ވަރަށް އާދައިގެ ސުވާލެކެވެ. ދާއިރާއެއްގެ އިންތިހާބަށް ހުސް ކޮރަޕްޓު މީހުން ކުރިމަތިލާފަ އޮތިއްޔާ ދެން ހަދަންވީ ކިހިނެތް ހެއްޔެވެ؟
ރަނގަޅު މީހަކު ވާދަ ނުކުރާތީ ގާނޫނުއަސާސީން ލިބިދީފަ އޮތް ވޯޓުލުމުގެ ހައްގު ދޫކޮށްލަން މަޖުބޫރުވީ ހެއްޔެވެ؟ ނުވަތަ އޭގެ ތެރެއިން އެންމެ ކޮރަޕްޓުކަން ކުޑަ ވާނެހެން ހީވާ މީހެއް ބަލާފައި އެ މީހަކަށް ބާރުތައް ދީ މަގާމަށް އިންތިހާބު ކުރަންވީ ހެއްޔެވެ؟
މަލްޓި-ޕާޓީ ސިސްޓަމަށް އަމަލު ކުރަމުން އައި މިދިޔަ 17 އަހަރުގެ ތެރޭގައި ވޯޓު ކަރުދާސް އަތަށް އެރި އެތައް ބައެއްގެ ހިތަށް މި ސަވާލުތައް އަރަ އެވެ.
މި ސުވާލު ހިތަށް އަރާ އެއް ސަބަބަކީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ."
އެ މާއްދާގައި ބުނާ އެއްޗެއް ތަފްސީލް ކޮށްދެއްވަމުން "ސިޓިޒެން" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޑްރާފްޓިން ކޮމިޓީގެ މުޣައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަނީ އެއީ މީހުން ބާރުތައް އައްޔަން ކުރަނީ ވޯޓުން ކަމަށްވާތީ އެވެ. އަދި ދެމި އޮންނާނެ ކަމަށް ބުނެފައި އެ އޮތީ ދައުރު ހަމަވުމުން އެ މީހުން މަގާމުގައި ބައިތިއްބާނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު އަލުން ވޯޓުން ލިބެނީ ރައްޔިތުންނަށެވެ.
ނަމަވެސް ހަގީގަތަކީ ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ މިނިވަންކަން ރައްޔިތުންނަކަށް ނެތެވެ. ރައްޔިތުން ބޭނުން ވަނީ ތައުލީމީ އަދި އަހުލާގު ރަނގަޅު ހިންގުންތެރި މީހުންނެވެ. ނަމަވެސް ޕާޓީތަކުން ގިނަ ފަހަރަށް ނެރެނީ އެންމެ އަޑުގަދަ އަދި ގިނަ ދުވަހު މަގުމަތީގައި މުޒާހަރާކޮށް ހަޅޭއް ލަވާ މީހާ އެވެ. ނުވަތަ ރައްޔިތުން ޓެސްޓުކޮށް ފެއިލް ވެފައި ހުރި މީހެކެވެ.
އެއަށް ވުރެ ރަނގަޅު ކެންޑިޑޭޓުން ނެރެން ބާރު އެޅޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. އަދި ގޯސް މީހާ އަށް ނޫނެކޭ ބުނުމުގެ ހައްގެއް ވެސް ނޯވެ އެވެ. އޮތީ ބޭނުން ނުވިޔަސް "ފެންނަ" ކަމަށް ފާހަގަ ޖެހަން މަޖުބޫރުވެފަ އޮތް ނިޒާމެކެވެ. އެހެންކަމުން ގާނޫނުއަސާސީގައި އެ ބުނާ ވާހަކަ ރަނގަޅަށް ތަންފީޒު ކުރެވޭ ހެއްޔެވެ؟
މި މައްސަލަ އަށް ބައެއް އެހެން ގައުމުތަކުން ދިން ޖަވާބަކީ "ނޮން އޮފް ދި އަބަވް" (ނޮޓާ) އެވެ. އެއީ ކަމުދާ ކެންޑިޑޭޓަކު ވާދަ ނުކޮށްފި ނަމަ އެންމެނަށް ނޫނެކޭ ބުނުމުގެ ހައްގެވެ.
