މޫސާ ރަޝީދު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު, މަގާމު ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން ޖެހުނީ މަހާޒު ކުރެއްވި ފޯނު ކޯލެއްގެ ސަބަބުންނެވެ. އެ ފޯނު ކޯލްގެ ސަބަބުން ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ނަޒާހަތްތެރިކަމުގެ ސިފަ ގެއްލުނީތީ އެވެ. އެ ބޭފުޅުން މަގާމުން ވަކިކުރި ދުވަހު ނޫން އަނެއް ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގައި އޮތީ ހަމަ ފޯނު ކޯލެއްގެ މައްސަލަ އެވެ; އެއީ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން, ފުލުހުންގެ ކޮމިޝަނަރު ހުސެއިން ޝުޖާއުއަށް ކުރެއްވި ފޯނު ކޯލެވެ.

އެ ފޯނު ކޯލަކީ ވެސް ނުފޫޒުގެ ފޯނު ކޯލެއް ކަމާއި އޭގެ ސަބަބުން މިނިސްޓަރުގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ބަހުސްކުރީ އެވެ. އެކަމަކު، މިނިސްޓަރުގެ ފޯނު ކޯލާއި ފަނޑިޔާރުންގެ ފޯނު ކޯލްއާ މެދު މަޖިލީހުން ދެކުނު ގޮތް ވަރަށް ތަފާތެވެ.

މަހާޒްގެ ކޯލް: ދެ ފަނޑިޔާރުންގެ މަގާމް ގެއްލުން

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ ފަހަތުގައި އޮތީ މަހާޒު ކުރެއްވި ފޯނު ކޯލެކެވެ. އެ ފޯނު ކޯލް މަހާޒު, ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް ކުރެއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވަން ކަން ޖޭއެސްސީންނާއި މަޖިލީހުން ވަނީ ސާބިތުކޮށްފަ އެވެ.

މި ފޯނު ކޯލްގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މަހާޒު ފޯނު ކުރެއްވިއިރު، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ވަނީ ބަންދުން ދޫކޮށްފަ އެވެ. މަހާޒު އެ ފޯނު ކުރެއްވީ ނުފޫޒެއް ފޯރުވަން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ފޯނު ކޯލުން ނުފޫޒު ފޯރުވަން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ގާޒީ ވަނީ ބަޔާން ދެއްވައިފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވާ އެފަދަ ފޯނު ކޯލެއް ކުރައްވައިގެން ނުވާނެ އެވެ. އެއީ ޖޭއެސްސީން ބެލި ހަމަ އެވެ.

ފޯނު ކޯލް ކުރެއްވީ މަހާޒެވެ. އެކަމަކު، އެ ފޯނު ކޯލަކީ އަޒްމިރަލްދާ ވިދާޅުވެގެން ކުރެއްވި ކޯލެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ މަހާޒުގެ އެ ފޯނު ކޯލްގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އަޒްމިރަލްދާ ވިދާޅުވެ، އެކަން ސާބިތުކުރަން ހެކި ވެސް ހުށަހަޅާފައިވަނިކޮށެވެ. އެކަމަކު، ޖޭއެސްސީއަށް ބޮޑަށް ބުރެވުވުނީ ފޯނު ކޯލްއާ އަޒްމިރަލްދާއާ ވެސް ގުޅުން އޮންނާނެ ކަމެވެ.

އެހެންވެ, ދެ ފަނޑިޔާރުންގެ މަގާމު އެ އެންމެ ފޯނު ކޯލްއާ އެކު ގެއްލުނީ އެވެ.

ނަޒާހަތްތެރިކަމާއި ނުފޫޒުން އެއްކިބާވެ ތިބުމުގައި ފަނޑިޔާރުންނަކީ އެންމެ މަތީ ފަނޑީގައި ތިބެންޖެހޭނެ ބޭފުޅުން ކަމާ މެދު ޝައްކެއް ނެތެވެ. ކިރިޔާ ވެސް ޝައްކެއް އެ ބޭފުޅުންނާ މެދު އޮވެގެން ނުވާނެ އެވެ. އެކަމަކު، ދައުލަތުގެ ހަމަ ކޮންމެ މަގާމެއްގައި ވެސް ތިބެންޖެހޭނީ ނަޒާހަތްތެރިންނެވެ. ފަނޑިޔާރުންނާ އެއް ހަމައެއްގައި ނޫނަސް، މިނިސްޓަރުންގެ ވެސް މި ނަޒާހަތްތެރިކަން ހުންނަން ޖެހޭނެ އެވެ.

އަމީންގެ ކޯލް: މަގާމް ދަމަހައްޓައި އިތުބާރު!

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގޭގައި ޒުވާނުންތަކެއް ޕާޓީކޮށް، އެ ޕާޓީން ނުކުމެގެންދިޔަ އަންހެން ކުއްޖެއް އުސް އިމާރާތެއްގެ މަތިން ވެއްޓި ބޮޑު ތަހުގީގެއް ހިންގަމުންދާއިރު، އެ މައްސަލައާ އަމީންއާ ދެމެދު އޮތީ ދިވެއްސަކަށްވީތީ އޮތް ގުޅުން ކަމަށް ވިދާޅުވުމަކީ ފީކަޅާ ވާހަކައެކެވެ. އަމީންއާ އެ މައްސަލައާ ގުޅުން އެބަ އޮތެވެ. އިންތިހާއަށް ގުޅުން އެބަ އޮތެވެ.

