މޫސާ ރަޝީދު

ރާއްޖޭގައި ހިނގާ ގޭންގު ކުށްތަކާއި ބޮޑެތި ކޮރަޕްޝަނާއި އެހެނިހެން މައްސަލަތަކުގައި ދައުވާ އުފުލުމުގެ ޒިންމާ އޮންނަ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމަށް ބަޔަކު ފާރަލަމުން ގޮސް މަރުތޭލަކުން ޖަހާ ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި އެންމެން މި މަހު 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މިނިވަން ކޮށްފަ އެވެ.

އެ މަންޒަރު، ކައިރީ ހުރި ސީސީޓީވީ ފުޓޭޖްތަކަށް އަރައި އެކަމާ ގުޅޭ އެތައް ހެކިތަކެއް ހުރި ނަމަވެސް އެ މީހުން މިނިވަންވީ ފުޓޭޖްގައި ހުރި ގަޑި އާއި ހާދިސާ ހިނގި ވަގުތު ދިމާ ނުވާ ކަމަށް ބުނެ އެވެ. އަޑުއެހުންތަކުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ވެސް ނުކޮށް ކުއްލިއަކަށް އެ ދުވަހު ކުރި ހުކުމުން ދައުލަތުގެ ޕްރޮސެކިއުރޓާ ޖެނަރަލް އަށް "މަރުގެ ހަމަލާ" ދިން އެންމެން މިނިވަން ކުރީ އެވެ.

އޭގެ ދެ ހަފްތާ ފަހެވެ. ސަރުކާރުން އިއްޔެ ވަނީ ގެންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ގުޅޭ ބޮޑު ގާނޫނެއް އެކުލަވާލައި ތަސްދީގު ކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުން އިއްޔެ ދެއްވި ޔަގީން ކަމަކީ އާ ގާނޫނުގެ ސަބަބުން ކުރިން ހުރި ގާނޫނީ މައްސަލަތައް ހައްލުވެ ރާއްޖެއިން ގޭންގުތަކުގެ މައްސަލަ ހައްލުވެ އަމާންތަނަކަށް ވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

އެހެން ނަމަވެސް ޝަމީމްގެ މައްސަލަ އަށް އެކަނި ބަލައިލިޔަސް މިއީ ހަމައެކަނި ގާނޫނު ރަނގަޅަށް މާނަ ނުކުރެވި އޮވެގެން ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަން އެނގެ އެވެ. ސަރުކާރާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ވެސް ގޭންގުތަކުގެ ނުފޫޒު ފޯރައި މުޅި ދައުލަތް ތެރޭ މޫލާފައި އޮތް ކަން އެނގެ އެވެ.

މިދިޔަ 20 އަހަރު ތެރޭގައި މާލޭގެ ކަންކަން މައްޗާއި ގޯޅިތަކުގައި އުޅުނު ގްރޫޕްތައް މިހާރު މީހުން ރަހީނު ކުރުމާއި ޑްރަގް ކާޓެލް ހިންގައި މީހުންގެ އިނގިލި ބުރިކޮށް މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ނެޓްވޯކުތައް ފުޅާކޮށްފި އެވެ. ރާއްޖޭގެ ރިއަލް އެސްޓޭޓާއި އެހެނިހެން ދާއިރާތަކަށް ޑްރަގް ފައިސާ އިންވެސްޓުކޮށް ބޮޑެތި މަހުޖަނުންނަށްވެ، ދައުލަތުގެ ވެރިންނާއި މުއައްސަސާތަކުގެ މަތިން ބަސް ބުނާ ވަރަށް ބާރުގަދަވެއްޖެ އެވެ.

އެހެންވެ އާ ގާނޫނަކުން އެކަނި އެ ކަން ބަދަލު ކުރެވިދާނެތޯ ސުވާލު އުފައްދާލަން ޖެހެ އެވެ.

އާ ގާނޫނުގައި ބުނަނީ ކީކޭ؟

މިއީ ރާއްޖޭގައި ގޭންގުތައް ހުއްޓުވުމަށް ގާނޫނެއް ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. ގޭންގުތައް އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށް ކުރުން އަދި އެ ކުށްތަކަށް އަދަބު ކަނޑައަޅަން 2010 ވަނަ އަހަރު ވެސް ގާނޫނެއް އެކުލަވައިލި އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރާތާ 14 އަހަރުވީ އިރު އޭގެ ދަށުން މިހާތަނަށް އެއްވެސް ބަޔަކީ ގޭންގެއް ކަމަށް ބަލައި ހުކުމެއް ނުވަތަ އަދަބެއް ދީފައެއް ނުވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ތެރެއިން އެއްވެސް ފިޔަވަޅެއް ނޭޅި އޮތީ މާނަ ކުރުމުގެ މައްސަލަތަކާ ހެދި އެވެ. އާ ގާނޫނުން ހައްލުވާ މައިގަނޑު ހަތަރު ކަމެއް އިހުސާން ފާހަގަ ކުރެއްވި އެވެ. އެއީ؛

  • ގޭންގަކީ ކޮބައި ކަމާއި މެންބަރުންނާއި އެ ކުށްތަކަށް ޒިންމާވާނެ ފަރާތްތައް މާނަ ކުރުން.