ގިނަ މީހުން ތާއީދު ނުކުރިޔަސް ހޮވިދާނެ
މީހަކު އިންތިހާބު ވެއްޖެ އޭ ބުނެފި ނަމަ ކޮންމެ މީހެއްގެ ހިތަށް ފުރަތަމަ އަރާނީ ގިނަ ބައެއްގެ ވޯޓާއި ތާއީދާ އެކީ މަގާމަކަށް ނުވަތަ ދާއިރާއަކަށް ހޮވުނު ވާހަކަ އެވެ. އެހެން ނަމަވެސް މި އަމަލު ކުރަމުން އަންނަ ވޯޓިން ނިޒާމުގައި އެއީ ލާޒިމް ކަމެއް ނޫނެވެ. ބައެއް އިންތިހާބުތަކުގައި ގިނަ މީހުން ތާއީދު ނުކުރާ މީހާވެސް އިންތިހާބު ވެފައި އެބަހުއްޓެވެ.
މިހެން ވަނީ ރާއްޖޭގައި ފަސްޓް ޕާސްޓް ދަ ޕޯސްޓް ވޯޓިން ނިޒާމަށް އަމަލު ކުރާތީ އެވެ. އެއީ މަގާމަކަށް ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އިންތިހާބު ވާނީ އެންމެ ގިނަ ވޯޓު ހޯދާ މީހާ އެވެ. އެއީ މުޅި ދާއިރާގެ ގިނަ މީހުންގެ ވިސްނުންތޯ ބެލުން މަޖުބޫރެއް ނޫނެވެ. މިސާލަކަށް 300 މީހުންގެ އާބާދީއަކުން 30 މީހުން ވޯޓުލާން ނުކުމެ އޭގެ ތެރެއިން ގިނަ ވޯޓު ލިބިގެން ވެސް މަގާމަކަށް އިންތިހާބު ވުމުގެ ފުރުސަތު އެބައޮތެވެ. އެހާ ކުޑަ އަދަދެއް ނޫނަސް ފަހަކަށް އައިސް ފެންނަން ފަށާފައި ވަނީ އެފަދަ މަންޒަރެކެވެ.
އޭގެ އެއް މިސާލަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބު ކުރުމަށް މިދިޔަ އަހަރު ޖެނުއަރީގައި ބޭއްވި އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް އޮތެވެ. ނަމަވެސް ވޯޓުލާން ނުކުތީ އޭގެ ތެރެއިން 17،000 މީހުންނެވެ. އެއީ ގާތްގަނޑަކަށް 31 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން ވެސް މިހާރުގެ މޭޔަރު އާދަމް އާޒިމް އަށް ލިބިވަޑައިގަތީ 7،621 ވޯޓެވެ. އެއީ މާލޭގެ ވޯޓު ލެވޭ އާބާދީގެ ގާތްގަނޑަކަށް 13 ޕަސެންޓެވެ.
އެ މަންޒަރު އެންމެ ބޮޑަށް ފެންނާނީ ބައި-އިލެކްޝަންތަކުންނެވެ. އެއީ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް މަދެވެ. ތަރުހީބު ވަރަށް ކުޑަ އެވެ. އެހެންވެ މަދު ވޯޓުކޮޅަކުން ވެސް މަގާމަށް އައުމުގެ ފުރުސަތު އޮވެ އެވެ.
އޭގެ އިތުރުން ވަކި ދާއިރާއެއްގައި އެ ކެންޑިޑޭޓާ ވާދަ ކުރާނެ މީހަކު ނެތް ނަމަ ވެސް އޭނާ އަމިއްލަ އަށް އިންތިހާބުވެ އެވެ.
އެގޮތުން މި އަހަރު ފެބްރުއަރީގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ 33 ގޮނޑި ލިބިފަ އެވެ. އެއީ އީސީން ބައި އިލެކްޝަން ބާޢްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި ކާމިޔާބު ކުރި 24 ގޮނޑި އަކާއި އެހެން ކެންޑިޑޭޓުންނާ ވާދަ ކޮށްގެން ކާމިޔާބު ކުރި ނުވަ ގޮނޑިއެކެވެ.
