ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އެ ކޯޓުގެ ދެ މަގާމެއް މިވަގުތު އޮތީ ހުސްކޮށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު, 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސިޔާސީ ބޮޑެތި ދައުވާތަކުގެ ޝަރީއަތް ހިންގި ބޭފުޅުންނާއި ފަނޑިޔާރުކަމުން ވަކިކޮށްފައިވާ ބޭފުޅުން އަދި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވި ބޭފުޅުން ހިމެނެ އެވެ. މިއީ އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ކުރު ބެކްގްރައުންޑް ޗެކެކެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރުގެ ރައީސް އެވެ. އެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ކުއްލިއްޔާގެ ލެކްޗަރާއެއްގެ މަގާމުގަ އެވެ. ފަނޑިޔާރުޣަނީ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރައްވައިފަ އެވެ.
ހައި ކޯޓުގައި އެހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަަށް އައްޔަންކޮށްފައި ވަނީ ޖޫން 28، 2018 ގަ އެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު "އެކެއް ފެބުރުއަރީ" އަމުރާ އެކު ދެ ފަނޑިޔާރެއް ހައްޔަރުކުރުމުން އެ މަގާމު ހުސްވުމުންނެވެ.
ނަމަވެސް, ސުޕްރީމް ކޯޓުގައި ޣަނީގެ ދައުރު ކުރެ އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ޑިސެމްބަރު 4، 2019 ގަ އެވެ. ޣަނީ ސުޕްރީމް ކޯޓުން ވަކިކުރަން ނިންމީ އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ގާނޫނުއަސާސީ އާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު, އޭގެ ތެރޭގައި ޣަނީގެ ބައިވެރިވުން ވެސް އޮތް ކަން ސާބިތުވެގެންނެވެ. އޭނާ މަޖިލީހުން ވަކިކުރަން ނިންމި ނިންމުމުގައި ތިން ކަމެއް ޣަނީގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް
ހައި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލްއަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ޔާމީންގެ ވެރިކަމުގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީ އަށް ވެސް އޭނާ އައްޔަން ކުރި އެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ކަން ކުރެއްވި އެވެ.
އެ މަގާމުގައި އޭނާ ހުންނަވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެ ކޮމިޝަނުން ނިންމި އެވެ. ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި, ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް ކުރިމަތިލެއްވުމުން, އޭރު ގާނޫނީ ބޭފުޅުން އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކޮށްފައި ވަނީ 2022 ވަނަ އަހަރުގަ އެވެ.
ފަނޑިޔާރު ސަލީމަކީ ޔާމީންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުރަހަކަށްވި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ބޭފުޅެކެވެ. އެ މައްސަލައިގެ އިސްތިއުނާފު އަވަސް ކުރަން ގޮވާލަމުންދަނިކޮށް ޗުއްޓީ ނަންގަވައި, ފަނޑިޔާރު ސަލީމް ރާއްޖޭން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި އޭރު އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ފަނޑިޔާރުގެ ޗުއްޓީއަކީ ޔާމީންގެ މައްސަލަ އިންތިހާބު އައިސް ޖެހުނުއިރު ވެސް ނުނިމި, ލަސްވި އެއް ސަބަބެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ފަނޑިޔާރެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އެ މައްސަލައިގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އިއްވި ފަހުން ސުޖާއު އުސްމާން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި އެވެ.
ހައި ކޯޓަށް އައްޔަން ކުރުމާ އެކު އައްޑޫގައި ގާއިމުކުރި ހައި ކޯޓުގެ ދެކުނު ގޮއްޕަށް އޭނާ ބަދަލުކުރި އެވެ. ނަމަވެސް, އިންޒާރުތަކެއް ލިބުނު ކަމަށް ވިދާޅުވެ, އައްޑޫ ދޫކުރައްވާ ސުޖާއު މާލެ ވަޑައިގަތެވެ. އެއާ އެކު ހައި ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓުނެވެ. ސުޖާއު ފަހުން އަނެއްކާވެސް އައްޑޫ އަށް ވަޑައިނުގެންނެވި އެވެ. އޭގެ ފަހުން މާލޭ ހައި ކޯޓުގައި ސުޖާއު މަސައްކަތް ކުރައްވަން ފައްޓަވައި 2018 ވަނަ އަހަރު ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހަމަޖެއްސެވި އެވެ. އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އޭރު ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ އެކު އެވެ.
ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު ސުޖާއުގެ ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށި އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް އޭރުގެ ރައީސް ޔާމީނަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ހިމެނެ އެވެ. އެ މައްސަލަތައް ބަލައި އޭނާ ވަކިކުރަން ނިންމާފައިވަނިކޮށް ފަނޑިޔާރުގެ މަގާމުން ސުޖާއު އިސްތިއުފާ ދެއްވި އެވެ.
