ރުއުޔާ, އޭނާގެ އެކުވެރިޔާ ކަމަށްވާ ލެޕްޓޮޕްގައި ކުރަހަމުން ދިޔައީ އޭނާގެ އުއްމީދީ ހަޔާތެވެ. ދެކެން ބޭނުންވާ, ދިރިއުޅެން ބޭނުންވާ ފަދަ ގެއެކެވެ. އޭނާގެ ދައްތަމެންނާއި މަންމަ އާއި ބައްޕައާ އެކު ދިރިއުޅެން ބޭނުންވާ ތަނަވަސް ގެ އެވެ. އެކަމަކު, އެ ލެޕްޓޮޕްގެ ދުނިޔެއިން ރުއުޔާ ނުކުންނަ ހިސާބުން އޭނާ އާ ބައްދަލު ކުރަނީ ވަށައިގެންވާ ހިތި ހަގީގަތާ އެވެ. އޭނާގެ ނޭވާ ހާސްކޮށް ބަންދުކޮށްލާފައިވާ ކުޑަ ގޮޅި އެވެ.
އުމުރުން 23 އަހަރުގެ ރުއުޔާ ބިންތު އަހުމަދު ޖަލީލަކީ އުފަންވީއިރު ވެސް ބަލިހާލަތު ވަރަށް ދަށް ކުއްޖެކެވެ. އޭނާގެ ހިތް ޑޮކްޓަރުން ސިފަކުރަނީ ފުރޭންޏެއްގެ ސިފައިގަ އެވެ. ވީހޭތާ މަހެއް ނުވަނީސް, އިންޑިއާއަށް ގެންގޮސް ޑޮކްޓަރުން ދެއްކުމުން އެ ޑޮކްޓަރުން ވެސް ތިބީ ޝޮކެއްގަ އެވެ. ފަރުވާދޭނެ ގޮތެއް, އޭނާ ދުނިޔޭގައި ހުރި ގޮތެއް ނުވިސްނިފަ އެވެ. ދަރިފުޅު މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމުގެ ހިތި ހަބަރު ވެސް ރުއުޔާގެ މައިންބަފައިން ކަމަށްވާ އަހުމަދު ޖަލީލާއި އިނާޔާ މުސާ އަހަން ޖެހުނެވެ.
ރުއުޔާގެ ހިތް އުފެދިފައިވަނީ ވަރަށް ގިނަ ލޯވަޅުތަކާ އެކު އެވެ. އެ ލޯވަޅުތަކުގެ ސަބަބުން, ހިތުގައި އޮކްސިޖަން ހިނެމޭ ލެޔާއި އޮކްސިޖަން ނުހިމެނޭ ލޭ ވަނީ އެއްވެފަ އެވެ. ލޭފޯރުވައިދޭ ނާރުތައް އެހާމެ ހިމަ އެވެ. އޭގެއިތުރުން އޭނާ އުފަންވީއިރު އެތެރެހަށީގެ ގުނަވަންތައް ވަނީ ހުންނަން ޖެހޭ ފަރާތް ނޫން އަނެއް ފަރާތުގަ އެވެ. ހިތުގެ ވިންދު އެހާ އެހާ އަވަސްއިރު, އޭނާއަށް ނޭވާލެވެނީ އާންމު މީހަކު މައިނޭވާލާހާ ބާރަށެވެ. އަބަދުމެ ހުންނަނީ ގައިން ވަރުދޫވެ ވަރުބަލިވެފަ އެވެ. ކާން ސަމުސަލެއް ހިއްލާލުމަށް ވެސް އޭނާގެ ކިބައިގައި ވަރެއް ނުހުރެ އެވެ.
ފުއްޕާމޭއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ފުއްޕާމޭގެ 55 ޕަސެންޓް ހަލާކުވެ ގޮސްފައިވާއިރު އޭނާއަށް ހިނގާބިނގާވެ ނޫޅެވެ އެވެ. ނިދަނީ ބައިޕެޕް މެޝިނުގެ އެހީގަ އެވެ. ދުވާލަކު ތިންފަހަރު ނެބިއުލައިޒު ކުރަން ޖެހެ އެވެ. ތިން އިރަށް މުށެއް ފުރާ ބޭސް ކާން ޖެހެ އެވެ.
