ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރަންދާ މީހުންނަށް ފޮނުވާ ޑޮލަރުތައް ފޭރިގަތުމަކީ ހަމަ ހުރެފަ ކުރެވޭނެ ކަމެއް ނޫނެވެ. މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެކަން ކުރީ ޑޮލަރުތައް ހިފައިގެން ބޭންކުގެ މުވައްޒަފުން ކޮންމެ ދުވަހަކު ހިނގާނެ މަގާއި ވަގުތުތަކާއި އެ ފައިސާ ފޭރިތަގުމަށް ފަހު ފިލާނެ ގޮތާއި ފައިސާ ފޮރުވަން ހަދާނެ ގޮތްތައް ވެސް ރާވައިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބޭންކުގެ ދެ މުވައްޒަފަކަށް ބިރު ދެއްކުމަށް ފަހު ފައިސާ ފޭރިގަތީ ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ ވޯކްވޭ އިންނެވެ. އެކަން ހުއްޓުވަން އުޅުނު އޭވިއޭޝަންގެ އޮފިސަރެއްގެ މޫނަށް ސްޕްރޭއެއް ޖެހި އެވެ. އަދި ވަޅިން ބިރު ދެއްކި އެވެ.
އެއަށް ފަހު 130،000 ޑޮލަރު ހުރި ބްރީފްކޭސްތައް ހިފައިގެން ޖެޓީ އާ ދިމާލަށް ދިޔައިރު އެ މީހުން ގޮވައިގެން ފިލަން ތައްޔާރަށް ލޯންޗެއް އޮތެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެ މީހުން ގޮސްފައި ވަނީ ކ. ހުރާ އަށެވެ. އަދި ހުރާގައި އެ މީހުން ފައިސާތަކެއް ގެންގުޅުނު ތަން ބައެއް މީހުންނަށް ފެނުނު ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ފައިސާތަކެއް ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުންނާ ހަވާލާދީ "މިހާރު"ން ރިޕޯޓު ކުރި އެވެ.
އެނގިފައިވާ ގޮތުގައި ފޭރިގެންފައި ވަނީ 130،000 ޑޮލަރެވެ. އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީ ނަމަވެސް ފައިސާ ރިކަވާ ކުރެވުނު ކަމެއް ސާފެއް ނުވެ އެވެ.
އަދި އެ މީޙުން ހުރާ އަށް ދިޔުމުގެ ކުރިން ބައެއް އެހެން ރަށްރަށުގައި މަޑުކޮށް ފައިސާތަކެއް "ގެއްލުވާލީ" ކަމެއް ޔަގީނެއް ނުކުރެވެ އެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ތެރޭގައި މިވަރުގެ ކަމެއް އެހާ ފަސޭހައިން ކޮށްލެވޭނަމަ އެހެން އެއްވެސް ތަނެއް ރައްކާތެރި ވާނެ ހެއްޔެވެ؟ މި ދައްކަނީ އެތައް މިލިއަން ފަތުރުވެރިން ބޭނުން ކުރާ ތަނެކެވެ. ސެކިއުރިޓީ އިންތިހާ އަށް ވަރުގަދަ ވާން ޖެހޭ ތަނެކެވެ. މީހަކު ޝައްކު އުފެދޭ ގޮތަކަށް ހިލަމެއް ވިޔަސް ވަގުތުން ފުލުހުންނާއި ސިފައިން އައިސް ހުއްޓުވޭ ފަދަ ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭ ތަނެއްގެ ވާހަކަ އެވެ.
އެކަމަކު މި އެނގިގެން ދިޔައީ ފަތުރުވެރިންނަށް ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެއަކަށް ވާގޮތަށް މައި އެއާޕޯޓަކީ ވަގުންނަށް ހުޅުވިފައި އޮތް ސުވަރުގެއެއް ކަމެވެ.
މިކަން ހިނގާފައި ވަނީ މާލޭގައި ބޮޑު ހައިސްޓެއް ހިނގިކަން ފަޅާ އެރިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ. ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓު ކޮންޓެއިނަރެއް އެމްޕީއެލްގައި ބަހައްޓާފައި ވަނިކޮށް ކުއްލިއަކަށް އެނގުނީ އެ ކޮންޓެއިނަރުގެ ބަދަލުގައި ހުސް ކޮންޓެއިނަރެއް ބަހައްޓާފައިވާ ކަމެވެ.
މިކަން ކުރީ ވެސް އެމްޕީއެލްގެ އެތެރެއިން ވެސް އެހީ ލިބިގެންނެވެ. ސީސީޓީވީ ކެމެރާތައް އަނބުރަން ޖެހޭ ވަގުތުތަކާއި އެއަށް ފަހު ބޯޓެއް ކައިރިކޮށް ކޮންޓެއިނަރު ނަގައި އަރުވައި އެހެން ކޮންޓެއިނަރެއް ބެހެއްޓި އެވެ. އަދި އެ ސިނގިރޭޓު ކޮންޓެއިނަރު ވިއްކާ ހުސްކޮށްފި އެވެ. އޭގެ ހިލަމެއްވީ މާ ފަހުންނެވެ.
މިކަން ކުރި އެމްޕީއެލް އަކީ ވެސް ވަރަށް ގަދަ އަށް ސެކިއުރިޓީ ބަލަހައްޓާ ތަނެކެވެ. އެކަމަކު ވަގުން ބޭނުންވުމުން އެ ސެކިއުރިޓީ ފޫދުއްވާލުން މާ ބޮޑު ކަމަކަށް ނުވި އެވެ.
މި ދެވެނީ ކިހާ ވަރެއްގެ މެސެޖެއް ހެއްޔެވެ؟ މިއީ އެނގިގެން ހިނގާފައި ހުރި ކަންކަމެވެ. އަދި ނޭނގި ކިތަށް ކަންތައް އޮންނާނެ ހެއްޔެވެ؟