ސަރުކާރުގެ ސޯޝަލް ހައުސިންގެ އެންމެ ގިނަ މަޝްރޫއު އޮތް ހުޅުމާލޭގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 8،511 ފްލެޓެއް ބަލަހައްޓަ އެވެ. ރައިޓް ޓު އިންފޮމޭޝަންގެ ދަށުން "ސަން" އިން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި އެ ފްލެޓްތަކުގެ ތެރެއިން ކުލި ދައްކާ ހަލާސްކޮށް އަމިއްލަ ކޮށްފައި ވަނީ 193 ފްލެޓެވެ. ދައުލަތަށް ކުލީގެ ގޮތުގައި 728 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އަދި 5099 ފްލެޓަކުން ދައުލަތަށް ގަވާއިދުން ނުލި ނުދައްކަ އެވެ. ގަވާއިދުން ކުލި ދައްކަނީ 3219 ފްލެޓަކުންނެވެ.
މިއީ ކުރީ ސަރުކާރުންނާއި އަދި މި ސަރުކާރުގެ ވެސް ވަރަށް ބޮޑު ޝަކުވާ އެކެވެ. ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހައުސިން ޔުނިޓުތަކުގެ %31-42 ފްލެޓަށް މަހުން މަހަށް ކުލި ނުދައްކާ ކަމަށް ވިދާޅުވެފަ އެވެ.
"މިކަމުގެ ސަބަބުން މާލީ ބުރަ ދައުލަތަށް ބޮޑުވެ މަޝްރޫއުތައް ދެކޮޅު ޖައްސަން ވަރަށް އުނދަގޫ." އޭނާ ވިދާޅުވި އެވެ.
މި ފަހުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވެސް ވަނީ މި ވާހަކަ ދައްކަވައިފަ އެވެ. ދިވެހިރާއްޖޭގެ އަޑަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓަށް ކުލި ނުދައްކާތީ ލޯނު ނަގައިގެން އިތުރު ހައުސިން މަޝްރޫއުތައް ހިންގަން ހުރަސްތަކެއް ހުރެ އެވެ.
"ހާއްސަކޮށް 7،000 ފްލެޓުން ލިބޭ ފައިސާ ވަންނަން ޖެހެނީ ބޭންކާ އެކު ހަދާފައި އޮންނަ ވަކި އެސްކްރޯ އެކައުންޓަކަށް. އަދި މިނިމޭ 4،000 ޔުނިޓު ވެސް އިންޑިއަން އެގްޒިމް ބޭންކުގެ އެސްކްރޯ އެކައުންޓަކަށް ވަންނަން ޖެހެނީ. ބޭންކަށް އެނގޭނެ ކިހާ ވަރެއްގެ ފައިސާއެއް ކަން ލިބެނީ،" މުއްތަލިބް ވިދާޅުވި އެވެ.
ސޯޝަލް ހައުސިން މަޝްރޫއުތަކަކީ ދައުލަތަށް ހިންގަން ދަތި އަދި މާލީ ބުރަވެސް އެހާ ބޮޑު ކަމެކެވެ.
ހަމަ އެގޮތަށް ބޯހިޔާވެހިކަމުގެ މައްސަލައަކީ ޒަމާންތަކަކަށް ހައްލު ނުވެ އިޖްތިމާއީ އެންމެ ބޮޑު މައްސަލަ އެވެ. އާންމުންގެ ކަންބޮޑުވުމާއި މާޔޫސްކަން އަދި ހިތްހަމަ ނުޖެހުން ވެސް ބޮޑުވެފައި އޮތް މައްސަލައެކެވެ.
ނަމަވެސް ކުލި ނުދައްކާ މައްސަލައިގެ ބަހުސްގައި ހަމައެކަނި ސަރުކާރުތަކުން ރައްޔިތުން ގޯސްކޮށްގެން ނުވަތަ ރައްޔިތުންނަށް ފިޔަވަޅު އެޅުމަކީ އޮތް ހަމައެކަނި ހައްލެއް ނޫނެވެ. މިކަމުގައި ސަރުކާރު ޒިންމާ ނަގަން ޖެހޭ ކަންކަން ވެސް މަދެއް ނޫނެވެ.
ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަންކަން
ސަރުކާރުން ހަވާލު ކުރިޔަސް ނުވަތަ އަމިއްލަ ބައެއްގެ އަތުން ގަތް ނަމަވެސް އެ ބަޔަކު ދިރިއުޅޭ ތަނަކަށް ކުލި ދެއްކުމަކީ އެ ފަރާތްތަކުގެ ޒިންމާއެކެވެ. ނަމަވެސް ރާއްޖޭގައި ކުލި ނެގުން އެހާ އުނދަގޫ ކަމަކަށް ވެފައި އޮންނަނީ ހަމައެކަނި މީހުންގެ ޒިންމާދާރު ކުޑަ ކަމަކުން ނޫނެވެ. މީހުން ކުލި ދައްކަން މާ ބޮޑު ސަމާލު ކަމެއް ނުދޭ އެއް ސަބަބަކީ ސަރުކާރުތަކުގެ ސިޔާސަތުތައް ބައްޓަންކުރާ ގޮތުންނެވެ.
- އެގްރީމަންޓާ ހިލާފުވިޔަސް ފިޔަވަޅެއް ނާޅާ!
އެގްރީމަންޓާ ހިލާފުވުމުގެ އެތައް މިސާލެއް ހުޅުމާލެ ހިޔާ ފްލެޓުތަކަށް ބަލައިލުމުން ފެންނާނެ އެވެ. ފްލެޓަށް ވަނުމުގެ ކުރިން ބޯ އެގްރީމަންޓެއްގައި ކޮންމެ ވެރިފަރާތަކުން ސޮއި ކުރި ނަމަވެސް އެއަށް އަމަލު ކުރާ ވަރާމެދު ސުވާލު އުފެދެ އެވެ.
އެންމެ ހާލުގައި އުޅޭ މީހުން ދިރިއުޅެން ދިން ތަންތަނުގައި އެގްރީމަންޓާ ހިލާފަށް ކުރާ ހަމައެކަނި ކަމަކީ ކުލި ނުދެއްކުމެއް ނޫނެވެ. ވިޔަފާރިވެރިންގެ ބޮޑެތި ގުދަންތައް ވަގަށް އެބަ ހިންގަ އެވެ. ޑްރަގް އައްޑާތައް އެބަ ރަން ކުރެ އެވެ. ފްލެޓުގެ އިމާރާތުގެ ސްޓްރަކްޗާ އަށް ބަދަލު އަންނަ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް ކުރެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ގުޅިގެން އެގްރީމަންޓް ބާތިލެއް ނުކުރެ އެވެ.

އެއް މިސާލަކީ ކައިރި ކައިރީ ހުރި ދެ ފްލެޓެއް ފާރު ތަޅާލައިގެން އެއްކޮށްލި މައްސަލަ އެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވުމާ ގުޅިގެން އެ މީހުން ޖޫރިމަނާކޮށް ތަން އަތުލަން އެޗްޑީސީން ނިންމި އެވެ. ނަމަވެސް ފަހުން ފާރު ރާނާނެ ކަމަށް ބުނުމުން އެތަން އަތު ނުލަން ނިންމި އެވެ. އަދި މިހާތަނަށް އައިއިރު އެ ޖޫރިމަނާ ދެއްކި ކަމެއް ނުވަތަ ނުދައްކާ ކަމެއް ސާފެއް ނުވެ އެވެ.
ހަމަ އެގޮތަށް މިދިޔަ އަހަރު ތެރޭގައި ހިޔާ ފްލެޓެއް ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. ހޯމް މިނިސްޓަރު އެ ސަރަހައްދަށް ވަޑައިގަތުމަށް ފަހު އެއީ ޑްރަގް ނެޓްވޯކެއް ހިންގާ އަދި ކުށް ކުރާ ފްލެޓެއް ކަމަށާއި އެތަން އަތުލާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިނިސްޓަރު އެ ވާހަކަ ވިދާޅުވި ފަހުން ވެސް ތަކުރާރުކޮށް އެ ފްލެޓުން ޑްރަގްގެ އެތައް މައްސަލައެއް ފެންމަތިވި އެވެ. އަދިވެސް އެތަން އަތެއް ނުލަ އެވެ. ފްލެޓުގެ ވެރިފަރާތަކަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރާ މީހުން ބުނާ ގޮތުގައި އެޗްޑީސީން ހިޔާ ފްލެޓު ބަލަހައްޓަނީ "ނަމެއްގަ" އެވެ. ތިރީގައި ގާޑެއް ހުރި ނަމަވެސް ވަކިވަކި ފްލެޓުތަކުގެ ހާލަތެއް މޮނިޓާއެއް ނުކުރެ އެވެ. ކުށް ކުރޭތޯ ނުވަތަ އިމާރާތުގެ ކަންކަން ހުރީ ރައްކާތެރިކޮށްތޯ ވެސް ނުބަލަ އެވެ.