އުމުރުން ބޮޑުވެ, ހަށިގަނޑު ބޮޑުވާވަރަކަށް ރުއުޔާގެ ބަލި ވެސް ދިޔައީ ބޮޑުވަމުންނެވެ. އަދި މިހާރު ހަކުރު ފަދަ ގައިން ގަޔަށް ނާރާ އެތައް ބައްޔެއް އޭނާ ގައިގައި ހުރެ އެވެ.

އާދައިގެ ރޯގާއެއް ވެސް ރުއުޔާއަށް ވަނީ ނިއުމޯނިއާއަށެވެ. އެތައް ދުވަހެއް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭއިރު ނާރުތައް ހިމަކަމުން ލޭ ނެގުމާއި ކެނިއުލާ ގުޅުން ފަދަ ކަންކަން ވެސް ވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ. އެ ހާލުގައި އޭނާ ދުވަސްތައް މިހާރު ވޭތުކުރަމުންދަނީ އޮކްސިޖަން މެޝިންގެ އެހީގަ އެވެ. އޭގެ އެހީގައި ދިރިއުޅޭތާ ވެސް ފަސް އަހަރު ވަނީ ވެފަ އެވެ. އަދި 24 ގަޑިއިރު ހުންނަނީ އޮކްސިޖަން ގުޅައިފަ އެވެ. ބޭރަށް ވެސް ދަނީ ޕޯޓަބަލް މެޝިންއާ އެކު އެވެ. ޗާޖް ދާންވާއިރަށް ގެެއަށް ދަނީ އެވެ.
މި ހުރިހާ ކަމަކާ ހެދި ރުއުޔާ އަށް އުފުލަން ޖެހިފައިވާ އެންމެ ބޮޑު ތަކުލީފަކީ ސާފު ވައި ނުލިބުމެވެ. ހަށިގަނޑަށް އޮކްސިޖެން ލިބުމުގެ ދަތިތަކެއް ހުރިއިރު އޭނާ ވަށައިގެން ބެދިފައި ހުރުމެވެ. ނޭވާގެ އެއްވެސް މައްސަލައެއް ނެތް މީހަކު ވެސް ހާސްވާ ވަރުގެ ކުޑަ ގޮޅިއެއްގައި ދިރިއުޅެން ޖެހުމެވެ.
އެހެން މީހުންނަށް ބޯހިޔާވެހިކަމަކީ އަސާސީ ހައްގަކަށްވީ ނަމަވެސް ރުއުޔާ އަށް އެއީ އޭނާ ދިރިހުރެވެން އޮތް ހަމައެކަނި އުންމީދެވެ.
ރުއުޔާގެ ކޮޓަރި، މެޝިނާއި ބޭސްތަކުން ފުރިފައިވާ ގޮޅިއެއް
ރުއުޔާގެ އިންޓަވިއު ނަގަން ހެންވޭރުކޮޅުގައި ހުންނަ މޮސްކޯ ގެއަށް "ސިޓިޒެން" ގެ ނޫސްވެރިން ވަތް އިރު ހީވީ ހޮހޮޅަ އަކަށް ވަދެވުން ހެނެވެ. ދެ ފޫޓެއްހާ ހަނި އަނދިރި ގޯޅިގަނޑަކުން ވަދެގެން ދިޔަވަރަކަށް ގަދަ އާވި ހޫނުގަނޑެއް އަރައި ކަރުގައި ހިފައި ނޭވާ ތާށި ކޮށްލި ކަހަލަ އެވެ.