އޭގެ ފަހުން އޭނާ ވަނީ ޕީޕީއެމްއާ ގުޅޭ ބައެއް ޝަރީއަތްތަކުގައި ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
އަބްދުالله ހަމީދަކީ ހައިކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް ފަނޑިޔާރެވެ. އެގޮތުން ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރު ކަމުން ހަމީދު ވަކިކުރި އެވެ.
އޭނާ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ކަނޑައެޅުމާ ގުޅިގެންނެވެ. ނަމަވެސް, މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަނޑިޔާރު ހަމީދުގެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ފާސްކޮށްފައިވަނިކޮށެވެ.
ހަމީދުގެ މައްޗަށް ސާބިތުވި ކަމަށް ކަނޑައެޅި މައްސަލައަކީ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެ, އެކަމުގެ ބަދަލެއްގެ ގޮތުން ހައި ކޯޓުންގެ ގަޒިއްޔާއެއްގެ ހުކުމެއް ވަކި ގޮތަކަށް ކުރަން ނިންމެވި ކަމަށް ބުނާ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހުމަދު ހައިލަމް ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު އެކެއް ފެބުރުއަރީގެ އަމުރާ އެކު ކޯޓުތަކަށް އައި ބަދަލުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ހައިލަމަށް ލިބުނެވެ. އެކެއް ފެބުރުއަރީގެ އަމުރަށް ފަހު އޭރު އިދިކޮޅުގެ ގިނަ ސިޔާސީ ބޭފުޅުންނަށް ދައުވާތައް ކުރިއިރު, އޭގެ ގިނަ މައްސަލަތައް ބެއްލެވީ ހައިލަމެވެ.
ނަމަވެސް ވެރިކަން ބަދަލުވި ފަހުން ޔާމީންގެ މައްސަލަ ބައްލަވަނިކޮށް ހައިލަމް ސަސްޕެންޑްކުރި އެވެ. އޭނާ ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ގްރޫޕަކަށް ފޮނުއްވި ޕޯސްޓަރަކާ ގުޅިގެންނެވެ. އެއީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް މީހުންގެ ކަރުގައި ވާ ޖަހާފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ. އެ ފޮޓޯ ގުރޫޕަށް ފޮނުވުނީ އޭގައި އޮތް އެއްޗެއް ރަނގަޅަށް ނުބަލައި ކަމަށް ވިދާޅުވެ ހައިލަމް މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް, ޖޭއެސްސީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ވަކިކުރާށެވެ. މަޖިލީހުގެ ކޮމިޓީން އެ ނިންމުމަށް ތާއިދުކޮށްފައިވަނިކޮށް ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ވިދާޅުވެ ހައިލަމް އިސްތިއުފާ ދެއްވި އެވެ.
ހައިލަމް ސަސްޕެންޑްކުރީ ޔާމީންގެ މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވެފައިވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ވަކިކުރުމަށް ފަހު ހައިލަމް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން, ސިޔާސީ މަސައްކަތް ކުރައްވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އެ ކޯޓުގައި މަސައްކަތް ކުރެއްވި މަދު އަހަރުތަކުގެ ތެރޭގައި ނެރުއްވި ގިނަ ހުކުމްތަކަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. އެގޮތުން 2020 ވަނަ އަހަރު އޭރުގެ ޕީޖީ ހުސެއިން ޝަމީމް ހާމަކުރެއްވި ގޮތުގައި ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ އިބްރާހިމް އަލީގެ ހުކުމްތަކެވެ. އިބްރާހިމް އަލީގެ 20 ނިންމެވުމަކާ ދެކޮޅަށް އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ މުޅިންވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަތަކެވެ.
އިބްރާހިމް އަލީގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ މަގާމުން ސަސްޕެންޑްކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި އޭނާ ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ އެކު މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
އިބްރާހިމް އަލީ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭގެ ދާއިރާއަކަށް ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް, އޭނާ އަށް ޓިކެޓް ލިބޭ ގޮތެއް ނުވި އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު
މަރިޔަމް ނިހާޔަތަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވި ތިން އަންހެން ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަމަވެސް އެ މަގާމުން 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ސަސްޕެންޑްކުރި އެވެ. އޭނާ ސަސްޕެންޑްކުރީ ޖޭއެސްސީން ބަލަމުންދިޔަ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. އެއީ އެއް މައްސަލައެއްގައި ދެ ފަހަރަށް ހުކުމް އިއްވި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ ބަލަމުންދަނިކޮށް ގާޒީ ކަމުން ނިހާޔަތު އިސްތިއުފާ ދެއްވި އެވެ.
އޭގެ ފަހުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ނިހާޔަތު އައްޔަންކުރި އެވެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ޕްރޮމޯޓްކުރި އެވެ. ނިހާޔަތުގެ ނަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު އެކެއް ފެބުރުއަރީ އަމުރަށް ފަހު ސިޔާސީ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލީ ނިޔާހަތު ކަމަށްވާތީ އެވެ.
