މާލެ މިއޮތީ ނުކަތާ ވަރަށް ކާރާއި ސައިކަލުން ފުނި ޖެހިފަ އެވެ. އެއީ ހައްލު ކުރަން ޖެހޭ މައްސަލައެކެވެ. މިއީ އެއްވެސް މީހަކު ދެބަސް ވާ ކަމެއް ނޫނެވެ.
މައްސަލައަކީ މާލެ އަށް ދިމާވެފައިވާ އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ ސަރުކާރުތަކުން ކުއްލި ކުއްލި އަށް ސިޔާސަތާއި ގަވާއިދުތައް ބަދަލުކޮށް އަނބުރާލާ ގޮތެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައްވެ ގަނަތެޅެން ޖެހިފައިވާ އިރު އެ ޝަކުވާތަކަށް "ބީރު ކަންފަތެއް" ދީގެން ތިބުމެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަކީ އިސްލާހު ކުރަން ޖެހިފައި އޮތް އެއްޗެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދުގައި އުޅޭ އިރު ގަވާއިދު އޮތީ މާލޭގައި އަމިއްލަ ގެދޮރު ހުރި މީހުން ކައިރީ ގަރާޖު ސިޓީ އަށް ސަލާން ޖަހަން ޖެހޭ ގޮތަށެވެ. އަދި ގަވާއިދު އޮތް ތަނުގައި ބާއްވާފައި ކޮރަޕްޝަނުން ފައިސާތަކެއް ދީގެން ނޫނީ އެކަން ނުވާ އުސޫލަށެވެ.
މިދިޔަ ތިން އަހަރަށް އެކަނި ބަލައިލިޔަސް ސަރުކާރުތަކުން ވަނީ އެ ގަވައިދަށް ވަރަށް އަވަސް އަވަހަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހަކުން އަސްލު މައްސަލައެއް ހައްލެއް ނުވެ އެވެ. އޭގެ ބަދަލުގައި ކޮންމެ އިސްލާހަކާއެކު އާންމު އެތައް ބަޔަކަށް ދިޔައީ ބޮޑެތި ގެއްލުން ވަމުންނެވެ.
މި ވާހަކަ އަށް މާ ބޮޑު ސަމާލު ކަމެއް ނުލިބި އޮއްވާ މި ފަހުން މަޝްހޫރު ދިވެހި މޭކަޕް އާޓިސްޓް އައިޝަތު ދީމާ (ބަލްގިޝް) ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ދިމާވި ކަންކަން ހިއްސާ ކޮށްފަ އެވެ. އެ މައްސަލަ އޮތް ވަރާއި އޭގެން މީހުންގެ ދިރިއުޅުމަށް ލިބުނު ބޮޑެތި ގެއްލުންތައް އެތައް ބަޔަކަށް އިހުސާސްވި އެވެ. އެކަމަކު އެއަށް ވުރެ ވެސް ކަންބޮޑުވާން ޖެހެނީ އެ ޕޯސްޓަށް އައި ކޮމެންޓުތަކާއި ދީމާ އަށް އައި މެސެޖުތަކެވެ.
ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ދަރަނިވެރިވެގެން ކާރެއް ގަތުމަށް ފަހު އެ ރަޖިސްޓްރީ ވުމުގެ ދޮރު އެއްކޮށް ބަންދުވި އެތައް ބައެއްގެ ހިއްދަތި ވާހަކަތަކެވެ.
ގަވައިދުތަކަށް އައި ބަދަލުތައް
މި ސަރުކާރު ހަވާލުވުމަށް ފަހު ނިންމި އެއް ނިންމުމަކީ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހުރި ކޮރަޕްޝަންތައް ހުއްޓުވުމުގެ ގޮތުން ކާރު ރަޖިސްޓްރީ ކުރުމުގެ ކަންކަން ހަރުކަށި ކުރުމެވެ. އަދި ދުވަސްތަކެއް ވަންދެން އެއްގޮތަކަށް ވެސް ނުކޮށްދީ ހުއްޓުވާފައި ވެސް ބޭއްވި އެވެ.
