ދައުލަތުގެ އިދާރާތަކުގެ ތެރޭ ކޮރަޕްޝަން ހިންގައި ނިމި ތަން ހަފުސްވާ ފަހުން ނޫނީ އޮޑިޓް ރިޕޯޓުތައް ނުނެރެނީ ކީއްވެ ހެއްޔެވެ؟
މިދިޔަ 10 އަހަރަށް އެކަނި ބެލިޔަސް އެ ނޫން ގޮތަކަށް އެކަން ހިނގާފައިވާ ތަނެއް ނުފެނެ އެވެ. މި ފަހުގެ މިސާލެކެވެ. ޔޫތު މިނިސްޓްރީގެ އޮޑިޓްތަކުން ދައުލަތަށް އެތައް މިލިއަން ރުފިޔާ ގެއްލުންވާ ގޮތަށް އަމަލު ކޮށްފައި އޮތުމާއި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހިނގާފައި ހުރި ކަން ފާހަގަ ކޮށްފައިވީ ނަމަވެސް, އެއީ މީގެ ހަތް އަހަރު ކުރީގެ ރިޕޯޓެކެވެ.
ފެނަކަ ކުންފުނި ތެރޭގައި ބޮޑެތި ހިޔާނާތްތައް ހިނގައި ނަހަމަ ގޮތުގައި ވަޒީފާ ދޭ ކަމުގެ ތުހުމަތުތައް އޮންނަތާ ފަސް އަހަރު ފަހުން އޮޑިޓް އޮފީހުން އެ މައްސަލައިގެ ތެރެއަށް ވަދެ ބެލިއިރު ދައުލަތަށް އޮތީ ބިލިއަނުން ގެއްލުންވެ, ކުންފުނި ސަލާމަތް ނުކުރެވޭ ހިސާބުގަ އެވެ.
ވެންޓިލޭޓަރު ކޮރަޕްޝަންގެ ވާހަކަ ވެސް ފަޅާ އެރީ އޮޑިޓް އޮފީހުން އިސްވެ ކުރި މަސައްކަތަކުން ނޫނެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ކަންކަމުގައި ސަރުކާރުން ހަރަދުކޮށްފައިވާ ގޮތުގެ ކޮމްޕްލަޔަންސް އޮޑިޓެއް 45 ދުވަސް ތެރޭގައި ހަދަން މަޖިލީހުން އެނގުމާ ގުޅިގެން ކުރި މަސައްކަތެކެވެ.
އެ ތާރީހު ފަސް ކުރަން އޮޑިޓް އޮފީހުން އެތައް ފަހަރަކު ކޮމިޓީގައި އެދިގެން އެތައް ދުވަހެއް ފަހުން ރިޕޯޓު ނެރުނު އިރު އެ މައްސަލައިގައި ހިމެނޭ މުހިންމު ސަސްޕެކްޓުން ރާއްޖޭން ފުރައިގެން ގޮސް އެ ކުންފުނި ވެސް ގެއްލިއްޖެ އެވެ.
އޭގެ ވެސް ކުރިޔަށް ބަލާނަމަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކަން ހިނގީ ވެސް އެގޮތަށެވެ. ހިޔާނާތުން ރަށްތައް ވިއްކައި ހުސް ކުރަމުން އަންނަތާ އަހަރުތަކެއްވި އިރު "ނިދާފައި އޮތް" އޮޑިޓް އޮފީހުން އެކަން ކުރަން ފެށީ ހުރިހާ ކޮރަޕްޝަނެއް ފަޅާއަރައި ތުހުމަތު ކުރެވޭ މީހުން ފިލައިގެން ގޮސް އަދި އެކަން ކުރަން ސަރުކާރުން ވަކިން އެންގުމުންނެވެ.
އޭގެ ފަހުން ވެސް އެތައް ދުވަހެއް ފަސް ކުރުމަށް ފަހު އޮޑިޓް ރިޕޯޓު ނެރުނު އިރު އާ ވާހަކައެއް ނެތެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިނގާ ކޮރަޕްޝަންތައް އިސްވެ ބަލައި ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނަ މި މުއައްސަސާ އިން އަބަދުވެސް އޮންނަނީ ފަހަތުގަ އެވެ. އެ އޮފީސް ވެފައި އޮންނަނީ ކޮރަޕްޝަންތައް ހިންގާ ނިމޭ ފަހުން ވީގޮތް ހާމަ ކުރާ އިދާރާއަކަށެވެ.
