އާ ޓާމިނަލް ވަރަށް ރީއްޗެވެ. އާޝޯހުވާހާ ބޮޑެވެ. ދީނާއި ދިވެހި ސަގާފަތް ރަމްޒު ކޮށްދޭ އެ ޑިޒައިން ހިތްގައިމެވެ. އަދި "މިއީ ހަމަ ރާއްޖެތޯ" ސުވާލު އުފެދޭހާ ފުރިހަމަ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވާތީ މިހާރު އެންމެން ވެސް ދައްކަމުން އަންނަނީ މި ވާހަކަތަކެވެ. ސޯޝަލް މީޑިއާ ފީޑް ފުރިފައި އޮންނަނީ އެއާޕޯޓުގެ ފޮޓޯތަކާއި ވީޑިއޯތަކެވެ. އަދި މީހުން ކުރި ތަޖުރިބާތަކާއި ބަހުސްތަކެވެ.
ނަމަވެސް އާ ޓާމިނަލް ހަމައެކަނި ބޮޑީކީ ނޫނެވެ. އަދި އެއީ ހަމައެކަނި ބޭރުފުށުން ރީތި ތޮށިގަނޑެއް ވެސް ނޫނެވެ.ބޮޑު ހަރަދެއް ކޮށްގެން އަށް އަހަރުން ތަރައްގީ ކޮށްފައިވާ މި ޓާމިނަލްގެ އެންމެ ފުރިހަމަ ކަމަކީ ރާއްޖޭގެ މައި ދޮރާށިން ދޭ ހިދުމަތަށް މި އަންނަ އިންގިލާބީ ބަދަލެވެ. ރާއްޖެ އައުމާއި ފުރުމުގެ ތަޖުރިބާ ބަދަލު ކޮށްލާނެ ގޮތެވެ. ރާއްޖޭގައި ޓޫރިސްޓުން ކުރާ ލަގްޒަރީ ޑެސްޓިނޭޝަނެއްގެ އިހުސާސް އެއާޕޯޓުން ވެސް ކުރުމެވެ.
ޗެކް-އިން: މަޑު ކުރާނެ ކަމެއް ނެތް
ރާއްޖެއިން ބޭރަށް ފުރަން ދާން އަންނަ މީހަކު މިހާރު އެއާޕޯޓުގައި ކުރަނީ އެހާ ރަނގަޅު ތަޖުރިބާއެއް ނޫނެވެ. ލަގެޖުތަކާއެކު ޑިޕާޗާ އަށް ވަންނަ ގޮތަށް އަރަން ޖެހޭނީ ޓޭޕުން ބައި ބަޔަށް ވަކި ކޮށްފައި އޮތް ސްނޭކް ކިއޫއަކަށެވެ. އަވި ދީފިއްޔާ ގަދަ ހޫނުގައި އަދި ވާރޭ ވެހިއްޖެއާ ފުރާޅުން ފައިބައި ފެންތަކާއެކު އެ ކިއޫގައި އެތައް އިރަކު ތިބެން ޖެހެ އެވެ.

އެއާޕޯޓަށް ވަނުމުގެ ކުރިން މިހާރު ހުރިހާ އޭވިއޭޝަން ކޮމާންޑުން ބަލާނެ އެވެ. ކިއޫގައި ހުރެގެން ސްކޭން މެޝިންތަކަށް އަރުވައި ޗެކް ކުރަން ޖެހެ އެވެ. ބާރު ބޮޑު ދުވަހެއް ވިއްޔާ އެއާޕޯޓަށް ރަނގަޅަށް ނުވަދެވެނީސް ގަޑިއިރެއް ކިއޫގައި ހޭދަ ކުރަން ޖެހިދާނެ އެވެ.
