ކަށިމިޔަރަކީ އާންމުކޮށް ފަތުރުވެރިން ޑައިވް ކުރާ ހިސާބަށް ވުރެ ފުނުގައި އުޅޭ މިޔަރެކެވެ. އެ މިޔަރު ބާނަން ސަރުކާރުން ހުއްދަ ދެނީ ވަރަށް ބޮޑަށް ލިމިޓް ކޮށްގެނެވެ. ކޯޓާއެއް ކަނޑައަޅައިގެންނެވެ. އެ މިޔަރު ބޭނޭނީ ވެސް އަހަރުގެ ފުރަތަމަ ހަތް މަހުގައި އެކަންޏެވެ. އެ ނޫން ދުވަސްތަކުގައި ކަށިމިޔަރު ބޭނުން މަނާވާނެ އެވެ. އެވަރުން ވެސް ތިމާވެށި ޖަމިއްޔާތަކުން މިހާ ބޮޑަށް މި ހާސްވަނީ ކީއްވެ ހެއްޔެވެ؟
ސަރުކާރުގެ ދިފާއު ކުރާ ފަރާތްތަކާއި ތިމާވެއްޓާ ގުޅޭ މާ ގިނަ މައުލޫމާތެއް ނެތް ފަރާތްތަކުން ދައްކާ މި ވާހަކަތަކަށް ރައްދު ދެއްވައި "ސިޓިޒެން" އާ ވަހަކަ ދައްކަވަމުން ދާއިރާގެ ތަޖުރިބާކާރަކު އެއަށް ވުރެ މުހިންމު ސުވާލެއް އުފައްދި އެވެ.
ހަމައެކަނި ކަށިމިޔަރު ބާނަން ސަރުކާރުން ދިން ހުއްދައިގެ ބޭނުން ހިފައިގެން އެހެން މިޔަރުތައް ވެސް ބާނައި ކޮށައި އަޅާލައި ފޮށިފޮށީގައި ބަންދުކޮށްގެން ބޭރު ކުރިޔަސް އެކަން ދެނެގަނެވޭނެ ހެއްޔެވެ؟ ހުއްޓުވޭނެ ހެއްޔެވެ؟
މިޔަރު އަދި އެއްފަރާތުގައި ބާއްވާށެވެ. މި އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެތައް ޓަނުގެ ޑްރަގް އުފުލާ އިރު ވެސް އެކަން ރަނގަޅަށް ނުބެލިގެންނެވެ. ކަނޑުގެ ސަރަހައްދުގައި ހިނގާ ކަންކަން މޮނިޓާ ކުރުމާއި ބަލައި ފިޔަވަޅު އެޅުމަކީ އެއްވެސް ސަރުކާރަކަށް ފޮނި ކެނޑޭނެ ކަމެއް ނޫނެވެ.
މީގެ ކުރިން ވެސް މިޔަރު އުރަހަ އާއި އެހެނިހެން ބައިތައް ރާއްޖެއިން ބޭރު ކުރާ ކަމުގެ އަޑުތައް އިވެ އެވެ. ދޭތެރެއަކުން ކަސްޓަމްސް އިން އޭގެ ބޮޑެތި ޝިޕްމަންޓުތައް އަތުލައިގަނެ އެވެ. އެކަމަކު ސަރުކާރުން މި މަހު 25 ގައި ހުޅުވާލާ ފުރުސަތަކީ ވަގަށް ހުރިހާ މިޔަރެއް ބާނައިގެން އޭގެ މާލީ ނަފާ ހޯދާ ފަރާތްތަކަށް ވެސް ދެވޭ ލައިސެންސަކަށް ނުވާނެ ހެއްޔެވެ؟
ކަށިމިޔަރު ބާނަނީ އޭގެން ނަގާ ތެޔޮ އެކްސްޕޯޓު ކުރަން. ކޮސްމެޓިކް ކުންފުނިތަކަށް އެއީ ރަން. އެކަމަކު އޭގެ މަހަށް މާ ބޮޑު އެކްސްޕޯޓް ވެލިއުއެއް ނެތަސް އެކަން ވެސް ކުރޭ. އަދި ކަށިމިޔަރޭ ކިޔައިގެން އެހެން މިޔަރުތަކުގެ މަސް ބޭރު ކުރިޔަސް އެކަން ދެނެގަންނާކަށް ފަސޭހައެއް ނުވާނެ -- ދާއިރާގެ ތަޖުރިބާކާރެއް
މިކަމާ ދެކޮޅަށް 50 ސައިންޓިސްޓުންނާއި އެތައް ޖަމިއްޔާއަކުން އަޑު އުފުލާފައި ވަނިކޮށް ކަށިމިޔަރު ބޭނުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސުވާލަކީ މި ނިންމުމަކީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހެއްޔެވެ؟ މީގެ އަސަރު ކުރަނީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ދުރުރާސްތާގައި ޓޫރިޒަމަށް ވެސް ގެއްލުން ވުމުގެ ފުރުސަތު އެބައޮތެވެ.