އެހެން އިދާރާތަކާއި މުއައްސަސާތަކުގެ މައްސަލަތައް ފާހަގަ ކުރާ އޮޑިޓާ ޖެނަރަލް އޮފީހަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއްތޯ ބަލައިލަން ޖެހެ އެވެ.
އޮޑިޓު އޮފީހުން މާލިއްޔަތު ގާނޫނާ ހިލާފުވާ ގޮތް!
އޮޑިޓު އޮފީހަކީ ދައުލަތު ހުރިހާ އިދާރާތަކެއް މާލިއްޔަތު ގާނޫނާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބަލައި ކަންކަން އިސްލާހު ކުރުމާއި ފިޔަވަޅު އަޅަން އަންގާ އިދާރާ އެވެ. އެހެން ނަމަވެސް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ހުރި ބައެއް ކަންކަމާ އެ އޮފީހުން ހިލާފަށް އަމަލު ކުރާކަން އޮތީ ފެންނާށެވެ.
މާލިއްޔަތު ގާނޫނުގައި ދައުލަތުގެ އިދާރާތަކުގެ އޮޑިޓްގެ މަސައްކަތްތައް ނިންމަން ޖެހޭ ގޮތުގެ ޓައިމްލައިން އޮތީ ލިޔެފަ އެވެ. އެ ގާނޫނުގެ 35 ވަނަ މާއްދާ އިން ފެށިގެން 40 ވަނަ މާއްދާ އަށް ވަނީ ދައުލަތުގެ އިދާރާތަކުން މަޖިލީހުން ފާސް ކުރި ބަޖެޓަށް އަމަލު ކުރި ގޮތުގެ ރިޕޯޓާއި، އާމްދަނީ އާއި ހަރަދުގެ ރިޕޯޓާއި މާލީ މުއާމަލާތްތަކާ ބެހޭ ރިޕޯޓު ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ ގޮތް ބަޔާން ކޮށްފައިވެ އެވެ. އެއީ؛
ޖެނުރައީ - މާލީ އަހަރު ނިމޭތާ އެއް މަސް ތެރޭގައި މިނިސްޓަރުގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތުތައް މާލީ ޒިންމާދާރުވެރިޔާ އާ ހަވާލުކުރަން ޖެހޭ
މާޗު - ތިން މަސް ތެރޭގައި މާލީ ޒިންމާދާރުވެރިޔާ އެ ރިޕޯޓުތައް ތައްޔާރު ކުރުމަށް ފަހު އޮޑިޓާ ޖެނަރަލް އަށް ހުށަހަޅަން ޖެހޭ
މޭ - ރިޕޯޓުތައް އޮޑިޓާ ޖެނަރަލް އަށް ލިބޭތާ ދެ މަސް ތެރޭގައި އޮޑިޓް ކޮށް ނިންމަން ޖެހޭ
ޖޫން - އޮޑިޓާ ޖެނަރަލް ރިޕޯޓު ނިމުމަށް ފަހު އަނބުރާ މާލީ ޒިންމާދާރުވެރިޔާ އަށް ފޮނުވާތާ އެއް މަސް ތެރޭ ރައީސްއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭ
އިތުރު ތާރީހުތައް:
- އިދާރާގެ މާލީ ޒިންމާދާރުވެރިޔާ އޮޑިޓް ރިޕޯޓު މުއްދަތުގައި (މާޗުގެ ނިޔަލަށް) ރިޕޯޓު ނުފޮނުވައިފި ނަމަ 14 ދުވަސް ތެރޭގައި މަޖިލީހާއި ރައީސަށް އެކަން އަންގަވަން ޖެހޭ
- ގައުމީ ފެންވަރެއްގައި ބާއްވާ ބޮޑޭތި ހަރަކާތްތައް ހިންގާ ނިމޭތާ 45 ދުވަސް ތެރޭގައި އޮޑިޓް ރިޕޯޓު ތައްޔާރު ކުރަން ޖެހޭ.
- ދައުލަތުގެ އޮފީހެއް އުވާލައިފި ނަމަ އުވާލާތާ ދެ މަސް ތެރޭގައި އޮޑިޓް ރިޕޯޓު ތައްޔާރު ކުރަން ޖެހޭ.