އެ ގޯޅިގަނޑުގެ އެތެރޭ ރުއުޔާގެ ބައްޕަ އަހުމަދު ޖަލީލު ހުއްޓެވެ. އޭނާ ދޮރު ހުޅުވާލާފައި އަހަރެމެންނަށް ދެއްކީ އެންމެ މީހަކަށް ވެސް ދިރި ނޫޅެވޭ ވަރުގެ ދިހަ ފޫޓު, ފަނަރަ ފޫޓުގެ ކުޑަ ގޮޅިއެކެވެ. އެކަމަކު އެއީ ހަތް މީހުން ދިރިއުޅޭ ތަނެވެ. އެ މީހުން ކެއްކުމާއި ނިދުމާ ހުރިހާ ކަމެއް ކުރަން ހުރީ ޑެކް އަޅާ ތިން ބުރިއަށް ފޮތި ކޮށްފަ އެވެ.

ރުއުޔާ ދިރިއުޅޭ ކޮޓަރި ދައްކާލަން އޭނާގެ މަންމަ އިނާޔާ އަހަރުމެން ގޮވައިގެން އެރީ އާދައިގެ ލަކުޑި ހަރުގަނޑެއް ހެން ހުރި ހަނި ސިޑިއަކުންނެވެ.
މައްޗަށް އެރުމުން ހީވީ ހެދުން އަލަމާރިއަކަށް ވަދެވުނު ހެނެވެ. އަދި ކުރިމަތީ ހުރި ދޮރު ހުޅުވާލިިއިރު އެއަށް ވުރެ ވެސް ތާާށި ތަނެއްގައި ހުރި ބަންކު ބެޑެއް މަތީ ރުއުޔާ ލެޕްޓޮޕުން ގޭމް ކުޅެން އިނެވެ. އެ "ކޮޓަރީގައި" ޑަބަލް ބެޑް ސައިޒްގެ ބަންކް ބެޑެއް ބަހައްޓާފައި ދެން ހިނގާލަން އޮންނަ ތަންކޮޅުގައި ދެވެނީ އަރިއަކަށް ހުރެގެންނެވެ.
ރުއުޔާގެ އޮކްސިޖަން މެޝިނާއި ހުރިހާ ބޭސްތަކާއި ލިޔުންތައް ވެސް ހުރީ އެ ތަންކޮޅުގެ ތެރޭގަ އެވެ.
އެ ކުޑަ ގޮޅި ހީވީ ހޮސްޕިޓަލެއްގެ އައިސީޔޫ ހެނެވެ.

އެކަމަކު, އެއީ ރުއުޔާގެ ހަގީގަތެވެ. އޭނާ ދިރިއުޅުމުންދާ ހާލަތެވެ.
އެ ހާލަތު އެހެން އޮތް އިރު ޑޮކްޓަރުން ދީފައިވާ ލިޔުމުގައި އޮތީ މިހެންނެވެ؛
She is recommended stay in a well ventilated home with adequate space as these factors are essential for her wellbeing and to reduce exposure to irritants that maybe contributing to her respiratory issues
ރުއުޔާ ދިރިއުޅެމުންދާ އެ ކޮޓަރިއަކީ ޑޮކްޓަރު ދީފައިވާ އިރުޝާދާ ގާތް ވެސް ކުރާ ތަނެއް ނޫނެވެ. އެތަނަކީ ރަނގަޅަށް ހުރި މީހަކު ވެސް އުޅެންވާ ވަރުގެ ތަނެއް ނޫނެވެ. މުޅި ތަން ބެދިފައިވާއިރު, ސާފު ވައި ލިބޭނެ ގޮތެއް ނެތެވެ. ހުޅުވެން ހުރި ހަމައެކަނި ކުޑަ ދޮރު ހުރީ ގަރާޖަކާ ދިމާއަށެވެ. އެތައް ކެމިކަލެއް އެތަނުގައި ގެންގުޅެ އެވެ. އެހެންވެ، އެއީ ހުއްޓަސް ނުހުޅެވޭ ދޮރެކެވެ.
ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތް ވެވޭނެ ގޮތެއް ވެސް ހުރި ތަނެއް ނޫނެވެ.