އާ ޓާމިނަލް މުޅިން ތަފާތެވެ. ސްނޭކް ކިއޫއެއް ނެތެވެ. ދޮރުމަތިން ލަގެޖުތައް ބާލުވައި ޗެކް ކުރާކަށް ނުޖެހެ އެވެ. މަޑު ކުރާކަށް ނުޖެހޭނެ އެވެ. އާ ޓާމިނަލްގެ ބޮޑު ދޮރުން ވަންނަ ގޮތަށް ޕެސެންޖަރުން ދާންވީ ސީދާ ޗެކިން އަށެވެ. ކުރިން ވިއްސަކަށް މިނެޓު ނަގާ ކަމެއް މިހާރު ފަސް މިނެޓޫ ވެސް ނުނަގާނެ އެވެ.
އާ ޓާމިނަލްގެ ޑިޕާޗާ އިން ވަންނަ އިރު އެންމެ ފުރަތަމަ މޫނު ޖެހޭނީ ފްލައިޓުގެ ތަފްސީލްތައް ދައްކައި ދޭ ބޮޑު ސްކީން އަކަށެވެ. އަދި ކުރިމަތީ ހުންނާނީ ސެލްފް ޗެކިން ކުރެވޭ ހަ ކައުންޓަރެވެ. މިއީ އަލަށް ތައާރްފް ކުރާ ހިދުމަތެކެވެ. އެއްވެސް ވަރަކަށް މަޑު ކުރުމެއް ނެތި ވަރަށް އަވަހަށް އަމިއްލަ އަށް ޗެކިން ވެލައިގެން ބޯޑިން ޕާސް ހިފައިގެން ކުރިޔަށް ދާންވީ އެވެ.
އާ ޓާމިނަލްގައި ޖުމްލަ 47 ޗެކިން ކައުންޓަރުން އެބަހުއްޓެވެ. އެއްވެސް މަޑުޖެހުމެއް ނެތި އެންމެ ބާރު ބޮޑު ދުވަސްތަކުގައި ވެސް ވަރަށް އަވަހަށް ބޯޑިން ޕާސް އަތަށް އަރާނެ އެވެ.
ސެކިއުރިޓީ ޗެކް: އެންމެ ފަހުގެ ޓެކް!
ޗެކިން ކައުންޓަރަށް ލަގެޖުތައް އަރުވާ ހިސާބުން މިހާރުގެ ޓާމިނަލްގައި އެ ހުރިހާ ލަގެޖެއް ޗެކް ކުރުމަކީ މެނުއަލީ ކުރަން ޖެހޭ މަސައްކަތެކެވެ. އެ ހުރިހާ ލަގެޖެއް ވަކިވަކިން ސްކޭން ކުރުމުގެ މަސައްކަތް އެއާޕޯޓުގެ މުވައްޒަފުން ކުރަން ޖެހޭނެ އެވެ. އެއީ ފަސިންޖަރުން ވިސްނަން ޖެހޭ ކަމަކަށް ނުވި ނަމަވެސް އޭގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަން ވަރަށް ބޮޑަށް ލަސް ވާނެ އެވެ.
އާ ޓާމިނަލްގައި ފަސިންޖަރުން ޗެކިން ކައުންޓަރުތަކަށް ލަޖޭގުތައް ދޫކޮށްލުމާއެކު ބެގެޖްތައް ސްކީން ކުރާނީ އޮޓަމެޓިކް ސިސްޓަމްތަކުންނެވެ. މިއީ މުޅި އޮޕަރޭޝަނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި އެއާޕޯޓްގެ މަސައްކަތް ވަރަށް އަވަސް ވެގެން ދާނެ ކަމެކެވެ.
އޭގެ އިތުރުން ހޭންޑް ލަގެޖް ސްކީން ކުރަން އެންމެ ފަހުގެ ވަރުގަދަ ސްކޭން މެޝިންތައް ބަހައްޓާފައި ހުރެ އެވެ.