މި ތާރީހުތައް މިހެން ލިޔެފައި އޮންނަނީ ދައުލަތުގެ އިދާރާއެއް ނުވަތަ ކުންފުންޏެއްގެ މާލީ އަހަރެއް ނިމޭތާ ގާތްގަނޑަކަށް ހައެއްކަ މަސް ތެރޭގައި އެ އިދާރާއަކުން މާލީ ކަންކަން ކޮށްފައި އޮތް ގޮތުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތް ހެދުމެވެ. އަދި އެ މައުލޫމާތުތައް އާންމުވެ ދެން އަންނަން އޮތް އަހަރުތަކަށް އެކަންކަން އިސްލާހު ކުރުމާއި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.
ނަމަވެސް އެ އޮފީހުން އާންމު ކުރާ ކޮންމެ ރިޕޯޓެއް އޮންނަނީ މަދުވެގެން ފަސް އަހަރު ފަހަތުގަ އެވެ.
އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި އަދި ދައުލަތުން ގްރާންޓު ދޭ ތަންތަން ވެސް އޮޑިޓް ކުރެވެން އޮންނަ އިރު މިއިން އެއްވެސް ކަމެއް އެންމެ ރަނގަޅަށް ނުހިނގާ ކަން ފެންނަން އެބައޮތެވެ.
ބެކްލޮގް ބޮޑު، ޒިންމާއެއް ނުކުރުވާ!
އޮޑިޓް އޮފީހުން މައިގަނޑު ގޮތެއްގައި ހަދަނީ ފައިނޭންޝިއަލް ސްޓޭޓްމަންޓް އޮޑިޓްތަކާއި ކޮމްޕްލައިޔަންސް އާއި ސްޕެޝަލް އޮޑިޓްތަކާއި ޕަފޯމަންސް އޮޑިޓްތަކެވެ. އެ އޮޑިޓުތައް ހަދާ ނިމުމަށް ފަހު ވެބްސައިޓުގައި އާންމުވެސް ކުރެ އެވެ.
ވެބްސައިޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު އޮޑިޓް އޮފީހުން އެންމެ ފަހުން އާންމު ކޮށްފައި ވަނީ ގިނަ އިދާރާތަކުގެ މީގެ ތިން ނުވަތަ ހަތަރު އަހަރު ކުރީގެ އޮޑިޓުތަކެވެ. އަދި ކޮންމެ އަހަރަކު އާންމު ކުރާ އޮޑިޓުތައް ވަކިވަކިން ބަލާލެވޭ އިރު އަބަދުވެސް ތިނެއް ނޫނީ ފަސް އަހަރުގެ ބެކްލޮގެއް އޮންނަ ކަން ފާހަގަ ކުރެވެ އެވެ.
އޮޑިޓު އޮފީހުން ކުންފުނިތަކުގެ އޮޑިޓުތައް ކޮށްފައިވާ ގޮތަށް ބަލާއިރު ނުނިންމާ އެންމެ ގިނަ ދުވަސްވެފައި ވަނީ ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ހަވާލު ކުރާ އަދި އެންމެ ގިނަ ފައިސާތައް ދައުރުވާ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތަކެވެ. އެގޮތުން;
އޮޑިޓް ނުނިމި 5 އަހަރު ލަސްވެފައިވާ ކުންފުނިތައް:
- އާރްޑީސީ
- ޕީއެސްއެމް
- ކައްދޫ އެއާޕޯޓްސް ކޮމްޕެނީ
އޮޑިޓް ނުނިމި 4 އަހަރު ލަސްވެފައިވާ ކުންފުނިތައް:
- ވެމްކޯ
- އެގްރޯ ނެޓް
- ބިޒްނަސް ސެންޓާ ކޯޕަރޭޝަން
- ފެނަކަ
- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކެޕިޓަލް ލިމިޓަޑް
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
- އެމްއައިޓީޑީސީ
- ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ
އޮޑިޓަ ޖެނަރަލް އޮފީހުން މައްސަލަތައް ނުނިމި ލަސްވާ މައްސަލާގައި 2019 ވަނަ އަހަރު ހެދި ޕަފޯމަންސް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ގިނަ ފަހަރަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދިނުމެވެ. އެހެން ނަމަވެސް އޮޑިޓުތައް ލަސްވާތީ ދައުލަތަށް އެތައް މިލިއަނުން ގެއްލުންވެދާއިރު ނޭނގި އޮންނަ އިރު އެއްވެސް އިދާރާއެއް މައުލޫމާތު ނުދީގެން ފިޔަވަޅެއް އަޅާފައިނުވެ އެވެ.
އޮޑިޓް ރިޕޯޓުތައް ލަސްވުމާއި މިފަދަ މައްސަލައެއް ފާހަގަވާނަމަ ބެލުމުގެ ޒިންމާ އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ވަކިން ހާއްސަކޮށް މާލިއްޔަތު ކޮމިޓީއަށެވެ.