އެހެން ބައެއް ޕްރައިވެޓް ތަންތަނުގައި އަދި ބޭރު ގައުމުތަކުގައި މިކަންކަން ބަލަހައްޓާ ވަރަކަށް ނުބަލަ އެވެ. ސޯޝަލް މީޑިއާގައި ކަމެއް ފެންމަތިވީމަ ނޫނީ ހިނގާ ކަމެއް ވެސް ނޭނގެ އެވެ.
ކުލި ނުދައްކާ ފަރާތްތަކަށް ވެސް ނޯޓިސް ފޮނުވާ މި މައްސަލަ ސީރިޔަސް ކޮށް ބަލަން ފެށީ އަދި މި ފަހުންނެވެ. އޭގެ ކުރިން އެއީ "ކުލި ނުދައްކާ މިލްކު ކޮށްދީފައި" ހުރި ތަންތަނެވެ.
2. ދެކޮޅު ނުޖެހޭ ސިޔާސަތުތައް
އާންމުންގެ ތެރޭ އޮންނަ އަނެއް ޝަކުވާއަކީ ސަރުކާރުތަކުން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެކެވެ. ހުޅުމާލެ 2 އަކުން އެ ފެންނަނީ އެ މަންޒަރެވެ.
ހިޔާ ފްލެޓުތަކުގައި ތިބޭ މީހުން މަހުން މަހަށް ކުލި ދައްކަން ޖެހެ އެވެ. ކުލިން ސަލާމަތްވެ "އަމިއްލަ" ވާން އޮތީ 25 ހަކަށް އަހަރު ވަންދެން މެދު ނުކެނޑި ކުލި ދައްކައިގެންނެވެ. ނަމަވެސް ހިޔާ ފްލެޓެއްގެ ބޭރުން ބަލާއިރު ފެންނަން ހުރި އެތައް ހާސް ގޯތިތަކުގެ އަގު އޭގެ އެތައް ގުނައެއް ބޮޑު ނަމަވެސް އެތަންތަން ދީފައި ހުރީ ހިލޭ އެވެ. އެއްވެސް އަގަކާ ނުލަ އެވެ.
"ހުޅުމާލެން މިލިއަނެއްހާ ޑޮލަރުގެ އަގުހުރި 1250 އަކަފޫޓުގެ ބިން އެއް ބަޔަކަށް ހިލޭ ބަހާފައި ހަމަ އެތަނުން 62 ހާސް ޑޮލަރުގެ ފްލެޓަަށް ފައިސާ ނަގަން އުޅުނީމަ އެކަން ތަންފީޒު ކުރަން ވަރަށް އުދަގޫވާނެ. އެކަން ޖަސްޓިފައި ކޮށްދޭންވެސް ދަތިވާނެ." ބޯހިޔާވެހިކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތު ކުރާ މިދުހަމް ސައުދު ވިދާޅުވެފައިވެ އެވެ.
އަނެއް ކަމަކީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކަނޑައެޅުމުގައި ބޮޑެތި ތަފާތު ކުރުންތައް ހުރުމެވެ. އެއް ސަރުކާރަކުން ޝަރުތު ކަނޑައެޅުމުގައި ގޭގޭގައި ހުރި ރެނދާއި މައްސަލަތަކަށް ބަލައި ގޭގެތަކަށް ގޮސްގެން ބޮޑެތި ސާވޭތައް ހަދާނެ އެވެ. އަނެއް ސަރުކާރުން ހަމައެކަނި ކޮޓަރި އާއި ފާހަނަ ހުރި އަދަދާ ގުޅޭ ގޮތުން މީހުން ހުށަހެޅި މައުލޫމާތަށް އެކަނި ބަލައި ރަނގަޅަށް ވެރިފައި ނުކޮށް ފްލެޓު ދީފާނެ އެވެ.
ހުރިހާ ސަރުކާރަކުން އަމަލު ކުރަން ޖެހޭ ޔުނިފައިޑް އެއް މިންގަނޑެއް ނެތެވެ. މީގެ ސަބަބުން މިހާރު ދީފައި ހުރި ފްލެޓުތަކާ ގުޅޭ ގޮތުން ވެސް އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ. ހައްގު ނޫން ބަޔަކަށް ފްލެޓް ދީފައި ހުރުމަކީ ވެސް މީހުން ކުލި ދައްކަން ދެކޮޅު ހަދާ ސަބަބެކެވެ. -- އެކަމަކު އެއީ ވެސް ކުލި ނުދައްކަން އޮތް ހުއްޖަތެއް ނޫނެވެ.
