ހުސައިން އަހުމަދު

އެމެރިކާ-އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެންމެ ތަދުބޮޑު ވާނެ އެއް ގައުމަކަށް ރާއްޖެވާ އެތައް ސަބަބެއް އެބަ ހުއްޓެވެ. އިގްތިސާދީ ގޮތުން ރާއްޖެ އަށް އެންމެ ތާށި އެއް އަހަރު މިކަން ހިންގުމާއި ޓޫރިޒަމަށް އަރަމުން އެ އަންނަ ލޮޅުންތައް އެއްފަރާތުގައި ބާއްވާފައި ތެލަށް އެކަނި ބަލައިލިޔަސް ރާއްޖެ އަށް ހިފަހައްޓާލެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދެ އެވެ.

ސަބަބަކީ ދުނިޔޭގެ ގޭހާއި ތެލުގެ މައި މަގު ކަމަށްވާ ހޮރުމޫޒް ކަނޑުއޮޅި އޮތީ ގާތްގަނޑަކަށް ބަންދު ކޮށްފަ އެވެ. އެތަނުން ދަތުރު ކުރާ 80 ޕަސެންޓް އުޅަނދުތައް ހުއްޓުވައިފަ އެވެ. އެއާއެކު ތެޔޮ ފީފާއެއްގެ އަގު 115 އަށް އަރައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެ އަދި ތެލަށް ނުޖެހޭނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. ސަބަބަކީ ރާއްޖޭގައި ތެލުގެ ރިޒާވެއް ހުރުމާއި އިތުރު ޝިޕްމަންޓަކަށް ރާއްޖެ އަންނަން ކަނޑުމަތީގައި ހުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އެ ވާހަކަ ވިދާޅުވިތާ 24 ގަޑިއިރު އެސްޓީއޯ އިން ވަނީ ޕެޓްރޯލާއި ޕެޓްރޯލް އާއި ޑީސެލްގެ އަގު ބޮޑު ކޮށްފަ އެވެ. މިއާއެކު އާއްމުން ކުރާ ސުވާލަކީ ރާއްޖޭގައި ހުރި ސްޓޮކަށް އަދި ކުރިން ގަނެފައި އޮތް ތެލުގެ އަގު ބޮޑުވީ ކީއްވެ ހެއްޔެވެ؟

އޭގެ ކުރު ޖަވާބަކީ އެއީ އާ ކަމެއް ނޫނެވެ. މިއީ ތެލުގެ ބާޒާރުގައި ތޮބީއީ ކަމެކެވެ. އެ ގޮތަށް އަގު ބަދަލު ކުރުމަށް ކިޔަނީ "ރިޕްލޭސްމަންޓް ކޮސްޓިން" އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމަކީ މާލީ ހިސާބުތަކާއި ކޮމޯޑިޓީ މާކެޓްގެ އޮއިވަރާއި އަދި ސިޔާސީ މަސްރަހާ ގުޅިފައިވާ ވަރަށް އުނދަގޫ ކަމެކެވެ. ތެލުގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން، ކުރިން ތެޔޮ ގަތް އަގަށް ހިސްޓޮރިކަލް ކޮސްޓަށް ބަލައިގެން އަގު ކަނޑައެޅުމުގެ ބަދަލުގައި، މިހާރު ތެޔޮ ގަންނަން ހިނގާނެ އަގަށް ރިޕްލޭސްމަންޓް ބަލައިގެން އަގު ކަނޑައެޅުމަކީ މި ސިނާއަތުގައި އާންމު ކަމެކެވެ.

ރިޕްލޭސްމަންޓް ކޮސްޓަކީ ކޮބާ؟

ރިޕްލޭސްމަންޓް ކޮސްޓް އަކީ އެސެޓެއް ނުވަތަ މުދަލެއް މިހާރުގެ ބާޒާރުގެ އަގުގައި އަލުން ހޯދުމަށް ނުވަތަ އާ ކުރުމަށް ހިނގާނެ ހަރަދެވެ.

ތެލުގެ ސިނާއަތުގައި މި ގޮތް ބޭނުންކުރުން މުހިންމުވަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވަރަށް އަވަހަށް ބަދަލުވާތީ އެވެ. ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި، ކުރިން ގަތް އަގަށް ބަލައިގެން ތެޔޮ ވިއްކައިފިނަމަ، ދެން އަންނަ ތެޔޮ ޝިޕްމަންޓް ގަންނާނެ ފައިސާ ކުންފުނީގައި ނެތުމުގެ ފުރުސަތު އޮވެ އެވެ. ދުނިޔޭގެ ހުރިހާ ތެޔޮ އިމްޕޯޓަރުން ވެސް އަމަލު ކުރާ އެންމެ އަސާސީ މިންގަނޑެވެ.

ތެޔޮ ބިލަށް 900 މިލިއަން ޑޮލަރު އަރާނެ

ރާއްޖެއަކީ މުޅިން ވެސް ތެޔޮ އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ރިޕްލޭސްމަންޓް ކޮސްޓްގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރެ އެވެ. ރާއްޖޭގައި ތެލުގެ އަގު ކަނޑައަޅަނީ އެސްޓީއޯ އިންނެވެ. އެސްޓީއޯ އިން އަގު ކަނޑައަޅާއިރު ބަލަނީ ސިންގަޕޫރުގެ މާކެޓް އަގަށެވެ. މީގެ އިތުރުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލަކީ ވެސް އަގަށް އަސަރު ކުރާ ކަމެކެވެ. ނަމަވެސް މިހާރު ސަރުކާރުން އެސްޓީއޯ އަށް ބޭރު ފައިސާ ފޯރުކޮށްދޭތީ މި ހުރަހެއް ނެތެވެ.

ނަމަވެސް ރިޕްލޭސްމަންޓް ކޮސްޓް ނުހަދައި އެސްޓީއޯއިން ތެޔޮ އެތެރެ ކުރަން ފަށައިފިނަމަ މިހާރު އެވްރެޖުކޮށް ޝިޕްމަންޓަކުން ބޮޑުވާ ވަރަށްވުރެ ބޮޑު މިންވަރެއް ކޮންމެ ފަހަރަކު އާއްމު ރައްޔިތު މީހާ އިހުސާސްވުމުގެ އިތުރުން އެސްޓީއޯއަށް ކޮންމެ ޝިޕްމަންޓަކުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވާނެ އެވެ. މިކަން ވެގެންދާނީ ރާއްޖޭގެ ރިޒާވްއަށް އަންނާނެ ކެތްކުރަން ދަތި ބަދަލަކަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެެއަށް 2024 ވަނަ އަހަރު 732 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެ ކުރި އެވެ. އަދި މިހާރުގެ ހާލަތުން މި އަދަދު 900 މިލިއަން ޑޮލަރަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

މިއީ ރާއްޖެފަދަ މާލީ ހާލަތު ރަނގަޅު ނޫން ގައުމަކަށް ކުރިމަތިވާނެ އިތުރު ބުރައަކަށްވާނެ އެވެ. އެސްޓީއޯއިން ތެޔޮ ގެންނައިރު ރިޕްލޭސްމަންޓް ކޮސްޓިން ހަދަން ޖެހޭ ސަބަބަކީ ވެސް މިއީ އެވެ. ތެލުގެ އަގު އުފުލޭއިރަށް ރާއްޖޭގައި ހުރި ތެލުގެ އަގު ބޮޑުކުރަން ޖެހެނީ އެހެންވެ އެވެ.