ނަމަވެސް ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވާ އޮޑިތް އޮފީހުން މަލިއްޔަތު ގާނޫނާ ހިލާފުވަމުން ދާއިރު ވެސް މާލިއްޔަތު ކޮމިޓީ އަކުން މިހާތަނަށް އެ މައްސަލަތައް ނަގައިގެން ބަލާފައެއް ނެތެވެ. އަދި އޮޑިޓްތައް ލަސްވަނީ ކީއްވެގެންތޯ ސުވާލެއް ނުކުރެ އެވެ. އަދި އޮޑިޓްތައް ލަސްވެ ޒިންމާ އަދާ ނުކުރެވޭ މައްސަލާގައި މިހާތަނަށް އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅާފައި ނެތެވެ.
"އަވަސްކުރަން" ހެދި ގަވާއިދުން ކޮރަޕްޝަނަށް ދޮރެއް؟
އޮޑިޓް އޮފީހުގެ މަސައްކަތްތައް ލަސްވި ނަމަވެސް މިއަދާ ހަމައަށް ވެސް އެ އޮޑިޓްތަކުގެ ކޮލިޓީ އާ މެދު މާ ގިނަ ބަޔަކު ސުވާލެއް ނުއުފައްދަ އެވެ. ސަބަބަކީ ފަސް އަހަރު ފަހުން ވިޔަސް އާންމު ކުރާ ބައެއް އޮޑިޓުތަކުގައި ކަނޑައެޅިގެން ހިންގާފައި ހުރި ބައެއް ކޮރަޕްޝަންތަކާއި މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ދިރާސާ ކޮށްފައިވާ ރަނގަޅު ރިޕޯޓުތައް ހުރެ އެވެ.
އެހެން ނަމަވެސް އޮޑިޓް އޮފީހުން ޖެނުއަރީ 31، 2022 ގައި ވަނީ އެ މަސައްކަތާ މެދު ވެސް ސުވާލު އުފެއްދޭނެ ފަދަ ގަވާއިދެއް ގެޒެޓު ކޮށްފަ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެވެ.
އެ ގަވާއިދުން ވަނީ އޮޑިޓް ރިޕޯޓުތައް އޮޑިޓާ ޖެނަރަލް އޮފީހުން ހެދުމުގެ ބަދަލުގައި އެ ކުންފުންޏެއްގެ ބޯޑުން އަމިއްލަ އަށް ކަނޑައަޅާ އޮޑިޓް ފާމް އަކުން ކުރާ ގޮތަށް ހަދައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި އޮޑިޓް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހަކީ ދައުލަތުގެ އިދާރާތަކުގެ އޮޑިޓުތައް އަމިއްލަ އަށް ހެދޭނެ ގާބިލްކަން ހުރި އަދި ނެތް ނަމަ އެ ގާބިލްކަން ދައުލަތުން ފޯރު ކޮށްދޭން ޖެހޭނެ މުއައްސަސާއެކެވެ. އެހެންވެ އިތުރު ގަވާއިދެއް ހަދައި އެ މަސައްކަތް ކުރުމަށް ޕްރައިވެޓް ފާމްތަކަށް ދިނުމުގެ ބޭނުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޕްރައިވެޓް އޮޑިޓް ފާމްތަކުން އެސްއޯއީތަކުގެ އޮޑިޓް ހަދަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލުމުގެ ބޭނުމެއް ކަމުގައި ބޮޑަށް ބެލެވެނީ އެއީ އެ އޮފީހުގެ ބެކްލޮގްތައް ފިލުވުމާއި އެ މަސައްކަތް ގަވާއިދުން އަދާ ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ގަވާއިދެއް ހެދުމުގެ މައިގަނޑު ބޭނުމެއް ކަމަށް ބޮޑަށް ބެލެވެނީ އޮޑިޓާ ޖެނަރަލް އޮފީހުން މިކަމުން ސަލާމަތްވާން. އެ އޮފީހަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރެވޭތީ ޕްރައިވެޓް ފާމްތަކާ ހަވާލު ކުރުން." އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ވާހަކަ ދެއްކެވި އޮޑިޓް ފާމްއެއްގައި މަސައްކަތް ކުރާ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގަވާއިދުގެ ދަށުން އެސްއޯއީތަކާ ހަވާލު ކުރި ފަހުން އެ ކުންފުނިތަކުން އޮޑިޓުތައް ހެދުމަށް އަބަދުވެސް ހަވާލު ކޮށްފައި ހުންނާނީ ގާތްގަނޑަކަށް އެއްބަޔަކާ އެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން ވިދިވިދިގެން ހަތަރު އަހަރު ވަންދެން އެއްބަޔަކާ އޮޑިޓް ކުރުމަށް ހަވާލު ކުރެވިދާނެ އެވެ. އެއަށް ފަހު ރޮޓޭޓް ކުރަން ޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އޭގެ ސަބަބުން ކޮރަޕްޝަނަށް ދޮރެއް ހުޅުވިފައި އޮންނަ ކަމަށާއި ޝައްކު އުފެދޭ އެތައް ކަމެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް ޕްރައިވެޓް ފާމްތަކުން މި މަސައްކަތް ކުރަނީ ވިޔަފާރި ވިސްނުމެއްގައި. ފާރަވެރިވުމަށް އުފައްދާފައި އޮތް ދައުލަތުގެ އޮޑިޓް އޮފީސް ގޮތަށް މަސައްކަތެއް ނުކުރާނެ." އޭނާ ވިދާޅުވި އެވެ.
