މޫސާ ރަޝީދު

ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމި އެއް ބޭނުމަކީ މާލޭގެ ހައްލު ނުވެ އޮތް ބޯހިޔާވެހިކަމުގެ މައްސަލަ އަށް ލުޔެއް ހޯދުމެވެ. އެކަން ކުރުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ހުޅުވާލި ފަހުން ތިން އަހަރުވެފައިވާ އިރު މިއަދު ގިނަ ބަޔަކަށް އެއަށް ވުރެ ބޮޑު ތަކުލީފެއް ނެތެވެ. އެއް ކަމެއް އެތައް ފަހަރަކަށް ބަދަލު ކުރުމާއި ސަރުކާރާއެކު ސިޔާސަތު ބަދަލުވެ ދެކޮޅަށް މީހުން ދުއްވާ މުޅި މައްސަލަ ބޮޑު އޮޅުންގަނޑަކަށް ވެއްޖެ އެވެ.

އޭގެ ތެރެއިން މިހާރު އެންމެ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އުޅެނީ ގުޅިފަޅުން ގޯތި ލިބުނު މީހުންނެވެ. ބްރިޖު ހަދާތީ އޭގެ ތެރެއިން ގިނަ ބަޔަކަށް ގޯތި ލިބުނީ ހަމައެކަނި ޕޯޓަލް އަކުންނެވެ. އެތަން ހެދޭނެ ގޮތް އަދި ދުރުގައި ބާއްވާފައި، އެތަން އަތަށް އަރާނެ ދުވަހެއް ވެސް ސަރުކާރަށް ނޭނގެ އެވެ. މީހުންނަށް ގޯތިތައް ކަނޑައެޅި ތަންތަން އެތައް ފަހަރަކަށް ބަދަލު ކޮށްފި އެވެ. މިހާރު ރެޖިސްޓްރީ އަށް އައި ބަދަލާއެކު ބައެއް މީހުން އަތުން ގޯތި އަތުލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

މިއީ މިހާރު ފެންނަން ހުރި މައްސަލަތަކެވެ. ނަމަވެސް ހަގީގަތަކީ ބިންވެރިޔާގެ މި ސްކީމަކީ ފެށުމުގައި ވެސް "ސްކޭމެއް" ގޮތަށް އޮތް ކަމެކެވެ. ނެތް ތަނުން ގޯތި ދިނީ އެވެ. ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި އަވަސް އަރުވާލައިގެން އެތައް ކަމެއް ނިންމި އެވެ. ސިޔާސީ ފައިދާ ހޯދުމާއި އޮޅުވާލުމާއި ފޮރުވުމުގެ ތެރެއިން އެތައް ބަޔަކަށް ގެއްލުންވެ މިއަދު މިއޮތީ ސަލާމަތް ނުވާ ހިސާބަށް ގޮސްފަ އެވެ.

ގޯތި ދިނީ ނެތް ވަރަށް!

މިއީ މި މައްސަލަ ފެށުނު ހިސާބެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ 3000 ގޯތި ހޯދުމުގެ ފުރުސަތެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން 2000 ގޯއްޗެވެ. އަދި ފަހުން ގިރާވަރު ފަޅު ވެސް ހިއްކައިގެން ޖުމްލަ 5000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެ މަސައްކަތުގައި އުޅުއްވި ބޭފުޅަކު "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި އޭރު ވެސް އެކަން ކުރީ ޖާގަ ވެސް ނެތް ވަރުންނެވެ. ހުޅުމާލެ އިން 1000 ގޯތި ކަނޑާނެ ޖާގަ ހޯދީ ވަރަށް ބޮޑަށް ތޮއްޖައްސައިގެން މާސްޓަ ޕްލޭން ވަރަށް ބޮޑަށް ހަލާކު ކޮށްލައިގެން ކަމަށާއި އޭރު ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަނގަޅަށް ހިނގައި ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިރާވަރު ފަޅަކީ އޮތް ތަނެއް ކަން ވެސް ގިނަ ބަޔަކަށް ނޭނގެ އެވެ.

"އޭރު ވެސް އެނގޭ މި މައްސަލަ ދިމާވާނެ ކަން. ނަމަވެސް ސަރުކާރުން ބޭނުންވި ކޮންމެ ގޮތެއް ހަދާފަ ވިޔަސް ގޯތި ކަނޑަން. ޕާކިން އަށް ޖާގައެއް އިނަސް އެބައި ވެސް ބައްދާލާފައި އެ ދިމާލުން ވެސް ގޯއްޗެއް ކަނޑައިގެން ދޭން." އޭނާ ވިދާޅުވި އެވެ.

މިކަން މިހެން އޮއްވާ 2023 ގެ ރިޔާސީ އިންތިހާބަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށް ސަރުކާރުން ވަނީ 9001 މީހުންނަށް ގޯތި ދޭން ނިންމައިފަ އެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 5432 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ދޫކުރާ 2218 ގޯއްޗެވެ. ނެތް ވަރުން ގޯތިތައް ދޭން ނިންމައި އެގޮތަށް ދާއިމީ ލިސްޓު ވެސް އިއުލާން ކުރި އެވެ.