ނަން ހާމަ ނުކުރުމަށް އެދި "ސިޓިޒެން" އާ ވާހަކަ ދެއްކެވި އިންތިހާބުތަކާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ގިނަ މީހުން ތާއީދު ނުކުރިޔަސް ނުވަތަ ބަޔަކު ނުވެސް ދަންނަ ކެންޑިޑޭޓުންތަކެއް އިންތިހާބު ވުމުގެ ފުރުސަތު އޮންނަނީ ކަމު ނުދާ މީހާ އަށް ނޫނެކޭ ބުނުމުގެ ފުރުސަތު ނޯންނާތީ އެވެ.
މިހާރު އިންތިހާބުތަކަށް މީހުންގެ ޝައުގުވެރިކަން ނުހުންނަނީ ވެސް ރަނގަޅު ކެންޑިޑޭޓުން ކުރިމަތި ނުލާތީ ކަމަށާއި ނަމަވެސް ރަނގަޅު ކެންޑިޑޭޓުން ނެރުމަށް ސިޔާސީ ޕާޓީތަކަށް ބާރު އަޅާނެ އެއްވެސް ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއަކުން ކޮންމެ މީހަކު ނެރުނަސް ރައްޔިތުން ޖެހޭނީ ވޯޓުލާން. ނުލައިފި ނަމަ އެ މީހެއްގެ ވޯޓެއް ނުއެއް ގުނާނެ. މިގޮތަށް ރާއްޖޭގައި ހިނގާތީ މަގާމްތަކަށް ރަނގަޅު މީހުން ނައިސް ސިޔާސީ ކަންކަމާ މީހުން ފޫހިވުމުގެ އަލާމާތްތައް މި ފެންނަނީ." އޭނާ ވިދާޅުވި އެވެ.
އީސީގެ ހިސާބުތަކުން: މީހުން ވޯޓަށް ފޫހިވެއްޖެ!
އީސީގެ ތަފާސްހިސާބުތަކަށް ފެންނަނީ ރާއްޖޭގެ ވޯޓުލާ އާބާދީ ދުވަހަކަށް ވުރެ ދުވަހެއް މަދުވާ ތަނެވެ. އަދި އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބާތިލް ވޯޓުތައް ބައެއް އިންތިހާބުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައި ހުންނަ އިރު ހުރިހާ ކެންޑިޑޭޓުންނާ ދިމާލުގައި ވެސް ރަސްގެ ޖަހާފައި ހުރެ އެވެ. ބައެއް ވޯޓު ކަރުދާޙުގައި ނޮޓާ ވެސް ލިޔެފައި ހުރި ތަން މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ފެނުނެވެ.
އޭގެ އިތުރުން ރާއްޖޭގައި މިހާތަނަށް ބޭއްވި ހަތަރު ރިޔާސީ އިންތިހާބުގެ ނަމްބަރުތަކަށް ބަލާއިރު މީހުން ވޯޓުލާން ފޫހިވަމުން އަންނަ ކަމުގެ ހެކި ފެންނަން އެބަހުއްޓެވެ.
އެގޮތުން ސިޔާސީ ކަންކަމަށް މީހުން ލޯ ހުޅުވެން ފެށި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ 86.58 ޕަސެންޓު މީހުންނެވެ. ޖެހިގެން އައި 2013 ވަނަ އަހަރު 91.40 ޕަސެންޓު މީހުން ވޯޓުލި އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދުވަސްތަކެއްގައި ބޭއްވި އިންތިހާބެކެވެ.
ދެން އައި 2018 ވަނަ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވި އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 89.22 ޕަސެންޓު މީހުންނެވެ. އަދި މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ އަދަދު އެއަށް ވުރެ ވެސް ބޮޑަށް ވެއްޓުނީ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 224,315 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 79.43 ޕަސެންޓު މީހުންނެވެ.
އޭގެ އިތުރުން އަހަރަކަށް ވުރެ އަހަރެއް ބާތިލް ވޯޓު ވެސް އަންނަނީ އިތުރުވަމުންނެވެ.
