ގާނޫނުއަސާސީއަށް ރީކޯލް އިލެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގައި ބަހައްޓަން ފެންނަ ކަމަށް ނޫނީ ނުފެންނަ ކަމަށް ނަގާ ވޯޓު ތައާރަފްކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށައިފަ އެވެ. ނަމަވެސް, ރީކޯލް ވޯޓު ގާނޫނުއަސާސީއަށް މި ގެންނަނީ އެކަމަށް އެދި ގޮވާލި ރައްޔިތުން އެދުނު ގޮތާ ހިލާފަށް, އާންމުކޮށް އެހެން ގައުމުތަކުގައި ވެސް ރީކޯލް ވޯޓަކަށް ގޮވާލައި އުސޫލާ އެއްގޮތަކަށް ނޫނެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު:
- މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް
- އާންމު ވޯޓުގައި މެމްބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް
- މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް
އެހެންކަމުން އިސްލާހު އޮތް ގޮތުން ރީކޯލް ވޯޓަކަށް ދެވެނީ މެންބަރަކާ މެދު ސިޔާސީ ޕާޓީއަކުން ފިޔަވަޅު އަޅާ ހާލަތެއްގައި އެކަންޏެވެ. ނަމަވެސް, "ރީކޯލް"ގެ ނަމުގައި ކުރިއަށް ދިޔަ ސޯޝަލް މީޑިއާ ކެމްޕެއިންގައި ގިނަ ބަޔަކު ގޮވާލީ ރައްޔިތުންނަށް އެ ބާރު ދިނުމަށެވެ. ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޕެޓިޝަނަކުން ރީކޯލް ވޯޓަށް ގޮވާލެވޭ ގޮތް ހެދުމަށެވެ.
މަޖިލިސް މެންބަރުންނާ މެދު ނޫން ނަމަވެސް, އިންތިހާބީ އޮފިޝަލުން މަގާމުން ވަކިކުރުމަށް ރީކޯލް ޕެޓިޝަންގެ އުސޫލު ބައެއް ގައުމުތަކުގައި ބޭނުންކުރެ އެވެ. އޭގެ ބައެއް މިސާލުތައް:
- އެމެރިކާ:
މިއީ ވަރަށް ބޮޑަށް ލާމަރުކަޒީ ނިޒާމެކެވެ؛ ކޮންމެ ސްޓޭޓެއްގައިވެސް ހުންނަނީ އެ ސްޓޭޓެއްގެ އަމިއްލަ ގާނޫނުތަކެވެ.
އާންމު ގޮތެއްގައި، ވޯޓުދޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅައިގެން، މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމުގެ ފުރުސަތު ލިބިދެއެވެ.
މިކަން ކުރިއަށް ގެންދިއުމަށް، ކަނޑައެޅިފައިވާ ވަކި އިންސައްތައެއްގެ ސޮއި ހަމަކުރަން ޖެހެއެވެ.
ޝަރުތު ހަމަވުމުން، އެ އޮފިޝަލަކު މަގާމުން ވަކިކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމުމަށް ހާއްސަ އިންތިހާބެއް ބާއްވައެވެ.
މި އުސޫލު އާންމުކޮށް ބޭނުންކުރަނީ ސްޓޭޓް އަދި ރަށު ފެންވަރުގައެވެ. ހާއްސަކޮށް ގަވަރުނަރުންނާއި މޭޔަރުން މަގާމުން ވަކިކުރުމަށެވެ.
- އިޓަލީ:
އިޓަލީގައި މި ނިޒާމު ބޭނުންކުރަނީ ހަމައެކަނި ރަށު ފެންވަރުގެ އޮފިޝަލުންނަށެވެ.
އެކަށީގެންވާ އަދަދަކަށް ސޮއި ހަމަކޮށްފިނަމަ، އިންތިހާބުވެފައިވާ އޮފިޝަލުން މަގާމުން ވަކިކުރުމަށް ރައްޔިތުންނަށް ރެފަރެންޑަމަކަށް (އާންމު ހިޔާލު ހޯދުމުގެ ވޯޓަކަށް) އެދެވިދާނެއެވެ.
މަގާމުން ވަކިކުރެވޭ އޮފިޝަލުންނާ މެދު ގޮތެއް ނިންމަނީ ހާއްސަ އިންތިހާބެއް ނުވަތަ ރެފަރެންޑަމެއްގެ ޒަރިއްޔާއިންނެވެ.
