މޫސާ ރަޝީދު

ދައުލަތުގެ މުއައްސަސާތަކަށް ދީފައިވާ ގާނޫނީ ބާރު މި ފެންނަނީ އާންމު ރައްޔިތަކާ ޖެހުނީމަ އެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ ވެރިޔެއް ވިއްޔާ އަބަދުވެސް އޮންނަނީ ލުއި ގޮތެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދެއްވި ފަޒުލް ރަޝީދުގެ މުޅި މައްސަލައިން ފެންނަނީ އެ މަންޒަރެވެ.

ފަޒުލް ހުންނެވީ އާދައިގެ މަގާމެއްގައެއް ނޫނެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިސާ އާއި އެސެޓް ގިނަ އެއް ކުންފުންޏެވެ. މާލެ ސަރަހައްދުގެ އަގު ބޮޑު ބިންތަކާއި ފްލެޓުތަކާއި ވިޔަފާރިތަކާ ގުޅޭ އެތައް މުއާމަލާތެއް ހިނގަނީ ސީދާ ފަޒުލްގެ މުށު ތެރެއިންނެވެ.

އެކަމަކު އެވަރުގެ މަގާމަކަށް ކޮރަޕްޓު މީހަކު ލައިފިއްޔާ ކޮށްފާނެ ހެން ހީވާ ހުރިހާ ކަމެއްގެ ތުހުމަތު އޭނާ އަށް ކުރެވުނެވެ.

ފަޒުލް އަށް އެ މަގާމް ގެއްލެން މެދުވެރިވީ ބިންވެރިޔާ ސްކީމުން ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކަށް އޭނާގެ ބޭބެ ކުރިމަތިލާ ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅާފައި އޮއްވާ އޭނާ އަށް ގޯއްޗެއް ލިބުނު މައްސަލައިގަ އެވެ. އެ ހުރިހާ ކަމެއް ހިނގައި ލިޔެކިޔުންތައް ހަދާފައި ވަނީ ފަޒުލް މަގާމުގައި ހުންނަވަނިކޮށެވެ. އަދި އޭނާ އަށް ކޮރަޕްޝަންގެ އެތައް ކަމެއް ތުހުމަތު ކުރެވެމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް އެ މައްސަލަ އާއި އޭގެ ފަހުން ފެންމަތިވި ސީރިޔަސް ތުހުމަތުތަކެއް ފަޒުލް އަށް އޮތަސް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮތީ ފެށުނީއްސުރެ ލުއި ގޮތް ހޯދައިދީފަ އެވެ. އެންމެ ފަހުން އިއްޔެ ވަނީ އޭނާ އާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރި މައްސަލާގައި ދައުވާ ނުކުރަން ވެސް ނިންމައިފަ އެވެ.

ފަޒުލް އަށް ކުރެވުނު ތުހުމަތުތައް

ފަޒުލްގެ ބޭބެ އަށް ގޯތި ލިބުނު މައްސަލަ ފެންމަތިވެފައި ވަނިކޮށް އޭނާ އެޗްޑީސީގެ ތެރޭގައި ހިންގި ބައެއް އެހެންކަން ކަމުގެ ވާހަކަ ހާމަ ކުރީ އޭރު އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ޒުހޫރެވެ.

އެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައުމަށް ޒުހޫރު ލިޔެފައިވާ ސިޓީއެއް ވަނީ އާންމުވެފަ އެވެ. އޭގައި ބޮޑެތި ތުހުމަތުތަކެއް އޮތެވެ. އޭގެ ތެރޭގައި؛

  • ގަވާއިދު ބަދަލު ކޮށްގެން މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ތިލަފުށިން ބިމެއް ބަދަލު ކުރުން.
  • ފަޒުލްގެ އަނބިކަނބަލުންނަށް ގަވާއިދާ ހިލާފަށް ހުޅުމާލެއިން ބިމެއް ދިނުން
  • އަމިއްލަ ބޭނުމަށް ފައިސާ ހޯދުން
  • ވަގަށް ފައިސާ ދީގެން ވިނަރެސް ފްލެޓު ދޫކުރުން
  • ފައިސާ ނަގައިގެން ބިމާއި ފްލެޓް ވެސް ދިނުން
  • އެޗްޑީސީގެ ތެރެއިން އެހެން ކަމެއް ކުރަން ބޭނުން ވިޔަސް ފަޒުލް އަށް ފައިސާ ދޭން ޖެހުން

ޒުހޫރުގެ ސިޓީގައިވާ ގޮތުން އެމްޑްބަލިއުއެސްސީ އަށް ދީފައިވާ ބިމެއް ފަޒުލްގެ މަސްހަލަތު އޮތް ހައިޕަރޕޫލް އަށް ދީފައި އެމްޑަބްލިއުއެސްސީ އަށް އެހެން ބިމެއް ހަމަޖެއްސި އެވެ. އޭރު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީއަކަށް ހުންނެވީ ގޯތި ލިބުން އޭނާގެ ބޭބެ ހުންނެވި އެވެ. އެ ކުންފުންޏަށް 14،742 އަކަފޫޓުގެ ބިމެއް ދިނުމަށް ފެބްރުއަރީ 18، 2024 ގައި އެޖެންޑާ ކުރުމަށް ފޮނުވައި ފަޒުލް ރަޝީދު ކޮންފްލިކްޓް ޑިކްލެއާ ނުކޮށް އެކަން ހުށަހަޅާ ނިންމި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ބޯޑުން ޑިކްލެއާ ނުކޮށް އިތުރު ކަންކަން ވެސް ފަޒުލް ކޮށްފައިވާ ކަމަށް ޒުހޫރު ތުހުމަތު ކުރި އެވެ. އެގޮތުން؛

  • ފަޒުލްގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދު ހުޅުމާލެއިން ބިން ގަތުމަށް ފައިސާ ދެއްކުމަށް ފަސް އަހަރަށް ބަހާލައިގެން ދިނުން.
  • ޒުލްފީނާގެ މައްސަލަ ޕަބްލިކަށް ތިލަވުމުން ބިން އިތުރު ފަސް ބޭފުޅުންނަށް ދިނުމަށް ނިންމުން.
  • ހައިޕަލޫޕް ގެ އިތުރުން މައުލް އަދި ވިޝުއަލް ކުންފުންޏަށް ދެ ބިން ދިނުން.
  • މޯލްޑިވްސް އޮއިލް ކޮމްޕެނީ އަށް 15000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމަން ބާރު އެޅުން. އެ ކުންފުނި އުފަންވިތާ ދެ އަހަރު ނުވެ ދެވަނަ ފަހަރަށް ބިން ދޭތީ ބޯޑުން ޝައްކު އުފެއްދި.

އޭނާ އަށް ތުހުމަތު ކުރެވުނު ބައެއް އެހެން ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  • ސީއެމްސީ ކޮންޓްރެކްޓެ ތަފްސީލް ނުލިބި ކުއްލިއަކަށް އެތައް މިލިއަން ޑޮލަރަށް ދޫކުރުން
  • ލަގްޒަރީ އެޕާޓްމަންޓް އެޅުމަށް ދޫކޮށްފައި ވަނީ ކޮންމެ ޕްރޮޖެކްޓަރުން މިލިއަން ޑޮލަރު ނެގުން
  • ހަމަނުޖެހޭ ލޯނަށް އެޑްވާސްކޮށް ދޫކުރުން
  • ހިޔާ ފްލެޓްގެ ލިފްޓް ހަރުކުރަން ބަޔަކަށް 18 މިލިއަން ޑޮލަރު ދީފައި ވަނީ މާކެޓް އަގުތަކަށް ވުރެ އެތައް ގުނައެއް އަގުބޮޑުކޮށް

ތުހުމަތުތައް ނުބަލާ ފަޒުލް ގާތް ކުރުން!

މި ހުރިހާ މައްސަލައެއް އޮތަސް އެކަންކަން ފުލުހުން ތަހުގީގު ކުރާ ކަމެއް ސާފެއް ނޫނެވެ. އެފަދަ މައްސަލައެއް ބަލަމުންދާ ކަމަަކަށް ފުލުހުން ނުބުނެ އެވެ. ބަލަން ފެށީ އެޗްޑީސީގެ ތެރެއިން ބައެއް ލިޔެކިޔުން ނައްތާލި މައްސަލައެކެވެ. އެ މައްސަލާގައި ދައުވާ ނުކުރަން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ފަރާތުން ލުއި ގޮތަކަށް އެކަން ނިންމާލުމުގެ އިތުރުން ފެށުނީއްސުރެ ފަޒުލް އަށް އޮތީ ލުއި ގޮތެވެ.

އެގޮތުން އޭނާ އާ ގުޅޭ ބޮޑެތި ތުހުމަތުތައް ޒުހޫރު ރައީސްގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެ ސިޓީ ލިބިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ އޭނާ އާ މެދު އޮތީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާ އަރަންދެން އޭނާ އާ ގުޅޭ އެއްވެސް މައްސަލައެއް ނުބަލަ އެވެ.

ސޯޝަލް މީޑިއާގައި އެ މައްސަލަ ފަޅާ އެރުމުން އެތައް ބަޔަކު އެޗްޑީސީ ދޮށަށް އެއްވެ އިހުތިޖާޖު ކުރުމުން އޭނާ ވަކި ކުރަން ނުނިންމަ އެވެ. އޭގެ ބަދަލުގައި ފަޒުލް އަމިއްލަ އަށް އިސްތިއުފާ ދިނުމަށް ފުރުސަތު ދެއްވި އެވެ.

ފަޒުލްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ޕީއެންސީގެ އިސް ސަފުން އޭނާ ފެނިގެން ދިޔަ އެވެ. ޕާޓީގެ ތެރެއިން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ސެނެޓަކުން ވަތްކެއް ނުކުރެ އެވެ. އަދި މަޖިލީހުން ވެސް އެ މައްސަލައެއް ނުބެލި އެވެ.

އެންމެ ފަހުން ބަލަމުން ދިޔަ މައްސަލަ ވެސް ބޭރު ކޮށްލި އެވެ.

އާންމު އެހެން ރައްޔިތަކާ ގުޅޭ ގޮތުން ވެސް މިފަދަ ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުން ނަމަ ކަންކަން ހިނގާނީ ހަމަ މި ގޮތަށްތޯ ސުވާލު އުފެދެ އެވެ.