މާލެ ކުއްލި ގޮތަކަށް ބްލެކްއައުޓް އަކަށް ގޮސްފިއްޔާ ދެން ކަންކަން ހިނގައިދާނެ ގޮތުގެ ކުޑަ މަންޒަރެއް އިއްޔެ ފެނިގެން ދިޔަ އެވެ.
ދިމާވި "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ 1 އަދި 2 އަކުން އެއްފަހަރާ ކަރަންޓު ކެނޑުމާއެކު އެ ހުރިހާ ލޯޑެއް ހުޅުލެ ޕަވަ ހައުސަށް ދަމައިގަނެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓު ކެނޑުނެވެ. އޭގެ އަސަރު އެތައް ބަޔަކަށް ކުރި އެވެ.
އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނީ ކަރަންޓު ކެނޑުމާއެކު ހުރިހާ ލިފްޓެއް ހުއްޓުމާ ގުޅިގެންނެވެ. މާލެ އާއި ހުޅުމާލޭގައި ގިނައީ ސިޑިން އެރޭ ވަރަށް ވުރެ އުސް އުމާރާތްތަކެވެ. ކަރަންޓު ކެނޑުމުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މަގުމަތީގައި ކަރަންޓު އަންނާނެ ކަމަށް ގޮނޑި އަޅައިގެން ތިބި މަންޒަރު ފެނުނެވެ.
އެ މައްސަލަ އެންމެ ބޮޑުވީ ހުޅުމާލެ ހިޔާ ފްލެޓު ސަރަހައްދުގަ އެވެ. އެއީ 25 ފްލޯ ހުންނަ އެ އިމާރާތްތަކަށް އެރޭނެ އެއްވެސް ގޮތެއް ނެތި ގިނަ ބަޔަކު ތިބީ ބޭރު ޖޯލިތަކާއި ކައިރީ ޕާކުތަކުގަ އެވެ. އަދި އަނެއްބައި މީހުން ވަގުތީ ގޮތުން ދަންނަ އެހެން ގޭގެއަށް ދިޔަ އެވެ.
ސްކޫލްތަކުގައި ކަރަންޓު ނެތުމުން ސްކޫލަށް ދިޔަ ހުރިހާ ކުދިން ވެސް އަނބުރާ ގެއަށް ފޮނުވާލި އެވެ. ނަމަވެސް ޔުނިފޯމުގައި ގިނަ ކުދިންތައް ގެއަށް ނުދެވި ބޭރުގައި ހުރި މަންޒަރު ފެނުނެވެ.
ހަމަ އެ ވަގުތު ދިރާގުން ވެސް ބެކަޕް ޖެނަރޭޓަރެއްގައި ހިނގަމުން އަންނަ އިއުލާން ކުރި އެވެ. ވަކި ހިސާބަކުން ޑޭޓާ ލިބުން ދަތިވެ އިންޓަނެޓަށް ލޮޅުން އަރަން ފެށި ކަމުގެ ޝަކުވާތައް ގިނަވި އެވެ.
ސިއްހީ ހިދުމަތް ދޭ ތަންތަނާއި އެތައް ވިޔަފާރިއަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތީ އުފެދިފަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައި ދިރިއުޅެމުން އަންނަ މާލެ ސަރަހައްދު އެއްކޮށް ކަހަލަ ގޮތަކަށް އޮތީ ޝަޓްޑައުންވެފަ އެވެ.
ހަ ގަޑިއިރު ފަހުން ސްޓެލްކޯ އިން ކަރަންޓު ދިން ނަމަވެސް އެކަން އެހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. މީގެ 11 އަހަރު ކުރިން މާލެ އަށް ދިމާވި ފެނުގެ ކާރިސާ ފަދަ ކަމެއް ސްޓެލްކޯ ތެރެއިން ދިމާވެ ޓޯޓަލް ބްލެކްއައުޓް އަކަށް ގޮސްފި ނަމަ އެކަމަށް މިތިބީ ތައްޔާރަށް ހެއްޔެވެ؟
މާލެ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ކީއްވެ؟
ސްޓެލްކޯ އިން މިހާތަނަށް ބުނި ގޮތުގައި މާލެ ސަރަހައްދުން ކުއްލިއަކަށް ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަން ސީރިޔަސް މައްސަލައެއް ގޮތުގައި ބަލައި ތަކުރާރު ނުވާ ގޮތަށް ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. އަދި ފުލުހުން ވެސް އެކަން ދިމާވި ސަބަބު ހޯދަން ތަހުގީގެއް ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގުބާލު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައި އޮތް އިންޓަކަނެކްޝަން ކެނޑުނު ކަން ވަނީ އެނގިފަ އެވެ.
ނަމަވެސް އިންޓަކަނެކްޝަން ކެނޑެން މެދުވެރިވި ސަބަބެއް އަދި ނުހޯދެ އެވެ. ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި 123 ސަބްސްޓޭޝަނާއި ހުޅުމާލޭގައި ހުރި 130 އަކަށް ސަބްސްޓޭޝަނާ، މި ހުރިހާ ޖެންސެންޓަކުން ވަރަށް ބައިވަރު އެލާމްތަކެއް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން އެގްޒެކްޓްލީ އެ ޑައިގްނޯސްޓިކް މަސައްކަތް [ކުރަން] ޖެހޭނީ މި ސިސްޓަމް އެނަޖައިޒްކޮށް ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ އެއްވެސް ބޮޑު މައްސަލައެއް ފެންނާކަށް ނެތެވެ.