"ވިޔަފާރި ވިސްނުމެއްގައި މަސައްކަތް ކުރާ އިރު އެ ކުންފުންޏެއް ބޭނުން ނުވާ ގޮތަކަށް އޮޑިޓް ކުރިޔަށް ގެންދަންޏާ އެ މީހުން އަތުން މަސައްކަތް އަތުލުމުގެ ފުރުސަތު އޮންނާނެ. އެހެންވެ ޕްރޮޖެކްޓު ހަތަރު އަހަރަށް ބޭނުން ނަމަ މެނޭޖްމަންޓުން ހެޕީ ވާ ގޮތަށް އެކަން ކުރެވޭނެ. އެ ދޮރު އޮތީ ހުޅުވިފައި. އެކަން ހިނގާ ކަމުގެ ތުހުމަތު ވެސް އޮވޭ."
އިސްލާހުކުރަން ލަފާދޭ ގޮތް:
ދައުލަތުގެ އިދާރާތަކުން މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަމަލު ނުކުރާ ކަމާއި މާލީ ބޮޑެތި މައްސަލަތައް ހުރި ވާހަކަތައް ހާމަ ކުރަމުން އަންނަ އޮޑިޓް އޮފީސް ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ބަޔަކު ނުވެ އެވެ. އެ ޒިންމާ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އަށް ހަވާލުވެފައި އޮތް ނަމަވެސް އޮޑިޓުތައް ލަސްވެ ދައުލަތަށް އެތައް ބިލިއަނުން ގެއްލުންވެފައި ހުރި އިރު ވެސް އެ މައްސަލާގައި މިހާތަނަށް އެ މުއައްސަސާ ޖަވާބުދާރީއެއް ނުކުރުވަ އެވެ. ފިޔަވަޅެއް ވެސް ނާޅަ އެވެ.
ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މި މައްސަލަ އަށް އޮތް އެންމެ ބޮޑު ހައްލަކީ އޮޑިޓް އޮފީހަށް ރައްޔިތުންގެ މަޖިލީހުން ޕްރެޝާ ކުރުމެވެ. ވަކި މުއްދަތެއް ތެރޭގައި މިހާރު ހުރި ބެކްލޮގް އެއްކޮށް ކްލިއާ ކުރުމާއި ސިއްރު ކޮށްފައި ހުރި އޮޑިޓް ރިޕޯޓުތައް ހާމަ ކުރަން އެންގުމެވެ.
އެކަން ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޒިންމާ އަދާ ކުރުމާއި އޮޑިޓް އޮފީހުން އެ މަސައްކަތް ނުކުރާނަމަ ފިޔަވަޅު އަޅަން ޖެހެ އެވެ.
މިހާރު އެކުލަވާލާފައި އޮތް ގަވާއިދު ވެސް އުވާލުމާ އެކު އަހަރުން އަހަރަށް އޮޑިޓްތައް ނެރެ އާންމުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި މައުލޫމާތު ދިނުން ލަސްވާ އިދާރާތަކާ މެދު ފިޔަވަޅު އަޅުން ވެސް އަވަސް ކުރަން ޖެހެ އެވެ. ނޫނީ އޮޑިޓް އޮފީސް ވެފައި އޮންނާނީ ކަން ނިމޭ ފަހުން ހަމައެކަނި ދަފްތަރު ބަލަހައްޓާލާ ބަޔަކަށެވެ.