މިދިޔަ ބުރާސްފަތި ދުވަހު ޕީއެންއެފް އިން ބޭއްވި "ރިސެޓް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީން މިނިވަން ކުރުމުގެ ބޮޑު ވައުދާ އެކު އެވެ. ޔާމީން ދެއްކެވީ އެ ވައުދު ނުފުއްދައިފި ނަމަ ދެން ވާނެ ގޮތުގެ ވާހަކަ އެވެ.
ޖަލްސާގައި ސަޕޯޓަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ޖަލު ހުކުމެއް އައުން އެއީ ނެތް ގޮތެކެވެ. ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
އެހެން ނަމަވެސް އެ ނޫން ގޮތަކަށް އެކަން ކުރަން އުޅުމަކީ ޔާމީން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާނެ އެންމެ ބޮޑު ގޯހެވެ.
މުއިއްޒު އަށް އެނގިވަޑައިގަންނަވާނެ މުއިއްޒު އަށް ރާއްޖޭގައި ތާއީދު ނެތް މިންވަރު. އަޅުގަނޑު ގައިގައި އަތް ލައިފިއްޔާ ދެން އެ އޮތް ތާއީދު ވެސް ގެއްލިގެން ދިޔައީ. -- ޔާމީން
ޔާމީންގެ މި އިންޒާރުގެ ފަހަތުގައި ސިޔާސީ އެތައް ހަގީގަތެއް އެބައޮތެވެ. އެކަމަކު ސިޔާސީ މަސްރަހުގައި ދެބަސްވުން އަންނާނެ ސުވާލަކީ ރައީސް މުއިއްޒަށް އޮތް ތާއީދު ގެއްލޭނީ ޔާމީން ޖަލަށްލުމުންތޯ ނުވަތަ މިނިވަންކޮށް ހުރެގެންތޯ އެވެ؟ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވިޔަސް ނުވަތަ ނުވިޔަސް މި ދެ ހާލަތުން ކުރެ އެއް ހާލަތެއް އަންނާނެ އެވެ. އަދި އެކަން ވާނީ ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަށެވެ.
ޔާމީން ޖަލަށް ލައިފި ނަމަ އެއީ ނުފޫޒުތަ؟
ސިޔާސީ މަސްރަހުގައި އަބަދުވެސް ކުރި ހޯދާނީ ނެރޭޓިވް ކޮންޓްރޯލް ކުރާ ފަރާތްތަކެވެ. އެންމެ ބޮޑަށް ރައްޔިތުންނަށް ގަބޫލު ކުރެވޭ ވާހަކަ ވިއްކާ ފަރާތެވެ.
އެއްވެސް ސަބަބަކާ ހުރެ ކޯޓަކުން ޔާމީނާ ދެކޮޅަށް ހުކުމެއް ކޮށްފި ނަމަ އެކަން އިދިކޮޅު ފަރާތްތަކުން އެކަން އަޅުވާނީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގަ އެވެ. އެ ތުހުމަތު ސަރުކާރާ ނާންނާނެ ގޮތެއް ނޯންނާނެ އެވެ.
ނަމަވެސް މިއީ ހަމައެކަނި ޔާމީންގެ ސަޕޯޓަރުން ދައްކާ ވާހަކައެއް ނޫނެވެ. ރައީސް މުއިއްޒު އިދިކޮޅުގައި ހުންނެވި އިރު ވަނީ އެ ވާހަކަ އެގޮތަށް ދައްކަވައިފަ އެވެ. ރިޔާސީ އިންތިހާބުގައި އަދި އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު މުއިއްޒު ވިދާޅުވަމުން ގެންދެވީ ރައީސް މުއިއްޒު ވެސް ވިދާޅުވަމުން ގެންދެވީ ޔާމީނަކީ މައުސޫމް ބޭފުޅެކެވެ. އެމަނިކުފާނަށް ކުރަނީ އަސާސެއް ނެތް ދައުވާތަކެކެވެ. އެމަނިކުފާނާ ދެކޮޅަށް ހުކުމެއް އަތުވެއްޖެ ނަމަ އެއީ ސީދާ ރައީސް އޮފީހުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމެވެ.
އޮކްޓޯބަރު 2، 2023 ގައި ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވި އެވެ.
އަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރުގައި މިހާރު އޮތް ޕްރޮސެސް އިން އެ މަނިކުފާނު މިނިވަން ނުވާ ކަމުގައި ވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ -- މުއިއްޒު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނޮވެމްބަރު 17 ވާނީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ދުވަހަށެވެ.
އެ ހިސާބުން އެ މަނިކުފާނު [ޔާމީން] މިނިވަން ވާނެ
އޭރާއި މިހާރާ އަޅައި ކިޔާނަމަ ޔާމީނަށް ދައުލަތުން އާ ތުހުމަތުތަކެއް ނުވަތަ ދައުވާތަކެއް ކޮށްފައި ނެތެވެ. އެހެންވެ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން ނަމަ އެއީ އަސާސެއް ނެތް ދައުވާތަކެކެވެ. އަދި ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެން ނޫނީ ދެން އެމަނިކުފާނަށް ޖަލު ހުކުމެއް ނާންނާނެ އެވެ.