- 2008 ގެ ފުރަތަމަ ބުރު: 1،861 ބާތިލު ވޯޓު
- 2008 ގެ ދެވަނަ ބުރު: 2،235 ބާތިލު ވޯޓު
- 2013 ގެ ފުރަތަމަ ބުރު: 2،331 ބާތިލު ވޯޓު
- 2013 ގެ ދެވަނަ ބުރު: 2،237 ބާތިލު ވޯޓު
- 2018: 3،132 ބާތިލު ވޯޓު
- 2023 ގެ ފުރަތަމަ ބުރު: 4،835 ބާތިލް ވޯޓު
- 2023 ގެ ދެވަނަ ބުރު: 7888 ބާތިލް ވޯޓު
ކަމުދާ މީހަކު ނެތް ނަމަ "ނޮޓާ"!
ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގޮތަށް ބަލާނަމަ ކެންޑިޑޭޓެއްގެ ނަން ހިމެނޭ ގޮޅީގައި ޖަހަން ޖެހޭނީ ހެޔޮ ފާހަގަ އެކެވެ. އެ ނޫން ގޮތަކަށް ފާހަގައެއް ޖަހައިފި ނަމަ އެ ވަނީ ބާތިލް ވޯޓަކަށެވެ. އެއްވެސް ކެންޑިޑޭޓަކަށް ނޫނެކޭ ބުނުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ނަމަވެސް ވަރަށް ގިނަ ގައުމުތަކުގައި އެއީ އޮތް ފުރުސަތެކެވެ. އިންތިހާބަކަށް ސިޔާސީ ޕާޓީތަކުން ނުވަތަ އަމިއްލަ ގޮތުން ވިޔަސް ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކު ކަމު ނުދާ ކަމަށް ވާނަމަ "ނަން އޮފް ދި އަބަވް" (ނޮޓާ) ކަމަށް ބުނުމުގެ ފުރުސަތު އޮވެ އެވެ. އަދި އެގޮތަށް ވޯޓު ލައިފި ނަމަ ބައެއް ގައުމުތަކުގައި ސިޔާސީ ޕާޓީތަކުން އާ ކެންޑިޑޭޓެއް ނެރެން މަޖުބޫރު ވެސް ވެ އެވެ.
ސިޓިޒެން އާ ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި ވެސް އަޖުމަ ބަލާލަން ރަނގަޅު ސިސްޓާމެކެވެ.
ނޮޓާ ގެނެސްފި ނަމަ ލިބޭނެ އެއް ފައިދާއަކީ އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ރަނގަޅު ކެންޑިޑޭޓުން ދައްކަން މަޖުބޫރުވުމެވެ. އަދި ރަނގަޅު ބަދަލެއް ނުފެންނާތީ ނުވަތަ ހުސް ގޯސް ކެންޑިޑޭޓުން ނެރުމުން އެކަމާ ދެކޮޅަށް ތެދުވަން ބޭނުންވާ މީހާ އަށް ވެސް ވޯޓުން އޭނާގެ އެ ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
"މިސާލަކަށް ފަހަކަށް އައިސް ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަރަށް ގިނައިން ސޯޝަލް މީޑިއާ އިން ފެންނާނެ މި ކެންޑިޑޭޓާ ވާދަ ކުރަން ބުޅަލެއް ކުރިމަތިލިޔަސް ހޮވޭނެ އޭ. މީގެން އެބަ އެނގޭ ރަނގަޅު އެކަކު ވެސް ނެތް ކަން. އެކަމަކު އެހެން ބުނުމުގެ ފުރުސަތެއް ގާނޫނަކުން ނޯވޭ. އެހެންވެ ވޯޓު ނުލަނީ. ނޫނީ ލެސާ އީވަލް އަށް ވޯޓު ދެނީ." އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެހެން ގައުމުތަކުގައި ވެސް އެ ނިޒާމް ގެނެސްގެން ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށާއި އެކަންކަން ދިރާސާ ކުރުމަށް ފަހު ރައްޔިތުން ހޭލުންތެރި ކުރުވައި ރާއްޖެ އަށް ގުޅޭނެ އަދި ރާއްޖޭގެ މި ކޮމިއުނިޓީ ބަލައިގަންނާނެ ފަދަ ގޮތަކަށް ނޫނީ އެކަން ކޮށްފި ނަމަ ގެއްލުން ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ގައުމުތަކުގެ ތަޖުރިބާ