ކަށިމިޔަރު ނެތި ދިޔުމުގެ ބިރު އެބައޮތް!
ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކުން ފާޅު ކުރި އެއް ކަންބޮޑުވުމަކީ ކަށިމިޔަރު ބާނަން ސަރުކާރުން އަލުން ފަށާއިރު މިހާރު ރާއްޖޭގައި އެ މިޔަރުގެ އާބާދީއަކީ ކޮބައިކަން ދެނެގަނެވިފައި ނުވުމެވެ. އަދި އަހަރުގެ ހަތް މަސް ދުވަހުގެ މުއްދަތަކަށް އެކަން ކުރާއިރު އޭގެ ފަހަތުގައި އޮތީ ސައިންޓިފިކް ކޮން ހެކިތަކެއް ބުނެދެވިފައި ނެތުމެވެ.
ނަމަވެސް ވޭތުވެދިޔަ ތަނުގައި ހަދާފައިވާ މިފަދަ ދިރާސާތަކުން ދައްކަނީ ކަންބޮޑުވާ މަންޒަރެކެވެ.

އެގޮތުން 1980 ގެ އަހަރުތަކުގައި ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ފަށައި އެ ވިޔަފާރި ފުޅާވުމުން އެންމެ 21 އަހަރުގެ ތެރޭގައި އެ މިޔަރުގެ އާބާދީ 97 ޕަސެންޓު މަދުވި ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި އުޅޭ އެ މިޔަރު ގާތްގަނޑަކަށް ހުސްވާން ކައިރިވި އެވެ.
އޭގެ އިތުރުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ކަށިމިޔަރަކީ ހެދިބޮޑުވުން އެންމެ ލަސް މިޔަރު ކަމަށްވާތީ އެވެ. އަންހެން ކަށިމިޔަރު ބޮޑުވުމަށް 12-16 އަހަރު ނަގަ އެވެ. އެއަށް ފަހު ވިހަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. އެ މިޔަރަކީ 50-70 އަހަރާ މެދު ދިރިއުޅޭ އަދި ފަހުން ދަރިމައިވާ ދިގު އުމުރެއް އޮންނަ ބާވަތުގެ މިޔަރެކެވެ.
މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ރާއްޖޭގައި ކަށިމިޔަރު އާބާދީގެ 97 ޕަސެންޓު ދަށް ވެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މިޔަރު ބޭނުން މަނާ ކުރިތާ އަދިމިވީ 15 އަހަރެވެ. އެހެންވެ ރާއްޖޭގައި ކަށިމިޔަރުގެ އާބާދީއެއް ހެދިބޮޑުވާން އަދި ކިރިޔާ ފަށާނީ އެވެ.