3. އުނދަގޫ ހާލަތުގެ ސިޔާސީ ފައިދާ ނެގުން
ފްލެޓު އަޅަން ހަރަދު ބޮޑު ވާހަކަ ސަރުކާރުތަކުން ދައްކަ އެވެ. ލޯނު ހޯދަން އުނދަގޫ ވާހަކަ ދައްކަ އެވެ. ބަލަހައްޓަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ.
ބޮޑު ހަރަދުތަކެއް ކުރަން ޖެހުނަސް ކޮންމެ ސަރުކާރަކުން ވެސް ހައުސިން މަޝްރޫއެއް ފެށުމުގެ ސަރުކާރަށް ވީހާވެސް ގެއްލުން ކުޑަ ވާނެ ގޮތަށް އަދި އާންމުންނަށް ވީހާވެސް ކުޑަ ކުއްޔެއްގައި ދެވޭނެ ގޮތަށް ދިރާސާތައް ހަދައި ހިސާބުތައް ޖަހަ އެވެ. އަދި އެގޮތަށް ސަރުކާރުން ފްލެޓް މަޝްރޫއު އިއުލާން ކޮށްގެން އަގުތައް ކަނޑައެޅި ނަމަވެސް ދެން ފެންނަނީ "ސިޔާސީ އިފެކްޓު" ޖެހޭ ތަނެވެ.
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓާއި އަދި އެހެނިހެން ފްލެޓްތަކުގެ ވެސް ކުލި ކުޑަ ކުރަން މިހާތަނަށް ސަރުކާރުން ނިންމާފައި ވަނީ އިންތިހާބުތަކާ ދިމާކޮށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިޔާ ފްލެޓުގެ ކުއްޔަކީ 10،000ރ. އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ބުނަމުން ގެންދިޔައީ އެއަށްވުރެ ކުޑަކޮށްގެން ދެކޮޅެއް ނުޖެހޭނެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ހަ މަހަށް ވެފައި އޮއްވާ ކުލި 6300ރ. އަށް ކުޑަ ކުރި އެވެ. ކުއްލިއަކަށް ދެކޮޅު ޖެހުނީ އިންތިހާބު ބޯމަތީގައި އޮތުމުންނެވެ.
ނަމަވެސް އޭރު ރިޔާސީ ކެނޑިޑޭޓަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކުލި އިތުރަށް ކުޑަ ކުރަން ވައުދުވެފަ އެވެ. އަދި މި ސަރުކާޜުން ވަނީ ހިޔާ ފްލެޓުގެ ކުލި 3900ރ. އަށް ކުޑަ ކޮށްފަ އެވެ. މާކެޓްގައި ދެ ކޮޓަރީގެ އެޕާޓްމަންޓް 18،000-20،000ރ. އަށް ދޭ އިރު ހިޔާ ފްލެޓުތައް އެ ދެނީ އޭގެ އެތައް ގުނައެއް ކުޑަކޮށެވެ.
އޭގެ އިތުރުން:
- ފޭސް 1 ގެ ފްލެޓުތަކުގެ ކުލި ކުޑަ ކުރަން ނިންމި
- ސިފައިންނާއި ފުލުހުންގެ ފްލެޓް ކުލި ދެއްކުން އަހަރަކަށް ފަސްކޮށްދިން
- ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަ ކުރަން ނިންމި
- ހިޔާ ފްލެޓު ހަދަން ދިޔަ އަދަދު ކުލިން ކަނޑަން ނިންމި
ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް ކުލި ކުޑަ ކުރުމާއި ދައުލަތަށް އެފޯޑް ނުވާ ވަރުގެ ބޯހިޔާވެހިކަމުގެ ވައުދުތައްވި ނަމަވެސް އެކަންކަން ތަންފީޒު ކުރަން ބަލާއިރު ސަރުކާރުގެ ހަރަދުތައް އެތައް ގުނައަކަށް އިތުރުވެ އެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތު ވެސް އޮތީ ބާ އިމާރާތަކަށް ވުރެ ބަލިކަށިކޮށެވެ. ހަރަދު ކުޑަ ކުރަން މަޖުބޫރުވެފަ އެވެ. ވީހާވެސް ގިނަ އާމްދަނީއަކަށް ބޭނުން ޖެހިފަ އެވެ.