އެ ގާނޫނުގައި "އިންތިޒާމްވެފައިޥާ ގްރޫޕެއް" ކަމަށް ބުނެފައި ވަނީ ވަކި ކުށެއް ކުރުމަށް އެ ހިނދަށް އެކުވާ ބަޔަކު ކަމުގައި ނުވާ، އެއްފަހަރަށް ވުރެ ގިނަ ފަހަރު އިންތިޒާމްވެގެން ޖިނާއީ ކުށް ކުރުމަށް ގުޅިގެން މަސައްކަތް ކުރާ ގްރޫޕަކަށެވެ. އަދި އެފަދަ ގްރޫޕެއްގެ މެންބަރެއް ކަމަށް ބަލާނީ އެ ގްރޫޕެއްގެ ވަކި މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ކަނޑައެޅިފައިވާ މީހުންނާއި އަދި ކަނޑައަޅާފައި ނުވީ ނަމަވެސް އެ ގްރޫޕަށް ނިސްބަތްވާ މީހުންނެވެ.

ހަމަ އެގޮތަށް ގްރޫޕެއް ހިންގުމާއި އެ ގްރޫޕެއްގެ ލޯގޯ އާއި އެ ގްރޫޕަކަށް މީހުން ވެއްދުމަށް ކުރާ މަސައްކަތްތައް މާނަކޮށް އެ ކުށުގެ ތަފްސީލްތައް ވެސް އެ ގާނޫނުގައި ވަނީ ހިމަނައިފަ އެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން އެފަދަ ކުށް ކުރާ ގްރޫޕެއް އުފައްދައިފި ނަމަ 25 އަހަރަށް ޖަލަށްލުމާ އެކު ތިން މިލިއަން އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

  • ގޭންގު ކުށް ހުއްޓުވަން ތަހުގީގު ކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުން.

ގާނޫނުގެ ތެރެއިން ފުލުހުންނަށް ލިބޭ ބާރުތަކުގެ ތެރޭގައި ބޮޑެތި ކުށް ކުރާ މީހުން ހައްޔަރު ކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ހޯދައި މަޝްވަރާ ކުރުމުގެ ފުރުސަތު ހިފެހެއްޓިދާނެ އެވެ. އަދި އެ މީހުން ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ހިފެހެއްޓުމާއި ބައެއް ހާލަތްތަކުގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމާއި ކޯޓު އަމުރަކާ ނުލައި މީހުންގެ އަމިއްލަ ތަންތަނަށް ވަދެ ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް އޮތީ ދީފަ އެވެ.

އޭގެ އިތުރުން ކޯޓު އަމުރަކާ ނުލައި އުޅަނދުތައް ހުއްޓުވައި ބަލައި ފާސް ކުރުމާއި އުޅަނދުގައި ހުރި ތަކެތި ނަގައި ބަލާ ފަސް ކުރުމުގެ ބަރު ވެސް ފުލުހުންނަށް އޮތީ ދީފަ އެވެ.

  • ކުޑަކުދިން ބޭނުން ކޮށްގެން ކުށް ކުރުން ހުއްޓުވުން

ގްރޫޕްތަކާއެކު ކުށް ކުރުމުގައި އުޅުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ނުވަތަ އެހެނިހެން ވެސް ކަމެއްގައި އުޅޭ ނަމަ ކުޑަކުއްޖަކާ ދެކޮޅަށް ކޯޓު އަމުރު ނެރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ވަކި ތަންތަނަށް ދިޔުން މަނާ ކުރުމާއި ވަކި ތަނަކަށް ވަކި ބަޔަކާއެކު ދިޔުމާއި އެ ބަޔަކާއެކު ހުރުން މަނާ ކުރެވިދާނެ އެވެ.