"ދޮރުތައް ބަންދުވެފައިވުމުން ދަރިފުޅުގެ އޮކްސިޖަން މެޝިނަށް ރަނގަޅަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރަސްއަޅާ, ދަރިފުޅަށް އެ މެޝިނާ ނުލާ މިހާރު ނޫޅެވޭނެ. މެޝިނުގެ އެހީގައި ވެސް އޮކްސިޖަން ހުންނަނީ ނުހަނު ދަށުގައި, މެޝިނަށް ވައި ނުލިބުމުގެ ސަބަބުން އޮކްސިޖަން އިތުރަށް ދަށްވޭ. އޮކްސިޖަން ހަށިގަނޑުގައި ދަށްވެ ކާބޮންޑައިއޮކްސައިޑް ގިނަވުމަކީ އަނެއްކާ ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ސަބަބެއް," އުމުރުން 60 އަހަރުގެ އިނާޔާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ މުޅި ހަޔާތް މި ފާއިތުވަނީ ހަތަރުފާރު ބަންދުވެފައިވާ މި ކުޑަ ގޮޅީގަ."
ދަރިފުޅަށް ނޭވާލެވޭ ވަރުގެ ތަނަވަސް ތަނެއްގައި އުޅުމަކީ, އިނާޔާ ބުނި ގޮތުގައި ނިކަމެތި އެ އާއިލާއަށް ކުރެވޭވަރު ކަމެއް ނޫނެވެ.
"އަޅުގަނޑަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނޫން. ރުއުޔާ އުފަންވުމަށް ފަހު ދަރިފުޅު ގާތުން ދުރަކަށް ނުދަން, ދަރިފުޅަކީ އެކަނި ބައިންދާފައި ދުރަށް ދެވޭވަރަށް ވުރެ ބަލި ކުއްޖެއް. މިހާރު އަޅުގަނޑަކީ ކާޕަލް ޓަނަލް ސިންޑްރޯމް ހުންނަ ބަލި މީހެއް. އަޅުގަނޑުގެ ދެން ތިބި ދެ ކުދިންނަކީ ވެސް ބަލި ކުދިން, އެ ކުދިން ވަޒީފާގައު އުޅުނު ނަމަވެސް ލިބޭ ކުޑަ މުސާރައިން ތަނެއް ކުއްޔަށް ހިފައިގެން އުޅެވޭހާ ތަނަވަސް ކަމެއް ނެތް," އިނާޔާ ބުންޏެވެ.
ދަރިފުޅު ވިހަން އިންޖެކްޝަން ޖެހި ފަހުން އިނާޔާގެ މައިބަދަ އަށް ވަނީ އަނިޔާވެފަ އެވެ. އަދި މިދިޔަ 23 އަހަރު ރުއުޔާ ކައިރީ ހޮސްޕިޓަލުގައި ގޮނޑީގައި އިންނަން ޖެހުމާއި އުފުލައިގެން އުޅެން ޖެހުނު ގޮތުގެ ސަބަބުން އިނާޔާގެ މައި ބަދަ ވަރަށް ބޮޑަށް ހަލާކުވެ ސާޖަރީއެއް ހަދަން ވެސް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.
ދަރިފުޅު ކިހިލިޖަހައިގެން، އެކަމަކު ފޯމް އެލީ ޑަސްބިނަށް
2002 ގައި ރުއުޔާ އުފަންވީސުރެ ސަރުކާރުން އިއުލާން ކުރާ ކޮންމެ ބޯހިޔާވަހިކަމުގެ ސްކީމަކަށް ކުރިމަތިލަ އެވެ. އިނާޔާ ބުނާ ގޮތުން "ދަރިފުޅަށްޓަކަ" އެވެ. އެކަމަކު މިއަދާ ހަމައަށް ރުއުޔާއަށް އެ ފުރުސަތެއް ނުލިބެ އެވެ. އިނާޔާ ހުރީ ހުސްއަތާ އެވެ.