ޔާމީނަށް ޖަލު ހުކުމެއް އައިސްފި ނަމަ އިދިކޮޅު ފަރާތްތަކުން އެންމެ ގަދައަށް ދައްކާނީ މި ވާހަކަތަކެވެ. ޔާމީން މިހާރާލާ އެފަދަ އިންޒާރެއް ދިނުމަކީ ވެސް އެގޮތަށް ނެރޭޓިވް ސެޓް ކުރާނެ ކަމުގެ ސިގްނަލެކެވެ.
ނަމަވެސް އެފަދަ ހާލަތެއްގައި ސަރުކާރުން ވެސް ދައްކާނީ ވައުދެއް ފުއްދަން ކަމުގައި ވިޔަސް ވަކި ބޭފުޅެއްގެ މައްސަލައަކަށް ސަރުކާރުން އަތް ނުބާނާ ވާހަކަ އެވެ. އަދި ވައުދުވި ގޮތަށް ޝައުރީ ދާއިރާ މިނިވަން ކުރި ވާހަކަ އެވެ. އެއްވެސް މީހެއްގެ މޫނަށް ކަނދުރާ އަށް ބެލުމެއް ނެތި އިންސާފު ގާއިމް ކުރާނެ ވާހަކަ އެވެ.
ޔާމީން ޖަލަށް ނުލިޔަސް ގެއްލުން؟
ދެން އޮވެދާނެ ހާލަތަކީ ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބުގައި މުއިއްޒު އާ ވާދަ ކުރުމެވެ. އެ ގޮތަށް އޮވެއްޖެ ނަމަ ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޔާމީން ވާނީ މި ސަރުކާރު ދެވަނަ ދައުރަށް ހޯދަން އޮތް އެންމެ ބޮޑު ހުރަހަށެވެ. އޭގެ އެއް ކޭސް ސްޓަޑީ 2018 ގެ ރިޔާސީ އިންތިހާބުން ވެސް އޮތީ ފެނިފަ އެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ނަޝީދަށް ވާދަ ނުކުރެވުނު ތަނުގައި ނުކުމެވަޑައިގަތް ޕްރޮކްސީ ކެންޑިޑޭޓެކެވެ. ނަމަވެސް ނަމަވެސް ވެރިކަން ލިބުމާއެކު ނަޝީދާ ފެއަށް ޖެހިވަޑައިގަތުމުގެ ނަތީޖާއަކީ އެމްޑީޕީ ދެބައިވުމެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.
ހަމަ އެގޮތަށް މުއިއްޒު އަކީ ވެސް ޔާމީނަށް ފުރުސަތު ގެއްލުމުން ނުކުތް ޕްރޮކްސީ އެވެ. ނަމަވެސް ޔާމީން އާ ފޭސް އޮފް އަކަށް ދިޔުމަކީ ޑީއާރްޕީ ފިކުރުގެ ވޯޓުތައް ދެބައިވުމެވެ. އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް މި ސަރުކާރަށް އެންމެ ބޮޑަށް ޑެމޭޖް އަންނަނީ ޔާމީންގެ ފަރާތުން އަންނަ ބަސްތަކަށެވެ. ޔާމީން ބާއްވާ ޖަލްސާތަކަށޭވެ. ސަބަބަކީ މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކަކީ ޔާމީންނަށް "ރަސްގެފާނެއް" ހަ ޝަރަފު ދެއްވައިގެން އުޅުއްވި ބޭފުޅުންނެވެ. އަދި އެ ބޭފުޅުންގެ އަޑި އާއި ހަގީގަތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީ ވެސް އެމަނިކުފާނު ކަމަށްވާތީ އެވެ.
އެހެންވެ ކުރިން ވެސް ވީގޮތަށް ޔާމީނާއި މުއިއްޒު އަށް ވެސް އެކަށީގެންވާ ވޯޓު ނުލިބި އެހެން ކެންޑިޑޭޓުން އޭގެ ފައިދާ ނެގުމުގެ ފުރުސަތު އެބައޮތެވެ.
ނަމަވެސް ރިޔާސީ އިންތިހާބަށް އަދި ވާނެ ގޮތެއް ލަފާ ކުރުން ވަރަށް އަވަހެވެ. އެމްޑީޕީގެ އެތެރެ އޮތީ ދެބައިވެފަ އެވެ. ޕީއެންސީ އަދި ޕީއެންއެފްގެ ވާދައިގެ ތެރެއިން ކޮންމެ ގޮތެއް ވިޔަސް މި ސަރުކާރުން ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުއްޓެވެ.
މިއިން ކޮންމެ ކަމަކީ ސިޔާސީ ގޮތުން އެތައް ހިސާބެއް ޖަހައި ސިނާރިއޯތަކެއް ލަފާ ކޮށްގެން ކުޅޭނެ ކާޑު ތަކެކެވެ. ޔާމީންގެ މައްސަލައަކީ ވަކި ވަރަކަށް ގެއްލުން ވިޔަސް ބޭނުން ކޮށްފާނެ އެއް ކާޑެވެ.