ފަސް އަހަރުން އެއް ފަހަރު ފްލެޓާއި ސައިކަލް ޖޫރިމަނާތަކާއި އެހެނިހެން ކަންކަން ވެސް ސަރުކާރުން މާފު ކޮށްދޭ އުސޫލުން މިދިޔަ ހުރިހާ ސަރުކާރަކުން އަމަލު ކުރާތީ އޭގެ ގެއްލުން ވަނީ ހަމަ ސަރުކާރަށެވެ. ރައްޔިތުންނަށް ދަސްވެފައި އޮތީ "ސަރުކާރު ފްލެޓަކަށް ކުލި ނުދެއްކިޔަސް އޯކޭ" ވިސްނުމެކެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނެތެވެ. ކުލި ކުޑަ ކުރިޔަސް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދެނީ އެވެ. ސަރުކާރަށް އޭގެން ވަކި ލާރިއެއް ވެސް ނުވަދެ އެވެ.
ހައްލަކީ ކޮބާ؟
ސަރުކާރުން މިހާރު ވަނީ މި މައްސަލަ ހައްލު ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މައްސަލާގައި ބައެއް ހައްލުތައް މުއްތަލިބް ވިދާޅުވި އެވެ؛
- ގާނޫނީ ހައްލެއް
މުއްތަލިބް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ބޯހިޔާވެހިކަމުގެ ބިލު ފާސްވެ ގާނޫނަކަށްވުމުން މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ އެވެ. އެއީ މިހާރު ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕަޗޭސް އެގްރިމަންޓު އުސޫލުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް އަނބުރާ ފްލެޓުތައް ނަގަން ކޯޓު މަރުހަލާ އަށް ދާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އާ ގާނޫނަށް އަމަލުކުރަން ފެށުމުން ކޯޓަށް ނުގޮސް ފަސޭހަކަމާއެކީ ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
2. ކުލި ނުދައްކާ މިލުކު ނުވާ ގޮތް ހެދުން
ސަރުކާރުން އަޅަން ނިންމާފައިވާ އަނެއް ފިޔަވަޅަކީ 4000 ފްލެޓުތައް ދޫކުރާ އިރު 25 އަހަރުގެ އެގްރީމަންޓެއް ހެދުމެވެ. އަދި ވަކި މުއްދަތަކަށް ކުލި ދައްކާ ނިމުމުން ނޫނީ އެ ފްލެޓުތައް މިލްކު ނުކުރެވޭ ގޮތަށް ހަދަން ވަނީ ނިންމައިފަ އެވެ.
3. ނޯޓިސް ފޮނުވައި ޒިންމާ އަދާކުރުން.
ފްލެޓަށް ކުލި ނުދައްކާ އެތައް އަހަރެއްވާ އިރުވެސް މިއަދާ ހަމައަށް ވެސް އެތަންތަނަށް ނޯޓީސް ނުފޮނުވަ އެވެ. އެޗްޑީސީން ނޯޓިސް ފޮނުވުމުގެ މަސައްކަތް ފެށީ މި ފަހުންނެވެ. އަދި ހަމައެކަނި ނޯޓިސް ފޮނުވުމުގެ އިތުރުން ކުލި ނުދައްކާނަމަ ޖެހިލުން ނުވެ ފިޔަވަޅު އަޅަން ވެސް ޖެހެ އެވެ.
މީގެ އިތުރުން ސަރުކާރުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ބޯހިޔާވެހިކަމާ ގުޅޭ ދެކޮޅު ޖެހޭ ސިޔާސަތުތަކެއް ހެދުމެވެ. އަދި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ވާނެ ގޮތަކަށް އެ ސިޔާސަތުތައް ތަންފީޒު ކުރުމެވެ. ބޯހިޔާވެހިކަމުގެ ސިޔާސަތަކީ ކޮންމެ ފަސް އަހަރުން އެއް އަހަރު ބަދަލުވާ އެއްޗަކަށް ނުހެދުމެވެ. އަދި ސިޔާސީ ފައިދާ އަށް ރައްޔިތުންނަށް ނުވާ ވަރުގެ ވައުދުތައް ނުވުމެވެ. އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ތަހަންމަލު ކުރަނީ ރައްޔިތުންނެވެ. އަދި އާހިރުގައި ސަރުކާރެވެ.