"ކިރިޔާ ރަނގަޅު އަތަށް އަޅަން ފަށާއިރަށް އެ މިޔަރު ބާނަން މި ފައްޓަނީ. އަދި 40 އުޅަނދަށް ހަތް މަހަށް މި ބާނަން ހުއްދަ ދިނަސް މީގެ ގެއްލުން ވަރަށް ބޮޑު ވާނެ. ނެތިދިޔުމުގެ ބިރު އެބައޮތް." ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ފައިދާ ބޮޑީ މިޔަރު ބާނައިގެންތަ؟
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި 1980 ގެ އަހަރުތަކުގައި މިޔަރުގެ ލިވާ އޮއިލް އެކްސްޕޯޓު ކޮށްގެން މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ރާއްޖެއިން ހޯދާފައިވެ އެވެ. އަދި އެ ވިޔަފާރި އެންމެ ޕީކަށް އެރީ 1984 ގަ އެވެ. އެ އަހަރު 2.4 މިލިއަން ރުފިޔާޣެ އާމްދަނީއެއް ހޯދި އެވެ. ނަމަވެސް 1988 ގައި ކަށިމިޔަރުގެ އާބާދީ ދަށްވުމާއި އޯވައެކްސްޕްލޮއިޓޭޝަނާ ހެދި އާމްދަނީ ހަ ލައްކަ ރުފިޔާ އަށް ވެއްޓުނެވެ.
މި މައްސަލާގައި "ސިޓިޒެން" އާ ވާހަކަ ދެއްކެވި ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރާއްޖެ އަކީ އެއްވެސް ބާވަތެއްގެ މިޔަރެއް ނުބާނާ "ޝާކް ސެންޗުއަރީ" އެއް ގޮތުގައި އޮވެގެން އޭގެ ނަފާ މާލީ ގޮތުން ވެސް އެއަށް ވުރެ އެތައް ގުނައެއް ބޮޑު ވާނެ އެވެ.
އެގޮތުން މިޔަރުގެ މަސްވެރިކަން އެއްކޮށް ބަންދުކޮށް، މިޔަރުގެ ޓޫރިޒަމް ވިއްކައިގެން ރާއްޖެ އަށް ލިބޭ އާމްދަނީ އެއަށް ވުރެ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިޔަރުގެ މަސްވެރިކަން ނުކުރާތީ ރާއްޖެ އަށް 14-15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް 2019 ގައި ހެދި ސްޓަޑީއަކުން ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އަދަދަކީ ރާއްޖޭގެ ޓޫރިޒަމް ބޫމް ވުމުގެ ކުރިން ނަގާފައިވާ ހިސާބުތަކަށް ބަލައިގެން ނެރުނު އަދަދެއް މިހާރު އެއަށް ވުރެ އެތައް ގުނައެއް އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ." އޭނާ ވިދާޅުވި އެވެ.
މި ރިވާސް ކުރެވުނީ 15 އަހަރު ދުވަހު ރާޢްޖެއިން މެއިންޓެއިން ކުރަމުން އައި ޕޮލިސީއެއް. ހަމައެކަނި އިންޑިއާ ކަނޑުގައި އިންނަ ޝާކް ސެންޗުއަރީ. އެތައް އަހަރު ދުވަހު ރާއްޖެއިން މެއިންޓެން ކުރަންވީ ކަމެއް
އަނެއްކަމަކީ ރާއްޖެއިން ތިމާވެއްޓާ ގުޅޭ ދާއިރާތަކުން ބޭރުގެ އެހީ ހޯދުމަށް އދ. އަދި އެހެން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަ އެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޕޯލް އެން ލައިން އިން ރާއްޖެއިން ހޯދާފައިވާ ރީތި ނަން ވެސް މި ނިންމުމާ ހެދި ކިލަނބުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ބައިނަލްއަގުވާމީ ތިމާވެއްޓާ ބެހޭ ގާތްގަނޑަކަށް ހުރިހާ ޖަމިއްޔާއެއް ކަށިމިޔަރު ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ އިރު ރާއްޖެ ފަދަ ގައުމަކުން މިފަދަ ނިންމުން ނިންމުމަކީ އެ ޖަމިއްޔަތަކުގައި ވެސް ރާއްޖޭގެ އަގު ވެއްޓޭނެ ކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކޮށްގެން އަދި އޭގެ ތެޔޮ ވިއްކައިގެން ހޯދާ އާމްދަނީ އަށް ވުރެ މީގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުން ބޮޑު ކަމަށް ދާއިރާގެ ބޭފުޅުން ދެކެނީ މިހެންވެ އެވެ.