އޭގެ އިތުރުން ގްރޫޕެއްގެ ނިޝާނެއް ތަމްޒު ކޮށްދޭ ފަދަ ހެދުމެއް ލައިގެން އާންމު ތަނެއްގައި ހުރުމާއި އަނިޔާވެރި އަމެލެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިއެއް ކުރުމަށް އިންޓަނެޓް ނުވަތަ މުއާސަލާތީ ވަސީލަތެއް ބޭނުން ކުރުން އެ ކުއްޖާ އަށް މަނާ ކުރެވިދާޏެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

  • ގްރޫޕްތަކުން ވިޔަފާރި އާއި ޖަމިއްޔާ ހަދައިގެން ފައިސާ ހޯދުން ހުއްޓުވުން.

ގާނޫނުގައި ނުރައްކާތެރި ކުށްވެރިން ނުހައްގު މުއްސަނދި ކަން ހޯދައި ލިބިގަތުން ކުށަކަށް ވަނީ ހަދައިފަ އެވެ. އެ މީހަކަށް ލިބޭ އާމްދަނީ އާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުމާއި ކުށްކުރާ ގްރޫޕަކާ ގުޅިފައިވާ މީޙަކަށް ލިބިފައިވާ މުއްސަނދި ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ހޯދާފައިވާ މުއްސަނދި ކަމެއް ނޫން ކަން ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ދާނެ އެވެ.

އޭގެ އިތުރުން ކުށެއް ސާބިތުވެއްޖެ ނަމަ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު ވެސް ގާނޫނުން އޮތީ ދީފަ އެވެ.

"އާ ގާނޫނުގެ ދަތް އޮތީ އުފުރާލާފައި"

މިކަމާ ގުޅޭ ގޮތުން "ސިޓިޒެން" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދައުލަތް ތެރޭގައި ގޭންގުތަކުގެ ބާރު އޮތްވަރުގެ މިސާލެއް ދައްކަވައިފަ އެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާ ހޯމް މިނިސްޓަކަރަށް ހުންނެވި އިރު ކްރިމިނަލް ކޯޓުން ޖާގައެއް ހުސްވުމުން އެ ޖާގައަށް ގޭންގަކުން ބޭނުންވާ މީހަކު ލާން އުޅޭ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ލިބުނެވެ. އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ގޭންގުގެ ލީޑަރުން "އެ މީހުންގެ މީހެއް ކޯޓަށް ލާން" ޗެލެންޖު ކުރި އެވެ. އެކަން ފެއިލް ކޮށްލަން އެތައް މަސައްކަތެއް ކުރަން ޖެހުނު ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު-- ފޮޓޯ: ވަގުތު

އުމަރު ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ގޭންގުތަކުގެ މައްސަލަ ހައްލު ނުވެ އޮތީ ދައުލަތް ތެރޭގައި އެކަން މޫލައި ސިޔާސީ މީހުން އޭގެ ތެރެއަށް ވަދެފައި އޮތުމެވެ. މިހާރު އަލަށް ހެދި ގާނޫނުގައި ވެސް ކުރިން އޮތް ގޮތް ބަދަލުކޮށް މަދަނީ މިންގަނޑުން ސާބިތު ކުރަން ޖެހޭ ގޮތަށް ގާނޫނުގެ ހުރިހާ ދިމާލެއްގައި ލިޔެފައި ވަނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭންގުތަކުގެ މައްޗަށް ކުށް ސާބިތެއް ނުކުރެވޭ މަދަނީ މިންގަނޑުން. ރިޕީޓް ކޮށް އެތައް ތަނެއްގައި ބުނެފައި އެ އޮތީ [ގާނޫނުގެ] ދަތް އުފުރާލަން." އުމަރު ވިދާޅުވި އެވެ.

މަދަނީ މިންގަނޑުން ސާބިތު ކުރަން ޖެހޭނަމަ ވިޓްނަސް އަށް ބިރު ދެއްކުމާއި މަގުމަތިން ތަޅައިގަނެގެން ނުވަތަ އެހެނިހެން ގޮތްގޮތުން ހެއްކަށް ނުފޫޒު ފޯރުވައި މައްސަލަ ފެއިލް ކޮށްލާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިހާތަނަށް ވެސް އެކަންކަން ވޯކް ނުކޮށް އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމަށް ހަމަލާ ދިން މައްސަލާގައި ވެސް އެހާ ފަސޭހައިން ފެއިލް ވެގެން ދިޔައީ އެގޮތަށް އަމަލު ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯމަލް ކޮމަން ސިޓިޒަން އަށް އެޕްލައި ކުރަ އޮންނަ އެއްޗެއް މަދަނީ މިންގަނޑަކީ. އެ ހިފައިގެން ބޮޑު ސިންގާ ގޭންގެއް ގޮވައިގެން ކޯޓަކަށް ދިޔައީމަ ނަތީޖާއެއް ނުނިކުންނާނެ." އުމަރު ވިދާޅުވި އެވެ.