ބޯހިޔާވަހިކަމަށް އެދި އިނާޔާ ސަލާމްޖަހާތާ އެތައް ޒަމާނެކެވެ. މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ އިނާޔާގެ އަމިއްލަ ވަޒަނެއް ނެތެވެ. ބިމެއް, ގޯއްޗެއް ނެތެވެ. ދިރިއުޅެން އޮތީ ފިރިމީހާގެ އެ ކުޑަ ތަންކޮޅުގަ އެވެ.
ހިޔާވަސަކަށް އެދި އިނާޔާ ކުރަމުންދިޔަ އާދޭހުގައި އެތައް ހިތި, ބުރަ ތަޖުރިބާއެއް އޭނާކޮށްފި އެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ހުޅުވާލި ފްލެޓްތަކަށް ކުރިމަތިލާން އިނާޔާ ފޯމް ފުރަން ދަރުބާރުގެއަށް ދިޔައީ ރުއުޔާ ކިހިޖަހައިގެންނެވެ. އެގޮތަށް ހުރެ ފޯމް ފުރާ, އެ ހުށަހެޅިތަނާ, އޭނާގެ ކުރިމަތީގައި ފޯމް ލީ ޑަސްބިނަށެވެ.
އެ ކީއްވެތޯ އަސަރާ އެކު އިނާޔާ އަހާލުމުން ދިން ޖަވާބަކީ އޭނާގެ ޝަރުތު ހަމަނުވުމެވެ. ފިރިމީހާއަށް ހ. މޮސްކޯގެ ބަހައިގެން 300 އަކަފޫޓްގެ ބިމެއް ލިބެން އޮތުމުންނެވެ.
ދެން ވެސް ހިތްވަރު އެލުވައިނުލާ އިނާޔާ އެކަމަށް މަސައްކަތް ކުރި އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓަށް ހުޅުވާލުމުން އެއަށް އޭނާއަށް ލެވޭ ގޮތެއް ނުވި އެވެ. ފޯމް ނަގަން ނަންބަރު ނަގާނެ ގޮތެއް އޭނާއަށް ނުވީ އެވެ. ރުއުޔާ ގޮވައިގެން ދަންވަރު ގޮސް ކިޔުގައި ހުރުމުގެ ގާބިލްކަމެއް އޭނާގެ ނެތުމުންނެވެ.
އަނެއް ފަހަރެއްގައި ފޯމް ފުރުނީ, އޭނާގެ ގެ އާއި މާފަންނު ކޮޅުގައި ހުރި ހައުސިން މިނިސްޓްރީއާ ދެމެދު އެތައް ފަހަރަކު ހިނގައިގެންނެވެ. އެއް ފަހަރު ފޯމް ހުށަހެޅުމުން މިހާރު ދިރިއުޅޭ ތަނުގެ އުސްމިން ފޯމުގައި ޖަހަން ބުނެ ފޮނުވާލި އެވެ. އެ އުސްމިން ޖަހައިގެން ދިޔުމުން އެ ތަނުގެ ކުރެހުމެއް ހުށަހަޅަން ބުންޏެވެ. އެހެން ގޮސް އެ ފޯމު ބަލައިގަތީ އެތައް ހާލަކުންނެވެ. އެކަމަކު, ޖަވާބަކަށް ލިބުނީ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި މާލޭން ގޯތި ދޫކުރަން ހުޅުވާލުމުން އިނާޔާ ވަނީ ރުއުޔާއާ އެކު ގޯއްޗަށް ކުރިމަތިލައިފަ އެވެ. ފިރިމީހާ އާއި އެއް ދަރިފުޅު ވެސް ވަކިން ގޯއްޗަށް ކުރިމަތިލި އެވެ. އަނެއް ދަރިފުޅު ކުރިމަތިލީ ފްލެޓަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގިރާވަރުފަޅުން ގޯތި ލިބުނީ ފިރިމީހާއަށާއި ދޮށީ ދަރިފުޅު ކައުސަރަށެވެ. އިނާޔާ އާއި ރައުޔާގެ ފޯމް ބާތިލްކުރީ އެވެ.
