ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ވާހަކައަކުން ސިހި, ތަނެއްގައި ބާރަށް ހިފަހައްޓާލަން ޖެހުނެވެ; "މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި," ވަރަށް ހިތްހަމަޖެހިވަޑައިގެން ހުންނަވައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ގޭންގްތަކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެމަނިކުފާނަށް ވަނީ މައުލޫމާތު ދެއްވައިފަ އެވެ. އެކަމުގައި އުޅުނު ޒުވާނުން މިހާރު ތިބީ އަބުރުވެރިކަމާ އެކު, ނޯމަލް ލައިފެއްގަ އެވެ.

"ގޭންގް ކުށް ހުއްޓާލައި މިހާރު އެ ބޭފުޅުން، އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި," ރައީސް ވިދާޅުވި އެވެ.

ރައީސް ސިފަ ކުރެއްވި ގޮތުގައި ރާއްޖޭން ގޭންގްތައް ވަނީ ނައްތާލެވިފަ އެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ރައީސްގެ އެ ވާހަކަ އަޑުއަހަން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އިންނެވީ ހިނިތުންވެ އެވެ.

ވަޓް އަ ޑެލޫލޫ

ރާއްޖޭން ގޭންގްތައް ނައްތާލެވިފައިވާ ކަން ރައީސް އިއުލާން ކުރެއްވި ކުރުމަކީ ކޮންމެ މީހަކު ވެސް ސިފަ ކުރާ ގޮތުގައި "ޑެލިއުޝަން" އެކެވެ. މިހާރުގެ ބަހުން ނަމަ, ވަރުގަދަ ޑެލޫލޫ އެކެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު

ގޭންގަކީ ކޮބައި ކަމާއި އެއީ ކޮން ބަޔަކަށް އަމާޒު ކުރެވޭނެ "ލަބަގެއް" ކަން ބަޔާންކޮށްފައިވަނީ މިދިޔަ މެއި މަހު އަމަލު ކުރަން ފެށި މި ގާނޫނުގަ އެވެ. ގާނޫނުގައިވާ ގޮތުން ގޭންގަކީ "އިންތިޒާމުވެފައިވާ ގްރޫޕެއް" އެވެ. އޭގެ ގުރޭޕެއް ކަމަށް ބުނެފައި ވަނީ، ހަމައެކަނި ވަކި ކުށެއް ކުރުމަށް އެހިނދަށް އެކުވާ ބަޔަކު ކަމުގައިނުވާ، އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމުވެގެން، ޖިނާއީ ކުށް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕަކަށެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ގާނޫނުން ސަރުކާރަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް ގޭންގެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެއްވެސް ބަޔަކު ގޮވައިގެން ކޯޓަށް ގޮސްފައެއް ނުވެ އެވެ. ރައީސް ވިދާޅުވަނީ އެގޮތަށް ކަނޑައަޅާނެ ބަޔަކު މި ވަގުތު ނެތް ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން ތިން ކަމެއް ފުރިހަމަވާ ނަމަ, ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅިދާނެ އެވެ. އެއީ;

  1. އެ ޖަމާއަތަކީ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާއިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
  2. އެ ޖަމާއަތުގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަންއަމާންކަމަށް ނުރައްކަލެއް ކުރިމަތިވަމުންދާ ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
  3. އެ ޖަމާއަތަކީ އެ ހުށަހެޅުން ހުށަހަޅާއިރު ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވުން.

ސުވާލަކީ މި ތިން ކަން ފުރިހަމަވާ ގުރޫޕެއް ރާއްޖޭގައި މި ވަގުތު ހަމަ ނެތީ ހެއްޔެވެ?

ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތާއި މީގެކުރިން ފުލުހުން އާންމުކޮށްފައިވާ އަދި ލީކްވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަނގަޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހިނގާ ގިނަ ގޭންގްތައް އެބަހުއްޓެވެ. މާލޭގައި އޭގެ ބޮޑު ބައެއް އޮތްއިރު, ދެކުނުގެ އަތޮޅުތަކުގައި ހިންގާ ގޭންގްތައް ވެސް ވަރުގަދައަށް މޫލާފައި އޮތް ކަން ފުލުހުން މީގެކުރިން ހާމަކޮށްފައިވެ އެވެ.