އިމިގްރޭޝަނާއި ބޮޑު ޑިއުޓީ ފްރީ
ޗެކިން ނިންމައި ބޯޑިން ޕަސް ހިފައިގެން ދާނީ ދެވަނަ ފްލޯ އަށެވެ. ޓާމިނަލް ކިތަންމެ ބޮޑަސް ހިނގަން ހޭދަ ކުރަން ޖެހޭ ވަގުތު ކުޑަ ކުރުމަށް ވޯކަލޭޓާ ހުރެ އެވެ. އަދި ކުރިއަށް ވުރެ ގިނައިން އެސްކަލޭޓަރާއި ލިފްޓު ވެސް ހުރެ އެވެ.
މައްޗަށް އަރާ ގޮތަށް އާ ޓާމިނަލްގައި ވެސް ދިމާވާނީ އިމިގްރޭޝަން ކައުންޓަރުތަކާ އެވެ. އެތަން ވަރަށް ރީތިވުމުގެ އިތުރުން ވަރަށް ޖާގަ ތަނަވަހެވެ. އަދި ޖުމްލަ 38 ކައުންޓަރު ހުރެ އެވެ. މިއީ ވެސް ޕާސްޕޯޓު ހިފައިގެން ދިގު ކިއޫއެއްގައި މަޑު ކުރަން ނުޖެހި ހިދުމަތް އަވަސް ވާނެ ގޮތެކެވެ.

އިމިގްރޭޝަނަށް ފަހު އިމާސިވް ޓަނަލްގެ ތެރެއިން ގޮސް ވަދެވޭނީ ޑިއުޓީ ފްރީ އަށެވެ. އެއީ މިހާރު ހުރި ވަރަށް ވުރެ މާ ބޮޑު 4،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. ލަގްޒަރީ އެތައް ބްރޭންޑެއްގެ އުފެއްދުންތައް ލިބޭ ގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އެއާޕޯޓުތަކުގައި ހުންނަ ފެންވަރުގެ ޑިއުޓީ ފްރީއެކެވެ.
ތަނަވަސް ވެއިޓިން އޭރިއާ އާއި އެރޯ ބްރިޖުތައް!
މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގައި ވެއިޓިން އޭރިއާ އަކީ ބާރު ބޮޑު ތަނެކެވެ. ގިނަ ފްލައިޓުތަކެއް އޮވެއްޖެ ނަމަ ދުވަހެއްގައި އިށީންނާނެ ޖާގައެއް ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ކުޑަ ޖާގައެއްގައި ވީހާވެސް ގިނަ ގޮނޑި ޖަހާފައި ހުންނަ ގޮތުން އެތަން އޮންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.
އާ ޓާމިނަލްގެ ވެއިޓިން އޭރިއާ ޖާގަ ވަރަށް ބޮޑުވެފައި ސީޓުތައް ވަރަށް ގިނަ އެވެ. އަދި ހުންނަނީ އޭއައި ރެންޑާތަކެއް ހެން ހީވާ ރީތި އަދި އަރާމު ސޯފާތަކެކެވެ. ކޮންމެ ގޭޓެއް ކައިރީ އެތައް ސީޓެއް ހުރެ އެވެ.
ބޯޑިން ކުރުމުގެ ތަޖުރިބާ ވެސް އާ ޓާމިނަލްގައި ވަރަށް ތަފާތުވާނެ އެވެ. މިހާރު ހުންނަނީ ބޯޑިން ހަ ގޭޓެވެ. ގޭޓުން ނުކުންނަން ޖެހޭނީ ސީދާ އޭޕްރަން މައްޗަށެވެ. ބައެއް ފަހަރު އަވީގައި ހިނގާފާ ދާން ޖެހެ އެވެ. އެ ނޫނީ ބަހަށް މަޑު ކޮށްގެން އެތައް އިރަކު ތިބެން ޖެހެ އެވެ. މި ފަހުން ބޯކޮށް ވިއްސާރަ ވެހުނު ދުވަހު ފްލައިޓުން ލޭންޑް ކުރި މީހުން ފްލައިޓުން ނުފައިބައި ވެސް 30 މިނެޓޫ ހުންނަން ޖެހުނެވެ.