- ސްވިޒަލޭންޑް:
މިގައުމުގައި ފެޑެރަލް އަދި ކެންޓަން (ސްޓޭޓް ފެންވަރު) ގައި އޮފިޝަލުން މަގާމުން ވަކިކުރުމުގެ ފުރުސަތު ލިބިދެއެވެ.
އެކަށީގެންވާ އަދަދަކަށް ސޮއި ހަމަކޮށް، ރައްޔިތުންނަށް އިސްނަގައިގެން އޮފިޝަލަކު މަގާމުން ވަކިކުރުމަށް ހުށަހެޅިދާނެއެވެ.
މިކަން ކުރިއަށް ގެންދާ އުސޫލު އެއް ކެންޓަނުން އަނެއް ކެންޓަނަށް ތަފާތުވެއެވެ. އަދި ގިނަ ފަހަރަށް މިކަމަށް ރެފަރެންޑަމެއް ބާއްވަން ޖެހެއެވެ.
- ވެނެޒުއެލާ:
ގާނޫނުއަސާސީން ރެފަރެންޑަމެއްގެ ޒަރިއްޔާއިން މަގާމުން ވަކިކުރުމުގެ ފުރުސަތު ލިބިދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ގަވަރުނަރުން މަގާމުގައި ވަކި މުއްދަތެއް ހޭދަކުރުމަށްފަހު، އެބޭފުޅުން ވަކިކުރުމަށް ރައްޔިތުންނަށް ޕެޓިޝަނެއް ހުށަހެޅިދާނެއެވެ.
މިކަމަށް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި، ވަކި އަދަދެއްގެ ސޮއި ހަމަކުރަން ޖެހެއެވެ.
ގާނޫނުއަސާސީއަށް ޝުޖާއު ހުށަހެޅުއްވި އިސްލާހަށް މިއަދު މަޖިލީހުގައި ބަހުސް ފަށާފައިވާއިރު މިއީ ވިސްނާލުން މުހިންމު ކަމެކެވެ. ޝުޖާއު އެ އިސްލާހު ހުށަހަޅުއްވަމުން ވެސް ވިދާޅުވީ, އޭގެ މަގުސަދަކީ ރައްޔިތުން ބާރުވެރިކުރުމާއި މަޖިލީހުގެ މެންބަރުންނާ މެދު ބަސް ބުނަން ރައްޔިތުންނަށް ފުރުސަތު ދިނުން ކަމަށެވެ.
އެހެންކަމުން, ހަމައެކަނި ޕާޓީއަކުން މެންބަރަކާ މެދު ފިޔަވަޅު އެޅުމުން ނޫން ގޮތަކަށް ރީކޯލް ވޯޓަށް ދާން ފުރުސަތު ހަނިކޮށްފައި ބޭއްވުމަކީ ރައްޔިތުންނަށް ހަގީގީ ބާރު ލިބުމެއް ނޫނެވެ. އަދިވެސް މެންބަރުން ހަމަ ތިބޭނީ ޕާޓީއެއްގެ ކުޑަ ކޮމިޓީގެ ނުފޫޒުގަ އެވެ. އެމީހުންނާ މެދު އެ ކޮމިޓީން ފިޔަވަޅެއް އަޅައި, ރީކޯލް ވޯޓަކަށް ދާން ޖެހިދާނެ ކަމުގެ ބިރަށެވެ.
އޭގެ ބަދަލުގައި މެންބަރުން ތިބެންވީ ސީދާ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ގޮތަށެވެ. އިންތިހާބު ކުރާ ޕާޓީގައި ހުންނަވައި ވެސް ރައްޔިތުންގެ ރޫހާ ހިލާފަށް މަސައްކަތް ކުރާ ނަމަ, ނޫން ނަމަ, ރައްޔިތުން އެދޭ ގޮތަށް މެންބަރެއްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާނުކުރާ ނަަމަ, އެ މެންބަރަކު ވަކި ކުރަން މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަން ވާނެ އެވެ.
ރީކޯލް ވޯޓަކަށް ގޮވާލައި ދާއިރާގެ ވަކި އިންސައްތައަކުން ސޮއިކޮށް ޕެޓިޝަން ހުށަހެޅޭނެ މަގު ތަނަވަސްކުރުމަކީ ހަގީގަތުގައި ވެސް ރަނގަޅު ނަމޫނާ ދެއްކުމަށްވާނެ އެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވި ގޮތަށް މިކަމުގައި ރާއްޖޭން އެހެން ގައުމުތަކަށް ނަމޫނާއަކަށްވެވިދާނެ އެވެ.