ތިރީގައި މިވަނީ މީގެ އެންމެ ތިން އަހަރު ކުރިން ފުލުހުން ރަސްމީކޮށް ހާމަކޮށްފައިވާ ތަފާސްހިސާބުތައް:

މިއީ އަދި ދެކުނު އަތޮޅުތައް އެކަންޏެވެ. މިކަން އެންމެ ބޮޑުވެފައިވާ މާލެ ކޮބައި ހެއްޔެވެ? އެންމެ ތިން އަހަރުގެ ތެރޭގައި ބިމުގެ އެންމެ ފުނަށް މޫލައި ވަރުގަދަވެފައި އޮތް ގޭންގްތަކާއި އޭގެ ގޭންގްސްޓާރުން ނެތިގެންދާނެ ކަމަށް ބުއްދިއަށް ގަބޫލެއް ނުކުރެވެ އެވެ.

ތެދެކެވެ. އަބުރުވެރިންގެ ގޮތުގައި ދައްކައި, ނޯމަލް ލައިފްގައި އުޅެ, އެކި ވިޔަފާރިތަކުގައި އުޅުމަކީ ގޭންގްތަކުގެ ބޮޑުންގެ މިހާރުގެ ޓްރެންޓެކެވެ. ނަމަވެސް, އޭގެ މާނައަކީ އެ ގޭންގްތައް ނެތުމެއް ނޫނެވެ. އާންމު މެންބަރުންގެ ގޮތުގައި ގިނަ ބަޔަކު ކުށްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ އެވެ. ކުޑަކުދިން އެ ގޭންގްތަކަށް ރެކުރޫޓްކުރުން އޮންނަނީ އެހާ ބޮޑަށް ހުޅުވިފަ އެވެ.

ރާއްޖޭގައި ގޭންގްތަކުން އެންމެ ބޮޑަށް ވަދެފައިވާ ކުށަކީ މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިއަށެވެ. އެކަން ކޮށްގެން ބޮޑެތި މަހުޖަނުންނަށް ގޭންގްސްޓާރުން ވެފައިވާއިރު މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތައް އޭގެ ވަށައިގެން ހިނގަ އެވެ. ހަމައެއާއެކު, މަސްތުވާތަކެތީގެ މައްސަލަތަކުގައި މާރާމާރީތައް މިހާރު ވެސް ގޭންގްތަކުގައި މެދު ހިނގަ އެވެ. އޭގެ ރެކޯޑް ފުލުހުންގައި ހުންނާނެ އެވެ. އެކަން ފުލުހުން ދޮގު ނުކުރާނެ އެވެ.

ރާއްޖޭގައި ގޭންގެއް ނެތް ކަމަށް, ގޭންގްތައް ނައްތާލައިފި ކަމަށް ފުލުހުން ޔަގީނަށް ވެސް ނުބުނާނެ އެވެ. ސިޔާސީ ބޭފުޅުން ސިޔާސީ ޕޮއިންޓް ކޮޅެއް ހޯދަން އެ ވާހަކަ އެގޮތަށް ދެއްކެވިޔަސް, އެއީ ހަގީގަތަށް ނުވާނެ އެވެ.

އޭގެ ބަދަލުގައި ގޭންގްތައް ނައްތާލުމަށް އެކަށީގެންވާ މަސައްކަތެއް ކުރަންވީ އެވެ. ގޭންގް ކުށްތައް ހުއްޓުވުމުގެ ވަރުގަދަ ގާނޫނު ރަނގަޅަށް ތަންފީޒުކޮށް, ގާނޫނުގެ ބާރު ދައްކާލަންވީ އެވެ. އެކަމަކު ކެރޭނެ ހެއްޔެވެ? މިހާރު ވެސް މި ފެނުނީ މައިދާނަށް ނުކުތުމުގެ މާކުރިން ސަރުކާރުން އަމާންދީގެން ތިބި ތަނެވެ.

ގާނޫނުގެ މަގުސަދުގައި ކަމަށް ބުނެފައިވާ ކަން ހާސިލްކުރަން މަސައްކަތް ކޮށްފި ނަމަ, ނަތީޖާ ނެރެވޭނެ އެވެ.

ގާނޫނުގެ މަގުސަދުތައް:

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން؛ 

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެމަތިން ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުން؛

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެކުދިންނަށް ރައްކާތެރިކަންދ،ީ ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން؛

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނިޓަރކޮށް، ފިޔަވަޅު އެޅޭނެ ހާއްސަ އުސޫލުތައް ކަނޑައެޅުން.