ރާއްޖެ އާ އެންމެ ކައިރިން ނޮޓާ ޕްރެކްޓިސް ކުރަމުން އަންނަ ގައުމަކީ އިންޑިއާ އެވެ. އެއީ 2013 ވަނަ އަހަރު އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއެކު އިންތިހާބުތަކުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނެތް ކަމަށް ބުނުމުގެ ހައްގު ލިބިގެން ދިޔަ އެވެ. މިއީ އެ ގައުމުގެ އިލެކްޓޯރިއަލް ރިފޯމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެހެން ނަމަވެސް ދިމާވާ މައްސަލައަކީ އިންޑިއާގައި ނޮޓާގެ އެއްވެސް ގާނޫނީ ބާރެއް ނެތެވެ. ނޮޓާ ވެފައި އޮންނަނީ އެ ހިތްހަމަ ނުޖެހުން ފާޅުކޮށްލަން ލާ ވޯޓަކަށެވެ. ކިތަންމެ ގިނަ މީހުން ނޮޓާ ވޯޓެއް ލި ނަމަވެސް އިންތިހާބުގެ ނަތީޖާއަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ. އެހެން ނަމަވެސް ހިޔާލު ފާޅު ކުރުމަށްޓަކައި އެ ގައުމުގެ އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުގައި ނޮޓާ އޮޕްޝަން އިނދެ އެވެ. އަދި ވޯޓު ކަރުދާހުގައި ނަމަ ރަސްގެ ލެވެ އެވެ.
އެ ނިޒާމު އެންމެ ރަނގަޅަށް ހިނގާ އެއް ގައުމަކީ ކޮލަމްބިއާގަ އެވެ. އެ ގައުމުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ދެއްކުން އޮންނަނީ އެއްވެސް ފާހަގައެއް ނުޖަހާ ހުސް ވޯޓެއް ލައިގެންނެވެ. އެގޮތަށް ހުސް ވޯޓެއް ލައިފިނަމަ ގާނޫނީ ގޮތުން އިހުތިޖާޖެއް ކަމަށް ބަލައިގަނެ އެވެ. އަދި އިންތިހާބުގައި ގިނަ މީހުން އެގޮތަށް ވޯޓު ލައިފި ނަމަ އާ ކެންޑިޑޭޓުންނާއެކީ އަލުން އިންތިހާބު ބާއްވަން މަޖުބޫރުވާނެ އެވެ.
އެގޮތުން 2011 ވަނަ އަހަރު އެ ގައުމުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް 56.7 ޕަސެންޓު މީހުން ވޯޓުލި އެވެ. އަދި އާ ކެންޑިޑޭޓުންނާއެކު އަލުން އިންތިހާބު ބާއްވަން ޖެހުނެވެ. ގިނަ ޕޮލިޓީކަލް އެނަލިސްޓުން ގަބޫލު ކުރި ގޮތުގައި އެއީ ސިޔާސީ މީހުންނާއި ޕާޓީތައް ވެސް އެކަށީގެންވާ ގޮތެއްގައި ޒިންމާދާރު ކުރެވޭނެ އެންމެ ރަނގަޅު އެއް ގޮތެވެ.
އިންޑޮނޭޝިއާގައި ވެސް ނޮޓާ ވޯޓިން އޮވެ އެވެ. އެކަމަކު ނޮޓާ ވޯޓިން އޮންނަނީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލާ ހާލަތެއްގައި އެކަންޏެވެ. އެ ހާލަތުގައި އޭނާ އަށް ތާއީދު ނުކުރާ ކަމަށް ވޯޓު ލުމުގެ ފުރުސަތު ރައްޔިތުންނަށް އޮވެ އެވެ. އަދި އެގޮތަށް ގިނަ ވޯޓު ލިބިއްޖެ ނަމަ އޭނަ އެ އިންތިހާބެއް ނާކާމިޔާބު ވާނެ އެވެ.