ފޯމް ބާތިލްކުރި ސަބަބެއް ކަމަށް އިނާޔާ ބުނީ, ހައުސިން މިނިސްޓްރީން ގުޅުމުން ރުއުޔާ ވާހަކަ ނުދެއްކުމުންނެވެ. ރުއުޔާއަކީ އޭނާއާ ވަރަށް ގާތް މީހުންނާ ނޫނީ ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. އެކަން ބަޔާންކޮށް ޝަކުވާގެ ސިޓީ ވެސް އިނާޔާ ހުށަހެޅި އެވެ. މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ވެސް އެދުނެވެ. އެކަމަކު, ޖަވާބެއް ނެތެވެ. އަނެއްކާވެސް ބޯހިވަހިކަމުން އިނާޔާ އާއި ރުއުޔާ މަހުރޫމްވީ އެވެ.
ރުއުޔާގެ ބައްޕައަށް ގޯތި ލިބިފައިވަނީ ގިރާވަރުފަޅުން ކަމަށްވާއިރު, އެތަނަށް ދެވޭނެ ދުވަހެއް ވެސް އެނގޭކަށް ނެތެެވެ.
އިނާޔާ އާދޭހާ އެކު އެދެނީ ރުއުޔާއަށް ތިން ކޮޓަރީގެ ފްލެޓެއް ހަމަޖެހުމެވެ. އެއީ އޭނާއަށް ހައްގު މިންވަރު ކަން އިނާޔާ ގަބޫލުކުރެ އެވެ.
އާންމުކޮށް ދިރިއުޅުމާ މެދު ޝަކުވާއެއް ނެތަސް ރައުޔާ މިފަހުން ވަނީ "މިއީ އުފާވެރި ހަޔާތެއް ނޫން" ކަމަށް ބުނެފަ އެވެ. އެއީ އޭނާ އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން ހުރި އުދާސްތައް ބޭރުވި ގޮތެވެ. އެ ގޮޅީގެ ތެރޭގައި އިންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ގިނަ އަސަރުތަކެއް އޭނާއަށް ދަނީ ކުރަމުންނެވެ.

މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރި ބައްދަލުވުމަށް ދައްތަ ކައުސަރާ އެކު ރުއުޔާ ދިޔަ އެވެ. އެ ރޭ ރައީސަށް ސުވާލުކޮށްލަން ކައުސަރަށް ލިބުނުއިރު, ރައުޔާގެ މެޝިންގެ ޗާޖު ދާން ވަނީ ކައިރިވެފަ އެވެ. މާގިނަ ވާހަކަތަކެއް ކައުސަރަށް ވެސް ނުދެއްކުނެވެ. އެކަމަކު, އިނާޔާގެ އެތައް ޝުއޫރެއް ބަންޑުންކޮށްލާފައި ސިޓީއެއް ރައީސްގެ އަތަށް އަރުވަން ކައުންސަރު ގެންދިޔަ އެވެ.
ރައީސް އޮފީހަށް ހުށަހަޅާފައިވާ އިނާޔާގެ އެތައް ބައިވަރު ސިޓީއެކޭ އެއްގޮތަށް, އެ ސިޓީއަށް ވެސް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.
އެކަމަކު, އެ އާއިލާ ތިބީ އުއްމީދުގަ އެވެ. ރުއުޔާގެ އެކަނިވެރި ހަޔާތުގައި އޭނާ ދެކެމުން އަންނަ ތަނަވަސް ދިރިއުޅުމަކަށް ދިޔުމުގެ އުއްމީދެވެ. ސާފު ވަޔާއި ގަސްގަހާއި މަސްމަހާމެހިން ފުރިފައިވާ މާހައުލެއްގައި ދިރިއުޅެން ރުއުޔާ ކުރާ އުއްމީދެވެ.
އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ނަމަ - Ruyaa binth Ahmed Jaleel 90103101870341000