ނަމަވެސް ކާރު ރަޖިސްޓްރީ ކުރުމަށް އެތައް ބަޔަކު ހުށަހަޅަމުން ދަނިކޮށް ކުރީ ސަރުކާރުން އަދި މި ސަރުކާރުން ވެސް ވަނީ ކުއްލި ބޮޑެތި ބަދަލުތަކެއް ސިޔާސަތަށް ގެނެސްފަ އެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވި އެވެ.
ސެޕްޓެމްބަރު 18، 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް އިސްލާހެއް ހުށަހެޅި އެވެ. އެ އިސްލާހުގައި ބުނާ ގޮތުން ޓެކްސީ ހިދުމަތް ދިނުމުގެ ބޭނުމުގައި ނަމަ އެއްވެސް ގަރާޖު ސިޓީއަކާ ނުލައި ކާރު ރަޖިސްޓްރީ ކުރެވިދާނެ އެވެ.
ޓެކްސީ ހިދުމަތް ދިނުމުގެ ބޭނުމުގައި ކާރެއް ގަނެ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ފަރާތްތަކުން އެ މިނިސްޓްރީ އަށް 10،000ރ. ދައްކަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
މި ބަދަލާއެކު މާލޭގައި ކާރެއް ގަތުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށްވާ ބޮޑު އަގުގައި ގަރާޖު ސިޓީއެއް ގަންނަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އެތައް ބަޔަކަށް ގަބޫލު ކުރެވުނެވެ. އަދި ކާރުތައް ގަނެ ރަޖިސްޓްރީ ކުރަން ވަރަށް ބޮޑު ޑިމާންޑެއް ވެސް އުފެދުނެވެ.
ނޮވެމްބަރު 5، 2024
ސަރުކާރު ބަދަލުވުމަށް ފަހު އޭގެ އަހަރެއްހާ ދުވަސް ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް އަނެއްކާވެސް ކުއްލިއަކަށް އިސްލާހެއް ގެނެސްފަ އެވެ. އެ ގަވާއިދުގައި މައިގަނޑު ގޮތެއްގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެނައި އެ އިސްލާހު ބާތިލް ކޮށްފަ އެވެ.
މާނައަކީ ޓެކްސީ ހިދުމަތް ދިނުމުގެ ބޭނުމުގައި ވިޔަސް ކާރެއް ރަޖިސްޓްރީ ކޮށްދެވޭނީ ގަރާޖު ސިޓީއެއް އޮވެގެންނެވެ. ނަމަވެސް މާލޭގައި އޭރު ވެސް ގަވާއިދާ އެއްގޮތަށް ގަރާޖު ސިޓީއެއް ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވަނީ ވެފަ އެވެ. ނަމަވެސް ކުއްލިއަކަށް އެގޮތަށް އިސްލާހު ބަދަލު ކުރުމުން ކުރިން ޓެކްސީ ހިދުމަތް ދިނުމުގެ ބޭނުމުގައި ގަރާޖު ސިޓީއަކާ ނުލައި އެކަން ކުރަން ކާރު ގަތް އެތައް ބަޔަކަށް އެ ގެއްލުންވި އެވެ.
އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ފާޅު ކުރި އެވެ.
އޭޕްރިލް 13، 2025
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް އިސްލާހެއް ގެނައުމަށް ފަހު ފަސް މަސް ފަހުން އަނެއްކަވެސް ޓްރާންސްޕޯޓް މިނިސްޓްރީ އިން ކުއްލިއަކަސް ވަނީ އެ ގަވައިދު އިސްލާހު ކޮށްފަ އެވެ.
މި ފަހަރު ގިނަ މާއްދާތަކެއް އެ އިސްލާހުގައި ހިމަނާފައިވާ އިރު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވީ އުފެއްދި ތާރީހަށް ވުރެ ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށް އެ އުސޫލުގައި ކަނޑައެޅުމެވެ. އޭގެ ސަބަބުން ކުރިން ކާރު ގަތުމަށް ފަހު ޓްރަންސްޕޯޓް މިނިސްޓްރީގައި ތާށިވެ ރަޖިސްޓްރީ ނުވެ އޮތް އެތައް އުޅަނދެއް ވެސް އެ މުއްދަތު ހަމަވި އެވެ.
