އެ މަގާމަށް ދާން ތައްޔާރަށް ތިބި މީހުން އެބަތިބި. އެ ކޯޅުމުގެ ތެރޭގަ ފިނޭންސްގެ އެއްބާރުލުން ނުލިބެނީ. އެ ނޫނީ މިއީ ސަރުކާރު ތެރެއިން ފަސޭހައިން ހައްލު ކޮށްލެވިދާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.

ފަހުމީ ބޭރު ކުރަން ފިނޭންސް މިނިސްޓަރު ބޭނުންވާ ކަމަށް ދެތިން ފަރާތަކުން މައުލޫމާތު ދިން ނަމަވެސް އެ ތުހުމަތުތައް "ސިޓިޒެން" އަށް އަދި މުޅިން ވެރިފައި ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ކަރަންޓު ކެނޑުނު ދުވަސްތައް:

މިއީ ކުދި އަދި ބޮޑެެތި މައްސަލަތަކާ ގުޅިގެން މި އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ބައެއް ދުވަސްތަކެވެ. މިދިޔަ ފަސް މަހަށް ބަލާއިރު ވެސް ގާތްގަނޑަކަށް ކޮންމެ މަހަކު ވަނީ ކޮންމެވެސް ސަރަހައްދަކުން އެކި މައްސަލަތަކާ ގުޅިގެން ކަރަންޓު ކެނޑިފަ އެވެ. އަދި ދެ ފަހަރަކަށް ބޮޑު ޕަވާ އައުޓޭޖް އެއް ހިނގައިފަ އެވެ.

އޮގަސްޓު 9، 2025 - މާލެ، ހުޅުމާލެ، ހުޅުމާލެ 2


ޖުލައި 22، 2025 - މާލެ، ހުޅުމާލެ


ޖޫން 9، 2025 - މާލޭގެ ބައެއް ސަރަހައްދު


ޖޫން 1، 2025 - މާލެ، ހުޅުމާލެ، ހުޅުމާލެ 2، ހުޅުލެ


މެއި 30، 2025 - މާލެ، ހުޅުމާލެ


މެއި 27، 2025، - މާލެ


މެއި 20، 2025 - ހުޅުމާލެ 2


އޭޕްރިލް 19، 2025 - ހުޅުމާލެ

ބެކަޕް ޖެނަރޭޓަރުގެ ސުވާލު

މިއީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އިންޖީނަކަށް މައްސަލައެއް ދިމާވާ އިރަށް އަނދިރީގައި ތިބެން ޖެހެނީ ކީއްވެ ހެއްޔެވެ؟ ބެކަޕް ޖެނަރޭޓަރެއް ނެތީ ހެއްޔެވެ؟

އޭގެ ޖަވާބަކީ ބެކަޕް އަދި ބާއްވާފައި ރާއްޖޭގައި މައި ކަރަންޓު ކުންފުނީގައި މިހާރު ހުންނަން ޖެހޭ ކެޕޭސިޓީ އަށް ވެސް ޖެނަރޭޓަރެއް ނެތެވެ. މައިގަނޑު އެއް ސަބަބަކީ ޕަވާ ޑިވަލޮޕްމަންޓް ޕްލޭންތައް ހަދައި ކުރިޔަށް ނުގެންދިޔުމެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރަކު ސިޔާސީ ފަރާތްތަކުން އެތައް ހާސް ފްލެޓެއް އަޅަން ވައުދުވާ އިރު އެ ފްލެޓުތަކަށް ކަރަންޓު ދެވޭ ވަރަށް ސްޓެލްކޯ ތަރައްގީ ކުރަން ޖެހޭ ކަން ހަނދާނުގައި ނުބަހައްޓަ އެވެ. ފްލެޓު އަޅަން ބޭރުން ފައިސާ ހޯދިޔަސް އެއަށް ބޭނުންވާ ކަރަންޓު ދެވޭ ވަރަށް ސްޓެލްކޯ ތަރައްގީ ކުރާކަށް ނުވިސްނަ އެވެ.

އެކަން ފެންނަން އޮތީ ފޭސް 2 އިންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދީފައި ހުރި ގިނަ ގޯތިތައް ކައިރީ ކަރަންޓު ކޭބަލް ވެސް އަޅާފައި ނެތެވެ.