ޕީޖީ އޮފީސް ތެރޭ އޮތް ހިތްހަމަނުޖެހުންތަކެއްގެ ތެރެއިން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން 2019 ވަނަ އަހަރު ނިހާޔަތު އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން އޭނާ އުޅުއްވަނީ އަމިއްލަ ލޯ ފާމެއް އުފައްދަވައިގެން ވަކާލާތު ކުރެއްވުމުގަ އެވެ. ނިހާޔަތު ވަނީ 2019 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ކުރިމަތިލައްވައިފަ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް އެކި ފަހަރު މަތިން ކުރިމަތިލައްވައިފައިވެ އެވެ.
ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު
މުހައްމަދު ރާޣިބަކީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓު ކަމާއި ގދ. ތިނަދޫ އިސް މެޖިސްޓްރޭޓް ކަން ކުރައްވާފައިވެ އެވެ. ގދ. ގައްދޫ މެޖިސްޓްރޭޓަކަށް ހުންނެވިއިރު, ޓެސްޓް ޕޭޕަރެއް ކޮޕީ ކުރި މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ, ނަސޭހަތުގެ ފިޔަވަޅު އަޅަން ޖޭއެސްސީން އެންގި އެވެ.
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް 2019 ވަނަ އަހަރު އޭނާ ސަސްޕެންޑްކޮށް ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގުކުރި އެވެ. އެއީ ރާޣިބް އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލައިގައި ރާޣިބު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި އެވެ. އަދި, އެކަމުގައި ހިމެނޭ ޖިނާއީ ބައި ތަހުގީގު ކުރަން ފުލުހަށް ވެސް ހުށަހެޅި އެވެ.
އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވެސް ނިންމުމާ އެކު އިސްތިއުފާ ދެއްވި އެވެ. އަދި, އޭގެ ފަހުން ބައެއް ސިޔާސީ ކަންކަމުގައި ވަކީލެއްގެ ގޮތުން ހަރަކާތްތެރިވި އެވެ. މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ވެސް ރާޣިބު އައްޔަންކުރި އެވެ. ނަމަވެސް ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލް ކުރަން ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި މައްސަލައިގައި އޭނާ އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އައިޝަތު ފަޒުނާ ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވައިފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 2016 ވަނަ އަހަރު އެވެ.
ފަޒުނާ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު އެކެއް ފެބުރުއަރީ އަމުރަށް ފަހު ސިޔާސީ ގިނަ ބައެއްގެ މައްޗަށް އުފުލު ދައުވާތަކުގެ ޝަރީއަތުގައި ދައުލަތް ތަމްސީލް ކުރި ވަކީލުގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ހިމެނެ އެވެ.
ނަމަވެސް, ޕީޖީ އޮފީސް ތެރޭ އޮތް ހިތްހަމަނުޖެހުންތަކެއްގައި އެ އަހަރުގެ ފަހުކޮޅު ފަޒުނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. މިހާރު އޭނާ އުޅުއްވަނީ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގަ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާ އެކު, ލޯ ފާމެއްގެ މަސައްކަތް ވެސް ކުރައްވަ އެވެ.
ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)
މުހައްމަދު ވަހީދު އިބްރާހިމް, މަޝްހޫރު ނަމުން ނަމަ, ލޯޔަރު ވައްޑެ އަކީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ވަކީލެކެވެ. އޭނާ ވަނީ ޕީޕީއެމްގެ މެންބަރެއް ގޮތުގައި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. ނަމަވެސް, އޭރު ވެރިކަން ކުރި ޕީޕީއެމްއާ ހިޔާލު ތަފާތުވެ, އެ ޕާޓީން އޭނާ ވަކިވުމާ އެކު މެންބަރު ކަން ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އޭގެ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އެތައް ދުވަހަކު އޮވެ, ސަރުކާރު ބަދަލުވި ފަހުން ކަނޑައެޅީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ވަހީދު ވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުންނެވުމަށް ފަހު, އެ ސަރުކާރާ ވެސް ދެކޮޅުވި އެވެ. އަލުން ޕީޕީއެމްއާ އެކު މަސައްކަތް ކުރެއްވުމަށް ފަހު, މިހާރު ހުންނެވީ ޕީއެންސީގަ އެވެ.
ކޮނޑޭ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް
ގާނޫނީ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުހައްމަދު އިބްރާހިމް ހުންނެވީ އޭނާގެ އުފަން ރަށް ކަމަށް ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. އޭނާ ސަސްޕެންޑްކުރީ މުސާރަ ނުހިނގާ ގޮތަށް އެއް މަސް ދުވަހަށެވެ.
މުހައްމަދު އިބްރާހިމްގެ އެހެން ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ތަހުގީގުކުރި އެވެ. އެއީ އޭނާއާ ހަވާލުކޮށްފައިވާ ކޯޓުތައް ހުންނަ ރަށްރަށަށް ދަތުރު ކުރަނީ އުސޫލުތަކާ ހިލާފަށް ކަމާއި މައްސަލަތައް ނިންމުމުގައި ޒިންމާއަށް އިހުމާލުވުމާއި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި ދައްކާ ކަމަށް ބުނާ މައްސަލަތަކެކެވެ.