މޫސާ ރަޝީދު

މީގެ ދެ ދުވަހެއް ކުރިން ފެނިގެން ދިޔައީ ބާޒާރު މަތިން ވައްކަން ކުރި މީހަކަށް ރައްޔިތުން ނުކުމެ އަރުވައިލި ވަރެވެ. އޭނާ ވަށާލައި ބިންމައްޗަށް ވައްޓައި ތަޅައި އަނިޔާ ކުރި އެވެ. އަދި ދަމައި ކޫއްތާފައި ގެންގޮސް ފަޅުތެރެ އަށް އެއްލައިލީ އެވެ.

އޭނާގެ ކުށަކީ އަޑު ފެތުރިފައިވާ ގޮތުގައި 15ރ. ވަގަށް ނެގުމެވެ.

އަނެއް ކޮޅަށް ބަލާލަމާ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މަޝްވަރާ ކުރުމަށް ފަހު ސުލްހަވާން ނިންމައިފި އެވެ. ދެ ބޭފުޅުން އަލުން ކޮނޑަށް އަތްލައްވަވައި އެކީ ހީ ސަމާސާ ކުރައްވަން ފެއްޓެވީ އެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާއި ފަހުން ޑިމޮކްރެޓްސް އަށް ގުޅުނު ފަރާތްތަކަށް ވެސް މިއީ ވަރަށް ބޮޑު އުފަލެކެވެ. ސޯޝަލް މީޑިއާގައި "ކޭކޭބީކޭ" ހޭޝްޓެގާއެކު އެންމެން އަތް ޖަހައި އުފާ ފާޅު ކުރި އެވެ. ތައުރީފުގެ ބަސްތައް އޮއްސި އެވެ. އެމްޑީޕީގެ ދެ ރައީސުން ގުޅޭތީ އެންމެން ތިބީ އުފަލުން ފޮޅިފަ އެވެ.

އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން މި ބޭފުޅުން ދެއްކެވީ ކުރީ ސަރުކާރުގައި ހިންގާފައި ތިބި ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ އެވެ. ފެނަކަ އާއި އާރްޑީސީ ފަދަ ކުންފުނިތަކުގައި ހިންގި އެތައް މިލިއަން ރުފިޔާގެ ވައްކަންތަކެވެ. ސަރުކާރުގެ އިސް ބޭފުޅުން ފައިދާ ނަގަމުންދިޔަ ކަމުގެ ތުހުމަތެވެ. ވެންޓިލޭޓަރުގެ ހިޔާނާތާއި ކޮވިޑް ދުވަސްކޮޅު ނޭވާ ހޮޅިން ވައްކަން ކުރި ވާޙަކަ އެވެ. އެތައް ބަޔަކަށް ނުހައްގުން ވަޒީފާތައް ދީ ނާޖައިޒް ފައިދާ އާއި މަގާމްގެ ނުފޫޒު ފޯރުވި ވާހަކަ އެވެ.

މީގެން ގިނަ ކަންކަމަކީ ތޯތޯ ވާހަކައެއް ނޫނެވެ. ދައުލަތުގެ ތެރެއިން އެކަންކަން ކުރަމުން ދިޔަ ގޮތް މިއަދު އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބައޮތެވެ. އޭގެ އެތައް ކަމެއް ފަޅާ އަރައި ސާބިތުވެ ޝަރީއަތް ވެސް ހިނގަމުން އެބަ ދެ އެވެ.

ނަމަވެސް ދެ ރައީސުން ސިޔާސީ ގޮތުން ކުރި ހޯދަން އަލުން "ރައްޓެހިވާން" ނިންމެވި ހިސާބުން އެ ހުރިހާ ތުހުމަތެއް ގެއްލިއްޖެ އެވެ. އެ ވާހަކަތައް މާ ބޮޑު ކަމަކަށް ނުވި އެވެ. ސާފު ހުދު ފޮތިކޮޅަކަށް ވެއްޖެ އެވެ. އެރު ކުރި ވައްކަންތަކުގެ ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވެ އެވެ.