އަދި މުއްދަތު ހަމަވާން ދާއިރު އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބި ބޮޑެތި ގެއްލުންތަކެއް ތަހަންމަލު ކުރަމުން އެބަދެ އެވެ. އޭގެ ތެރޭގައި ކާރު ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ކާރު ގަނެފައިވާ އާންމުން ހިމެނެ އެވެ.
އޭގެ އިތުރުން އެ އިސްލާހުން މިހަރު ވަނީ މާލެ އަށް ކާރު އެތެރެ ކުރުމުގެ ކުރިން ގަރާޖު ސިޓީއެއް އޮންނަން ޖެހެ ގޮތަށް ވެސް އުސޫލު ބަދަލު ކޮށްފަ އެވެ.
އެތައް ބަޔަކު ނިކަމެތިވެ ގަނަތެޅެން ޖެހުން
ސަރުކާރުން ކާރު ރަޖިސްޓްރީ ކުރުމުގެ ކަންކަން އެއްކޮށް ހުއްޓާލައި އަދި އެއަށް ފަހު ވަރަށް ބޮޑަށް ހަރުކަށި ކުރުމާ ގުޅިގެން 30،000ރ. ގައ ގަރާޖު ސިޓީގެ އަގުތައް 80،000ރ އާއި 100،000ރ. ހިސާބަށް އެރި އެވެ. އަދި އެ މައްސަލަ އަށް އެއްވެސް ހައްލެއް ނުލިބި އެހާ ގިނަ ދުވަސްވުމާ ގުޅިގެން މިހާރު ގަރާޖު ސިޓީއެއްގެ އަގު އުޅެނީ 150،000ރ. އާއި 200،000ރ. ދެމެދުގަ އެވެ.
މާލެ ސަރަހައްދަށް ކާރެއް ރަޖިސްޓްރީ ކުރާނަމަ ގަވާއިދު އޮތް ގޮތުން މާލޭގެ ގެއެއްގެ ވެރި ފަރާތުން ހުއްދަ ދޭ ގަރާޖު ސިޓީއެއް ހުށަހަޅަން ޖެހެ އެވެ. މުޅި ރާއްޖޭގެ އާބާދީގެ ބޮޑުބައި މާލޭގައި ދިރިއުޅެމުން އަންނަ އިރު ގަރާޖު ސިޓީއެއް ހޯދަން ބްލެކް މާކެޓަށް ދިޔުން ނޫން ގޮތެއް ނެތެވެ. އެ ނޫން ގޮތެއް ސަރުކާރަކުން ދައްކައި ވެސް ނުދެ އެވެ.
އެކަން ހައްލު ކުރުމުގެ ބަދަލުގައި ދެން މި ގެނައި އިސްލާހުތަކުގެ ސަބަބުން ގަރާޖު ސިޓީ ހޯދަން މީހުން ކުރި މަސައްކަތުން އެތައް ގެއްލުމެއް ވަނީ ލިބިފަ އެވެ.
ގަރާޖު ސިޓީ "ސްކޭމަކަށް"
އެއް ކަމަކަށް އެތައް ބަޔަކަށް ދިމާވި މައްސަލައަކީ ގަރާޖު ސިޓީ ވިއްކާ މީހުންނަށް ފައިސާ ދިނުމަށް ފަހު އެ ގަރާޖު ސިޓީތައް ރަޖިސްޓްރީ ނުވާ މައްސަލަ އެވެ.
"ސިޓިޒެން" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ގަރާޖު ސިޓީ ގަންނަން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ފަހު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހެޅުމުން އެ ޕްރޮސެސްއެއް ނުވެ އެވެ. އެހެން ނަމަވެސް ސިޓީ ވިއްކާ ފަރާތްތަކުން އެހާ އިރަށް އޮންނަނީ ފައިސާ ބޭނުން ކޮށްލައިފަ އެވެ. އަދި އެކަމަކަށް ޒިންމާއެއް ނުނަގަ އެވެ.