އެއަށް ފަހު ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅުން އެ އަދަދަށް ގޯތި ހަމަވާ ގޮތަށް ކުރެހުންތައް ކުރަހައި ލޭންޑް ޔޫޒް ޕްލޭން އާންމު ކޮށްފަ އެވެ. އެ ޕްލޭންތައް އޮތީ ހުޅުމާލެ 3 އަކާއި ގުޅިފަޅު އަދި ގިރާވަރުފަޅު ވެސް "މާލެ" އަކަށް ހަދާލައިފަ އެވެ.

ޕްލޭން ރަނގަޅު ކުރުމަށް ފަހު ހަލާކު ކޮށްލުން!

ގުޅިފަޅަށް ނުކަތާ ވަރަށް މީހުން އަރުވާ ގޮތަށް ކުރީ ސަރުކާރުން ހަދާފައި އޮތް ލޭންޑް ޔޫޒް ޕްލޭނަށް އާބަން ޕްލޭނަރުންގެ އިތުރުން އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސް ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ސަރުކާރާ ހަވާލު ވުމަށް ފަހު އެންމެ ފުރަތަމަ ވެސް ލޭންޑް ޔޫޒް ޕްލޭން ބަދަލު ކުރި އެވެ. ނަމަވެސް މި ސަރުކާރުން ވެސް އަލުން ގޮސް ނިންމީ ހަމަ ކުރިން ވެސް އެކަން ކޮށްފައި އޮތް ގޮތަށެވެ.

ލޭންޑް ޔޫޒް ޕްލޭން 1

ގުޅިފަޅުގެ ބިން ބޭނުން ކުރާނެ ގޮތުގެ ފުރަތަމަ ޕްލޭން ހެދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ އެލްޔޫޕީ އޮތީ ފަސޭހައިން ހިއްކޭ ފަޅިއަށް ހުރިހާ ގޯއްޗެއް އަޅާލައިފަ އެވެ. އަދި އޭގެ އެއް ފަޅި ޕޯޓްގެ ގޮތުގައި ބޭނުން ކުރާ ގޮތަށެވެ. ޕޯޓް ސިޓީ ތެރޭގައި އެތައް ބަޔަކު އާބާދު ކުރަން ޖެހޭތީ އެތަން އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. ދެވަނަ މާލެ އަކަށް ވެފަ އެވެ.

މަގުތައް ވަރަށް ބޮޑަށް ހަނިކޮށް އޮތް އިރު ދިރިއުޅެން ނޫން އެހެން ބޭނުންތަކަށް ކަނޑައަޅާފައި ހުރި ޖާގަ ވެސް ވަރަށް މަދެވެ. އަދި ފެހި ޖާގަ ގޮތުގައި ކަނޑައަޅާފައި ވެސް ވަނީ ވަރަށް މަދު ތަންތަނެވެ. އަދި އެގޮތަށް ގޯތިތައް ދިނުމަށް ފަހު އެ ހުރިހާ ގޯއްޗެއް 10 ފްލޯ އަށް ނަގަން ވެސް ސަރުކާރުން ހުއްދަ ދިނެވެ. ބައެއް އާބަން ޕްލޭނަރުން އެ ތަން ސިފަ ކުރީ މާލެ އަށް ވުރެ ގޯސް ވާނެ ތަނެއްގެ ގޮތުގަ އެވެ.

ލޭންޑް ޔޫޒް ޕްލޭން 2

ކުރީ ސަރުކާރުން ހެދި އެލްޔޫޕީ މި ސަރުކާރުން ސިފަ ކުރީ އެއީ އިންސާނުން ދިރިއުޅެވޭ ވަރުގެ ތަނެއް ނޫން ގޮތުގަ އެވެ. އެހެންވެ އޭރުގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު އިސްވެ ހުންނަވައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް އާ ޕްލޭނެއް ހެދި އެވެ.

އާ ޕްލޭން ހެދީ ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދު ހިމަނައިގެންނެވެ. އަދި ވަރަށް ޖާގައިގެ ގޮތުން ތަނަވަސްވެފައި ފެހި ހުސް ޖާގަތައް ގިނަކޮށް މަގުތައް ފުޅާކޮށް ކުރުމާއި ޕާކިން އާ މިފަދަ އެތައް މައްސަލައެއް ހައްލުވާ ގޮތަށް ވަރަށް ފުރިހަމަ ޕްލޭނެއް ހެދި އެވެ. އެ މަސައްކަތަށް އެތައް ބަޔަކު ތައުރީފް ކުރި އެވެ. އަދި ނުހިއްކާ އޮތް ސަރަހައްދު ހިމަނައިގެން ހެދުމުން އިތުރު ގޯތިތަކެއް ދެވޭނެ ޖާގަ ވެސް ތަނަވަސްވެގެން ދިޔަ އެވެ.