ފުރަތަމަ ކަމަކީ, އަމީން ދިރިއުޅުއްވާ ގޭގައި ޒުވާނުންގެ ޕާޓީ ކުރިއަށްދިޔުމެވެ. އެކަމުގައި އަމީންއާ އާއިލީ ގޮތުން ގުޅުން އޮތް މީހުން ޝާމިލުވުމެވެ. މައްސަލައިގެ ތަހުގީގަށް އަމީން ދިރިއުޅުއްވާ ގެ ބަލައިފާސްކުރަން ޖެހުމެވެ. މިއީ, މުޅިން ވެސް އޮތް ގުޅުމެވެ.

މައްސަލައިގެ ތަހުގީގު ފެށުނުތާ ހަ ދުވަސް ފަހުން، އާންމުންގެ އެތައް ކަންބޮޑުވުމަކާ ހުރެ ފުލުހުން ނިންމީ އަމީން ދިރިއުޅުއްވާ ގެ ބަލައިފާސްކުރާށެވެ. އެ ގޭގައި ޕާޓީކުރި އެންމެންގެ ސާމްޕަލް ނެގުމަށެވެ. އެކަން ފުލުހުން އިއުލާން ކުރީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ. އެ ވަގުތު އެ ގެ ބަލައިފާސްކުރަން ވެސް ފުލުހުން އޮޕަރޭޝަން ފެށި އެވެ. މި ހުރިހާ ކަމެއް ހިނގަމުންދަނިކޮށް އަމީން ނިންމެވީ އޭރުގެ ސީޕީ ހުސެއިން ޝުޖާއުއަށް ފޯނު ކުރެއްވުމަށެވެ.

މި ފޯނު ކޯލް ކުރެއްވި ކަމަށް އަމީން އަމިއްލައަށް އިއުތިރާފުވެވަޑައިގެންނެވީ އެކަން ފަޅާއަރާފައި އޮތުމުންނެވެ. އެހެން ނޫން ނަމަ, އެއީ ސިއްރެކެވެ.

އަމީން ސީޕީ ޝުޖާއުއަށް ގުޅުއްވީ އެންމެ ފަހަރަކު ނޫނެވެ; އެތައް ފަހަރަކު ތަކުރާރުކޮށް ގުޅުއްވާތީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވައި އަޑަކުން "މިނިސްޓަރު އަމީން ވަރަށް ގިނައިން އެބަ ގުޅުއްވާ" ކަމަށް ސީޕީއަށް ވިދާޅުވެވުނެވެ. އެ ކޯލަށް ސީޕީ ޖަވާބެއް ނުދެއްވަ އެވެ. އެއީ އެ ވަގުތު އެ ފޯނު ކޯލް ނެގުމަކީ ސީޕީގެ ނަޒާހަތްތެރިކަމާ މެދު ވެސް ސުވާލު އުފެދިދާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވާތީ ކަމަށް ވެދާނެ އެވެ.

އަމީން ވިދާޅުވާ ގޮތުން އޭނާ ބޭނުންވީ ތަހުގީގީ އިދާރާއަށް ފަސޭހަކޮށްދޭށެވެ.

ފޯނު ކޯލް ކުރެއްވިކަން ފަޅާއެރުމާ އެކު އަމީން ވިދާޅުވީ އެ ކޯލް އޭނާ ކުރެއްވީ އެ ގެ ބަލައިފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވާށެވެ. އޭރު ފުލުހުން އޮތީ އެ އަމުރު ހޯދައިފަ އެވެ. އެހެންކަމުން، އެ ކޯލްގެ ބޭނުމެއް ނެތެވެ. އެކަމަކު, އަމިއްލަ ގެ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ދަނިކޮށް މަގާމުގެ ހައިސިއްޔަތުން ސީޕީއަށް ގުޅުއްވުމަކީ އެއަށްވުރެ މާބޮޑު މައްސަލައެކެވެ.

އުސް އިމާރާތުން އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި އޮތް އެންމެ ބޮޑު ތުހުމަތަކީ، ދައުލަތުގެ ނުފޫޒު ގަދަ ބޭފުޅުން ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމެވެ. އެ ތުހުމަތު އޮއްވައި, އަމީންގެ ފޯނު ކޯލް ފަޅާއެރުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އާންމުން ކުރަމުންދިޔަ ނުފޫޒުގެ ތުހުމަތަށް އިތުރު ބާރެއް ލިބުނު ކަމެކެވެ.

އެކަމަކު، އާންމުންގެ މި ތުހުމަތު އަމީންގެ މައްޗަށް މަޖިލީހުގައި ފާހެއް ނުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމީންގެ މައްޗަށް އިތުބާރު އެބަ އޮތެވެ. ސުވާލަކީ އާންމުންނަށް އެ އިތުބާރު އަމީންގެ މައްޗަށް އެބަ އޮތްތޯ އެވެ.

ފޯނު ކޯލްއާ ހެދި އަމީން މިހާރު ހުންނަވަން ޖެހޭނީ ގޭގައި ނޫން ހެއްޔެވެ؟