ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަން ކުރި ދުވަހު ވެސް އެތައް ބަޔަކު އުފައްދަމުން ދިޔަ ސުވާލަކީ މިއެވެ. ކޮރަޕްޝަނާއި ނުފޫޒުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު އަލުން ކުންފުންޏެއްގެ ވެރިއަކަށް ހަދަނީ ކީއްވެ ހެއްޔެވެ؟
ސްޓެލްކޯގެ އެމްޑީއަކަށް އައްޔަން ކުރިތާ ފަސް މަސް ތެރޭގައި އޭނާ ވަނީ އެ މަގާމުން ވަކި ކޮށްފަ އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން އެކަން އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އޭނާ ކަމަށް ބެލެވޭ މީހަކު ދެއްކި ވާހަކައެއްގެ ސިއްރު ރިކޯޑިން އެއް ވަނީ ލީކުވެފަ އެވެ. އެ ރިކޯޑިންގައި މިފްކޯގައި ކުރި ވަރަށް ވުރެ ބޮޑަށް ސްޓެލްކޯގެ ތެރެއިން ވައްކަން ކުރާ ގޮތުގެ "ފޮނި" ކެނޑި އެވެ.
ނަމަވެސް ޝަމާހު ވަނީ އެއީ އޭނާގެ އަޑު ނޫން ކަމަށާއި އޭނާ ފްރޭމް ކޮށްފައިވާ ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.
ސަރުކާރުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ނުބުންޏަސް ސަމާހު ވަކި ކުރީ ރައީސް އޮފީހާ ހަމައަށް ކުރިން އެ އޯޑިއޯ ލިބިގެން ކަމަށް ބެލެވޭ އެހެން ކަންކަން ވެސް ވަނީ ހިނގައިފަ އެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ބެލެވޭ މީހާ ދައްކަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑާ ގުޅިގެން އޭނާ "ވައްކަން ކުރާ" ވާހަކަ އެވެ. ޝަމާހު ވަކި ކުރުމާއެކު ސްޓެލްކޯގެ ޑީއެމްޑީގެ މަގާމާ ވަގުތީ ގޮތުން ހަވާލުވި ޑރ. އަލީ އަޒްވަރު ވަނީ ސާކިއުލާއެއް ނެރެ އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަގާމުން ދުރުކޮށްފަ އެވެ.
ހަމަ އެއާއެކު އެކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް ވަނީ ޝަމާހު އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކުރަން ފަށައިފަ އެވެ.
މިފްކޯގައި ވެސް މި މައްސަލަ!
މި ސަރުކާރުން އެންމެ ފުރަތަމަ ޝަމާހު އާ ހަވާލު ކުރީ މިފްކޯ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުން އޭނާގެ މައްސަލަތަކެއް ފެންމަތިވެ ޕީސީބީން ތަހުގީގު ކުރަނިކޮށް އޭނާ މަގާމުން ވަކި ކުރި އެވެ.
އޭރު ވެސް ކުރެވުނީ މިފަދަ ބޮޑެތި ތުހުމަތުތަކެކެވެ. އެގޮތުން؛
- މިފްކޯގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.
- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.
- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުން.
- ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.
- ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުންލުން.
- އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން.
- ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުން.
- ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް ލުން.
- ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.
- ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.
- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.
- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.
މި މައްސަލަތަކާ ގުޅިގެން ޝަމާހު މަޖިލީހަށް ހާޒިރު ކުރުމުން އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.
ނަމަވެސް ސަރުކާރުން އޭނާ އެ ކުންފުނިން ވަކި ކުރުމަށް ފަހު ދެން ބެހެއްޓީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓެއްގެ ވަޒީފާގަ އެވެ.
ޝަމާހު އަލުން ސްޓެލްކޯގެ އެމްޑީ އަކަށް އައްޔަން ކޮށްފައި ވަނީ އެ ތުހުމަތުތައް ތަހުގީގު ކޮށް ނުނިމެނީސް އެވެ. އެ މައްސަލަތަކަށް ވީ ގޮތެއް ވެސް ފަހުން ހާމައެއް ނުކުރެ އެވެ.