ގާނޫނު އެންމެ ފުރަތަމަ ޑްރާފްޓު ކުރި އިރު ގޭންގެއް ނުވަތަ ގޭންގު ލީޑަރުން ކަނޑައެޅުމުގެ ބާރު އޮތީ މުއައްސަސާތަކުގެ މެންބަރުން ކޮމިޓީއަކަށް ދީފަ އެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ މާއްދާ އުނިކޮށް ކޯޓަށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފަ އެވެ. އުމަރު ތުހުމަތު ކުރެއްވީ އެއީ ގޭންގަކުން ލޮބީ ކޮށްގެން ގާނޫނަށް ގެނައި ބަދަލެކެވެ.

"ރެސްޓޯރެންޓެއްގަ ބައްދަލު ކުރީ ރައީސް އޮފީހުގެ މިނިސްޓަރަކާ ގޭންގަކުން. އެ މާއްދާ ނަގަން ލޮބީ ކުރީ. ދެން އެ މާއްދާ އުނިކޮށްފަ އެއޮތީ. އެ އުފުރާލީ މުޅި ގާނޫނުގެ ދަތް." އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އުމަރުގެ އެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވި ގޮތުގައި ގޭންގު މައްސަލަ ހައްލު ނުވެ އޮތް އެންމެ ބޮޑު ސަބަބަކީ އެ މީހުންނާ ސިޔާސީ މީހުންގެ ގުޅުމެވެ. އިންތިހާބުތަކާ ދިމާކޮށް ގޭންގުތަކުގައި އުޅޭ "ޒުވާނުން" ބޭނުން ކޮށްގެން ސައިކަލު ބުރު ޖެހުމާއި ޖަލްސާތަކުގެ ސީޓުތައް ފުރާ ދިނުމެވެ. އަދި އެ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ ބައެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމާއި ބިރު ދެއްކުމުގެ އަމަލުތައް ހިންގަން ވެސް ގޭންގުތައް ބޭނުން ކުރެ އެވެ.

އޭގެ ބަދަލުގައި ސިޔާސީ މީހުންނަށް ބާރުވެރިކަން ލިބުމުން ޖަލުތަކުން ގޭންގުތަކުގެ ބޮޑުން ދޫކޮށް ދިނުމާއި އެ މީހުން ބޭނުންވާ ގޮތްގޮތަށް ގާނޫނުތައް ބައްޓަން ކުރުމާއި ކުށްވެރިން މިނިވަން ކުރަން އެހީވެދޭން ޖެހެ އެވެ.

"މިހާރު މިއޮތީ އޮތް ހާލަތު. ހުދު ގަމީސް ލައިގެން މަޖިލީހުގައި ގޮސް އެތިބީ ޑްރަގް ވިޔަފާރި ކުރަން ތިބި މީހުން. ފުލުހުން ހައްޔަރު ކޮށްގެން މަގްޝޮޓް ނަގާފައި ތިބި މީހުން އެ ހުރީ ގާނޫނު ހަދަން ގޮސް. ލަދެއް ވެސް ނުގަނޭ މި ސަރުކާރުން." އުމަރު ވިދާޅުވި އެވެ.

ޝަމީމްގެ މައްސަލަ އެކޭ އެއްގޮތަށް ރާޢްޖޭގައި މި ފަހުން ހިނގި އެންމެ ބޮޑެތި ޑްރަގް ބަސްޓުތަކުގައި އުޅުނު ފަރާތްތައް ވެސް ވަނީ ކޯޓުތަކުން ދައްކާ ކުދިކުދި "ލޫޕް ހޯލްތައް" ބޭނުން ކޮށްގެން މިނިވަންވެފަ އެވެ. ނުވަތަ ފުލުހުންގެ އަތުން ދިމާވާ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައަކާ ގުޅިގެން ސަލާމަތްވެފަ އެވެ.

އާ ގާނޫނާއެކު ގޭންގުތައް އެއްކޮށް ހުއްޓުވައި "ސައިޒް" ކުރެވޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދިން ނަމަވެސް ޕީއެންސީ އާއި އެހެން ޕާޓީތަކުގެ ތެރެއަށް ވަދެފައި ހުރި ގޭންގުތަކުގެ ނުފޫޒު ފިލުވާލާ ވަރުގެ ޕޮލިޓިކަލް ވިލް އޮންނާނެތޯ ކުރިޔަށް އޮތް ދުވަސްތަކުގައި އެނގޭނެ އެވެ.