"ޓްރާންސްޕޯޓް ތެރޭގައި އެ ޕްރޮސެސް ވާން އަހަރުމެންނަށް ނެގި ދެތިން މަސް. ނިމިގެން އަންނަ އިރު ގަރާޖުގެ ކޮންމެވެސް ޝަރުތެއް ނޫނީ ކުރިން ސިޓީ ވިއްކާފައި ހުރެގެން އެކަން ނުވެ އޮންނަނީ. ގަރާޖު ސިޓީ ވެސް ގެއްލުނީ. ފައިސާ ވެސް ނުލިބޭނެ." އެ މައްސަލާގައި ވާހަކަ ދެއްކި އެކަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ މައްސަލަ އެތައް ބަޔަކަށް ވަނީ ދިމާވެފަ އެވެ. ގަސްތުގައި ސްކޭމް ކުރަން ބަޔަކު އެކަން ކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.
"މީހުން މިތިބެނީ ގަރާޖު ސިޓީ އަށް ޑެސްޕަރޭޓް ވެފަ. އެ ހާލަތުގެ ނާޖައިޒް ފައިދާ ނަގަން އަބަދުވެސް ތިބޭނެ ބައެއް."
މި މައްސަލާގައި "ސިޓިޒެން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އޭނާގެ ފިރި މީހާ ކާރެއް ގަތުމަށް ފަހު ގަވާއިދަށް އައި ބަދަލުތަކާއެކީ އެ ކާރު ރަޖިސްޓްރީ ނުވެ ހުޅުމާލެ ފޭސް 2 ގައި ބާއްވާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ކާރު ބޭނުން ނުކުރެވި އޮތް ނަމަވެސް ބަރާބަރަށް ލޯނަށް ފައިސާ ދައްކަން ޖެހެ އެވެ.
އެގޮތަށް ހުއްޓާ މީހަކު 100،00ރ. އަށް ގަރާޖު ސިޓީއެއް ގަންނަން ހުށަހެޅުމުން އޭގެ ހާފް ޕޭމަންޓު ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި ދެވަނަ ޕޭމަންޓު ރަޖިސްޓްރީވެ ނިމުމުން ދައްކާ ގޮތަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެ ސިޓީ ރަޖިސްޓްރީ ނުވެ އެތައް ދުވަހެއް ހިނގައިފި އެވެ.
"ވިއްކި މީހާ އެކި ބަހަނާތައް އަދިވެސް ދައްކާ. ޓްރާންސްޕޯޓުން ލަސް ވަނީ ކަމަށް ބުނަނީ. ހަގީގަތެއް ނޭނގެ. ގެއްލުމަކަށް ފަހު ގެއްލުމެއް." އޭނާ ބުންޏެވެ.
އެތައް ބަޔަކު ލޯނުތައް ނަގައި ދަރަނިވެރި
"ސިޓިޒެން" އިން ބެލި ބެލުމުން އެނގުނު ގޮތުގައި ގިނަ ބަޔަކު ކާރު ނަގާފައި ވަނީ އިސްލާމިކް ބޭންކް ލޯން ފެސިލިޓީއެއް މެދުވެރިކޮށެވެ. އެ ބޭންކުގެ ކާރަކަށް ފައިނޭންސް ކުރުމުގެ އުސޫލާއި މީގެ ކުރިން ޓްރާންސްޕޯޓުން ގެންގުޅުނު އުސޫލުތަކާ ދިމާވެ އެވެ. އެހެންވެ ފަސޭހައިން ކާރެއް ނެގުމުގެ ފުރުސަތު އޮވެ އެވެ.
ނަމަވެސް ގަވާއިދުތަކަށް އައި ބަދަލުތަކާއެކު އެކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. އޭރު އެތައް ބަޔަކު ލޯނު ނަގައިގެން ކާރުތައް ގަތް ނަމަވެސް އެއްވެސް ކާރެއް ރަޖިސްޓްރީ ނުވެ އޮތުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ގެއްލުންވެފަ އެވެ.
