ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް "މީޑިއާ ކޮންޓްރޯލް" ބިލް ފާސް ކުރުމަށް ފަހު މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އެފަދަ ނުރައްކާތެރި ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތް ހާމަކުރަން މަޖުބޫރުވާ އިތުރު ހާލަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް ހެއްކާ ބެހޭ ގާނޫނު ފާސް ކުރީ ނޫސްވެރިން ފާޅު ކުރަމުން ދިޔަ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުހޯދަ އެވެ. އަދި ފަހުން އެ ކަންކަން އިސްލާހު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވި ނަމަވެސް އެކަން އޮތީ ނުކޮށް މަޖިލީހުގެ ތެރެއިން ޕާކު ކުރި އެވެ.
އޭރު ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމަ ކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކުގައި ހިމެނޭ؛
- ޓެރަރިޒަމްގެ ކުށް
- ގައުމީ ސަލާމަތާ ގުޅުން ހުރި ކުށް
ނޫސްވެރިންގެ އޭރު ފާޅުކުރި އެއް ކަންބޮޑޫވުމަކީ ގައުމީ ސަލާމަތް މާނަކޮށްފައި ނުވުމުންނެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް އާންމު ކުރަން ޖެހޭ އިތުރު ހާލަތްތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެއީ؛
- ޓެރަރިޒަމްގެ ކުށް
- ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުން
- މުޒާހަރާ ކުރުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުން
- ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތް
- ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދޭ ފަދަ އަމަލުތައް
- ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށް
ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުމުގެ ކުށް
އެ މާއްދާގައި ދެވަނަ އަށް ބަޔާން ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަކުރުމެވެ. އެފަދަ މައުލޫމާތެއް ހާމަކޮށްފި ހާލަތެއްގައި ނޫސްވެރިޔާ އަށް އެ މައުލޫމާތެއް ދިން ފަރާތެއް ހޯދަން ދައުލަތަށް ހައިކޯޓުގައި އަމުރަކަށް އެދެވިދާނެ އެވެ.
އެއީ ގާނޫނުލްއުގޫބާތުގެ 514 ވަނަ މާއްދާގައި ކަނޑައަޅާފައި ވަނީ؛
ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ލާޒިމްވެގެންވާ ވާޖިބަކާ ހިލާފުވެވޭކަން އެނގި ހުރެ އަދި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ސިއްރު މައުލޫމާތު ހާމަކުރުން
މި މާއްދާ މިގޮތަށް ހިމަނާފައި އޮތުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހާމަ ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ސަރުކާރަށް ހޯދުމުގެ ދޮރެއް ހުޅުވިގެންދެ އެވެ.
މުޒާހަރާ ކުރުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުން
މިއީ ވެސް މި ބިލުގައި ހިމަނާފައިވާ ނުރައްކާތެރި މާއްދާއެކެވެ. ބިލުގައި ސީދާ ބަޔާން ކޮށްފައިވާ އިބާރާތަކީ ރަޔަޓް ކުރުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުމެވެ. އެފަދަ މައުލޫމާތެއް މީޑިއާތަކުގައި ލިޔެފި ނަމަ އެ މައުލޫމާތު ދިން ފަރާތެއް ނުވަތަ ލިބުނު ގޮތެއް ހާމަ ކުރަން ހައި ކޯޓަށް އެނގިދާނެ އެވެ.
މިސާލަކަށް އެމްޑީޕީން މި ފަހުން ބޭއްވި ބޮޑު މުޒާހަރާ ސަރުކާރުގެ އިސް ފަރާތްތަކުން ސިފަ ކުރީ ސަރުކާރު ވައްޓާލަން ރޭވި ރޭވުމެއް ގޮތުގަ އެވެ. އެފަދަ މުޒާހަރާއަކާ ގުޅޭ މައުލޫމާތެއް މީޑިއާއެއްގައި ޝާއިއުކޮށްފި ނަމަ ނުވަތަ ނޫސްވެރިއެއްގެ ފަރާތުން ހޯދަން ބޭނުން ނަމަވެސް ސަރުކާރަށް މި މާއްދާގެ ބޭނުން ހިފައިގެން މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވިދާނެ އެވެ.
އެ ނޫން ވެސް އެހެން މުޒާހަރާތަކެއް ރާވައި ހިންގަން އުޅޭ ކަމުގެ މައުލޫމާތު ނޫހެއްގައި ޝާއިއުކޮށްފި ނަމަ އެ މައުލޫމާތުތައް ވެސް ހޯދުމުގެ ފުރުސަތު މި މާއްދާ އިން ލިބެ އެވެ.
ސިޔާދަތު، އިސްތިގުލާލު އަދި ގައުމީ ސަލާމަތް
މިއީ ވެސް ވަރަށް ފުޅާ ކޮށް މާނަ ކުރެވިދާނެ ކަންކަމެވެ. ނޫސްވެރިންގެ މަސްދަރަނީ ގާނޫނުއަސާސީގައި އަދި ބައިނަލްއަގުވާމީ ހުރިހާ ހަމަތަކުން ބެލި ނަމަވެސް ހިމާޔަތް ކުރެވިފައިވާ ކަމަކަށް ވާއިރު ފުޅާކޮށް މާނަ ކުރެވޭނެ ފަދަ ގޮތަކަށް ގާނޫނު ހެދުމަކީ މީގެ ކުރިން ވެސް ނޫސްވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ.
ކުރީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުން ވެސް ހެއްކާ ބެހޭ ބިލުގައި ގައުމީ ސަލާމަތް މާނަ ކޮށްފައި ނެތެވެ.
އޭގެ މާނައަކީ ބޭރު ގައުމަކާ އެކު ހަދާ އެއްބަސްވުމެއްގެ ވާހަކަ ވިޔަސް ނުވަތަ އެފަދަ އެހެން ހަބަރަކާ ގުޅިގެން ވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކު ކޯޓަށް ގެންގޮސް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވިދާނެ އެވެ.
އިތުރު ކަންކަން:
މިހާރު ގާނޫނު އޮތް ގޮތުން މަސްދަރު ހާމަ ކުރަން ހުށަހެޅި ދާނެ ވަކި ކޯޓެއް ބަޔާން ކޮށްފައި ނުވެ އެވެ. އެހެންވެ ކޮންމެ ކޯޓެއް އަދި މެޖިސްޓްރޭޓަކަށް ވެސް އެފަދަ އަމުރެއް ނެރުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ވަނީ އެ ފަދަ އަމުރެއް ނެރުމުގެ ބާރު ހައި ކޯޓަށް ދީފަ އެވެ.
އެ ބާރު ހައިކޯޓަށް ދިން ނަމަވެސް މިފަދަ ހައްސާސް މައްސަލަތަކުގައި ގޮތެއް ކަނޑައަޅަން އެއްވެސް ކޯޓަކަށް އިތުބާރު ކުރަނީ ކިހާ ބައެއްތޯ އެއީ ގިނަ ނޫސްވެރިން ވެސް އުފައްދާ ސުވާލެކެވެ.
އާ ބިލުގައި އިތުރަށް ބުނެފައި ވަނީ އެފަދަ އަމުރަކަށް އެދޭތާ 1 ދުވަސް ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ 24 ގަޑިއިރުގެ ތެރޭގައި މައްސަލަ ރައްދުވާ މީޑިއާ ނުވަތަ ނޫސްވެރިޔާ އަށް ޝަރީއަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭން ޖެހެ އެވެ.
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދަށް ތާވަލު ކޮށްފައި އެބައޮތެވެ.