އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނުއަސާސީން ތަސައްވުރު ކުރާ މިނިވަން, މުސްތަގިއްލު ފަނޑިޔާރުގެއެއް ގާއިމުވެ, ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ, އެމަނިކުފާނު ވަނީ ރައީސަށް ތައުރީފުގެ ބަސްތައް އަމުނައި, ޝުކުރު ފަށްފަށުން އަދާކުރައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރަކު, ރައީސުލްޖުމްހޫރިއްޔާއަކަށް މިވަރުގެ ތައުރީފުގެ ބަސްތަކެއް މި ގޮތަށް އަދާކުރުމަކީ މާ އާންމުކަމެއް ނޫނެވެ. އެހެންނަމަވެސް, އުއްތަމަ ފަނޑިޔާރު ޣަނީ އެކަން ކުރައްވައިފަ އެވެ. އެމަނިކުފާނު އެކަން ކުރެއްވީ, މި ސަރުކާރު އައި ފަހުން ޝަރުއީ ދާއިރާއަށް ލިބުނު ކުރިއެރުންތައް ފާހަގަކުރައްވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ކަންކަން:
- ޝަރުއީ ދާއިރާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ މިނިވަންކަމާ އެކު އޮތް ފުދުންތެރި ދާއިރާއަކަށް ހެދުމަށް ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ޝަރުއީ ދާއިރާއަށް ގްރާންޓްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމި ނިންމުން
- ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މުރާޖައާކޮށް، މުވައްޒަފުން ފާޅުކުރި ގިނަ ކަންބޮޑުވުންތައް ސަރުކާރުން ހައްލުކޮށްދެއްވުން
- ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލޭގައި ބިނާކޮށް, އެ ކޯޓުގެ ޖާގަ ތަނަވަސްކޮށްދިނުން
- ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވުން
މި ނިންމެވުން އަޅުގަނޑުމެން ސިފަކުރަނީ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވަނީ މިނިވަން، ނަޒާހަތްތެރި ފަނޑިޔާރުގޭގެ ތަސައްވުރު ހަގީގަތަކަށް ހެއްދުމަށް މަނިކުފާނު އެޅުއްވި ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. މަނިކުފާނުގެ މި ނިންމުން ފަނޑިޔާރުގެއިން ބަލައިގަންނަނީ ޝުކުރުވެރި ހިތްތަކާކާއިގެން -- އުއްތަމަ ފަނޑިޔާރު
ތެދެކެވެ. އުއްތަމަ ފަނޑިޔާރު, ޝުކުރުވެރި ހިތަކާ އެކު ފާހަގަކުރެއްވި ކަންކަމަކީ ޝަރުއީ ދާއިރާއަށް ކުރިއެރުމެކެވެ. ޖާގަ ތަނަވަސްވެ, ޝަރީއަތް އަވަސްކުރަން ކޯޓަށް ފުރުސަތު ލިބިއްޖެ އެވެ. މާލީ މިނިވަން އަދުލުގެ ނިޒާމަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް އެ ދާއިރާގެ ބޭފުޅުން ދެކޭ ފަދައިން އެއީ މުހިންމު ކަމެކެވެ. މުވައްޒަފުންގެ މުސާރަ ބޮޑުވުމަކީ ގާބިލް މީހުން ދާއިރާގައި މަސައްކަތް ކުރަން ލިބޭ ފުރުސަތެކެވެ. އެކަމަކު, ސުވާލަކީ މި ކަންކަމަކީ ގާނޫނުއަސާސީން ތަސައްވުރު ކުރާ މިނިވަން, ނަޒާހަތްތެރި ފަނޑިޔާރުގެއަކަށް އެންމެ މުހިންމު ކަންކަންތޯ އެވެ.
ޖަވާބު ސާފުވެފައި, ކުރެވެ. ނޫނެކެވެ!

ގާނޫނުއަސާސީން ތަސައްވުރު ކުރާ މިނިވަން, ނަޒާހަތްތެރި ފަނޑިޔާރުގެއެއް ކަށަވަރުވެ, ރައްޔިތުންނަށް އޭގެ ހަގީގީ އިހުސާސް ކުރެވޭނީ ފަނޑިޔާރުންގެ އެ ނަޒާހަތްތެރިކަން ފެނިގެންނެވެ. ކޯޓުތަކުން އެ ނަޒާހަތްތެރިކަން ދައްކައިގެންނެވެ. ފަނޑިޔާރުން, އެ ނަޒާހަތްތެރިކަމާ އެކު އިންސާފު ފޯރުކޮށްދީގެންނެވެ. ފަނޑިޔާރުންގެ އެ އަހުލާގު ހުރެގެންނެވެ.
ޝަރުއީ ދާއިރާގެ އިދާރީ ކަންކަން އިސްލާހުކޮށް, ކިތަންމެ ގިނަ ކޯޓު އިމާރާތެއް އެޅިޔަސް, ގާނޫނުއަސާސީން ތަސައްވުރު ކުރާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ނުލިބޭނެ އެވެ. އެއީ އިމާރާތަކުން ހާސިލުވާ ކަމެއް ނޫނެވެ. އެއީ ބަޖެޓަކުން ނޫނީ މުސާރައަކުން ވެސްވާ ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ކުރިމަތީ ތައުރީފާއި ސަނާ ބަރުތީލަކޮށްގެނެއް ވެސް ނޫނެވެ.