"ކާރު ދުއްވައިގެން ލިބޭ ލާރިން ލޯނު ދެއްކޭނެ ކަމަށް ބަލައިގެން ލޯނެއް ނެގީ. އެކަމަކު ކާރެއް ނުދުއްވޭ، އެކަމަކު ބަރާބަރަށް ލޯނު ދައްކަން އެބަ ޖެހޭ."
"ސިޓިޒެން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އޭނާ އުޖާލާ ފައިނޭންސިން މެދުވެރިކޮށް ކާރެއް ނެގީ އެ ލޯނު ކާރު ދުއްވައިގެން ލިބޭ ލާރިން ދައްކާ ހަލާސް ކުރާ ގޮތަށެވެ. ނަމަވެސް އެ ކާރު ނުދުއްވޭތީ މިހާރު ލިބޭ މުސާރައިން ލޯނު ދައްކަން ޖެހުމުގެ ސަބަބުން އޭނާ ވަނީ ގޭގެ ކުލި ދައްކަން ވެސް ނުކުޅެދިފަ އެވެ.
އެހެންވެ، އޭނާ ކުރިން އުޅުނު ގެ ބަދަލުވެ ޝެއާ ކުރާ ރޫމް އަކަށް ވަނީ ބަދަލުވާން ޖެހިފަ އެވެ. ދެމަފިރިއަކު އެ ހާލުގައި އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ވިޔަފާރި ހަލާކުވެ، އެތައް މިލިއަނެއް "ދަބަރަށް"!
"ސިޓިޒެން" އާ ވާހަކަ ދެއްކި ކާރު ވިޔަފާރި ކުރާ މީހަކު ބުނި ގޮތުގައި އޭނާ ކުރަމުން އައި ވިޔަފާރި މިހާރު ވަނީ އެއްކޮށް ހުއްޓިފަ އެވެ. އަދި އެކަން ހުއްޓުނީ އެއީ ސަރުކާރުން ކުރިން އެފަދަ ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް އަންގައިގެން މަޑުމަޑުން ގެއްލުން ނުވާ ގޮތަކަށް ނޫނެވެ. ސިޔާސަތަަށް އައި ކުއްލި ބަދަލާއެކު ގެނެސްފައި ހުރި އެއްވެސް ކާރެއް ނުވިލި އެތައް މިލިއަން ރުފިޔާ އެއް ދަބަރަށް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އުސޫލު ބަދަލު ކުރި އިރު މާލޭގައި އޭނާގެ ހަތަރު ކާރެއް އެބައޮތެވެ. އެއީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓެވެ. ނަމަވެސް ގަރާޖު ރަޖިސްޓްރީ ނުކުރެވޭތީ މިހާރު އެއިން އެއްވެސް ކާރެއް ނުއަގުގައި ވެސް ނުވިކޭ ކަމަށް އޭނާ ބުންޏެވެ.
"ޖަޕާނުން 300،000ރ. އަށް ކާރެއް ގެނެސްގެން 50،000ރ. ގެ ފައިދާ ލައިގެން މި ވިއްކަނީ. މިހާރު ހަމަ އެ ކާރު 150،000ރ. އަށް ވެސް ގަންނާނެ މީހަކު ނުވޭ." އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ގަރާޖު ސިޓީ އާ ގުޅިގެން ސަރުކާރުން މި ގެނައި ބަދަލު ތަކެވެ.
އެފަދަ ބަދަލުތައް ގެންނަނަ އިރު ސަރުކާރުން އާންމުންގެ ހިޔާލެއް ނުހޯދަ އެވެ. އެ މައްސަލަ އަށް މާނަ ހުރި ހައްލެއް ވެސް ނާދެ އެވެ. މާލޭގައި މުޅި ރާއްޖޭގެ އެންމެން ދިރިއުޅެން ޖެހުމާއި އަދިވެސް އެގޮތަށް އެއްފަސް ކުރުމުގެ ސިޔާސަތުތައް ހަދަމުންދާއިރު މާލޭގައި ގަރާޖު ހުރި މީހުންގެ އަތުން ސަލާން ޖަހުން ހުއްޓުވޭނެ ގޮތަކަށް ބަދަލެއް ނުކުރެ އެވެ.