ނަމަވެސް އާ ޓާމިނަލް ހުންނަނީ ބޭރުގެ އެއާޕޯޓުތަކުގައި ހުންނަ ގޮތަށެވެ. އެގޮތުން 12 ގޭޓާއި ކޮންމެ ދެ ގޭޓެއް ގުޅުވައި ދޭ ހަ އެރޯ ބްރިޖް ހުރެ އެވެ. އެއީ ލިފްޓުން ނޫނީ ސިޑިން އަރައިގެން ހަމަޖެހިލައިގެން ގޮސް އެއާޕޯޓުން ނުކުމެވޭނީ ސީދާ ފްލައިޓު ތެރެއަށެވެ. އެއްވެސް އިތުރު ކިއޫތަކެއް ނުވަތަ އުނދަގޫތަކެއް ދިމާ ނުވާނެ އެވެ.
އެރައިވަލް
އެރައިވަލްގައި މީހުންނަށް އެންމެ އުނދަގޫވާ ކަމަކީ ލަގެޖުތައް ނަގާ ހިސާބެވެ. މިހާރު ތޮއްޖެހިފައި އޮންނަ އެތަނުގައި ލަގެޖުތައް އަންނަން ވަރަށް ގިނަ އިރު ނާގާނެ އެވެ. އަދި އެއީ ފްލައިޓުން ލަގެޖު އައުމުން ބެގޭޖް ހޭންޑްލަރުން ވަކިވަކިން ބެލްޓު މައްޗަށް އަރުވާނީ އެވެ. ދެތިން ފްލައިޓެއް އެއްފަހަރާ އޮވެއްޖެ ނަމަ ބެލްޓުތަކާއެކު މުޅި ތަން އޮންނާޏީ ފުރިފަ އެވެ.
އާ ޓާމިނަލްގެ އެ ތަޖުރިބާ މުޅިން ތަފާތުވާނެ އެވެ. ލަގޭޖްތައް ނަގަން ވަދެވޭނީ މާސިންގާ ބޮޑު ސަރަހައްދަކަށެވެ. ޖުމްލަ ހަ ބެލްޓެއް ހުންނާނެ އެވެ. ކޮންމެ ބެލްޓަކަށް ބޮޑު ތިން ފްލައިޓެއްގެ ބެގޭޖްތައް އަރުވާލެވޭނެ އެވެ. އަދި ކޮންމެ ބެލްޓެއް ވަށައި ގިނަ އަދަދެއްގެ ބަޔަކަށް ތިބެވޭހާ ޖާގަ ތަނަވަހެވެ.
އޭގެ އިތުރުން އެ މަސައްކަތަކީ އެއާޕޯޓް މުވައްޒަފުންނަށް ވަރަށް ލުއި ވެ ހިދުމަތް އަވަސް ވެގެން ދާނެ ކަމެކެވެ. ބެގޭޖްތައް އަންނަ ގޮތް އޮޓަމޭޓްކޮށް ވަނީ ކޮށްފަ އެވެ. ސީދާ ފްލައިޓުން ބެލްޓަށެވެ. އޭގެ ސަބަބުން އެތައް ވަގުތެއް ސަލާމަތްވާނެ އެވެ.
ބައެއް މުހިންމު ނަމްބަރުތައް:
- 47 ޗެކް-އިން ކައުންޓަރު
- 6 ސެލްފް ޗެކް-އިން ކިއޮސްކު
- 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު
- 6 ޕެސެންޖާ ބޯޑިން ގޭޓް
- 5 ބެގޭޖު ކްލެއިމް ބެލްޓު
- 1 އޯވާ ސައިޒް ބެގެޖް ބެލްޓު
- 28 އިމިގްރޭޝަން ކައުންޓަރު