ސްޓެލްކޯ އިން އެންމެ ފުރަތަމަ މައްސަލަ ހޯދުމުގެ ބަދަލުގައި މަސައްކަތް ކުރީ ވީހާވެސް އަވަހަށް އަލުން ކަރަންޓު ދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްލި ހާލަތަށް ބެކަޕް ޖެނަރޭޓަރެއް ނެތްތަ؟
މިއީ ކަރަންޓު ކެނޑި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުން އެތައް ބަޔަކު ސޯޝަލް މީޑިއާގައި އުފެއްދި ސުވާލެކެވެ.
އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އެގޮތަށް ބޭނުން ކުރާނެ ފަދަ ބެކަޕްއެއް ހުންނަ ވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކޮށްފައެއް ނެތެވެ.
ސްޓެލްކޯގައި މިހާރު ހުންނާނީ މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދެވޭ ވަރުގެ ކެޕޭސިޓީއެއް އެކަނި ކަމަށާއި ކުރިން ރާވާފައި ހުރި މިންވަރަށް ވެސް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓު މި ދެނީ އެ ރަށެއްގެ ލޯޑަކަށް. ހުޅުމާލެ ސްޓޭޝަނަށް މައްސަލައެއް ދިމާވެ ހުއްޓިއްޖެ އާ މާލެ ޖެނަރޭޓަރުތަކަށް އެ ލޯޑެއް ނުހިފެހެއްޓޭނެ. ދެން ކެނޑޭނެ ދެ ރަށް އެއްކޮށް." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން ދޮންއަދަރާދަ ހިނގުމުގައި ހުރި ޖެންސެޓުތައް ހުޅުމާލެ އަށް ބަދަލު ކުރުމުން މިވަގުތު މާލޭގައި ހުރީ މާލޭގެ ގާތްގަނޑަކަށް 60 ޕަސެންޓަށް ކޭޓާ ކުރެވޭ ވަރުގެ ކެޕޭސިޓީއެވެ. އަދި މުޅި މާލެ އާއި ހުލުމާލެ އަށް ކަރަންޓު ދެމުން ދަނީ ހުޅުމާލެ އަށް ގެންދިޔަ ޖެންސެޓުތައް ވެސް އިންޓަކަނެކްޝަނުން ގުޅާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކޮށްފައި ނުވާތީ ޖެނަރޭޓަރުތަކަށް ބޮޑު މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ބެކަޕް އަކަށް ބޭނުން ކުރާނެ މާ ގިނަ އޮޕްޝަންތަކެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ކެޕޭސިޓީ އެވަރަށް ނެތީ ކީއްވެ؟
"ސިޓިޒެން" އަށް މައުލޫމާތު ދެއްވި އެ އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ފަރާތްތައް ބޮޑެތި ޑިވަލޮޕްމަންޓް ޕްރޮޖެކްޓުތަކާއި ހައުސިން އާއި ފްލެޓުތަކުގެ ވައުދުތައް ވާއިރު ޕަވާ ޑިވަލޮޕްމަންޓަށް ނުވިސްނުމެވެ.
މާލެ ސަރަހައްދުގައި 4000 ނުވަތަ އެއަށް ވުރެ ވެސް ގިނަ ފްލެޓުތައް އަޅަން ވައުދުވާ އިރު އެއާ އެއްވަރަށް ކަރަންޓު ދެވޭނެ ގޮތް ހަދަން ސްޓެލްކޯގެ ކެޕޭސިޓި އިތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ވެސް އެގޮތަށް އިތުރު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ކުރީ ސަރުކާރުގެ ފަސް އަހަރު ނިމުން އިރު ޕަވާ ޑިވަލޮޕްމަންޓަަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދި ކުދި ޖެނަރޭޓަރުތައް ނުގެންނަ ވާހަކައެއް ނޫން. ރަނގަޅު ޕަވާ ޑިވަލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގަން ޖެހޭ. އެ ނޫން ގޮތަކަށް މި ފަދަ އައުޓޭޖްތަކެއް ޕްރިވެންޓެއް ނުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނުގެ ކާރިސާ ދިމާވީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑެއްގައި ރޯވެގެންނެވެ. އެ ގެނެވޭނެހާ ފަސޭހައިން ޖެނަރޭޓަރުތަކަކަށް ބޮޑު މައްސަލައެއް ދިމާވެގެން ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޮޑު ހާދިސާއެއް ދިމާވެއްޖެ ނަމަ އެތައް ބަޔަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވެ ސިއްހީ ދާއިރާ އަށް ވެސް ލޮޅުން އަރާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ތައްޔާރަށް ތިބެން ޖެހޭ ކަންކަން. އެކަމަކު ކަންކަން އޮތީ އެހެން ނޫން ކަން އިއްޔެ ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ."