މާލޭގައި ޓެކްސީ ހިދުމަތް ހޯދާ ފަރާތްތަކުގެ ކަންބޮޑުވުމާއި ޝަކުވާތައް މަދެއް ނޫނެވެ. މާލެއިން މާލެ އަށް ދަތުރެއް ޖަހައިގެން ނުލިބުމެވެ. ޓެކްސީއެއް ހުއްޓާތޯ އަތް ނަގައިގެން އެތައް އިރަކު ހުއްޓަސް ނުލިބުމެވެ. ބައެއް ޑްރައިވަރުންގެ އުނދަގުލާއި މައްސަލަތައް އެހާ ބޮޑުވުމެވެ. ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހުމެވެ.

މި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރަށް ފެނުނު މަގަކީ އެ ހިދުމަތް ދޭން ނިންމުމެވެ. މާލޭގައި އެމްޓީސީސީން އާރްޓީއައި ބަސް ދުއްވާ ގޮތަށް ޔުނިފޯމް އެޅި އެމްޓީސީސީގެ ޓެކްސީ ޑްރައިވަރުން މާލޭގައި އެ ހިދުމަތް ދިނުމެވެ.

އިއްޔެގެ ވަގުތެއްގައި އެމްޓީސީސީން ވަނީ "މާލެ ޓެކްސީ" ހިދުމަތް ދިނުމަށް އިންޓަވިއުއަށް ހުޅުވާލައިފަ އެވެ.

ސަރުކާރުން މި ހިދުމަތަށް ވަނުމުގެ ބޭނުމަކީ މާލެ ފަހި ޕްލޭންގައި ބުނާ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި އަމަލު ކުރާ ގޮތަށް ރައްކާތެރި އަދި އިތުބާރު ކުރެވޭ ޓެކްސީ ހިދުމަތެއް ފޯރު ކޮށްދިނުމެވެ.

އެގޮތުން ފްރީލޭންސް އުސޫލުން ވަކި އެޕެއް ބޭނުން ކޮށްގެން ކާރު ދުއްވުމުގެ ފުރުސަތު އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާނެ ކަމަށާއި އެކަން ކުރަން ބޭނުން ކުރާ ކާރުތަކުގެ މަދުވެގެން 25 ޕަސެންޓަކީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން ބުނެފައިވާ ގޮތުގައި؛

  • ޓެކްސީ ލައިންގެ 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން
  • ބާކީ 50 ޕަސެންޓު ސްލޮޓް ދޫކުރާނީ ކޮންމެ ޕާޓް ޓައިމް އަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ސްލޮޓްތަކުގައި ދުއްވޭ ގޮތަށް
  • ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށެއް ނުވާނެ
  • ކޮންމެ ހަތް ދުވަހަކުން މުސާރަ ދޭނެ
  • ޑްރައިވަރުން ތިބޭނީ ހާއްސަ ޑްރެސް ކޯޑެއްގައި. ޑްރައިވަރުންކަން އަންގައިދޭ ހާއްސަ ޖެކެޓެއް ލައިގެން
  • ބިދޭސީން ނުތިބޭނެ
  • ޓެކްސީ ލައިންގައި މަސައްކަތް ކުރިޔަސް އަމިއްލަ ޓެކްސީ ވެސް ދުއްވޭނެ
  • ޓެކްސީތައް ޕާކު ކުރާނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ ބިމެއްގައި.
  • ވަކި ތަނަކަށް ދާން ޑްރައިވަރުންނަށް ދަތުރު ނުނެގޭނެ
  • ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނީޓާ ކުރާނެ
  • 24 ގަޑިއިރު ހިދުމަތް ދޭނެ

ސުވާލަކީ ސަރުކާރުން މި ވިޔަފާރި އަށް ނުކުމެގެން ބޭނުންވާ ނަތީޖާ ހާސިލް ކުރެވިދާނެ ހެއްޔެވެ؟ އާންމުންގެ ކަންބޮޑުވުމަށް ލިޔެއް ލިބޭނެ ހެއްޔެވެ؟

ޑްރައިވަރުންގެ ނުރުހުން: ވާނީ އިތުރަށް ގޯސް

މިކަމާ ގުޅޭ ގޮތުން "ސިޓިޒެން" އަށް ދެއްވި އިންޓަވިއުއެއްގައި ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ރައީސް އިބްރާޙިމް ނިޔާޒް ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަން އިން ވަނީ އެކަން ނުކުރަން ސަރުކާރަށް ލަފާ ދީފަ އެވެ.

ސަރުކާރުން އެތައް ސަތޭކަ ޓެކްސީތަކެއް ގެނެސްގެން އެ ވިޔަފާރި އަށް ވަދެގެން މައްސަލަ ހައްލު ވާނެ ކަމަށް ގަބޫލު ކުރިޔަސް އެއީ ވާނެ ކަމެއް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ސަރުކާރުން މީގެ ތެރެއަށް ވަދެގެން އެކަން ވާނީ އިތުރަށް ގޯސް." އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މާލެއިން މާލެ އަށް ދަތުރު ނުލިބުން ފަދަ ކަންކަން ދިމާވާ އެތައް ސަބަބެއް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީ އިން ޒިންމާ އަދާ ކޮށްގެން ޓެކްސީ ހިދުމަތް ރަނގަޅަށް ރެގިއުލޭޓް ކުރާ ނަމަ ހައްލު ވާނެ ކަންކަމެވެ.

އެގޮތުން ޑިސެމްބަރު ޖެނުއަރީ ހިސާބުގައި ނުވަތަ ހާއްސަ ބަންދު ދުވަސްތަކާ ދިމާކޮށް ޕީކް ވަގުތުތަކުގައި 10،000 އާ ގާތް ކުރާ އަދަދަކަށް ޓެކްސީ ދަތުރުތައް މާލެ ސަރަހައްދުގައި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މާލޭގެ ތޮއްޖެހުމުގެ މައްސަލަ އޮތް ވަރުން އެންމެ ދަތުރެއް ކުރަން ވެސް މަދުވެގެން އެއް ގަޑިއިރު ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ގަޑިއިރު އެބަ ނަގާ ދަތުރަކަށް. ކަސްޓަމަރުން ސެންޓަރަށް ގުޅައިގެން ނޫނީ އެޕުން ވެސް ދަތުރު ނުލިބިގެން އުޅޭ ކަން އެބަ އެނގޭ. އެކަމަކު ދެ މީހަކު އަރުވާކަށް ވެސް ގަވާއިދެއް ހުއްދައެއް ނުދޭ." އޭނާ ވިދާޅުވި އެވެ.

އަނެއް ކަމަކަށް ސަރުކާރުން މިއީ ހިދުމަތެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް ހިދުމަތެއް ދޭން ޖެހޭ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން މިހާތަނަށް ދެއްވީ ކޮން ލުއިތަކެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެގޮތުން 24 ގަޑިއިރު ޓެކްސީ ކުރާ ފަރާތްތަކުން ވެސް އެންމެ ކުޑަ މިނުން ކާރު ޕާކު ކޮށްލާނެ ޖާގައެއް ދައްކާ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުބުނަން ހިލޭ ތަނެއް ދޭށޭ. ފައިސާ ނަގައިގެން ވިޔަސް އަޅުގަނޑުމެންގެ ކާރު ހަލާކު ނުވާ ގޮތަށް ބާއްވާނެ ތަނެއް އެބަ ޖެހޭ ދައްކައިދޭން."

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިޔަތް އޮތް ނަމަ މިކަންކަން ހައްލު ކުރެވޭ ތަން ފެންނަން އެބައޮތެވެ. މަޖީދީ މަގުގެ ތޮއްޖެހުން ކުޑަ ކުރަން ދެ ފަރާތުގައި ޕާކު ކުރާ ވެހިކަލްތައް ކްލިއާ ކޮށްދޭން ޑްރައިވަރުންގެ ފަރާތުން އެދިއެދި އެތައް އަަހަރެއް ވީ އިރު ވެސް އެކަން ނުކުރާ ކަމަށާއި ނަމަވެސް ބަސް ހިދުމަތް ފަށަން ބޭނުންވުމުން މަޖީދީ މަގު އެކީ ކްލިއާ ކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސް ހިދުމަތް ދޭތީ މިހާރު ވެސް އެހާ ބާރު ބޮޑު. އޭގެ އިތުރަށް އަނެއްކާ 100 އިތުރު ޓެކްސީ މާލެ އަށް ގެނައީމަ ދެން ދުއްވަން އިތުރަށް އުނދަގޫ ވާނެ."

ޑްރައިވަރުންގެ އެސޯސިއޭޝަނުން އެކަން ނުކުރަން ސަރުކާރަށް ލަފާ ދިނަސް ސަރުކާރުގެ ވިސްނުން ހުރޭ އެކަން ކުރާ ގޮތަށެވެ. އެގޮތުން އެންމެ ފުރަތަމަ 150 ކާރާއެކު އަންނަ މަހު އެ ހިދުމަތް ފަށަން ވަނީ ރާވައިފަ އެވެ. އެއަށް ފަހު ތިން ފޭސް އަކަށް މަޝްރޫއު ކުރިޔަށް ގެންގޮސް މާލެ ސަރަހައްދުގައި ސަރުކާރުގެ 450 ޓެކްސީ އޮޕަރޭޓް ކުރާނެ އެވެ.