އެކަމަކު ރައްޔިތުންގެ ފަރާތުން ފެނުނީ ބާޒާރު މަތިން ފެނިގެން ދިޔަ ކަހަލަ މަންޒަރެއް ނޫނެވެ. އާންމުން އަތް ޖަހަނީ އެވެ. އުފާ ފާޅު ކުރަނީ އެވެ. ހިތްވަރު ދެނީ އެވެ.

ދެ ރައީސުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރާ ގުޅޭ ގޮތުން ކުރެއްވި ތުހުމަތުތަކުގެ ވާހަކަ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވި ގޮތުގައި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

ސުވާލަކީ ރައްޔިތުންގެ ފައިސާ އިން ހިޔާނަތްތެރިވުމުން ހަމައެކަނި ކުރަން ވާނެ ކަމަކީ ފާޑު ކިޔުން ހެއްޔެވެ؟ ގެއްލުނު ފައިސާ ހޯދުން ކޮބާ ހެއްޔެވެ؟ އަލުން ގާއިމް ކުރާ އެމްޑީޕީގެ ވެރިކަމެއްގައި އެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ހެއްޔެވެ؟ ނޫނީ ސިޔާސީ ގާތް މީހާއަށް ވީތީ އެކަންކަން ހަނދާން ނައްތާލަނީ ހެއްޔެވެ؟

އެވަރުން ނިމުނީކީ ނޫނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

މޫނަށް ރުލެއް އަރުވާ ވެސް ނުލައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ވެސް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމެވެ.

އެކަމަކު 2018 ގައި އޭރު ޔާމީނާ ދެކޮޅަށް ނުކުމެ ހުރެ އެ ސަރުކާރާ ގުޅޭ ގޮތުން ކުރި ތުހުމަތުތައް ކޮބާ ހެއްޔެވެ؟ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިމި ހުރިހާ ފައިސާ އެއް ހޯދި އެންމެނަށް އިންސާފު ގާއިމް ކުރެވުނީ ހެއްޔެވެ؟

އޭގެ މުގުލުގައި ހުރި އަހުމަދު އަދީބު މިނިވަން ކުރެއްވި ބޭފުޅަކު މިހެން ވިދާޅުވުމުން ހައިރާނެއް ނުވެ އެވެ.

ދެ ރައީސުން ކުރެއްވި މަޝްވަރާގައި މި މައްސަލަތަކަށް ވުރެ ބޮޑަށް ދައްކަން އުނދަގޫވި ވާހަކައެއް ކަމަށް ވިދާޅުވީ 2028 ގެ ރިޔާސީ ޓިކެޓުގެ ވާހަކަ އެވެ. ބޮޑެތި ހިޔާނާތްތަކާއި ގެއްލުނު ފައިސާތަކުގެ ވާހަކައެއް ނޫނެވެ. އެއީ މާ ބޮޑު ކަމަކަށް ވެސް ނުހެދި އެވެ.

އެހެންވެ ދެ ރައީސުން ގުޅުމަށް ވުރެ ބޮޑަށް އިއްޔެ ފެނިގެން ދިޔައީ ދެފުށް ކެހެރި ކަމެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ހަމައެކަނި އިދިކޮޅުވުމުންނެވެ. ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ހިސާބުން އެއީ ނުހިނގާ ކަމެކެވެ. އިބިލީހާ އެކު ވެސް މަސައްކަތް ކުރުން ވެސް ހަމަ އޯކޭ އެވެ.

ކުށެއް ކުށަކަށް ވަނީ އާދައިގެ މީހާ ކުރީމަ އެވެ. ވެރިއެއް ވިއްޔާ އޮތީ މާފެވެ. ވެރިން ރައްޔިތުންނަށް ދައްކައިދީ އަދި ވިސްނައި ވެސް ދެނީ އެ އުޅުމެވެ.

އެހެންވެ ރައްޔިތުން ވެސް މިލިއަނުން ވައްކަން ކުރި ފަރާތްތަކަށް ބަނދަރުމަތިން މަރުހަބާ ކިޔައި އަތް ޖަހަނީ އެވެ. އެކަމަކު 15ރ. ވަގަށް ނެގި މީހާ އަށް އަދަބުދީ ބަނދަރުމަތިން ބޭރުން މޫދަށް އެއްލާލަނީ އެވެ.