އެހެންވެ ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ވެސް ގުޅިފަޅަށް ބަދަލުވާން ސަރުކާރުން ފުރުސަތު ދިނެވެ. އެގޮތުން 2210 މީހުން ގުޅިފަޅަށް ބަދަލުވާން އެދުނެވެ. އަދި އެގޮތަށް އައި ބަދަލާއެކު އަލުން ގުރު ނެގުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ކުރިޔަށް ގެންދިޔަ އެވެ.

ލޭންޑް ޔޫޒް ޕްލޭން 3

ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ގޯތި ދިނުން ކަމަށް ވިދާޅުވެ އަލުން އާ ޕްލޭނެއް ހައުސިން މިނިސްޓްރީ އިން އާންމު ކުރި އެވެ. އެ ޕްލޭންގައި އޮތީ ހަމަ ކުރީ ސަރުކާރުން ވެސް އެކަން ކުރި ގޮތަށެވެ. މިހާރު ހިއްކާފައި އޮތް ސަރަހައްދަށް ހުރިހާ ގޯއްޗެއް އަޅައި "ފިއްތާލައިފަ" އެވެ. އަދި އޭގެ އިތުރުން ގިރާވަރުފަޅުން ބަދަލު ކުރި މީޙުންގެ ގޯތި ވެސް އެތަނުގައި ހިމަނައިފަ އެވެ. އެހެންވެ އެތަން އޮތީ އިތުރަށް ތޮއްޖައްސައި ވަރަށް ބޮޑަށް އަލުން "ހަލާކު" ކޮށްލައިފަ އެވެ.

ސަރުކާރުން އެހާ ބޮޑަށް އެ ވާޙަކަ ނުދެއްކިޔަސް ބައެއް ތަޖުރިބާކާޜުން ބުނާ ގޮތުގައި މި ސަރުކާރުން ފުރަތަމަ ހެދި އެލްޔޫޕީ އަކީ މިހާރު އޮތް ހާލަތުގައި ރިއަލިސްޓިކް ޕްލޭނެއް ނޫނެވެ. ސަބަބަކީ އެ ޕްލޭންގެ ދަށުން ގުޅިފަޅު އެއްކޮށް ހިއްކަން ޖެހޭނެ އެވެ. ނަމަވެސް ގުޅިފަޅުގެ އަނެއް ފަރާތަކީ އެއީ ވަރަށް ފުން ސަރަހައްދަކެވެ. ދުނިޔޭގައި ވެސް އެންމެ ފުން އެއް ފަޅެވެ. އެތަން ހިއްކުމުގެ މަސައްކަތަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާޏެ ކަމަށް މީގެ ކުރިން ވެސް ބޮސްކާލިސް ކުންފުނިން ވެސް ބުނެފައިވެ އެވެ.

އެހެންވެ އެއީ މިވަގުތު މާލީ ހާލަތު ހުރި ގޮތުން ދައުލަތައް ބެއާ ކުރެވޭނެ ކަމެއް ނޫނެވެ. ނުވަތަ ވަރަށް ބޮޑަށް ލަސްވުން އެކަށީގެންވާ ކަމެކެވެ. އެހެންވެ ސިޔާސީ ގޮތުން އެންމެ ޑެމޭޖް ކުޑަ ވާނީ ކުރީ ސަރުކާރުން ވެސް ކޮށްފައި އޮތް ގޮތަށް އެކަން ކުރުމެވެ.

"ބައެއް މީހުންނަށް ގޯތި ގެއްލިދާނެ"

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް މިހާރު ދިމާވެގެން އުޅެނީ ގޯތި އެއްބަސްވުމުގެ މައްސަލައެކެވެ. ސަރުކާރުން ވަނީ ގޯތި ލިބުނު މީހުންނާއެކު ހަދާފައިވާ އެއްބަސްވުމަށް ބަދަލެއް ގެނެސްފަ އެވެ.

އެއީ ކުރިން އޮންނަނީ މާލެ ސަރަހައްދުން ގޯތި ލިބިފައިވާ މީހެއް ކަމުގައި ނުވުމެވެ. ނަމަވެސް ސަރުކާރުން މިހާޜު ވަނީ އެ މާއްދާ "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާ ކަމަށް ބަދަލު ކޮށްފަ އެވެ.

ސަރުކާރުން ބުނީ އެ ބަދަލު ގެނައި އެގްރީމަންޓުގެ އެ މާއްދާ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ އެވެ. ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ އެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށެވެ.

ނަމަވެސް މި ބަދަލަކީ ޖޫން 26، 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ" އުސޫލާ ފުށުއަރާ ގޮތަށް ގެނައި ބަދަލެކެވެ.

އެ މައްސަލާގައި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި  ލިބުނު މީހުންނާ އެކު، އެއްބަސްވުން ހަދައި ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައި އޮއްވައި 2023 ވަނަ އަހަރުގެ ރިޔާސީ ދައުރު ބަދަލުވުމާ އެކު އެއްބަސްވުން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އެހެންވެ އާ އެއްބަސްވުމުގައި ސޮއި ނުކުރަން އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.