ގާނޫނުއަސާސީން ކުރާ ތަސައްވުރު ފެންނާނީ ގާބިލް, ނަޒާހަތްތެރި ފަނޑިޔާރުން ޝަރުއީ ދާއިރާއަށް އައްޔަންކޮށްގެންނެވެ. ކޮންމެ ވެރިކަމަކާ އެކު, ފަނޑިޔާރުންގެ ދައުރު ބަދަލުވެ, އެއީ ސިޔާސީ ބައެއްގެ ގޮތުގައި އޮތްހާ ދުވަހަކު ޝަރުއީ ދާއިރާ މިނިވަނެއް ނުވާނެ އެވެ. އިހަށް ދުވަހު ސިޔާސީ ޕޯޑިއަމްގައި ހުންނެވި ބޭފުޅާ މިއަދު މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްޔަންކޮށްގެން އެ ތަސައްވުރެއް ނުފެންނާނެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން, ފަނޑިޔާރުންނަށް ކުރިމަތިކުރުވާ ބިރެއް ގޮތަށް ބާއްވައި, ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގެންގުޅޭހާ ހިނދަކު, ޝަރުއީ ދާއިރާ އޮންނަނީ ސިޔާސީ ވަކިތަކުގެ ތެރޭގަ އެވެ. މާލީ މިނިވަން ލިބުނަސް, އަދިވެސް ފަނޑިޔާރުގެ ވަށައިގެން އޮތީ ސިޔާސީ ވަކިތަކެވެ. އެކަމަށް ހައްލެއް ގެންނަން ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާއިރު, ފެންނަނީ އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުން އޭގެ ނާޖައިޒު ފައިދާ ނަގަމުންދާ ތަނެވެ. ކޮމިޝަންއާ ގާތް ބޭފުޅުންނާއި ރަހުމަތްތެރިން ކޯޓުތަކަށް އައްޔަން ކުރަމުންދާ ތަނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް ބޮޑެތި މައްސަލަތަކުގައި އަތްއަޅައިގެން ތިއްބަވައިގެން ތަސައްވުރެއް ނުފެންނާނެ އެވެ. ދައުރު ނިމެންދެން, ބޮޑެތި ދުސްތޫރީ މައްސަލަތައް ހިފަހައްޓައިގެން ތިބެ, އަމިއްލަ މަގާމުގެ ދިފާއުއަށް ފަނޑިޔާރުން މަސައްކަތް ކުރައްވައިގެން މިނިވަން ފަނޑިޔާރުގެއެއް ރައްޔިތުންނަކަށް ނުފެންނާނެ އެވެ. ގާނޫނީ ބޮޑެތި ހިލާފުތައް އޮންނަ މައްސަލަތައް, އޭގެ މުއާލާތް ކެނޑެން ދެން ކޯޓުގައި ތާށިކޮށްގެން ފަނޑިޔާރުން ތިއްބަވާ ނަމަ, ފަނޑިޔާރުގެ މިނިވަންވާނީ ކިހިނެއް ހެއްޔެވެ؟ ފަނޑިޔާރުންނަށް އެފަދަ މައްސަލައެއްގައި ރައުޔެއް ލިޔެލަން ގަލަން ހިއްލާލަން ނުކުރި, އެވަރުގެ މިނިވަންކަމެއް ނެތިއްޔާ, ކޮން މިނިވަން ފަނޑިޔާރުގެއެއް ހެއްޔެވެ؟
ސަރުކާރަށް ޕްރެޝަރުވާ މައްސަލަތަކާ ދިމާކޮށް, ފަނޑިޔާރުންނަށް އެކި ނުފޫޒުތައް ފޮރުވައި, ފަނޑިޔާރުން ވަކިކޮށް ހަދާއިރު, އަނގަ މަޑުންލައިގެން އޮންނަ ޝަރުއީ ދާއިރާއެއް އޮވެއްޖެ ނަމަ, ދާއިރާގެ ހައްގުގައި މަސައްކަތް ކުރައްވާ ކަމަކަށް ނުވާނެ އެވެ. އެކަން ނުކޮށް, އުއްތަމަ ފަނޑިޔާރުގެ ފުރިހަމަ ޒިންމާ އަދާކުރާކަށް ވެސް ނުވާނެ އެވެ.
އުއްތަމަ ފަނޑިޔާރު ރޭ ވިދާޅުވި އެވެ. "ދާއިރާގައި މިހެންހުރި ހުރަސްތަކާއި ހިރާސްތައް، މަނިކުފާނުގެ ސަމާލުކަމަށް ގެނައުމަކީ، އަޅުގަނޑުގެ ދުސްތޫރީ ޒިންމާއެއްކަމުގައ ވީހިނދުން ފެށިގެން، އަޅުގަނޑު މިދަނީ، އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މަސައްކަތްކުރަމުން,"
ޒިންމާ ފުރިހަމައަށް އަދާކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވިޔަސް, އެ ސުވާލު އަދި އެއްފަހަރު އެމަނިކުފާނު އަމިއްލަފުޅަށް އަމިއްލަ ނަފުސާ ކޮށްލެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ. ޝަރުއީ ދާއިރާގެ މިސްރާބު ހުރީ މިނިވަން, ވަރުގަދަ ބާރަކާ ދިމާއަށްތޯ ނޫނީ ވެރިކަން ހިންގާ ބާރުގެ ގޮއްޕަކާ ދިމާއަށްތޯ, އެއީ މިއަދު ކޮށްލަން ވަރަށް މުނާސަބު ސުވާލެކެވެ.